ކޮމަންވެލްތާ އެކު ގުޅުން ރަނގަޅު ވުމަކީ ރައީސް ވަހީދުގެ ކާމިޔާބެއް: އިއްތިހާދު

ކޮަމަންވެލްތުގެ އެންމެ އިސްވެރިޔާ އިނގިރޭސި ރާނީ އެލިޒަބަތު 2 ގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިނގިރޭސިވިލާތަށް ވަޑައިގެންނެވުމަކީ ކޮމަންވެލްތާ ރާއްޖެއާ ދެމެދު އޮތް ގުޅުން ރަނގަޅުވެފައިވާ ކަމުގެ ހެއްކެއް ކަމަށާއި އެއީ ރައީސުލް ޖުމްހޫެރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ކާމިޔާބީއެއް ކަަމަށް " 23 ޑިސެމްބަރު އިއްތިހާދު" ން ބުނެފި އެވެ.

އިސްލާމްދީނާ ދުރަށް ދިވެހިން ގެންދަން މަސައްކަތް ކުރާ ކަމަށް ބުނެ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 23 ވަނަ ދުވަހު ކުރި މުޒާހަރާއަށްޓަކައި އުފެއްދި ސިޔާސީ ޕާޓީތަކާއި މަދަނީ ބައެއް ޖަމިއްޔާތައް ހިމެނޭ 23 ޑިސެމްބަރު އިއްތިހާދުން މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އަދާލަތު ޕާޓީގެ ރައީސް އިމްރާނު އަބުދުﷲ ވިދާޅުވީ ކޮމަންވެލްތާ ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުން ހީނަރު ކުރަން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އެގުޅުން މިހާރު ރަނގަޅުވެފައިވާކަން ކޮމަންވެލްތުގެ އެންމެ އިސްވެރިޔާ ދައުވަތުން އެނގޭ ކަމަށެވެ.

"މިދުވަސްވަރަކީ ރައީސުލްޖުމްހޫރިއްޔާ ކޮމަންވެލްތަށް ވަޑައިގެން، އާދެ ކޮމަންވެލްތުގެ އެންމެ އިސްވެރިޔާއާ ބައްދަލު ކުރައްވައި، ގިނަ ގުނަ ހަރަކާތްތަކެއް ހިންގަވަމުންދާ ދުވަސްވަރަކަށް ވާތީ، އަޅުގަނޑުމެން ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ދަންނަވާލަން ބޭނުންވޭ، ހަގީގަތުގައި ވެސް ކޮމަންވެލްތާ ރާއްޖެއާ ދެމެދު އޮތް ދުވަސްވީ ގުޅުން ހީނަރުކޮށްލުމަށްޓަކައި ކުރީގެ ސަރުކާރުގެ ބޭފުޅުން ވަރަށް މަަަސައްކަތް ކުރައްވަމުން ދިޔަ ނަމަވެސް، ﷲ ގެ ރަހުމަތުން މިއަދުގެ ސަރުކާރާ އެކުގައި ކޮމަންވެލްތަށް މިވަނީ އެކަށީގެންވާ މަސައްކަތްތަކެއް ކުރަން ފެށިފައި،" އިމްރާން ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ މިމަރުހަލާގައި މިއަދުގެ ސަރުކާރުން ކުރަމުން ދަނީ ވަރަށް އެކުވެރި މަސައްކަތްތަކެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެކަން އިއްތިހާދުން ފާހަގަކޮށް ރައީސް ޑރ. ވަހީދަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި މާދަމާ ރައީސް ވަހީދު މާލެ ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަވާ ދަންނަވަން އިއްތިހާދަށް ތާއީދުކުރާ ފަރާތްތައް ދިއުމަށް ވެސް އޭނާ ގޮވާ ލެއްވި އެވެ.

ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޑީއާރުޕީގެ ނައިބު ލީޑަރު އިބުރާހިމް ޝަރީފު( މަވޯޓާ ޝަރީފު) ވިދާޅުވީ ކޮމަންވެލްތުން ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅެއް ވެސް ނާޅާނެ ކަމަށާއި ރާއްޖެއަށް ކަމެއް މަޖުބޫރު ވެސް ނުކުރާނެ ކަމަށެވެ.

" ... ދަންނަވަން އޮތީ ޑރ. ވަހީދު ހަސަން މަނިކު ކޮމަންވެލްތުގެ ދައުވަތަކަަށް މިވަޑަިއގެންނެވި ދަތުރަކީ ވަރަށް ކާމިޔާބު ދަތުރެކޭ، އިދިކޮޅު ފަރާތްތަކުން، ކޮމަންވެލްތުން ދިވެހިރާއްޖެ ވަކިކުރާނެ ކަމަށާއި، އަދި ދިވެހިރާއްޖެއާ މެދު ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށާއި އަދި އަވަސް އިންތިހާބެއް ބާއްވަން މަޖުބޫރު ކުރާނެ ކަަމަށް ދައްކަމުންދާ ވާހަކައަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަން ސާބިތު ވެއްޖެ، " ޝަރީފު ވިދާޅުވި އެވެ.

ކޮމަންވެލްތުން ރާއްޖޭގެ ދާހިލީ ކަންކަަކަމާ ބެހެނީ ކަމަށް ބުނެ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އެޖަމާއަތަށް ވަރަށް ބޮޑަށް ފާޑިކިއުމަށް ފަހު މިހާރު އެޖަމާއަތާ ގުޅުން ރަނގަޅުވުމަކީ ކާމިޔާބީއެއް ކަަމަށް ސިފަކުރައްވަނީ ކީއްވެތޯ، ނޫސްވެރިއަކު ދެންނެވުމުން ޝަރީފު ވިދާޅުވީ ކިތަންމެ މުހިއްމު ޖަމާއަތެއް ކަމަށް ވިޔަސް ރާއްޖޭގެ ދާހިލީ ކަންކަމާ ބެހޭ ނަމަ އެ ވާހަކަ ދައްކަން ޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ ކޮމަންވެލްތަކީ ވެސް މުހިއްމު ޖަމާއަތެއް ކަމަށާއި ކޮމަންވެލްތުން ވަކިވާ ވާހަކަ ބައެއް ބޭފުޅުން ދެއްކެވި ކަމަށް ވިޔަސް އެއީ އިއްތިހާދުން ނިންމައިގެން ދެއްކި ވާހަކަތަކެއް ނޫން ކަމަށެވެ.

ރާއްޖޭގެ ވެރިކަން ބަދަލުވުމާ ގުޅިގެން ކޮމަންވެލްތުން ނެރުނު އެއްވެސް ބަޔާނެއްގައި ގޮވާލާފައިވާ އެއްވެސް ކަމެއް އެޖަމާއަތުން އަދި ބަދަލުކޮށްފައެއް ނުވެއެވެ. އަދި ރާއްޖޭގެ ވެރިކަން ބަދަލުވި ހާދިސާއާ ބެހޭ ގޮތުން އެޖަމާއަތުން ނަގާފައިވާ ސްޓޭންޑް ބަދަލުކުރި ކަމަކަށް ވެސް އަދި މިހާތަނަށް ބުނެފައެއް ނުވެއެވެ. ނަމަވެސް ކޮމަންވެލްތުން ރިކޮމެންޑް ކުރި ބައެއް ކަންތައްތައް ސަރުކާރުން ވަނީ އަމަލުކޮށްފަ އެވެ. އެގޮތުން ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ އަށް ގެންނަން ޖެހޭނެ ކަމަށް ކޮމަންވެލްތުން ބުނި ބަދަލުތައް މިހާރު ވަނީ ގެނެސްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު