ހަރަކާތްތެރިވެ އުޅޭ މިންވަރު އިތުރުކުރުމަށް އިސްރަށްވެހިންނަށް ޚާއްސަ ޕްރޮގްރާމްތަކެއް ބާއްވަނީ

އިސްރަށްވެހިންތަކެއް ހަރަކާތްތެރިވަނީ --- ފޮޓޯ/ ޕީއެސްއެމް ނިއުސް

މާލެ ސިޓީގައި އުޅޭ އިސްރަށްވެހިންނަށް ޚާއްސަކޮށްގެން އިޖުތިމާޢީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ޕްރޮގްރާމުތައް ފެށުމަށް ނިންމައިފިއެވެ.

މިކަމާ ގުޅިގެން މައުލޫމާތު ދެއްވަމުން އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ލަހުފާ ޚަލީލް ވިދާޅުވީ މި ޕްރޮގްރާމްތައް ހިންގުމުގެ މަގްސަދަކީ މާލޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނަށް އެއް ތަނަކުން ފޯރުކޮށްދީ، އިޖުތިމާޢީ ގޮތުން އެ ފަރާތްތަކުން ހަރަކާތްތެރިވާ މިންވަރު އިތުރު ކުރުމަށް ކަމަށެވެ.

އެގޮތުން ހިންގުމަށް ޝެޑިއުލްކޮށްފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި، އިސްރަށްވެހިންނަށް ޚާއްސަ ލުއި ކަސްރަތު ޕްރޮގްރާމް މިއަދު ހަވީރު ބޭއްވުމަށް ނިންމާފައިވާ ކަމަށް ލަހުފާ ވިދާޅުވިއެވެ.

ހަމައެހެންމެ، ކޮންމެ ހަފްތާއެއްގެ އާދިއްތަ އަދި ބުދަ ދުވަހު "ވޯކް ވޯކް ކަސްރަތު ޕްރޮގްރާމް" ބޭއްވުމަށް ނިންމާފައިވާއިރު، ކޮފީ އެންޑް ކްރިއޭޓިވް ކްރާފްޓްސް ޕްރޮގްރާމް ކޮންމެ އަންގާރަ ދުވަހެއްގައި ބޭއްވުމަށް ވަނީ ޝެޑިއުލްކޮށްފައެވެ.

މިހާރު ޝެޑިއުލްކޮށްފައިވާ ޕްރޮގްރާމްތައް ބާއްވާ ގަޑިތައް:

  • ލުއި ކަސްރަތު ޕްރޮގްރާމް: މިއަދު ހަވީރު 4:00 އިން 5:45 އަށް
  • ވޯކް ވޯކް ކަސްރަތު ޕްރޮގްރާމް: ކޮންމެ އާދިއްތަ އަދި ބުދަ ދުވަހުގެ 9:45 އިން 10:45އަށް
  • ކޮފީ އެންޑް ކްރިއޭޓިވް ކްރާފްޓްސް ޕްރޮގްރާމް: ކޮންމެ އަންގާރަ ދުވަހެއްގެ 9:30 އިން 11:30އަށް

މި ޕްރޮގްރާމްތަކުގައި 55 އަހަރުން މަތީގެ މީހުންނަށް ބައިވެރިވޭނެ ކަން ފާހަގަކުރައްވައި ލަހުފާ ވިދާޅުވީ ޕްރޮގްރާމްތައް ބޭއްވުމަށް ހަމަޖެހިފައިވާ ގަޑިއަށް އިސްރަށްވެހިންގެ ނާދީއަށް ދިޔުމުން، ފޯމު ފުރައިގެން އެ ހަރަކާތުގައި ބައިވެރިވުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

"މިހާރު ހުރި ޕްރޮގްރާމްތަކަށް އެތަނަށް [އިސްރަށްވެހިންގެ ނާދީއަށް] ގޮއްސަ ހަމަ ރަޖިސްޓްރީކޮށްލެވޭނެ އެގަޑިއަށް ނާދީއަށް ވަޑައިގެން. ދޮށީ އުމުރުގެ ބޭފުޅުން ވީމަ އަޅުގަނޑުމެން އެހާ ބޭނުމެއް ނުވޭ އެހާ ބޮޑު ޕްރޮސީޖާއެއްގެ ތެރެއިން ނަންނޯޓުކޮށްގެން ދުރާލާ ގުޅައިގެން، އެކަހަލަ ގޮތަކަށް ކުރިއަށް ގެންދަން," ލަހުފާ ވިދާޅުވިއެވެ.

މީގެއިތުރުން، މިގޮތަށް ބާއްވާ ޕްރޮގްރާމްތަކަށް ބޮޑު ތަރުހީބެއް ލިބޭކަން ފާހަގަކޮށް އޭނާ ވިދާޅުވީ މި ޕްރޮގްރާމްތައް އިންތިޒާމްކުރަނީ އެކި އެންޖީއޯތަކާއި ސަރުކާރުގެ އެހެން އިދާރާތައް ގުޅިގެން ކަމަށެވެ.

މި ޕްރޮގްރާމްތަކުގެ އިތުރުން, އަންނަ މަހުގެ ތެރޭގައި ނާދީގައި ކުރިއަށް ގެންދާނެ އެކްޓިވީ ކަލަންޑަރެއް ތައާރަފް ކުރާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

"ދެން އޭގައި ހުންނާނެ އެ މަންތުގައި އަޅުގަނޑުމެން ކުރާނެ ހުރިހާ އެކްޓިވީތައް. އޭގެތެރޭގައި ވީކްލީ އެކްޓިވީތައް މަންތުގެ ވަކި ދުވަހަކު ކުރިއަށް ގެންދާނެ އެކްޓިވީތައް، ޑެއިލީ އެކްޓިވީތައް ހުންނާނެ،" ލަހުފާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އިސްރަށްވެހިންގެ ނާދީގައި މިހާރު ވެސް އެކި ކަހަލަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި ތަފާތު ކުޅިވަރުތައް ކުރިއަށް ގެންދާނެ އިންތިޒާމްތައް ހަމަޖައްސަައިފައިވާނެ ކަމަށެވެ.

comment ކޮމެންޓް