މަންޖުލިކާގެ ރޯލުން ވިދްޔާ ނުފެނިދާނެ

ބޮލީވުޑްގެ ފިލްމީ ތަރި ވިދްޔާ ބާލަން 2007 ވަނަ އަހަރު ކުޅުނު ކާމިޔާބު ފިލްމު "ބޫލް ބުލައްޔާ"ގެ މަގުބޫލު ކެރެކްޓަ މަންޖުލިކާގެ ރޯލުން ބަތަލާ ނުފެނިދާނެކަމުގެ އިޝާރާތެއް ދީފިއެވެ.

ފިލްމު "ބޫލް ބުލައްޔާ" ސިލްސިލާގެ ތިންވަނަ ފިލްމުގެ މަސައްކަތް މިހާރު ފެށިފައިވާއިރު ވިދްޔާ މި ފްރެންޗައިސްގެ ތިންވަނަ ފިލްމުގެ ވަރަށް މުހިއްމު ރޯލަކަށް ސޮއިކޮށްފައެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ މަޖައްލާ މިސް މާލީނީއަށް ދިން އިންޓަވިއުއެއްގައި ވިދްޔާ ބުނީ މީގެ 17 އަހަރު ކުރިން ވުޖޫދަށް އައި ފިލްމަކީ މިހާރު އާއްމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފްރެންޗައިސް ފިލްމެއް ކަމަށް ގަބޫލުކުރަން ދަތި ކަމަށެވެ.

ވިދްޔާ މި ސިލްސިލާގެ ތިންވަނަ ބަޔަށް ސޮއިކުރިކަން ކަށަވަރުވުމާ އެކު ގިނަ ބަޔަކު ދިޔައީ މަންޖުލިކާ އަދި އަވްނީގެ އެނބުރިއައުމާ މެދު އުފާފާޅު ކުރަމުންނެވެ. ނަމަވެސް ވިދްޔާ ބުނެފައިވަނީ މި ފަހަރުގެ ފިލްމުގައި ބަތަލާ އަކީ މުޅިން ތަފާތު ކެރެކްޓާއެއް ކަމަށާއި 17 އަހަރުގެ މެދުކެނޑުމަށް ފަހު އޭނާ ފެންނާނީ އަނެއްކާވެސް ބެލުންތެރިން ޝައުގުވެރިވާނެ ކަހަލަ ތަފާތު ކެރެކްޓާއަކުން ކަމަށެވެ.

ފިލްމު "ބޫލްބުލައްޔާ3"އިން މިފަހަރު ފެންނާނެ ލީޑް ތަރިން ކަމަށްވާ ވިދްޔާ ބާލަން، ކާތިކް އާރްޔަން އަދި މާދުރީ ޑިކްސިޓް--ފޮޓޯ/ޕިންކްވިލާ

ކާތިކް އާރްޔަން ލީޑް ރޯލް ކުޅޭ ފިލްމު "ބޫލް ބުލައްޔާ3"އިން ވިދްޔާގެ އިތުރުން މާދުރީ ޑިކްސިޓް އަދި ޒުވާން ބަތަލާ ތްރިޕްތީ ދިމްރީ ފެންނާނެއެވެ. ޑައިރެކްޓަރު އަނީސް ބަޒްމީ އުފައްދާ މި ފިލްމު މި ފަހަރު ވެސް ގެނެސްދޭނީ ޓީ-ސީރީސްއިންނެވެ.

ފިލްމު "ބޫލް ބުލައްޔާ"ގެ ދެވަނަ ބައިން ކާތިކާ އެކު ބަތަލާގެ ރޯލުން ފެނުނީ ކިއާރާ އަދުވާނީއެވެ. ފިލްމު "ބޫލް ބުލައްޔާ3" ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ އަންނަ އަހަރު އިންޑިއާގައި ފާހަގަކުރާ ދިވާލީ ފެސްޓިވަލްއާ ދިމާކޮށެވެ.

comment ކޮމެންޓް