އެލައިޑް އިންޝުއަރެންސް ކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީއިން 50 ޕަސެންޓު ޑިސްކައުންޓާއެކު ޗައިލްޑް އެޑިއުކޭޝަން ތަކާފުލްއަށް ޚާއްސަ ޕްރޮމޯޝަނެއް ފަށަން ތައްޔާރުވެއްޖެއެވެ.
އެލައިޑުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަޔާދީ ތަކަފުލްގެ ޑެޕިއުޓީ މެނޭޖަރު ފަރީދާ ސިއްތި ވިދާޅުވީ އަންނަ މަހު ފަށާ މި ޕްރޮމޯޝަން ކުރިއަށް ދާނީ މާދަމާއިން ފެށިގެން ޖޫން މަހުގެ ނިޔަލަށް ކަމަށެވެ.
އޭނާ ވިދާޅުވީ މި ޕްރޮމޯޝަންގެ ތެރެއިން، ޕްލޭން ނަގާ އެންމެ ފުރަތަމަ 50 ކަސްޓަމަރުންގެ ފުރަތަމަ މަހުގެ ޕޭމަންޓުން 50 ޕަސެންޓު ޑިސްކައުންޓް ދޭނެ ކަމަށެވެ. އެގޮތުން ފުރަތަމަ މަހު ފައިސާ ދައްކާއިރު، ދައްކަން ޖެހޭ އަދަދުގެ 50 ޕަސެންޓު ދެއްކުމުން އަނެއްބައި އަޔާދީ ތަކަފުލްއިން ކަވަރު ކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފަރީދާ ވިދާޅުވީ ޗައިލްޑް އެޑިއުކޭޝަންއަކީ، ފެމިލީ ތަކަފުލްގެ އެންމެ މަގުބޫލު އެއް ޕްލޭން ކަމަށެވެ. އެގޮތުން މިއީ ކުއްޖާގެ މަތީ ތައުލީމަށް ފަންޑެއް ގާއިމު ކުރުމަށް ނަގާ ޕްލޭނެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އުމުރުން 10 އަހަރުން ދަށުގެ ކުދިންނަށް ބައިވެރިވެވޭ މި ޕްލޭނަކީ މުޅި އުމުރަށް ކަވާ ކުރާ ޕުލެނެކެވެ.
މި ޕްލޭން ކުރިއަށްގެންދާނީ ޕްލޭން ނަގާއިރު އެ ކުއްޖާގެ އުމުރަށް ބަލައިފައެވެ. އެގޮތުން ވީހާ ވެސް ޅަ އުމުރެއްގައި ނަގާނަމަ ފައިދާ ބޮޑުވާނެ ކަމަށް ފަރީދާ ވިދާޅުވެއެވެ.
"އެ ޕްލޭންގައި އެންރޯލް ވަނީ މިސާލަކަށް ނިއުބޯން ބޭބީ އެއް ކަމަށްވާނަމަ، އެ ކުއްޖާ އުމުރުން 18 އަހަރުގައި މި ޕްލޭން ނިމިގެން މި ދަނީ. އެހެންވީމަ 18 އަހަރުގެ މުއްދަތުގެ ތެރޭގައި އެ ދައްކަން ޖެހޭ ފައިސާ، މަހުން މަހަށް މި ދައްކާ އަދަދުވެސް ކުޑަވާނެ،" އޭނާ ވިދާޅުވިއެވެ.
ފަރީދާ ވިދާޅުުވީ މިއީ ސޭވިންނާ އެއްކޮށް ރިސްކުވެސް ކަވަރު ކުރާ ޕްލޭނެއް ކަމަށެެވެ. އެގޮތުން ޕްލޭން ނަގައިފައިވާ ފަރާތް ނިޔާވެއްޖެ ހާލަތެއްގައި ބާކީ އޮންނަ މުއްދަތަށްވާ ފައިސާ ދައްކައިދޭނީ ތަކަފުލް ފަންޑުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ދައްކާ ފައިސާ އިންވެސްޓު ކޮށްގެން އޭގެއިންވެސް ފައިދާ ލިބޭނެ ކަން އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ. ނަމަވެސް ޕްލޭންގެ މުއްދަތު ކުރުވާނަމަ ދައްކަން ޖެހޭ ފައިސާ ތަންކޮޅެއް އިތުރުވާނެ ކަމަށް ފަރީދާ ވިދާޅުވިއެވެ.