ޕްރިންސިޕަލް ބަދަލުކުރުމުން ބެލެނިވެރިން ނުކުމެ ތޮއްޑޫ ސްކޫލް ބަންދުކޮށްފި

އއ. ތޮއްޑޫ ސްކޫލްގެ ޕްރިންސިޕަލް އެހެން ސްކޫލަކަށް ބަދަލުކުރުމުން އެ ސްކޫލްގެ 80 ވަރަކަށް ބެލެނިވެރިން މިއަދު ނުކުމެ އެ ރަށު ސްކޫލް ބަންދުކޮށްފި އެވެ.

ތޮއްޑޫ ރަށު ކައުންސިލުން ބުނީ ބެލެނިވެރިން ނުކުމެ ސްކޫލް ބަންދުކުރީ އެ ރަށު ސްކޫލްގައި މިހާތަނަށް ހުންނެވި ޕްރިންސިޕަލް އެހެން ރަށަކަށް ބަދަލުކުރުމާ ގުޅިގެން އެކަމާ ހިތްހަމަނުޖެހިގެން ކަމަށް ބެލެނިވެރިން ބުނާ ކަމަށެވެ.

"އަށްޑިހަ ވަރަކަށް ބެލެނިވެރިން މި އުޅެނީ. ބެލެނިވެރިން ހިތްހަމަނުޖެހިގެން އުޅެނީ ކުރިން ހުންނެވި ޕްރިންސިޕަލް އަބުދުﷲ ރަޝީދު އެހެން ސްކޫލަކަށް ބަދަލުކުރުމުން ކަމަށް ބުނަނީ،" ތޮއްޑޫ ރަށު ކައުންިސލްގެ ނާއިބު ރައީސް މައުރޫފު އާދަމް ވިދާޅުވި އެވެ.

މައުރޫފު ވިދާޅުވީ ޕްރިންސިޕަލް އަބުދުﷲ ރަޝީދު އެހެން ސްކޫލަކަށް ބަދަލުކޮށްފައި ވަނީ ރަނގަޅަށް ނޫން ކަަމަށް ބެލެނިވެރިން ބުނާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅިގެން، ރަށު ކައުންސިލުން އެޑިއުކޭޝަން މިނިސްޓްރީ އަށް ގުޅުމުން އެކަމާ ގުޅިގެން ބަދަލުކޮށްފައިވާ ލިއެކިއުންތައް ފޮނުވާފައިވާ ކަމަށާއި އެލިއެކިއުންތަކަށް ބެލުމުން އެކަން ހިނގާފައި ވަނީ ރަނގަޅަށް ކަަން އެނގޭ ކަމަށެވެ.

"ބައެއް ބެލެނިވެރިން މި ބުނަނީ ޕްރިންސިޕަލް ބަދަލުކޮށްފައި ވަނީ ރަނގަޅަކަށް ނޫން ކަމަށް. އެކަމަކު އަޅުގަނޑުމެން އެޑިއުކޭޝަނަށް ގުޅުުމުން އެބަހުރި އެކަމާ ގުޅޭ ލިއުންތައް ފޮނުވާފައި،" މައުރޫފު ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ސްކޫލް ބަންދުކޮށްގެން ތިބި ބެލެނިވެރިންގެ ތެރޭގައި ވެސް ދެގޮތަކަށް ވާހަކަ ދައްކަމުންދާ ކަމަށެވެ. އެގޮތުން އެއް ބަޔަކު ބޭނުން ވަނީ ޕްރިންސިޕަލެއް ނެތި ސްކޫލް ނުހުޅުވަން ކަމަށާއި އެ ބެލެނިވެރިން ވަކި ޕްރިންސިޕަލެއް ބޭނުން ނުވާ ކަމަށެވެ. އަދި އަނެއްބައި ބެލެނިވެރިން ބޭނުން ވަނީ ކުރިން ހުރި ޕްރިންސިޕަލް ނުގެންނަނީސް ސްުކޫލް ނުހުޅުވަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ތޮއްޑޫ ސްކޫލްގެ ޕްރިންސިޕަލް އަބުދުﷲ ރަޝީދު ބަދަލުކޮށްފައި ވަނީ ކ. ތުލުސްދޫ ސްކޫލަށެވެ. އަދި އޭނާގެ ބަދަލުގައި ތޮއްޑު އަށް ފޮނުވަން ހަމަޖައްސާފައި ވަނީ ތޮއްޑޫ ސްކޫލްގައި ކުރިން ވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި ތޮއްޑޫގެ ބެލެނިވެރިން އެދެ ބޭފުޅުންގެ މަސައްކަތް އަޅާ ކިޔާ ކަމަށާއި ސްކޫލްގެ ނަތީޖާ ރަނގަޅީ އަބުދުﷲ ރަޝީދު ހުންނެވި އިރު ކަމަަށް ބެލެނިވެރިން ގަބޫލުކުރާ ކަން ވެސް އެނގިފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު