"ޟުހާ ނަމާދަށް ރައްކާތެރިވާށެވެ. ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމް ޟުހާ ނަމާދުކުރުމަށް ސަހާބީންނަށް ވަސިއްޔަތް ކުރެއްވިއެވެ. އަދި ހަދީސް ކުރެއްވިއެވެ." ފަހެ ހަމަކަށަވަރުން އެއީ ކިޔަމަންތެރިންގެ ނަމާދެވެ."

***

އުރުޖުވާންގެ ހުނުން ހުއްޓި ލޯ ބޮޑުވެފައި މާޒިމް އަށް ބަލާލެވުނެވެ. ދެކެވުނު ވާހަކައަކީ ހަގީގަތުގައި ވެސް މާޒިމް ގެ ދުލުން އައި ބަސްތަކެއް ކަން ގަބޫލުނުކުރެވޭ ކަހަލަ ގޮތަކަށެވެ.

"ކިހިނެއްވީ؟މިހާރު މަޖަލެއް ނޫންތަ؟" މާޒިމް ދިމާކޮށްލިއެވެ. އެވަގުތު މުޅި ކޮޓަރިއަށް އަލި އެޅިގެންދާ ފަދައިން ވިދާލިއެވެ. އުރުޖުވާން ލޯ މަރާ ބާރުކޮށްލުމަށްފަހު ގުގުރި ދުޢާ ކިޔާލިއެވެ.

" ގުޑް ނައިޓް....ހަސްބެންޑް...." މާޒިމް ގެ އަތުތެރޭގައި ހަމަޖެހިލަމުން އުރުޖުވާން ލަދު ރަކި ކަމާއެކު ބުނެލި ލަފުޒު އަޑުއިވުމުން އެ ތުންފަތަށް ވެރިވީ އުފާވެރި ހިނިތުންވުމެކެވެ.

ފަތިހުގެ އަމާންކަން ގެއްލެމުން އަލިވިލެން ފެށީ ލޭ ރަތް ކުލައިން އުޑުމަތި ދިއްލައިލަމުންނެވެ. މުޅި ދުނިޔެއަށް ވެރިވެފައިވީ ހަމަހިމޭންކަމާއި ތެތްފިނިކަމެވެ. މާ ކަނޑުގެ މެދުގައި އިރު ގެ އަލިވިލުނީ އުވެއިސް އާއި އީވޯން ގެ ކައިވެންޏާއިއެކުގައެވެ. މިއުޒިކުން ފުރިގެންވީ މާހައުލެކެވެ. ބާރުގަދަ ޖިންނީން އެކި ދިމަދިމާއިން އެމީހުންގެ އަސްލު ސިފަތަކުގައި ހާޒިރުވެ މަރުހަބާއާއި މުބާރަކުބާދީ ކިޔަމުން ދިޔައެވެ. އިންސާސުންގެ ލޮލުގައި އެޅުވިފައިވާ ފަރުދާ ކަހާލެވި އެ މަންޒަރު ހަމަ ލޮލުން ނުފެނުމަކީ އެއީ މާތް ﷲ ގެ ރަޙްމަތެވެ.އުވައިސް ހުރީ އެއްވެސް ޝުއޫރެއް ނެތް ފިނި ބެލުމެއްގައި އީވޯން ގެ ލޮލަށް ބަލަހައްޓައިގެންނެވެ. ދެމީހުން ދަރިންގެ ކައިވެނީގެ ސަބަބުން އުފަލުން ފުރިފައިތިބި މުޝްރިކާ އާއި ރޮތްސްޗައިލްޑް ތިބީ ފަޚުރުވެރި ހިނިތުންވުމެއްގައެވެ. އީވޯން ގެ މޫނުމައްޗަށް ވެރިވެފައިވީ ފޮނި ހިނިތުންވުމެކެވެ. ކައިވެނީގެ ވައުދުތައް ބަދަލުކުރެވުނު ހިނދު ބާރު ވައިރޯޅިއާއި އެކީ ދެ ޖިސްމުދޭތެރޭގައިވި ދުރުމިން ގާތްކޮށްލަދިނެވެ. އެ ބާރުގެ ތެރޭގައި އުވެއިސް ހިފަހައްޓާލެވުނީ ހަމަ އެންމެ ސިކުންތަކަށެވެ. އުވެއިސް ގެ ހިތުގައި އިވޯންއަށް އެއްވެސް ލޯތްބެއް ކުލުނެއް ނެތެވެ. އުވައިސް އިވޯން ދުރުކޮށްލިގޮތުގެ ބާރު މިން އިހުސާސްވެ މޫނުގެ ކުލަވަރު ބަދަލުވި ނަމަވެސް އެ ކަން ފޮރުވަން މަސައްކަތްކުރިއެވެ. އުވެއިސް އަވަސް ވެގަތީ ކައިވެންޏަށް އައި މެހެމާނުންނާއި ވާހަކަ ދެއްކުމަށެވެ. އެ މަންޒަރު ފެނުމުން ރޮތްސްޗައިލްޑަށް އުދަގޫވިއެވެ. އެންމެންގެ ކުރިމަތިގައި އުވައިސް އީވޯން ދުރު ކޮށްލީއެވެ.

" ހާސް ނުވޭ......އެންމެންގެ ކުރިމަތީ އެކަހަލަ މަންޒަރެއް ކުޅުމަށް އުވެއިސް ލަދު ގަތީ..."މުޝްރިކާ ރޮތްސްޗައިލްޑް އަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.

" ކުޅުމަށޭ؟މިއީ ކުޅޭ ކުޅިވަރެއް ނޫން.....މިއީ އަހަރުމެންގެ ކާބަފައިންގެ އުޅުން.....އިންސާނުންނާއި އެކީ އުޅުމުގެ ހިތި ނަތީޖާ މިއީ......" ރޮތްސްޗައިލްޑް ނުރުހުން ފާޅުކުރިއެވެ.

އިރުގެ އަލި އެއްކޮށް ޖައްވު ދިއްލާ އަޅައިލުމުން ހުރިހާ ޖިންނީންވެސް ފީނައިގަތީ ކަނޑު އަޑިއަށެވެ. މުޝްރިކާގެ ހަވޭލީގައި އުފާ ފައުޅުކުރުމަށެވެ. އެވަގުތު ރޮތްސްޗައިލްޑްގެ އަތު ތެރެޔަށް އުވެއިސް ލުމަށްފަހު އެންމެންގެ ތެރެއިން ގެއްލުނެވެ. މުޝްރިކާ އާއި އީވޯން ގެ ލޮލާ ލޯ ދިމާވި ހިނދު އަނގައިން ބުނުމެއްނެތި ކަންބޮޑުވުމާއި ހާސްކަން ހިއްސާކުރެވުނެވެ. ރޮތްސްޗައިލްޑް އަކީ އޭނާ ނުރުހޭ ކަމެއް ކޮށްފި މީހަކަށް އަދަބު ދިނުމގައި އެހާމެ ހަރުކަށި އުސޫލުތައް ގެންގުޅޭ ވެރިޔެކެވެ.

" ކަލޭ ގެ ލޯބިވެރިޔަކީ ކާކު؟"ރޮތްސްޗައިލްޑް އުވެއިސްގެ ބޮލުގެ ދެފަރާތުން ފަޅާފައި ހުރި ދެ ދަޅުގައި ހިފައި އުފުލާލިއެވެ. ރޮތަސްޗައިލްޑް ގެ ބާރުގަދަކަމުން އެ މުށުތެރެއިން ރެކިގެންދާހާ ބާރެއް އުވައިސްއަކަށް ލިބިފައެއްނެތެވެ.

" މަނިކުފާނުގެ ދަރިކަނބަލުން....." ހިތް ކިތަންމެ ނުރުހުނަސް އެ ވަގުތު ޖަވާބު ދިނުމަށް އުވެއިސް ގެ ޟަމީރު މަޖުބޫރުކުރުވިއެވެ. ޖަވާބު ދިނުމާއެކު އުވެއިސް އެ އަތު ތެރެއިން ސަލާމަތްވި ނަމަވެސް އޭނަ ބަންދުކުރެވުނީ އަނދިރި ހޮހަޅައެއްގައެވެ. އެތަނުގެ ތެރޭގައި އެ ދެމީހުންގެ ހިލަން ނޫން ހިލަމެއް ނެތެވެ. އެއްވެސް ދިރުމެއް ނެތެވެ. ރޮތްސްޗައިލްޑް އޭނާގެ ޖާދޫގައި އަލި ގުޅައެއް އުފެދުމަށްފަހު ދައްކާލި މަންޒަރުން އުވެއިސް ގެ ހިތް ކުދި ކުދިވިއެވެ. ލޮލަށް ފެނުނީ އޭނަގެ މަންމަ މަރާލި އަނިޔާވެރި މަންޒަރެވެ. އެ މަޖިލީހުގައި ނިޔާ ކަނޑައެޅުމަށް ތިބީ ޝައިތާނުންގެ ބޮޑުންނެވެ. މުޅި ހޮހޮޅަތެރެ ގުގުމާލީ ހެލްގާ ގެ ވޭނީ ރުއިމުންނެވެ. އެ އަޑުން އުވެއިސްގެ ގައިގައި ވޭން ނާޅާ އެންމެ ތަންކޮޅެއްވެސް ނެތެވެ.

"ހުއްޓާލާ...." އުވެއިސް އަށް ހަޅޭއްލެވުނެވެ. ނުބަލާން ލޯ މަރާލި ނަމަވެސް ރޮތްސްޗައިލްޑް ގެ ބާރުގަދަ އަތުން އެ ލޯ ހުޅުވާލައި ގަދަ ކަމުން އެ މަންޒަރު ދެއްކިއެވެ.

" މައި ޑިއަ ހެލްގާ. މިހިރީ އޭނަގެ ނިމުން.....ކަލޭ ވެސް ބޭނުމީތަ އެފަދަ ގޮތެއްގަ ނެތި ދާން؟ އޭނަގެ ކުށަކީ ކޮބައިކަން އެނގޭތަ؟ ކަލޭ.....އިންސާނެއް ދެކެ ލޯބިވެ ކަލޭ މި ދުނިޔެއަށް ފާ ކުރުން...." ރޮތްސްޗައިލްޑް ގެ އަޑު ބަރުވެ ބިރުވެރިވިއެވެ. އޭނާގެ ސޫރައަށް އިތުރު ބަދަލުތަކެއް ގެނުވިއެވެ.

***

"އަހަރެންވެސް ދާނަން ބައްޕައާއި އެކު....." މެހެކް އާދޭސްކުރިއެވެ. އަހްމަދު ދަބަސް ތައްޔާރުކުރުމުގައި އަވަދިނެތި އުޅުނެވެ. އުރުޖުވާން އާއި މާޒިމް ކައިވެނި ކުރި ކަން އެނގުމުން އަހްމަދު ބޭނުންވީ ވީހާ ވެސް އަވަހަކަށް މާލެ ދިޔުމަށެވެ. އުރުޖުވާން އާއި ކުރިމަތިލުމަށެވެ. ދައްކާނެ ވާހކައެއް ފަށާނެ ކޮޅެއް ނޭގުނަސް މެއެވެ.

" ނޫން. ދަރިފުޅު މަޑުކުރޭ. މީކާ އަށް އަދި އަންގާކަށް ބައްޕަ ބޭނުމެއް ނުވޭ...." އަހްމަދު ބޭނުންވީ މިކާއިލްއަށް ސިއްރުކުރުމަށެވެ. އެއީ މެހެކް އަށް އުނދަގޫ ކަމެއް ކަމުގައި ވިޔަސް އޭނާގެ ބައްޕަގެ މި އެދުމަށް އެއްބަސްވުން ނޫން ގޮތެއް ނެތެވެ.

"ކޮން ކަމެއް އަންގަން ބޭނުން ނުވާ ވާހަކަ؟" ފަހަތުން މީކާއިލް ގެ އަޑު އިވުމުން މެހެކް ސިހުނެވެ.

"ބައްޕަ މާލެ ދާ ވާހަކަ......" އަވަސް އަވަހަށް މެހެކް ޖަވާބު ދިނެވެ.

" ތި ބުނީ ނު އެހެންވީމަ....ދެން ނުބުންޏަސް ތި ކަން އެނގޭން އެއް ނު ޕެކް ކުރަން ފެށީމަ..." މީކާއިލް އަށް ހެވުނެވެ. އަދި މެހެކް ގެ މޫނު މަތީ ހުރި ހާސް ކަމާއި އޭނާގެ ބައްޕަ ގެ ހިނިތުންވުން ސްކޭން ކުރެވުނެވެ. ހަމ ގައިމުވެސް ކަމެއް އޮޅުވާލަނީ ކަން މީކާއިލް ގެ ހިތް ބުނި ނަމަވެސް އިތުރަށް އެކަން އަހައިގެން އޮޅުންފިލުވުމުގެ ނިޔަތެއް ނެތެވެ.

"އެއީ ދެން ދަރިފުޅު ވެސް މާލެ ދާން އުޅެފާނެތީވެ...އެހެން ނޫނަސް މިކަހަލަ ކުއްލި ދަތުރަކު ކިޔެވުމާއި ވަޒީފާ ދޫކޮށް ދިޔުންވެސް ރަނގަޅެއް ނުވާނެ...." އަހްމަދު ވާހަކަ ހަމަޖައްސާލިއެވެ.

މިކާއިލް އާއި މެހެކް ވެސް އެ ދެއްކި ވާހަކައަކަށް ދެކޮޅު ހެދުމެއް ނެތި ބޯ ޖަހައިލިއެވެ.

މެންދުރުގެ ކެއުމަށް އިންސާފުކުރުމަށް މެހެކް ގެ ފަހަތުން މީކާއިލް ދިޔަ ނަމަވެސް މެހެކް ބެލީ މީކާއިލް އާއި ކަޅި ހަމަކޮށް ވާހަކަ ނުދެއްކުމަށެވެ.

" ހާސް ނުވޭ.....ނާހާނަމޭ.... ތި ފޮރުވާ ކަމެއްގަ ހެވެއް އޮތް ކަމަށް އުންމީދުކުރަން..." މީކާއިލް މޭޒު ދޮށުގައި ހުރި ގޮނޑިއެއް ދަމާލައިގެން އިށީނެވެ. މެހެކް ގެ އަވަސްވެފައި ހުރި ހަރަކާތްތައް މަޑުޖެހި ހިނިތުންވެވުނެވެ. އުރުޖުވާންގެ ހިނިތުންވުމާއި ވައްތަރެވެ. ހަމުގެ ކުލަ ތަފާތު ވި ނަމަވެސް އުރުޖުވާން ގެ މޫނާއި މެހެކް ގެ މޫނުގައި ވަރަށް އެއްގޮތް ކަންތަކެއް ހުރެއެވެ. އިސްތަށިގަނޑުވެސް ފަންވެފައި ދިގެވެ.

"ތޭންކްސް. އެންޑް ސޮރީ.....ވަގުތު ޖެހުމުން ހުރިހާ ކަމެއްވެސް ކިޔައިދޭނަން އިންޝާﷲ...." މެހެކްގެ ހިތަށް ލިބުނީ ފިނި ކަމެކެވެ. މީކާއިލް އަކީ އޭނާގެ "އިންސާނީ ދަތުރުނާމާއެވެ". މީކާއިލް އަށް ކަންކަން ފޮރުވައިގެން ހުރުމަކީ މެހެކް އަށް އެންމެ އުނދަގޫ އެއް ކަމެވެ. މެންދުރުގެ ކެއުން އަވަސްކޮށްލުމަށް ފަހު އަހްމަދު ފުރަން ދާން އުޅުމުން މެހެކް ބޭނުންވީ އެއަޕޯޓާއި ހަމަޔަށް ގެންގޮސްދިނުމަށެވެ.

"ނޫނޭ...ދަރިފުޅު ތައްޔާރުވެ ނިމޭ އިރު ފްލައިޓު މިސް ވެދާނެ..." އަހްމަދު ސަމާސާ ރާގުގައި ބުނި ކަމުގައިވިޔަސް މެހެކް ގެ ނިމުމެއްނެތް ސުވާލުތާކާއި ކުރިމަތިލާން މިވަގުތު ބޭނުން ނުވަނީއެވެ.

"ތީ ޝައްކެއް އޮތް ކަމެއް ނޫނެއްނު.....ހިނގާ...އައި ވިލް ގޯ....." މީކާއިލް ވަރަށް ޖޯޝާ އެކު ބުނެލިއެވެ. މެހެކް ތުން އޫކޮށްލާފައި ބޮޑާހޭކި އެވެ. މެހެކްގެ ހިތް ބުނީ މިއީ ޚުޝަލް އަށް މެސެޖް ކުރަން ރަނގަޅު ވަގުތެއް ކަމަށެވެ. މީކާއިލް އާއި އަހްމަދު ދިޔުމާއެކު އޭނަ ދެފައި ވަށް ކޮށްލައިގެން ސޯފާގައި އިށީނެވެ. އަދި ފޯނުން ހުޝަލްގެ ޗެޓްލޮގް ހުޅުވާލައި ދެޚިޔާލެއްގައި ހުރެވުނެވެ. މީކާއިލް މެދުވެރިނުކޮށް ހުޝަލް އާއި ވާހަކަ ދެއްކުން އުނދަގޫ ވި ނަމަވެސް އިތުރު ގޮތެއް ނެތުމުން ހުޝަލް އަށް މެސެޖުކުރެވުނެވެ.

" އުރުޖުވާން ގެ ފޮޓޯ ފޮނުވަދެވިނާތެ؟" މެހެކް ގެ ހިތް ބާރަށް ތެޅެމުންދިޔައެވެ. އެކި ފަހަރު މަތީން ޑިލީޓްކޮށް ލިޔެވުނު އެ މެސެޖު ފޮނުވައިލެވުނީ އެތަށް އިރެއް ވީފަހުންނެވެ.

" ކީއްކުރަން؟ކޮންކަމަކު؟ކީއްވެ؟" ހުޝަލްގެ މެސެޖުތައް ފުލުފުލުގައި އައީ މެހެކް ގެ މެސެޖު ފޮނުވިތާ ސިކުންތެއްވެސް ނުވަނީހެވެ. ހީވީ މެހެކްގެ މެސެޖަކަށް އިންތިޒާރުގައި ހުރީހެންނެވެ.

މެހެކް އަށް ނިތުގައި ބާރަށް ޖެހެވުނެވެ. ހުޝަލް ކައިރިން އަހާލެވުނުކަމުގެ މޮޔަހީވިއެވެ. ހުޝަލް ގެ ފޯނު ވަގަށް ނަގައިގެން ފޮޓޯ ބަލައިލެވުނު ނަމަވެސް މާ ރަނގަޅު ވީހޭ ހީކުރެވުނެވެ.

" ހިތަތް އަރާ ދޯ ނޭހުނު ނަމަ އޭ؟" ހުޝަލްގެ އިތުރު މެސެޖެއް އައެވެ. މެހެކް ގެ ތުންފަތުގައި ކުޅެލީ ލަދު ރަކި ހިނތުންވުމެކެވެ. ނަމަވެސް ސިކުންތެއް ނުވަނީސް މީހާ ކަރުކަހައިލާ ތަން ތަން ހޯދާލިއެވެ. މީހަކަށް ފެނިދާނެތީއެވެ. މެހެކް ގެ ހިތުގައި ހުޝަލް އަށް ވާ ކުލުނު އެއްވެސް މިހަކަށް އެނގެން ބޭނުމެއް ނުވއެވެ. ޚުދު އެކަން އަމިއްލަ ނަފްސުވެސް ގަބޫލުކުރަން ހިތް ނޭދެއެވެ.

" ފޮނުވަދީފާނަން.....ޝަރުތެއްގެ މަތީން...." މެހެކް ގެ ޖަވާބެއް ނުލިބުމުން އަނެއްކާވެސް ހުޝަލް މެސެޖުކުރިއެވެ.

"؟........" ސުވާލުމާކަކުން މެހެކް އަހާލީ ހިތުގެ ވިންދު އަވަސްވެފައި ހުރެއެވެ.

" އަ ޑޭޓް......" ހުޝްލަ ވަރަށް އވަހަށް ރައްދު ދިނެވެ. މެހެކް ގެ އަތުން ފޯނު ދޫވިއެވެ. އަދި ހިތް ބިރުގަތެވެ. "ވިތް ޔޫ އެންޑް ޔޯ ޑޭޑް....މީކާ ވެސް..." ހުޝަލް ގެ މެސެޖުން ފޯނު ރިންގު އެޅިއެވެ. ބަލަން ނުކެރި ހުރެފައިވެސް މެހެކް އަށް މެސެޖް ބަލައިލެވެމުން ލޯ ބޮޑުވެ ހިތުގެ ހިނގުން އަވަސް ވިއެވެ. އެތައް އިރެއް ވަންދެން ފޯނަށް ބަލަހައްޓައިގެން މެހެކްއަށް އިނދެވުނީ ދޭން ވާ ޖަވާބު ރަނގަޅަށް އެނގި ހުރެ ނަމަވެސް އެއީ ހަގީގަތް ކަން ގަބޫލު ނުކުރެވިފައި ހުރއެވެ. ހުޝަލް އިންތިޒާރުގައި ކެތްމަދުވަފައި ހުރިކަން ދޭހަވަނީ މެސެޖް ލިޔެ ފޮހޭ ތަން ފެނުމުންނެވެ.

" އިންޝާﷲ. ވީ އެންމެ އަވަހަކަށް. ބައްޕަ ދުރުވުމުން.. ނެކްސްޓް ވީކް..." މެހެކް އެ މެސެޖް ލިޔެލިއިރު ކޯތާފަތް ހޫނު ވެފައި ރަތް ވިއެވެ.

ފޮނުވި މެސެޖަށް ރައްދެއް ދިނުމެއް ނެތި ވަގުތުން ހުޝަލް ފޮނުވީ މާޒިމް އާއި އުރުޖުވާން އެކީގައި ނަގާފައި ހުރި ފޮޓޯއެކެވެ. މެހެކް ގެ ލޯ ތަތް ވެފައިވީ އުރުޖުވާން އަށެވެ. އެ ހިނދު ހުޝަލް އާއި ދެކެވުނު ވާހަކަ އަށް ވެސް ސަމާލުކަމެއް ނެތެވެ. މެހެކް އަށް އުރުޖުވާންގެ ލޯބި މޫނުން މެހެކް ގެ އަމިއްލަ ސޫރަ ފެންނަ ފަދައެވެ. ގާތް ކަމެއް އެ ބެލުމުގައިވިއެވެ. އަދި ކަރުނުން އެ ލޯ ފުރުނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު