ވާނަން އެކުގައި... 27

ހުރިހާ ކުދިން ތެދުވެ ސަފު ހަދައިލިއެވެ. ލިޝާއަށް ހިނިތުންވެލެވުނެވެ. މިއަދު އެކުދިންނަކީ އޭނާގެ ހިތުގެ ފިނިކަމެވެ. އިންޑިޔާ ދަތުރަށްފަހު، ކުރިމަތިވި ހިތާމަތަކުން އަރައިގަންނަން ލިޝާއަށް ފަސޭހަވީ ރަށު ސްކޫލުގެ ޓީޗަރެއްގެ ވަޒީފާ އަދާކުރަންފެށީމައެވެ. ކުޑަކުދިންދެކެ ލިޝާ ނުހަނު ލޯބިވެއެވެ.

********

ބެލެނިވެރިން ކުދިންނާއި ހަވާލުވުމުން، ލިޝާ ގަޑި ބަލައިލިއެވެ. މަގުގެ ދެފަރާތް ހޯދައިލިއިރުވެސް އޭނާ އިންތިޒާރު ކުރަމުންދިޔަ މީހަކު ނުފެނުނެވެ. ލިޝާ ގެއާއި ދިމާއަށް ހިނގައިގަތެވެ. ސައިކަލެއްގެ ބަރުގޮނުގެ އަޑު އިވުނެވެ. ސުމާ ސައިކަލުގައި އައިސް މަޑުކުރީ ލިޝާގެ ކައިރިއަށެވެ.

"ސޮރީ ސޮރީ ލަސްވީމަ..." ސުމާ މައާފަށް އެދުނެވެ.

"ސައިކުގަނޑު ގެންދިޔަގޮތަށް ފިލީކަމަށް ހީކުރީ..." ސައިކަލު ފަހަތަށް އަރަމުން ލިޝާ ބުންޏެވެ.

"ދެން ތިކުއްޖާ އެހާ ލޯބިން ގެންގުޅޭ ސައިކެއް ހިފައިގެން މަ ފިލަންވީތަ؟..." ސުމާ ހީގަތެވެ.

ސުމާ ސައިކަލު މަޑުކުރީ، ލިޝާގެ ގެކައިރިއަށެވެ. ދެމީހުން ގޭތެރެއަށް ވަންނަން ހިނގައިގަތް ވަގުތު، ބޭރުން މީހަކު ސަލާން ގޮވާލި އަޑު އިވުނެވެ. ސަލާން ބަލައިގަންނަމުން ލިޝާ ކުޑަކޮށް ބޯ ދިއްކޮށްލާފައި ބޭރުގައި ހުރީ ކާކުތޯ ބަލައިލިއެވެ. ދޮރުމަތީގައި ހުރީ، ރަށު މީހެކެވެ. އާއްމުކޮށް އެގެއަށް އައިސްއުޅޭ މީހެއް ނޫނެވެ.

"ކީކޭ ސައްތާރުބޭ؟..." ލިޝާ އަހައިލިއެވެ.

"މީ، އެކޮއެ ހޯދަން ބޭރު މީހަކު އައިސްހުރީމަ ގޮވައިގެން މިއައީ..." ސައްތާރު ތަފްސީލް ދިނެވެ.

ލިޝާގެ ހިތް ތެޅިގަތެވެ. ފާރުކައިރީގައި ހުރެފައި އެމީހަކު ދޮރުމައްޗަށް އެރިއެވެ. ލިޝާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަތުގައި އޮތް ފޯނު ދޫނުވީ ކިރިޔާއެވެ.

********

ރަށުގެ ތުނޑިއާއި ދިމާލުގައި ހެދިފައިވާ ވިނަ ގަސްތަކުގެ ތެރޭގައި އެކި ކަހަލަ މާތައް ފޮޅިފައި ހުއްޓެވެ. ގަސްތަކުގެ ތެރޭގައި އުޅުނު ޝަފާޒްގެ ހަރަކާތްތަކަށް ބަލަން އަމީން އިނީ ސައިކަލުގައެވެ. މަގުގެ އެއްފަރާތަކަށް ސައިކަލު ހުއްޓާލައިގެން އިނދެ، ޝަފާޒް ކުރަމުންދިޔަ ކަންތައް ވީޑިޔޯ ކުރަމުން ދިޔައެވެ.

"އެމަންޖެއަށް މި ދައްކާނަމޭ މިފަހަރު..." ވީޑިޔޯ ނެގިކަން އަންގައިލުމަށް އަމީން ބުންޏެވެ. "އިރު އޮއްސިއްޖެ އިނގޭ... ތިހާވަރު ނުކޮށް ތި ތަނުން ނުކުމޭ ދެން... ނޫނީ މަގޭ މި ނައްޓާލަނީ..."

ޝަފާޒް ނުކުތީ ބޮޑު މާބޮނޑިއެއް ހިފައިގެންނެވެ. އޭނާގެ މޫނުން ފެންނަން ހުރީ އުފާވެރިކަމެވެ.

"ރީތިތަ؟..." މާބޮނޑި ދައްކައިލަމުން ޝަފާޒް އަހައިލިއެވެ.

"ހޫން ރީއްޗޭ ރީއްޗޭ... ތި ފެނިފަވެސް އެ މަންޖެ އާނބަސް ބުނާނެ މިފަހަރު..." އަމީން ދިމާކުރިއެވެ.

ސައިކަލު ލިޝާމެން ގޭ ކައިރިއަށް ހުއްޓާލުމުން ޝަފާޒް ސައިކަލުން ފޭބިއެވެ. ބޮލުގެ އިސްތަށިގަނޑު ރަނގަޅުކޮށްލިއެވެ. ޖީބުގައި އަނގޮޓި އޮތްތޯ ބެލުމަށްފަހު އެތެރެއަށް ވަނުމަށް އޭނާ ހިނގައިގަތެވެ. ދޮރާއްޓާއި ހަމައަށް އެރިތަނާ، އެތެރެއިން މީހަކު ނުކުންނަން އައި އަޑު ޝަފާޒަށް އިވުނެވެ. އޭނާ އަވަހަށް މާބޮނޑި ފުރަގަހަށްލައި ފޮރުވިއެވެ.

"އަހަނ... ސައްތާރުބޭ... މިގަޑީ މިގޭގަ؟..." ސައްތާރު ފެނުމުން ޝަފާޒް ހައިރާންވެފައި ސުވާލުކުރިއެވެ.

"މިގޭ މަންޖެ ހޯދަން ބޭރުމީހަކު އައިސް ހުރީމަ އޭނަ ގޮވައިގެން އައިއްސަ މިދަނީ..." ސައްތާރު ތަފްސީލް ދިނެވެ.

ޝަފާޒްގެ އަތުން މާބޮނޑި ދޫނުވީ ކިރިޔާއެވެ. ސައްތާރު ބުނީ ކާކުގެ ވާހަކައެއް ކަން އޭނާއަށް އެނގުނު ކަހަލައެވެ. އޭނާ ހަލުވި ފިޔަވަޅުތަކެއްގައި ގޭތެރެއަށް ވަންނަން ދިޔައެވެ. ގޭގެ ސިޓިންގްރޫމުގެ ކުޑަދޮރުތައް ހުރީ ހުޅުވާފައެވެ. ބަގީޗާ ގަސްތަކުގެ ތެރެއިން ގޭތެރެ ކޮންމެވެސް ވަރަކަށް ފެންނަން އޮތެވެ. ލިޝާގެ ކުރިމަތީގައި ހުރި ސޯފާގައި ފިރިހެނަކު އިނެވެ. ފުރަގަހުން ފެނުނު ނަމަވެސް އެއީ ކާކުކަން ޝަފާޒަށް އެނގުނެވެ. ޝަފާޒަށް ހިންދިރުވައިލެވުނީ އުނދަގޫ ގޮތަކަށެވެ. އޭނާ ފަސްފަހަތަށް ދަމުން ގޮސް ބޭރަށް ނުކުތެވެ.

"ކިހިނެއްވީ ތިއައީ؟... ބަފައިބެ ފެނިގެން ބިރުގަތީތަ؟..." އަމީން ދިމާކުރިއެވެ.

ޝަފާޒް އެއްޗެއް ނުބުނެ ސައިކަލު ފަހަތަށް އެރިއެވެ.

"ނައްޓާލާ..." ޝަފާޒް އެދުނެވެ.

"ކޮންތާކަށް ދާންވީ؟..." އަމީން އިނީ ހަދަންވީގޮތެއް ނޭނގިފައެވެ.

"ކޮންމެ ތާކަށްވެސް އޯކޭ... މިތަނާ ދުރަށް..." ފުން ނޭވާއެއް ދޫކޮށްލަމުން ޝަފާޒު ބުނެލިއެވެ.

*********

ކުށްވެރިއެއްހެން ލިޝާގެ ކުރިމަތީގައި އާރިޒް އިނެވެ. ހުދުކުލައިގެ ޓީޝާޓަކާއި ނޫ ޖީންސްގައި އޭނާ ރީއްޗެވެ. ތުނިކޮށް ބަހައްޓާފައިވާ ތުނބުޅިން އޭނާ ފިރިހެންވަންތަކަމަށް ދައްކައެވެ. ކުރިއަށްވުރެ ހިކިކަމަށް ދެއްކި ނަމަވެސް އާރިޒްގެ ރީތިކަމަށް ބަދަލެއް ނާދެއެވެ. އާރިޒްގެ އަތުން ބޮޑު ތަންގަނޑެއް މަށައިގެން ގޮސްފައިވާއިރު، ހުދުކުލައިގެ ޓީޝާޓުގައިވެސް ކޮންމެވެސް ވަރަކަށް ހިރަފުހުގެ އަސަރު ހުއްޓެވެ. ލިޝާގެ ނަޒަރު އާރިޒްގެ ޒަހަމަށް ހުއްޓިފައި ހުރުމުން އިތުރު ތަފްސީލް ދޭން އާރިޒް ބޭނުންވިއެވެ.

"ލޯންޗުން ފައިބަނިކޮށް ވެއްޓުނީ..." އާރިޒް މައުސޫމުގޮތަކަށް ބުނެލިއެވެ.

"ތީ ކުޑަކުއްޖެއްތަ؟..." ލިޝާ ސޯފާއިން ތެދުވެގެން ގޮސްފައި އެނބުރި އައީ ބޭސްފޮށި ހިފައިގެންނެވެ.

ލިޝާ އާރިޒްގެ ކައިރީގައި އިށީނދެފައި، ޒަހަމް ސާފުކުރަން ފެށިއެވެ. ނުހަނު ކައިރިން ލިޝާގެ މޫނު ފެނުމުން އާރިޒަށް އެނޫން ދިމާއެއް ނުވެސް ބެލުނެވެ. އޭރެކޭ އެއްގޮތަށް ލިޝާ އަދިވެސް އޭނާއަށް އަޅާލައެވެ. އެ އޯގާތެރިކަމަށް ބަދަލެއް ނާދެއެވެ.

"އެއްޗެއް ކައިފިންތަ؟..." ބޭސްއަޅާ ނިންމާފައި ލިޝާ އަހައިލިއެވެ.

އާރިޒް ދެފަރާތަށް ބޯ ހޫރައިލިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. ލިޝާގެ ދެލޮލުން ފެނުނު އަސަރުތައް ތަރުޖަމާ ކުރާކަށް އާރިޒަކަށް އުނދަގުލެއް ނުވިއެވެ. އެދެލޮލުން އަދިވެސް ލޯބި ފެންނަން ހުއްޓެވެ. އާރިޒް ލިޝާއާއި ގާތްވެލުމުން ލިޝާ އަވަހަށް ދުރަށްޖެހިލިއެވެ. ފޮށިން ނެގި ބޭސްތައް އަނބުރާ ފޮށްޓަށް އަޅަން ފެށިއެވެ.

"ލިޝް ކިހިނެއް؟..." އަސަރުން ފުރިގެންވީ ރާގަކަށް އާރިޒް އަހައިލިއެވެ.

"ވަރަށް ރަނގަޅު..." ބޭސްފޮށި ހިފައިގެން ތެދުވަމުން، ލިޝާ ޖަވާބުދިނީ ރުންކުރު ގޮތަކަށެވެ.

"އަހަނ... މީ ކޮން ކުއްޖެއް؟..." މަދީހާ ކޮޓަރިން ނުކުތް ވަގުތު އާރިޒް ފެނުމުން މޫނުން ޝައުގުވެރިކަން ފެނުނެވެ.

"އާރިޒް..." އާރިޒް ކޮޅަށް ތެދުވެފައި މަދީހާއާއި ސަލާން ކުރިއެވެ. މަދީހާ ކީ އެއްޗެއް ނޭނގުނު ނަމަވެސް އޭނާ އަމިއްލަ ތައާރަފެއް ދިނީއެވެ.

"ދަރިފުޅާ!.... މީތަ އެކުއްޖަކީ؟..." ބަދިގެއާއި ދިމާއަށް ދިޔަ ލިޝާ ހުއްޓުވާފައި، މަދީހާ އަހައިލިއެވެ.

އިންޑިޔާގައި ހުރިއިރު، އާރިޒްގެ ރަނގަޅު ވާހަކަ މަދީހާގެ ކައިރީގައި ލިޝާ އެތައް ފަހަރަކު ދެއްކިއެވެ. ހުރި ހަމައެކަނި ދަރިފުޅަށް އަޅާލައި ހެޔޮކޮށް ހިތި މީހަކަށް މަދީހާވެސް ހެޔޮވާނެއެވެ. ފަހުން ކަންތައް ވީގޮތް ލިޝާ މަދީހާއާއި ހިއްސާއެއް ނުކުރެއެވެ.

"މަންމަ އެބަ އަންނަން ބޯލާނެ އެއްޗެއް ހިފައިގެން... ދަރިފުޅު ދޭ އެތާ އިންނަން...." ލިޝާގެ އަތުން ބޭސްފޮށި އަތުލަމުން މަދީހާ ބުނެލިއެވެ.

މަދީހާ ބަދިގެއަށް ވަންނަންދެން ބަލަން ހުރެފައި ލިޝާ ގޮސް ސޯފާގައި އިށީނެވެ.

"ކީއްކުރަން ތިއައީ؟... އަދިވެސް އަހަންނަށް އޮޅުވާނުލެވޭ ކަމެއް އޮތީތަ؟..." ލިޝާ ހިތްހަމަނުޖެހިފައި ސުވާލުކުރިއެވެ.

"އަހަންނަށް ލިޝްއާ ނުލާ ނޫޅެވޭނެ..." އާރިޒް އިސްޖަހައިލިއެވެ. "އަހަންނަށް އެންމެ ފުރުސަތެއް ދެވިދާނެތަ؟..."

"އަހަންނަކަށް ނޭނގެ ކިތައް ކަންތައް ކަމެއް އަހަންނަށް ސިއްރުކޮށްފަ އޮތީ..." ލިޝާ ވާހަކަ ދެއްކީ މަޑުމަޑުންނެވެ.

ގޭތެރެއަށް ވަން ނައީމަށް އާރިޒް ފެނުނީ ތަންކޮޅަކަށް ދިޔަތަނާއެވެ. ނައީމުގެ ފިޔަވަޅުތައް ހުއްޓުނެވެ. އާރިޒަށް ބަލަން އިރުކޮޅަކު އެއްޗެއް ނުބުނެ އޭނާ ހުއްޓެވެ. އާރިޒް ބަލައިލުމުން ހިނިތުންވެލާފައި އޭނާ ބަދިގެއަށް ވަދެގެން ދިޔައެވެ. އާރިޒްގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވިއެވެ. އަތް މުށްކެވެން ނެގީ ސިކުންތުކޮޅެކެވެ.

"ކާކު އެއީ؟..." މަދީހާ ފެނުމުން ނައީމު އަހައިލިއެވެ.

"އާނ އެއީއޭ އެސޮރަކީ... އަހަރެމެންގެ މަންޖެ ސަލާމަތްވީ އެސޮރު އެހީވީމައޭ..." މަދީހާ ހުރީ އުފާވެފައެވެ. "އެސޮރު ފަގީރުވެފަ ނިކަމެއްޗަސް، އަހަރެމެންގެ މަންޖެ އަހަރެމެން ކައިރިއަށް އަންނަން މެދުވެރިވީ އޭނަގެ ސަބަބުން... ނައީމުވެސް ގޮސް އެއްޗެއް ބުނެލަބަލަ... އަހަރެމެންވާނެ އޭނައަށް އަޅާލަން..."

ނައީމުގެ މޫނުން މާބޮޑު އުފާވެރިކަމެއް ނުފެނުނެވެ. އާރިޒް ފެންނަ ހިސާބަށް ގޮސްހުރެ ސިއްރުން އެތައް އިރަކު އާރިޒަށް ބެލިއެވެ. އޭގެ ފަހުގައި އެނާ ވަނީ ކޮޓަރިއަށެވެ. މަދީހާ އެދުނު ފަދައިން އާރިޒަށް އަނގައިން ބުނަން އޭނާއަށް ފަސޭހައެއް ނުވިއެވެ. އަލަމާރި ހުޅުވާލާފައި ނައީމު ނެގީ އަލްބަމެކެވެ. ފަހަރަކު ގަނޑެއް އުކަމުން ގޮސް ބޭނުންވި ގަނޑާއި ހަމައިން ހުއްޓުނެވެ. ކުޑަ ކުއްޖަކު އުރައިގެން ހުރި އަންހެނެއްގެ ތަސްވީރަށް ބަލަން ނައީމު އިންދާ މަދީހާ ދޮރު ހުޅުވައިލިއެވެ. ނައީމު އަވަސް އަވަހަށް އަލްބަމު ލެއްޕިއެވެ.

"ކޯއްޗެއް ތި ބަލަނީ؟..." މަދީހާ އައިސް ނައީމުގެ ކައިރީގައި އިށީނެވެ. "އޭނަޔާ ވާހަކަ ދައްކާލާށޭ ބުނީމަދޯ ފިލައިގެން އައިސް ތީނީ؟..."

"މަދީހާ؟..." ނައީމު ގޮވައިލީ ވާހަކައެއް ބުނަން ބޭނުންވެފައި އިން ކަހަލަ ގޮތަކަށެވެ. "އަހަރެން ބުނީމެއްނު އަހަރެން އިންޑިޔާގަ އުޅުނު ދުވަސްވަރު މީހަކާ ރައްޓެހިވި ވާހަކަ..."

"އޭނަގެ ފޮޓޯއަށްތަ ތި ބަލަނީ؟..." އަލްބަމް އަތުލަމުން މަދީހާ ބުންޏެވެ. "ކީއްކުރަން މިހާރު އޭނަގެ ފޮޓޯއަށް ބަލަނީ؟... އަދިވެސް ލޯބިވޭތަ؟... ދެއަނތްބަށް އިންނާކަށް އަހަރެން ހުއްދައެއް ނުދޭނަން..."

މަދީހާ ތުން އަނބުރައިލިއެވެ. ފުސްމޫނު ހަދާލައިގެން އިންގޮތުން ނައީމު ކައިރިއަށް ހިނިއައެވެ.

"މަދީހާ މާ އަވަހަށޭ ތި ހާސްވަނީ... އޭނަ ނެތޭ ދުނިޔެއަކު... ވަރަށް ކުރިން ނިޔާވެއްޖެ..." ނައީމު ތަފްސީލް ދިނެވެ.

"ސޮރީ..." މަދީހާ މާފަށް އެދުނެވެ. "ކީއްވެ ނިޔާވީ؟..."

"އަމިއްލައަށް މަރުވީއޭ ކިޔަނީ..." ފުން ވިސްނުމެއްގައި އިނދެފައި ނައީމު ބުންޏެވެ.

"އޭނ؟...." މަދީހާގެ ދެލޯ ބޮޑުވިއެވެ. "ކީއްވެ އެކަހަލަ ކަމެއް ކުރީ؟... އަނެއްކާ ނައީމު..."

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު