ދުރުގައި ވާން ނޭދުނަސް ހިތް... 06

"ކަލޭމެން ދެމީހުން ކޮން ގުޅުމެއް އޮންނަނީ؟" އެ ފިރިހެންމީހާގެ އެ ޖުމްލަ ކަންފަތުގައި ގުގުމައިލުމާއެކު އިޝްފާން އިތުރަށް ކަންބޮޑުވިއެވެ. އޭނާގެ އެ އަމަލުގެ ސަބަބުން ޒައިނާއަށް އިތުރު ތަކުލީފެއް އުފަލަން ޖެހިދާނެތީ އެވެ.

އެ އަންހެން ކުއްޖާއަށް އޭނާގެ ފަރާތުން ދެރައެއް ލިބިދާނެތީ އެހާ ހާސްވާން ޖެހުނު ސަބަބެއް އިޝްފާންއަށް ވިސްނައިގަންނާކަށް ނޭނގުނެވެ. ޒައިނާގެ ކަރުނުން ފުރިފައިވީ ދެލޮލުން އެތަކެއް ވާހަކައެއް ބުނެދިނެވެ. ނޭނގުނު ނަމަވެސް, އެ ދެލޮލުން އޭނާއަށް އަސަރުތަކެއް ކޮށްފިކަން ގައިމެވެ. ދޮރުފަތުގައި ލެނގިލައިގެން އޭނާއަށް އެތައް އިރަކު އެފަދަ ވިސްނުންތަކެއްގައި ހުރެވުނެވެ.

އިޝްފާން ދިޔަ މަންޒަރު ބަލަން ހުރުމަށްފަހު، ނިހާދު ޒައިނާއާ ކުރިމަތިލިއެވެ.

"ކާކު އެއީ؟" އޭނާގެ އަޑުގައި ވަނީ ނުރައްކާތެރި އަސަރެކެވެ.

"ނޭނގެ…" ދެފަރާތަށް ބޯ ހޫރާލަމުން، ޒައިނާ އަވަސް އަވަހަށް ބުނެލީ އެކަން ނިހާދަށް ޔަޤީންކޮށްދޭން ބޭނުންވެގެން އުޅޭ ފަދަ ގޮތަކަށެވެ.

"ކާކުކަން ނޭނގެންޏާ އޭނަ އައިސް އަހަރެމެން ދެމީހުން ދޭތެރެއަށް ވަންނަން ޖެހޭތަ؟" ނިހާދު ޒައިނާއާ ކައިރިއަށް ފިޔަވަޅެއް އަޅާލުމާއެކު, ޒައިނާ ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ.

"ހަމަ ހުވާ އަހަންނަކަށް ނޭނގެ. ނިހާދު! ނިހާދު ބޭރުގައި އަހަންނަށް އަނިޔާ ކުރަންޏާ މީހުންނަށް ފެނުނީމަ އަންނާނެ ދޯ! އަޑު އިވުނީމަ އެ ވާހަކަވެސް ދައްކާނެ. ވީއިރު މިކަމުގައި އަހަރެންގެ ކުށަކީ ކޮބާ؟" ޒައިނާ އޭނާގެ އަމިއްލަ ނަފްސު ދިފާޢުކުރަން މަސައްކަތް ކުރިއެވެ.

ދެބުމަ ގޮށްޖަހާލައިގެން ހުރި ނިހާދު އައިސް ޒައިނާގެ އަތުގައި ހިފެއްޓީ ވަރަށް ބާރަށެވެ. ތަދުވީވަރުން ޒައިނާގެ ދެ ތުންފަތް ފޫ އަޅުވާލާފައި މަޑު އާހެއްގެ އަޑު ނުކުތެވެ. ނިހާދު އޭނާ ދަމާފައި ކަހަލަ ގޮތަކަށް ގެއާ ދިމާލަށް ހިނގައިގަތެވެ.

އޭގެ އިރުކޮޅެއްފަހުން އިޝްފާން ދޮރު ހުޅުވާލާފައި ނުކުމެލާ ޒައިނާމެންގޭ ގޯތިތެރެއަށް ބަލައިލިއެވެ. އޭރު ޒައިނާއާ އެ ފިރިހެންމީހާ ފެންނާކަށް ނެތެވެ. އެ ފިރިހެން މީހާއާ ޒައިނާގެ ގުޅުމާމެދު އިޝްފާންއަށް ވިސްނައިލެވުނީ ދެނެވެ. އެއީ ޒައިނާގެ ފިރިމީހާ ނޫން ދެވަނަ މީހެއް ނޫންކަމުގައި އޭނާގެ ސިކުނޑި ބުނެލުމާއެކު, ކުޑަ މަޑުޖެހުމެއް އިޝްފާންއަށް އައެވެ.

***

ފާރުގައި ލެނގިލައިގެން ދެ އަތުގެ ތެރޭގައި މޫނު ފޮރުވާލައިގެން އިނދެ ރޮމުން ދިޔަ ޒައިނާގެ މުޅި ހަށިގަނޑުގައިވެސް މަޑުމަޑު ތުރުތުރު އެޅުމެއް ވެއެވެ. އޭނާގެ ކޯތާފަތް ވަނީ ކޮންމެވެސް ވަރަކަށް ނޫފައިގަނެފައެވެ. ޒައިނާއަށް އަނިޔާވެރިވުމަށްފަހު, ނިހާދު ނުކުމެގެން ދިޔަ ދޮރާ ދިމާލަށް ޒައިނާ ބަލައިލީ ކަރުނައިގެ ސަބަބުން ފުސްވެފައިވާ ދެލޮލާ އެކުގައެވެ. ތެދުވެ ހިނގައިގަންނަން އުޅުނު ނަމަވެސް، ބޮލަށް އެނބުރުން އަރާ މީހާ އަރި އަޅާލަން އުޅުމުގެ ސަބަބުން ފާރުގެ އެހީ ހޯދައިލަން ޒައިނާއަށް މަޖުބޫރުވިއެވެ.

އިރުކޮޅަކު ފާރުގައި ލެނގިލައިގެން ޒައިނާ ހުއްޓެވެ. އެއަށްފަހު, މަޑުމަޑުން ހިނގާލާފައި ގޮސް އެނދުގައި އޮށޯވެލިއެވެ.

ހަވީރުގެ ވަގުތެވެ. ގޭތެރެ ފޮޅާ މޮޕް ކޮށްލުމަށްފަހު, ޒައިނާ ގަސްތުކުރީ ބޭރަށް ނުކުމެލުމަށެވެ. ޒައިނާ ބޭނުންވީ އޭނާގެ ހިތަށް ކުޑަ ނަމަވެސް، ތަސައްލީއެކެވެ. ގެއިން ނުކުމެ އޭނާ މިސްރާބުޖެހީ ރަށުގެ ފުއްޓަރު ފަރާތާ ދިމާލަށެވެ. މަގުގެ ދެފަރާތުގައި ބޮޑެތި ބިޔަ ގަސްތަކާއި، ހެދިފައިވާ ރުށްތަކުގެ ސަބަބުން މަގަށް ވަނީ ހިޔާ އެޅިފައެވެ. އެހެންްނަމަވެސް، އެ މަގުން މީހަކުވެސް ފެންނާކަށް ނެތެވެ. ފުއްޓަރާ ހިސާބަށް އާދެވުމާއެކު، ބިންދަމުން ދިޔަ ބޮޑެތި ރާޅުތަކުގެ ސަބަބުން ތަނުގެ ހިމޭންކަން ނަގާލާފައި ވީނަމަވެސް، އެ އަޑު އިވުމުން ޒައިނާއަށް ހިތްހަމަޖެހުމެއް ލިބުނެވެ. އުޑުމަތީގައި އުދުހޭ ދޫނިތަކުގެ އަޑު ވެސް އިރުއިރުކޮޅުން އިވެއެވެ. ފުއްޓަރުގެ އަކިރިތައް މަތިން ހިނގާލާފައި ގޮސް ޒައިނާ އިށީނީ އެތަނުގައި އޮތް ބޮޑު ގަލެއްގެ މަތީގައެެވެ. އޭނާގެ ޙަޔާތުގައިވީ ހިތްދަތިކަމާ މެދު ވިސްނާ ހިތާމަކުރަން ބޭނުން ނުވާ ޙާލު ޒައިނާ އޭނާގެ ހިތް، ޤުދުރަތީ އެ މަންޒަރަށް ދޫކޮށްލައިގެން އިނެވެ. ރާޅުތަކުގެ މިއުޒިކީ އަޑުން އެހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބެމުން ދިޔައެވެ. އެހެން އިނދެލާފައި އޭނާ ދެތިން ފުން ނޭވާލީ ހަށިގަނޑުގައި ހުރި އުދާސްތައް ދޫކޮށްލުމުގެ ނިޔަތުގައެވެ. ހަށިގަނޑަށް ކޮންމެވެސް ކަހަލަ އަރާމެއް އޭނާ ބޭނުމެވެ.

***

ފެންވަރާލައިގެން ނުކުތް އިޝްފާން ލީ ގަޔަށް ދޫ އަތްދިގު ޓީޝާޓަކާއި ޖީންސެކެވެ. ދިގު އިސްތަށިގަނޑު ހުޅިއަކަށް ޖަހާލަމުން، އޭނާ ފޯނު ނަގަމުން ކޮޓަރިން ނުކުމެލިއެވެ. ސިޓިން ރޫމު ސޯފާމަތީގައި އޮތް ކޭޝް ކާޑާ ވޮލެޓް ޖީބަށްލަމުން ގޮސް ގެއިން ނުކުތެވެ. އޭނާ އެންމެ ފުރަތަމަ ދިޔައީ ކުރިން ވެސް ދިޔަ ފިހާރައަށެވެ. އެކްސެލް ދަޅެއް ގަނެގެން ދެން އޭނާ މިސްރާބުޖެހީ ރަށުގެ ފުއްޓަރު ފަރާތަށެވެ. ފުއްޓަރާ ހިސާބަށް އާދެވުމުން ދަޅު ކަނޑާލާފައި އޭނާ އެތި ފޮތެއް ބޯލިއެވެ. އަކިރިތައް މަތިން ހިނގާލާފައި ގޮސް އެއްފަރާތަކަށް ޖެހިލުމާއެކު، އެތަނުގައި ހުރި ގަސްތަކެއްގެ ކައިރީގައި އޮތް ގަލެއްގެ މަތީގައި އިށީނދެލައިގެން އިން ޒައިނާ އިޝްފާންގެ ލޮލުގައި އަޅައިގަތެވެ. އެކްސެލް ދަޅު ތިރިކޮށްލުމާއެކު، އޭނާ ޒައިނާއަށް ބަލައިލިއިރު، ޒައިނާވެސް އެ ދިމާލަށް ބަލައިލަނީއެވެ. އިޝްފާން ފެނުމާއެކު ޒައިނާއަށް އިޝްފާންއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރެވުނެވެ. އޭނާ ރަނގަޅަށް އިޝްފާންއަށް ބަލާލިއެވެ. ހަށިގަނޑު ހިކި ނަމަވެސް އައިބެއް ނޫނެވެ. މިއަދު ހެނދުނެކޭ އެއްގޮތަކަށް އިސްތަށިގަނޑު ވަނީ ހުޅިއަކަށް އައްސާލާފައެެވެ.

މޭކަޕުން ޒައިނާ އޭނާގެ ކޯތާފަތުގައިވާ ނިޝާން ފޮރުވާލަން މަސައްކަތް ކޮށްފައި ވީނަމަވެސް، އެތަން އިޝްފާންގެ ލޮލުގައި އަޅައިގަތެވެ. އެއާއެކު އޭނާގެ ހަށިގަނޑުގައި ފާޑެއްގެ ފިނިކަމެއް ދައުރުކޮށްލިއެވެ. އެއީ މިއަދު ހެނދުނު ޒައިނާގެ ކޯތާފަތުގައި ނެތް ނިޝާނެއްކަމުން، ވީ ގޮތް ރަނގަޅަށް އޭނާއަށް އެނގިއްޖެއެވެ. އޭނާގެ ސަބަބުން ޒައިނާއަށް އެފަދަ އަނިޔާއެއް ލިބުނީތީ އަމިއްލަ ނަފްސު ކުށްވެރިވެސް ކުރެވުނެވެ. އެއީ އަދި އޭނާއަށް ފެނުނު ޒަޚަމެކެވެ. ޒައިނާގެ ހަށިގަނޑުގައި ނުފެންނަ ކިތައް ޒަޚަމު ވާނެހެއްޔެެވެ؟

ކުރިމަތީގައި އެ ހުރި ޒުވާނާގެ ނަޒަރު ހުރީ އޭނާގެ ކޯތާފަތަށްކަން ފަހުމްވި ޒައިނާއަށް ބޭއިޚްތިޔާރުގައި އޭނާގެ ކޯތާފަތުގައި އަތް ޖައްސާލެވުނެވެ. އޭނާ އިޝްފާންއާ ނަޒަރު ވަކިކޮށްލަމުން ދުރު ބަލައިލި ނަމަވެސް، ދެވަނަ ސިކުންތުގައި އަނެއްކާވެސް އިޝްފާންއަށް ބަލާލިއެވެ. ޒައިނާ މަޑުމަޑުން ތެދުވިއެވެ. އިޝްފާން އޭރުވެސް ހުރީ ޒައިނާއަށް ބަލަހައްޓައިގެންނެވެ. ޒައިނާގެ މޫނުމަތިން މިހާރު ފެންނަނީ ހުސްކަމެކެވެ. އެ މޫނުމަތިން އެފެންނަމުން ދާ އަސަރުތައް މާނަކުރާކަށް އިޝްފާންއަކަށް ނޭނގުނެވެ. އެހެންނަމަވެސް، އެ ވަގުތު ޒައިނާއާ ވާހަކަ ދައްކަން އޭނާގެ ހިތް ގޮވާލުމާއެކު، އިޝްފާން ފުންނޭވާއެއް ދޫކޮށްލިއެވެ. ޒައިނާއަށް ފަރުވާތެރިކަމާއެކު އޭނާ ބަލާލިއެވެ. އަޅާފައިވާ ކަޅުކުލައިގެ ޝޯލްއާއެކު ޒައިނާ ލާފައި ހުރީ ޗޮކްލެޓް ކުލައިގެ ދިގު ހެދުމެކެވެ. ގަޔަށް ދޫނަމަވެސް، ޒައިނާގެ ރީތިކަން ފަނޑެއް ނޫނެވެ.

"އެއީ ފިރިމީހާތަ؟" އެނގެން ބޭނުންވެފައި ހުރި ފަދަގޮތަލަށް އިޝްފާން ސުވާލުކޮށްލީ އޭނާގެ ހިތުގައި އުފެދުނު ސުވާލުތަކުގެ ޖަވާބު ހޯދުމުގެ ޝައުޤުވެރިކަމާ އެކުގައެވެ. އެއްވެސް އެއްޗެއް ނުބުނެ ޒައިނާ ހުންނަން ފެށުމުން އިޝްފާންއަށް އުނދަގޫވިއެވެ. އިޝްފާންއަކީ ކުދި ކުދި ކަންތައްތަކާ ރުންކުރުވާ ޒުވާނެއްކަމުން، ޒައިނާގެ އެ ހިމޭންކަމުން އޭނާ މިފަހަރުވެސް ހިތްހަމަނުޖެހޭ ގޮތްވިއެވެ.

"އަހަން ނުޖެހޭ ވަރު އެއްޗެއްތަ މި އެހުނީ؟ އެ ގަޑީގައި އެ ވީ ކަންތަކަށް ފަހު އެހެން އަހާލުން އެއީ މައްސަލައެއް ނޫން ކަންނޭނގެ. ކިތަންމެ ރަނގަޅަށް ކަމެއް ކޮށްދިނަސް، އެއްވެސް މީހަކަށް އެ ކޮށްދޭ ކަންތައް ރަނގަޅެއް ނުވާނެ!" ޒައިނާއަށް ބަލަހައްޓައިގެން ހުރެ ދެވަނަ ފަހަރަށްވެސް އިޝްފާން ވާހަކަ ދެއްކިއެވެ.

"ކިހިނެއްވީ؟ އެ ގަޑީގައި އަހަރެން ސަލާމަތްކޮށްދިނީމަ އެކަމާ އަހަރެން ޝުކުރުވެރިވާންވީތަ؟" އޭގެ ފަހުން ކަންތައްވީ ގޮތް ސިކުނޑީގައި ދައުރުވާން ފެށުމާއެކު، ޒައިނާއަށް އެހެން ބުނެވުނީ ގަސްތަކު ނޫނެވެ. ކުރިމަތީގައި ހުރި ޒުވާނާ ކިތަންމެ ހެޔޮ ނިޔަތެއްގައި އެކަން ކުރި ނަމަވެސް، އެކަމުގެ ސަަބަބުން އޭނާއަށް ލިބުނީ އިތުރު ތަކުލީފަކާއި ވޭނެކެވެ. އިތުރު އަނިޔާއެކެވެ. ޒައިނާގެ އެ ޖުމްލަތަކުގައި ހަރުކަށިކަމެއް ހުރި ނަމަވެސް، އެ އަޑު ނުކުތީ ވަރަށް މަޑުންނެވެ. ހީވަނީ އޭނާއަށް ލިބުނު ވޭނުގެ ސަބަބުން އެ ހާދިސާއާމެދު ހިތާމަ ކުރަނީ ހެންނެވެ.

"ތި މީހަކު ކާކު ބުނެގެންތަ އައިސް އަހަރެމެން ދެމީހުން ދޭތެރެއަށް ވަންނަން ޖެހުނީ؟" ޒައިނާގެ އަޑުގައި ވަނީ ޝަކުވާއެވެ.

"އަންހެނަކަށް ބޮޑު ފިރިހެނަކު އެފަދަ ގޮތަކަށް އަނިޔާވެރި ވާތަން ބަލަން ހުންނާށޭތަ ތި ބުނަނީ؟ އެ ޙާލަތުގައި އެތަނުގައި ހުރީ އެހެން އަންހެނެއްނަމަވެސް، އަހަންނަކަށް ބަލާކަށް ނުހުރެވޭނެ." އިޝްފާން ބުނެލިއެވެ.

"އޭގެ ފަހުން ހެޔޮތަ އެއަށް ވުރެ ބޮޑު އަނިޔާއެއް ލިބުނަސް." ޒައިނާއަށް ވެސް ބުނެވުނެވެ.

"ފިރިމީހާތަ އެއީ؟" އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު، އިޝްފާން އަނެއްކާވެސް ސުވާލުކޮށްލިއެވެ.

"ކީއްކުރަން ބަލަނީ؟ ތި މީހަކަށް ކޮން ކަމެއްތަ؟" ޒައިނާ ދުރުބަލާލިއެވެ. އެ މޫނުމައްޗަށް ވެރިވި ކުލަވަރުރަކުން އެއީ ޒައިނާގެ ފިރިމީހާކަން އިޝްފާންއަށް ޔަޤީންވިއެވެ. އެވަގުތު އިތުރު އެއްޗެއް ބުނަން އޭނާ އުޅުުނު ނަމަވެސް، ފޯނު ރިންގްވުމާއެކު، މަޑުޖެހިލަމުން ޖީބުގައި އޮތް ފޯނު ނަގާ ބަލާލިއެވެ. ފޯނު ނަގާފައި، ކަންފަތުގައި ޖައްސާލަމުން އިޝްފާން އެނބުރިލިއެވެ.

"މަޑުކޮށްލައްޗޭ..." ފޯނުން ވާހަކަ ދައްކަމުން ދިޔަ މީހާއަށް އެހެން ބުނެލާފައި އިޝްފާން އެނބުރިލިއެވެ.

"ބައިދަވޭ އަހަންނަށް ކިޔަނީ ތި މީހާއެއް ނޫން. އިޝްފާން…" އެހެން ބުނެލާފައި އިޝްފާން ފަސް އެނބުރި ހިނގައިގަތެވެ. އޭނާ ގޮސް މަގަށް ނުކުތެވެ.

"ރަނގަޅުތަ؟ ކާކާ ތިހާ ރޫޑްކޮށް ވާހަކަ ދެއްކީ؟" ސަވާ ސުވާލުކޮށްލިއެވެ.

"އެއީ މީހެއް ނޫން. " އިޝްފާން ކުރު ޖަވާބެއް ދިނެވެ.

"އިޝްފާން." އިޝްފާން ލޯ މަތިން ގެއްލުމުން ހިތާހިތުން ޒައިނާއަށް އެ ނަން ކިޔާލެވުނެވެ. ޒައިނާ އަވަށު ތެރެއަށް ދާން ހިނގައިގަތީ ބަންގީގެ އަޑު އޭނާގެ ކަންފަތުގައި ޖެހުމުންނެވެ. އޭނާ ގެއަށް ގޮސް އެންމެ ފުރަތަމަވެސް، ވުޟޫކޮށްގެން ނަމާދުކޮށްލިއެވެ. އެއަށްފަހު ޤުރުއާން ކިޔަވާލާލިއެވެ. ނިހާދު ގެއަށް އައީ އޭނާ އިޝާ ނަމާދު ކޮށް ނިމިގެން ސިޓިން ރޫމަށް ނުކުތްތަނާހެންނެވެ. އެއްވެސް މޭކަޕެއް ނެތް އެ މޫނުމަތިން މިހާރު، ކޯތާފަތުގައި ރަތްވެފައިވާ ނިޝާން ރީތިކޮށް ފެންނަމުން ދިޔައެވެ. ސޯފާގައި އިން ޒައިނާއަށް ބަލައިލާފައި ނިހާދު އެ ދިޔަ ގޮތަށް ގޮސް ބަންލާފައި ދޮރު ޖެހުމާއެކު ޒައިނާ ދިޔައީ ސިއްސައިގެންނެވެ. ޒައިނާ އެ އިން ގޮތަށް އިންދާ ނިހާދު ފެންވަރާ ތާޒާވެލައިގެން ނުކުތުމާއެކު، އޭނާ ޖަހާފައި ހުރި ފިރިހެން ސެންޓުގެ ވަސް، މުޅި ތަނަށް ފެތުރިގެން ދިޔައެވެ. ޒައިނާއަށް ބަލައިލުމަށްފަހު، އެއްޗެއް ބުނުމެއް ނެގި ނިހާދު ނުކުމެގެން ދިޔުމާއެކު، ޒައިނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.

***

އޭގެފަހުން ދެ ދުވަސް ފާއިތުވެގެން ދިޔައިރުވެސް، އިޝްފާންއާ ޒައިނާއަށް އެކަކު އަނެކަކު ނުފެނެއެވެ. ގޭގެ ގޯތިތެރެއަށް ނުކުންނަ ކޮންމެ ފަހަރަކު އިޝްފާންއަށް ވެސް ޒައިނާމެން ގޯތި ތެރެއަށް ބަލާލެވެއެވެ. ކީއްވެކަމެއް ނޭނގެއެވެ. އެ އަންހެން ކުއްޖާ ނުފެނުމުން އިޝްފާން ކަންބޮޑުވަނީއެވެ. ހާސްވަނީއެވެ ކީއްވެކަމެއް ނޭނގެއެވެ. ޒައިނާގެ ޙާލު އެނގެން އޭނާ ބޭނުންވަނީއެވެ. އަނެއްކާ ފިރިމީހާގެ ފަރާތުން ލިބުނު ގޯނާތަކަށް ކެތްނުކުރެވިގެން، ޒައިނާއަށް ކަމެއް ވީ ހެއްޔެވެ؟ ޒައިނާގެ ޙާލަތު އެނގެން އިޝްފާން ބޭނުންވިނަމަވެސް، އެގެއަށް ދިޔުމަކީ ރަނގަޅު ގޮތެއް ނޫންކަން އޭނާއަށް ވިސްނޭތީ އެގޮތަށް ކަންތައްކުރަން ޖެހިލުންވަނީއެވެ. އަންހެންކުއްޖަކަށް ނުހައްޤުން އަނިޔާއެއް ލިބޭތަން ބެލުމަކީ އޭނާއަށް ނުހަނު އުނދަގޫކަމެކެވެ. އިޝްފާން އޭނާގެ ހިތަށް ވިސްނައިދިނީވެސް އެހެންނެވެ. ޒައިނާއާ މެދު އެހާ ވަރަަށް އޭނާއަށް އެ ވިސްނެނީ ވަކި، ޒައިނާއާ މެދު އެހިތުގައި އިޙްސާސްތަކެއް އުފެދިގެން ނޫންކަމެވެ. އެ މަޤާމުގައި އެހެން އަންހެން ކުއްޖަކު ހުރި ނަމަވެސް، އޭނާ ކަންތައް ކުރާނީ އެގޮތަށެވެ. ޙަޔާތުގައި ކުރެވުނު ހިތި ތަޖުރިބާތަކަށްފަހު، މީހަކަށް އަނިޔާ ލިބޭތަން ބަލަން ހުރުމަކީ އޭނާއަށް ކުރެވޭކަމެއް ނޫނެވެ. ވިސްނެން ފެށުމުން އޭނާއަށް އުނދަގޫވާން ފެށިއެވެ. ޖޯލިން ތެދުވުމާއެކު ގޮސް ގެއަށް ވަދެ ދޮރު ލައްޕާލިއެެވެ. އެއަށްފަހު ކޮޓަރިއަށް ވަނުމަށްފަހު، ދަބަސް ހުޅުވާލިއެވެ. އެ ހޯދާ އެއްޗެއް ނުފެނުމުން އޭނާ ދަބަސް ބަންޑުން ޖެހިއެވެ. އެ ހިނދު ޓައިލްސްތަކު މައްޗަށް ވެއްޓުނީ އޭގެ ތެރޭގައި އޮތް ފައިލެކެވެ.

އެ ފައިލަށް ބަލައިލުމާއެކު، އިޝްފާންގެ ހަރަކާތްތަކަށް މަޑުޖެހުމެއް އައެވެ. އެހެންނަމަވެސް، ދެވަނަ ސިކުންތުގައި، އެ ފައިލް ދަބަސްތެރެއަށް ލާފައި ތެދުވިއެވެ. އެނދުމަތީގައި އޮތް ފޯނު ނަގާ އޭނާ ނަންބަރެއް ހޯދާލުމަށްފަހު، ގުޅާލިއެވެ.

"އަހަންނަށް އެތިކޮޅެއް ލިބޭނެ ގޮތް ހަދައިދީ. ބޭނުން ވަރަކަށް ލާރި ޓްރާންސްފަރ ކުރާނަން." އިޝްފާން ބުނެލިއެވެ.

"ކަލޭ ކޮންތާކު ތިހުރީ؟" އެކޮޅުން ސުވާލުކޮށްލުމާއެކު، އިޝްފާން އޭނާ ހުރި ތަން ބުނެލިއެވެ.

"އަހަރެމެންގެ ސްޓޮކް ބަރާބަރަށް ދާ ރަށެއް ތީ. އަހަރެން ފޮނުވާނަން ނަންބަރެއް. އެ ނަންބަރަށް ގުޅާލީމަ ހުރިހާކަމެއް ހަމަޖެހޭނެ." އެކޮޅުން އެހެން ބުނެލާފައި ފޯނު ކަނޑާލިއެވެ. އޭގެ ފަނަރަ މިނެޓް ފަހުން އިޝްފާންގެ ފޯނަށް އައި މެސެޖުގައި އެ ބުނާ ނަންބަރު އޮތެވެ. އޭނާ އެ ނަންބަރަށް ގުޅާލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު