ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ފަސް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ހަފުލާގައި އެ ކޯޕަރޭޝަންގެ އާ ލޯގޯ އިފްތިތާހްކޮށްފިއެވެ.
މި ލޯގޯ އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާގެ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އާ ލޯގޯ
ރޭ ކުރޮސްރޯޑުގައި ބޭއްވި ހަފުލާގައި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްއިން ކުރަމުން ގެންދާ މަސައްކަތްތަކާއި، އެކި މަޝްރޫޢުތަކުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާފައިވެއެވެ. އަދި މިހާރު ފަށާފައިވާ ހައުސިން ޔުނިޓުތަކުގެ މަސައްކަތްތައް ބާރު ދުވެއްޔެއްގައި ނިންމުމަށްޓަކައި ކުރަމުންދާ މަސައްކަތްތައް ކުންފުނީގެ ފަރާތުން ހިއްސާ ކުރިއެވެ.

ފަހި ދިރިއުޅުންގެ އާ ލޯގޯ އިފްތިތާހްކޮށްފި--ފޮޓޯ:ރައީސް އޮފީސް
މި ޙަފުލާގައި ނައިބު ރައީސް ވަނީ "ކޮލިޓީ އެޝުއަރަންސް އެވޯޑު" ހާޞިލުކުރެއްވި މީހުންނަށާއި، "އައުޓްސްޓޭންޑިން ކޮންޓްރިބިއުޓާ އެވޯޑު" ހާޞިލުކުރެއްވި މުވައްޒަފަށް އެ އެވޯޑުތައް ހަވާލުކޮށްދެއްވާފައެވެ. ހަމަ އެއާއެކު ނައިބު ރައީސް ވަނީ "އެމްޕްލޯއީ އޮފް ދަ އިޔާ އެވޯޑު" ހާޞިލުކުރެއްވި މުވައްޒަފަށް އެ އެވޯޑުވެސް ހަވާލުކޮށްދެއްވާފައެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް އުފެއްދީ 2019 ވަނަ އަހަރުގައެވެ. ސަތޭކަ އިންސައްތަ ސަރުކާރު ހިއްސާވާ މި ކުންފުނީގެ މައިގަނޑު މަޤުސަދަކީ، އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގާ، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އެއް ފުރާޅެއްގެ ދަށުން ކުރިއަށް ގެންދިއުމެވެ.