ދުނިޔޭގެ އެންމެ ދުވަސްވީ ސްކައިޑައިވަރުގެ މަގާމަށް 106 އަހަރުގެ ފިރިހެނެއް

އެމެރިކާގެ ޓެކްސަސްއަށް އުފަން ޢުމުރުން 106 އަހަރުގެ ބްލަޝްކޭ --

އުމުރުން 106 އަހަރާއި 327 ދުވަސްވެފައިވާ ޓެކްސަސްގެ މީހަކު ސްކައިޑައިވިންއަށް ގޮސް އޭނާގެ ދުނިޔޭގެ ރެކޯޑް އަލުން ދިފާއު ކޮށްފިއެވެ.

އަލްފްރެޑް "އަލް" ބްލަޝްކޭ އަކީ 2020 ވަނަ އަހަރު އުމުރުން 103 އަހަރުގައި މަތިންދާ ބޯޓަކުން ފުންމާލައިގެން ސްކައިޑައިވްކުރި ދުނިޔޭގެ އެންމެ ދުވަސްވީ މީހާގެ ލަގަބު ހޯދާ ގިނިސްވޯލް ރެކޯޑްފޮތުން ޖާގަ ހޯދާފައިވާ މީހާއެވެ.

ނަމަވެސް އޭގެފަހުން އޭނާގެ ރެކޯޑް މުގުރާލީ ސްކައިޑައިވް ކުރަން ދިޔައިރު އުމުރުން 103 އަހަރާއި 259 ދުވަސްވެފައިވާ ސްވިޑެންގެ އަންހެނެއް ކަމަށްވާ ރުޓް ލިނިއާ އިންގޭގާޑް ލާސަންއެވެ.

އޭގެ ފަހުން އަނެއްކާ ވެސް އުމުރުން 106 އަހަރާއި 327 ދުވަސް ވުމުން ވެސް ސްކައިޑައިވިންއަށް ގޮސް ބްލަޝްކޭ ވަނީ ގިނިސްވޯލްޑް ރެކޯޑްފޮތުގައި އޮތް އޭނާގެ މަޤާމު އަލުން ހޯދާފައެވެ. ޓެކްސަސްގެ ގަވަރުނަރު ގްރެގް އެބޮޓް ވެސް ވަނީ މި ހަރަކާތުގައި ބްލަޝްކޭއާއެކު ބައިވެރިވުމުގެ ގޮތުން އެ ދުވަހު ފުންމައިލައިފައެވެ.

ނުކުރެވޭނެ ކަމަށް ހީކޮށް ގިނަ މީހުން އަމިއްލަ ނަފްސަށް އަންޑައެސްޓިމޭޓް ކުރަނީ، ކޮންމެ މީހަކީ ވެސް އެ މީހަކު ހީކުރާ ވަރަށްވުރެ ކުޅަދާނަ މީހެއް، އެ މީހުން ނިންމަން ޖެހޭނީ ޓްރައި ކުރަން،" ގިނިސް ވޯލްޑް ރެކޯޑްސްއަށް ދިން އިންޓަވިއުއެއްގައި ބްލަޝްކޭ ބުންޏެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ބްލަޝްކޭ އޭނާގެ 106 ވަނަ އުފަން ދުވަސް ވެސް ފާހަގަކުރީ ސެން އެންޓޯނިއޯ ކައިރީގައި އޮންނަ އެއާފީލްޑެއްގައި ވައިގެ ތެރޭގައި 14،000 ފޫޓަށް ވުރެ މަތިން ޓެންޑަމް ސްކައިޑައިވް އެއް ފުރިހަމަކޮށްގެންނެވެ.

މީގެކުރިން 1988ވަނަ އަހަރު އަނބިކަނބަލުން އަވަހާރަވުމާ ގުޅިގެން ބްލަޝްކޭ އަށް ދިމާވި ހިތާމަތަކަށް ތަސައްލީއެއް ހޯދުމުމުގެ ބޭނުމުގައި އޭނާގެ ހޮބީއެއްގެ ގޮތުގައި ސްކައިޑައިވިން ހަދައި، އޭގެ ފަހުން އެތައް ޒަމާނެއް ވަންދެން ކުރަމުންއައި ސްކައިޑައިވިން ވެގެން ދިޔައީ އުމުރުން 100ގެ އަހަރުތަކުގައި ވެސް ޒުވާންކަމާއި ދިރިހުރުމުގެ އިހުސާސްތައް އޭނާއަށް ފުރިހަމައަށް ކޮށްދިން ހިތްގައިމު މަސައްކަތަކަށެވެ.

އެކަށީގެންވާ ތަމްރީނާއި މެޑިކަލް ކްލިއަރެންސާއެކު މަސައްކަތެއްގައި ސާބިތުވެ ކުރިއަށްދާން ބޭނުންވާ މީހަކަށް ޢުމުރުގެ ތަފާތަކީ އޮތް ހުރަހެއް ނޫންކަން ބްލަޝްކޭ ވަނީ ވަރަށް ރަނގަޅަށް ދުނިޔެއަށް ސާބިތުކޮށްދީފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު