ނުވަ ދުވަސްތެރޭ އައްޑޫން ޑެންގީގެ ހަ ކޭސް

ޖުލައި 21، 2019: އައްޑޫ ސިޓީގައި ހުންނަ އީކުއެޓޯރިއަލް ހޮސްޕިޓަލް: ނުވަ ދުވަސް ތެރޭ އައްޑޫން ޑެންގީގެ ހަ ކޭސް ވަނީ ފެނިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި މަހުގެ މިހާތަނަށް އައްޑޫ ސިޓީން ޑެންގީގެ ހަ ކޭސް ފެނިފައިވާ ކަމަށް އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)އިން މިއަދު ބުނެފިއެވެ.

އައްޑޫގައި ޑެންގީގެ ހާލަތާ ގުޅިގެން ވާހަކަ ދައްކަވަމުން އޭއީއެޗްގެ މީޑިއާ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، ވިއްސާރަ މޫސުމާ ދިމާކޮށް އައްޑޫގައި އަބަދު ވެސް ޑެންގީ ފެތުރޭ ކަމަށެވެ. ނަމަވެސް މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު ޑެންގީ ފެތުރޭ މިންވަރު ގިނަވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެގޮތުން، މިދިޔަ މަހު 16 ކޭސް ރިޕޯޓުކޮށްފައިވާއިރު މި މަހުގެ މިހާތަނަށް ރިޕޯޓުކޮށްފައިވަނީ ހަ ކޭހެވެ. މީގެ ތެރެއިން ބައެއް މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދީފައިވާކަން ވެސް އޭނާ ފާހަގަކުރިއެވެ.

އައްޑޫގައި ޑެންގީ ޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ހިތަދޫންނެވެ.

"ފޭދޫ އަދި މީދޫގައި ވެސް އެބައުޅޭ ކޭސްތައް އެކަމަކު ހިތަދޫން އެންމެ ގިނައީ،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އައްޑޫގައި ޑެންގީ ފެތުރޭ މިންވަރު އިތުރުވެފައި ވާތީ، ސަމާލުވުމަށް އިއްޔެ އޭއީއެޗްއިން ވަނީ އިލްތިމާސް ވެސް ކޮށްފައެވެ. އެގޮތުން، މަދިރި ނައްތާލާ މަދިރިން ސަލާމަތްވުމަށް ފަރުދީ ގޮތުން ކުރެވިދާނެ ކަންކަން ކުރުމަށް އޭއީއެޗްއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޑެންގީ ބަލީގެ އަލާމާތްތައް ފެންނާނީ މަދިރި ހަފާތާ ހަތަރު ދުވަހާއި 10 ދުވަހާ ދޭތެރޭގެ މުއްދަތެއްގައެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި:

  • ގައިގައި ރިއްސުން
  • ހުން އައުން
  • ބޮލުގައި ރިއްސުން
  • ލޮލުގައި ރިއްސުން
  • ހަމުގައި ކުދި ރަތް ބިހިތަކެއް ނެގުން

މި ދުވަސްވަރަކީ މުޅި ރައްޖޭގައި ވެސް މަދިރީގެ ޒަރީއާއިން ޖެހޭ ބަލިތައް ގިނަވެފައިވާ ދުވަސްވަރެކެވެ. އެގޮތުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހަފުތާއެއް ތެރޭ ޗިކުންގުންޔާގެ 117 ކޭސް އަދި ޑެންގީގެ 40 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ.

މަދިރިން ރައްކާތެރިވުމަށް އެޅުން އެންމެ މުހިއްމު ފިޔަވަޅަކީ މަދިރި އާލާވާ ތަންތަން ނައްތާލުމާއި މަދިރި ހެފުމުން ސަލާމަތްވުމެވެ.

comment ކޮމެންޓް