ހެނދުނު ސަޔަށް ކެވެނީ ހެދިކާ ދޯ؟

ދިވެހި ހެދިކާ --- ފޮޓޯ : ކުއޯރާ

ހެނދުނުގެ ނާސްތާ ނުވަތަ ބްރޭކްފާސްޓުގެ މުހިއްމު ކަމަކީ މިހާރު ކިޔައިދޭން ޖެހޭވަރުގެ ވާހަކައެއް ނޫނެވެ. ކޮންމެ ދުވަހެއް ފަށައި ދުވަހަށް ބޭނުންވާ ހަކަތައަށް އެންމެ މުހިއްމު ވަނީ ހެދުނުގެ ސައި ނުވަތަ ނާސްތާއެވެ. ނަމަވެސް ދިރިއުޅުން ހުންނަ ގޮތުން ހެނދުނުގެ ނާސްތާ ނެގެނީ އެންމެ ފައިދާ ކުރަނިވި ގޮތަކަށް ނޫނެވެ.

ހެނދުނުގެ ނާސްތާއަކީ މީހާގެ ހަކަތަ އިތުރުކޮށްދިނުމުގެ އިތުރުން ކަންކަމަށް ސަމާލުކަން ދިނުމަށް ފަސޭހަވުމާއި ބަރުދަން ވަކި ވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭ އާދައެކެވެ.

މިގޮތަށް ވިސްނާއިރު ދިވެހިން ހެނދުނުގެ ނާސްތާގައި ހިމަނާ ބައިވަރު އެއްޗެހި ހުރެއެވެ. މީގެ ތެރޭގައި ސިއްހަތަށް ރަނގަޅު ގިނަ ނާސްތާ ވެސް އެބަހުއްޓެވެ. ނަމަވެސް މީގެ ބަދަލުގައި އެންމެ ގިނަ ފަހަރަށް ހެނދުނުގެ ސަޔަށް ބޭނުން ކުރެވެނީ ހެދިކާއެވެ.

"އަސްލު ހެނދުނުގެ ސައިގެ ވަގުތު އަމިއްލައަށް ލިބޭ ވަގުތެެއް ނުވޭ. އެހާ މައިރާ އޮފީހަށް ދާން ޖެހޭ. ދެން ކުޑަކުދިން ސްކޫލަށް ވެސް އެހާ ހެނދުނު ދާން ޖެހެނީ،" އުމުރުން 29 އަހަރުގެ ބައްޕައަކު ކިޔައިދިނެވެ.

އެހާ ހެނދުނު ހެނދުނާ މަސައްކަތަށް ދާން ޖެހުމުގެ ސަބަބުން އަމިއްލައަށް ސައިބޯން އަދި ސައި ތައްޔާރުކުރާކަށް އާއިލާއަކަށް ވަގުތެއް ނުވެއެވެ. އެހެންވީމާ އެންމެ އެކަށީގެންވާ ތަކެތި ސައިބޯން ލިބޭ ގޮތްނުވާ ކަމަށް އޭނާ ބުނެއެވެ. އޭނާއާއި އޭނާގެ އަންހެނުން ވެސް މަސައްކަތަށް ހެނދުނު ދާތީ އިތުރަށް ވަގުތު ނުލިބެއެވެ.

ނަތީޖާއަކަށް ވަނީ އޮފީހަށް ދިޔުމަށް ފަހު ކައިރި ތަނަކުން ސައި ބޯނެ ގޮތެއް ހޯދުމެވެ. ގިނަ ތަންތަނުގައި މި ވަގުތު ވެސް އެންމެ ފަސޭހައިން ލިބެން ހުންނަނީ ހެދިކާއެވެ.

"ހެދިކާ ގިނަ ފަހަރަށް ގަނެވެނީ. އެހެން އެއްޗެހި ވެސް ހުރޭ. އެކަމު އަގު ބޮޑީ. ކޮންމެ ދުވަހަކު ސައި ބުއިން މިގޮތަށް ހަދާއިރު ވަރަށް ބޮޑު އެއްޗެއް އެބަ ހޭދަވޭ. އެހެންވީމާ ކުރެވޭ ކަމެއް ނޫން އެއީ،" އިތުރު ޒުވާނަކު ކިޔައިދިނެވެ.

ވަޒީފާއަށް ދަމުން ކިޔަވަން ދާތީ އިތުރަށް ރޭގަނޑު އެއްޗެއް ތައްޔާރު ކުރުމަށް ވަގުތު ނުވާ ކަމަށް އޭނާ ބުނެއެވެ. އަދި، ހެނދުނު އެހާ އަވަހަށް ހޭލެވޭ ވަރަށް ރަނގަޅަށް ނިދި ހަމަ ނުކުރެވޭ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

އެހެންވީމާ މިފަދަ ހާލަތްތަކުގައި ހަދާނީ ކިހިނެއް ހެއްޔެވެ؟ އެހާ ހެނދުނު ހޭލައިގެން ރަނގަޅު ނާސްތާއެއް ތައްޔާރުކުރުމަކީ އެންމެ ފަސޭހަ ކަމަކަށް ނުވާނެއެވެ. އެހެންވީމާ ހަފުތާ ބަންދުގައި ނާސްތާއަށް އެއްޗެހި ތައްޔާރުކުރުމަކީ ރަނގަޅު ކަމެކެވެ. ފަސޭހައިން ނުބައި ނުވާނެ ޒާތުގެ ތަކެތި ބޭނުންކޮށް ރަނގަޅަށް ޕެކުކޮށް ނާސްތާތައް ގަނޑުކުރާށެވެ. އަދި، އެއަށް ފަހު އޮފީހަށް ގެންގޮސް ހޫނު ކޮށްލައިގެން ކާނީއެވެ.

ފުރިހަމަ ނާސްތާއަކަށް މޭވާ ވެސް މި ނާސްތާގައި ހިމަނާށެވެ. ދޮންކޭލާއި އާފަލު ފަދަ ތަކެއްޗަކީ އިތުރު މަސައްކަތެއް ކުރަން ޖެހޭ އެއްޗެއްސަށް ނުވާތީ ނާސްތާ ގެންދާއިރު މި ވެސް އެއަށް އިތުރު ކޮށްލެވޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު