އެކަކު އަނެކަކަށް އިހްސާންތެރިވުމަށް ކުރީގެ ރައީސް މައުމޫން އެދިވަޑައިގެންފި

00:15


އިހްސާންތެރިވުމަކީ ދީނުގައި އެންމެންގެ މައްޗަށް އޮތް ކަމެއް ކަމަށާއި، އެކަކު އަނެކަކަށް އިހްސާންތެރިވުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމު އެދިވަޑައިގެންފި އެވެ.


ރަމަޟާން މަހުގެ ރޭތައް އިހްޔާކުރުމަށް، ޑީއާރުޕީގެ ފަރާތުން ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ތަގުރީރު ކުރައްވަމުން ރައީސް މައުމޫނު ވިދާޅުވީ، ދީންވެރިންގެ ތެރެއިން އީމާންކަން އެންމެ ފުރިހަމަ ބަޔަކީ، އިހްސާންތެރިންކަމަށް ކީރިތި ރަސޫލާ ހަދީސް ކުރައްވާފައިވާ ކަމަށެވެ.


ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުން ދަލީލު ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ، އިހްސާންތެރިންނަށް ވާ ޖަޒާއަކީ އިހްސާންތެރިކަން ކަމަށެވެ. އަދި އިހްސާންތެރިންނަށް ވާ ހެޔޮ ޖަޒާއަކީ ސުވަރުގެ ކަމަށާއި، އޭގެ އިތުރުން އެފަދަ ފަރާތްތަކަށް ﷲ ދީދާރުފުޅު ދައްކަވާނެ ކަމަށް އިލްމުވެރިން ވިދާޅުވާ ކަމުގައި ވެސް ރައީސް މައުމޫނު ވިދާޅުވި އެވެ. އަދި އެންމެ ފުރަތަމަ މައިން ބަފައިންނަށް އިހްސާންތެރިވުމަށާއި އަނބިދަރިންނަށާއި އަވައްޓެރިންނަށް އޭގެ އިތުރުން ކޮންމެ އިންސާނަކަށާއި ޖަނަވާރުންނަށް ވެސް އިހްސާންތެރިވުމަށް ދީނުގައި އަންގަވާފައިވާ ކަމަށް ވެސް ރައީސް މައުމޫނު ވިދާޅުވި އެވެ. އެގޮތުން ﷲ ތިބާއަށް އިހްސާންތެރިވާ ފަދައިން ދިބާ އެހެން މީހުންނަށް އިހްސާންތެރިވުމަށް މާތް ﷲ އަންގަވާފައިވާ ކަމަށް ވިދާޅުވެ އިހްސާންތެރިންނަށް ހުރި ނިއުމަތާއި އިހްސާންތެރިވާންވީގޮތުގެ މައްޗަށް ވެސް ރައީސް މައުމޫނުގެ ތަގުރީރުގައި އަލިއަޅުވައިލެއްވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު