ސުޓުޓްގާޓް އޯޕަންގެ ސެމީފައިނަލުން ޝްވާޓެކް ޖާގަ ހޯދައިފި

ޝްވާޓެކް އަންނަނީ ސުޓުޓްގާޓް އޯޕަންގައި ވޭތިވެދިޔަ ދެ އަހަރުވެސް މޮޅު ކުޅުމެއް ދައްކަމުން / ފޮޓޯ: ޓެނިސް ޑޮޓް ކޮމް

ޖަރުމަނުވިލާތުގައި މިހާރު ކުރިއަށްދާ ސުޓުޓްގާޓް އޯޕަން ޓެނިސް މުބާރާތުގެ ސެމީފައިނަލުން މިމުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ޕޯލަންޑްގެ އީގާ ޝްވާޓެކް ޖާގަހޯދައިފިއެވެ.

މިމުބާރާތުގެ ސެމީފައިނަލުން ޝްވާޓެކް ޖާގަހޯދާފައިވަނީ ކުއާޓާ ފައިނަލްގައި އިނގިރޭސިވިލާތުގެ އެމާ ރަޑުކާނޫއާ ބައްދަލުކޮށް ސީދާ ދެސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ފުރަތަމަ ސެޓު ޓައި ބްރޭކަކަށް ގޮސް ހަތެއް ދެއަކުން ޝްވާޓެކް ކާމިޔާބު ކުރިއިރު ދެވަނަ ސެޓު އޭނާ ކާމިޔާބު ކޮށްފައިވަނީ ހައެއް ތިނަކުންނެވެ.

ޝްވާޓެކްއަކީ ކްލޭ ކޯޓު މުބާރާތްތަކުގެ މާހިރެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ކުޅުންތެރިއެކެވެ. އޭނާވަނީ އެންމެ ފަހުން ބޭއްވި ސުޓުޓްގާޓް އޯޕަން މުބާރާތްވެސް ކާމިޔާބު ކޮށްފައެވެ. އަދި މިދިޔަ ސީޒަންގެ ބޮޑު ބައި އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހޭދަކުރި ރަޑުކާނޫ މިސީޒަންގައި ފަހަކަށް އައިސް ވަނީ އަނެއްކާވެސް ރަނގަޅު ކުޅުމެއް ދައްކަން ފަށައިފައެވެ.

މިމުބާރާތުގެ ސެމީފައިނަލްގައި ޝްވާޓެކް ބައްދަލު ކުރުމަށް ހަމަޖެހިފައިވަނީ ހަތަރު ވަނައަށް ސީދު ކުރެވިފައިވާ ކަޒަކިސްތާންގެ އެލޭނާ ރީބަކީނާ އާއެވެ. މިމުބާރާތުގެ ސެމީފައިނަލްއިން ރީބަކީނާ ޖާގަހޯދީ ކްއާޓާ ފައިނަލްގައި އިޓަލީވިލާތުގެ ޖޭސްމީން ޕައޮލީނީ އާއި ބައްދަލުކުރި މެޗު ދެސެޓު އެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ.

މިމެޗުގެ ފުރަތަމަ ސެޓު ރީބަކީނާ ހައެއް ތިނަކުން ކާމިޔާބު ކުރިއިރު ދެވަނަ ސެޓު ޕައޮލީނީ ކާމިޔާބު ކޮށްފައިވަނީ ފަހެއް ހަތަކުންނެވެ. މިމެޗުގެ ފަހު ސެޓު ރީބަކީނާ ކާމިޔާބު ކޮށްފައިވަނީ ހައެއް ތިނަކުންނެވެ. ދެވަނަ ސެމީފައިނަލަށް ބަލާލާއިރު މިމުބާރާތުގައި ދެވަނައަށް ސީޑު ކުރެވިފައިވާ ބެލަރޫސްގެ އަރީނާ ސަބަލެންކާވަނީ ކްއާޓާ ފައިނަލްގައި އެންމެ ފަހުގެ ވިމްބަލްޑަން ޗެމްޕިއަން އަދި މިމުބަރާތުގައި ހަވަނައަށް ސީޑު ކުރެވިފައިވާ ޗެކް ރިޕަބްލިކްގެ މާކެޓާ ވޮންޑްރޮސޯވާ އަތުން ބަލިވެފައެވެ.

މިމެޗު ވޮންޑްރޮސޯވާ ކާމިޔާބު ކޮށްފައިވަނީ ތިނެއް ހަޔެއް، ހައެއް ތިނެއް އަދި ހަތެއް ފަހަކުންނެވެ. މިސީޒަންގެ ފުރަތަމަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން ކާމިޔާބު ކުރި ފަހުން މިހާތަނަށް އެެއްވެސް މުބާރާތެއްގެ ކުއާޓާ ފައިނަލަށް ވުރެ ދުރަށް ސަބަލެންކާއަށް ދެވިފައެއް ނުވެއެވެ.

ސެމީފައިނަލްގައި ވޮންޑްރޮސޯވާ ބައްދަލު ކުރާނީ ޔޫކްރެއިންގެ މާޓާ ކޮސްޓުޔުކް އާއެވެ. ކޮސްޓުޔުކް ސެމީފައިނަލުން ޖާގަހޯދީ ކްއާޓާ ފައިނަލްގައި އެމެރިކާގެ ކޯކޯ ގައުފްއާ ބައްދަލުކޮށް ތިނެއް ހައެއް، ހައެއް ހަތަރެއް އަދި ހަތެއް ހަޔަކުން ކާމިޔާބު ކޮށްގެންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު