އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލުން ޔުނައިޓެޑް ޖާގަ ހޯދައިފި

ޔުނައިޓެޑްގެ ފަހު ޕެނަލްޓީ ހޮއިލުންޑް ކާމިޔާބު ކޮށްދެނީ / ފޮޓޯ: ދި ސްޓާ

އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލުން މެންޗެސްޓާ ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ.

މި މުބާރާތުގެ ފައިނަލުން ޔުނައިޓެޑް ޖާގަހޯދާފައިވަނީ ސެމީފައިނަލްގައި ކޮވެންޓްރީ ސިޓީ އާއި ބައްދަލުކޮށް ވަރަށް އުނދަގުލުން މެޗު ކާމިޔާބު ކޮށްގެންނެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައިވަނީ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވިއިރު ތިން ލަނޑު ތިން ލަނޑުން ދެ ޓީމު އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން ހަތަރު ލަނޑު ދެ ލަނޑުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑުންނެވެ. މިގޮތުން މި މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުންވަނީ މޮޅު ކުޅުމެއް ދައްކާ ކޮވެންޓްރީގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލައިފައެވެ.

މިގޮތުން ޔުނައިޓެޑުންވަނީ މެޗުގެ 23 ވަނަ މިނެޓުގައި ސްކޮޓް މެކްޓޮމިނޭ ޖަހައިދިން ލަނޑާއެކު މެޗުގެ ލީޑު ނަގައިފައެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ހެރީ މެގުއާ ޖަހައިދިން ލަނޑާއެކު ޔުނައިޓެޑުން މި މެޗުގައި ދެ ލަނޑުގެ ލީޑެއް ނެގިއެވެ.

މި މެޗުގެ ދެވަނަ ހާފު ވެސް ޔުނައިޓެޑުން ފެށީ ފުރަތަމަ ހާފު ނިންމާލި ހިސާބުންނެވެ. މިގޮތުން މެޗުގެ 58 ވަނަ މިނެޓުގައި ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ޖަހައިދިން ލަނޑާއެކު މި މެޗުގައި ޔުނައިޓެޑުން ތިން ލަނޑުގެ ލީޑެއް ނަގައި ހަމަޖެހިލިއެވެ.

މިހާ ހިސާބުން މި މެޗު ޔުނައިޓެޑުން ކާމިޔާބުކޮށް ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފިކަމަށް ގިނަ ބަޔަކަށް ހީވެގެންދިޔައެވެ. ނަމަވެސް ހިތްވަރު އެލުވާނުލާ ކޮވެންޓްރީގެ ކުޅުންތެރިން ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 71 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ކުޑަކުރުމެވެ.

މި ލަނޑު އެ ޓީމަށް ޖަހައިދިނީ އެލީސް ސިމްސްއެވެ. އަދި މި ލަނޑު ޖެހިތާ އަށް މިނެޓު ފަހުން ކެލުމް އޯހާރޭ ޖަހައިދިން ލަނޑާއެކު މެޗުގެ ފަހު 10 މިނެޓުގެ ފޯރި އިތުރަށް ގަދަވެގެންދިޔައެވެ.

ކޮވެންޓްރީއިން މި ވަގުތު ކޮޅުގެ ތެރޭގައި ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުންދިޔައިރު ޔުނަައިޓެޑުން ދިޔައީ ލިބިފައިވި އެއް ލަނޑުގެ ލީޑާއެކު މެޗު ނިންމާލެވޭތޯ މަސައްކަތް ކުރަމުންނެވެ.

މި މަސައްކަތުގައި މެޗުގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި ކާމިޔާބު ލިބިގެންދިޔައީ ކޮވެންޓްރީ އަށެވެ. މިގޮތުން އެ ޓީމަށް ލިބިގެންދިޔަ ޕެނަލްޓީ ކާމިޔާބު ކޮށްދީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ހާޖީ ރައިޓްއެވެ.

މިއާއެކު ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވުމުން ނަތީޖާ ނެރުމަށް ޓަކައި އިތުރު ވަގުތުގެ ދެ ހާފު ކުޅުނެވެ. މި ދެ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ލިބި ބޭކާރު ވެގެންދިޔައެވެ.

އަދި އިތުރު ވަގުތުގެ ކުޅުން ހަމަވާން ގާތްވެފައިވަނިކޮށް ކޮންވެންޓްރީގެ ވިކްޓާ ޓޯޕް އެޓީމަށް ލީޑު ނަގައިދެވުނު ކަމަށް ހީވެ އެޓީމުގެ އެންމެން އުފާފާޅު ކޮށް އަދި ޔުނައިޓެޑުގެ ހުރިހާ ކުޅުންތެރިން މާޔޫސްވެގެންދިޔަ ތަން ފެނިގެންދިޔަ ނަމަވެސް ވީއޭއާރުން ބެލުމަށްފަހު އެ ލަނޑު ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ. މިއާއެކު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.

ޕެނަލްޓީ ޝޫޓް އައުޓްގައި ކަސެމީރޯ ޖެހި ޔުނައިޓެޑުގެ ފުރަތަމަ ޕެނަލްޓީ ކޮވެންޓްރީގެ ކީޕާ ބްރެޑްލީ ކޮލިންސް ދިފާއު ކުރި ނަމަވެސް އެޓީމުން ދެން ޖެހި ހަތަރު ޕެނަލްޓިވެސް ވަނީ ކާމިޔަބު ކޮށްފައެވެ.

އޭގެ ބަދަލުގައި ކޮވެންޓްރީގެ ފުރަތަމަ ޕެނަލްޓީ ކާމިޔާބު ކުރެވުނު ނަމަވެސް ދެން ޖެހި ދެ ޕަނަލްޓީގެ ތެރެއިން އެއް ޕެނަލްޓީ ޔުނައިޓެޑްގެ ކީޕާ އަންޑްރޭ އޮނާނާ ދިފާއު ކުރިއިރު ކޮވެންޓްރީގެ ކެޕްޓަން ބެން ޝީފް ޖެހި ޕެނަލްޓީ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މިކާމިޔާބީއާއެކު ޔުނައިޓެޑުން މިމުބާރާތުގެ ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފައިވާއިރު ފައިނަލްގައި އެ ޓީމާއި މި ފަހަރު ވެސް ބައްދަލުކުރާނީ މިދިޔަ އަހަރުގެ ފައިނަލްގައި ބައްދަލުކޮށް ޗެމްޕިއަންކަން ހޯދި މެންޗެސްޓާ ސިޓީއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު