ދުރުގައި ވާން ނޭދުނަސް ހިތް... 05

އިންޖެކްޝަން އަތަށް ޖަހާލުމަށްފަހު، އެ ދިޔަ ގޮތަށް ގޮސް އޭނާ ވެއްޓިގަތީ އެނދުމައްޗަށެވެ. އިރުކޮޅެއް ނުވެ އިޝްފާންގެ ދެލޯ މެރެން ފެށިއެވެ. ނިދެމުން ދިޔަ ވަގުތު އަންހެން ކުއްޖެއްގެ ބާރު ހަޅޭކެއްގެ އަޑު އިވުނުހެން ހީވެ ކުޑަކޮށް ލޯ ހުޅުވާލި ނަމަވެސް، އޭނާ އޮތީ ތެދުވެވޭ ޙާލަތެއްގައެއް ނޫނެވެ.

*ޓްރިގަރ ވާރނިންގ*

ދެލޯ މަރާލުމާއެކު، އިޝްފާން ހަމަޖެހިލިއެވެ. ދެވަނަ ފަހަރަށްވެސް އަންހެން ކުއްޖަކުގެ ހަޅޭކުގެ އަޑު އިވުނުހެން ހީވި ނަމަވެސް، އިޝްފާން ދެލޯ ހުޅުވައެއް ނުލިއެވެ. ހީވަނީ ގަޔަށް އެ ޖެހި އެއްޗެއްގެ ބާރުގައި ދެލޯވެސް ހުޅުވާނުލެވިފައި އޮތްހެންނެވެ. އިސާހިތަކު އޭނާ ނިދީގެ އާލަމުގެ ތެރެއަށް ގެނބިގެން ދިޔައެވެ.

ނިހާދުގެ އަނިޔާއަށް ކެތްނުވެގެން ޒައިނާ ރޮމުން ދިޔަ ނަމަވެސް، އެހިތެއްގައި ރަހުމުގެ ޒައްރެއްގެ މިންވަރުވެސް ނުވާ ހިތަކަށް އަސަރުކުރާނީ ކިހިނެއް ހެއްޔެވެ؟ ޒައިނާ ރޮއިރޮއި އޮއްވާ ނިހާދު ޒައިނާ ގެއިން ނެރުނެވެ.

"ބޮލަށް އުނދަގޫ ނުކުރި ނަމަ ގޭގަ އަރާމުގަ އޮވެގެން ކަލެއަށް ވެސް ނިދުނީސް. މަ ބުނާ ގޮތަށް ނުހެދީމަ ވާނެ އެތި ތިއޮތީ ވެފަ. ބޭރުގަ ހުރޭ!" ނިހާދުގެ އަޑު ގުގުމާލުމާއެކު، ޒައިނާއަށް އިސްޖަހާލެވުނެވެ.

"ހެޔޮނުވާނެ ނިހާދު. ﷲ އަށްޓަކާ އަހަންނަށް ތިހެން ނުހަދާ…"

އޭނާގެ ރުއިމަކުން ނިހާދަށް އެއްވެސް އަސަރެއް ނުކުރާނެކަން ޒައިނާއަށް އެނގުނުނަމަވެސް، އިންސާނަކަށްވީތީ އުންމީދުކުރެވެނީއެވެ. ނިހާދަށް ވިސްނޭނެކަމަށް އުންމީދުކުރެވެނީއެވެ. އެހެންނަމަވެސް ނިހާދުގެ ފަރާތުން އޭނާއަށްޓަކައި، ކުޑަވެސް ކުލުނެއް، ޙަމްދަރުދީއެއް އޭނާއަކަށް ނުފެނެއެވެ. އެހެނެއްކަމަކު، ނިހާދުގެ ފަރާތުން އޭނާއަށް ފެންނަނީ ރަހުމާ ކުލުނު ނެތް އިންސާނެކެވެ. ޒައިނާގެ އާދޭސްތަކަށް ބީރުކަންފަތެއް ދިނުމަށްފަހު، ނިހާދު ދޮރު ލައްޕާ ތަޅުލިއެވެ. ޒައިނާ ދޮރުގައި ލެނގިލައިގެން އިށީނެވެ. އެއަށްފަހު، އޭނާގެ އަތުން މޫނު ފޮރުވާލިއެވެ. ކިތަންމެ ވަރަކަށް ޓަކި އާދޭސް ކުރި ނަމަވެސް، ނިހާދު ދޮރު ނުހުޅުވާނެކަން އޭނާއަށް އެނގެއެވެ.

އެތަނުން ތެދުވެގެން ޒައިނާ ގޯތިތެރެއަށް ނުކުމެލިއެވެ. އޭނާ އުޑަށް ބަލާލިއެވެ. ވާރޭ ނުވެހުނެއްކަމަކު އުޑުމަތީގައި ކޮންމެވެސް ވަރަކަށް ވިއްސާރަ ވިލާ ދައުރުވަމުން ދިޔައެވެ. އޭނާ އުޑަށް ބަލަހައްޓައިގެން ހުރެ ދުޢާކުރިއެވެ. އޭނާއަށް ކެތްތެރިކަން ދެއްވުމަށް އެދިއެވެ. ދެން ގޮސް ޖޯލީގައި އޮށޯވެލިއެވެ. ކަރުނަތައް ފުހެމުން ދެލޯ މަރާލި ނަމަވެސް، އޭނާގެ ކަރުނައަކަށް ހުއްޓުމެއް ނައެވެ. ދެލޯ މަރާލައިގެން އޮތް ޒައިނާގެ ގިސްލުމުގެ އަޑު މަޑުމަޑުން ކެނޑެމުން ދިޔައިރު، އެ އަޑުން ވަރުބަލިކަން ފާޅުވަމުން ދިޔައެވެ. ރުއިން ހުއްޓާލުމަށް ފަހުވެސް، އުޑަށް ބަލަހައްޓައިގެން އޭނާ އެތަކެއް އިރަކު އޮތެވެ.

ފަތިސްވީ ފަހުން ޒައިނާ ގޮސް ދޮރުގައި ޓަކި ދިންނަމަވެސް، ނިހާދު ދޮރެއް ނުހުޅުވިއެވެ. ޒައިނާއަށް ގެއަށް ވަދެވުނީ ހެނދުނު ހައެއްޖަހާ ބޮޑުވީފަހުން ނިހާދު ދޮރު ހުޅުވުމުންނެވެ. އޭނާގެ ދުޅަވެފައިވާ ދެލޮލާ، މޫނު ނިހާދަށް ފެނުމުން ނިހާދުގެ މޫނުމަތިން ހަމްދަރުދީގެ އަސަރު ކުޑަވަގުތުކޮޅަކަށް ފެނުނުހެން ޒައިނާއަށް ހީވި ނަމަވެސް، އެއީ ކުށްހީއެއްކަން އޭނާއަށް ޔަޤީންވީ ނިހާދު އޭނާއަށް ނިސްބަތްކޮށް ބުނެލި ހުތުރު ޖުމްލައިންނެވެ.

ކޮޓަރިއަށް ވަދެ ފެންވަރާ ތާޒާވެލައިގެން ޒައިނާ ފަތިސްނަމާދު ކުރިއެވެ. އެއަށްފަހު، އޭނާ ގޮސް އެނދުގައި އޮށޯވެލިއެވެ. އިންތިހާއަށް ވަރުބަލިކަން އިޙްސާސްވަމުން ދިޔަނަމަވެސް، ތެދުވާނެ ހިތްވަރެއް ޒައިނާގެ ނެތެވެ. އޭރު އޭނާގެ ބޮލުގައި ވެސް އިންތިހާއަށް ރިއްސަމުން ދިޔައެވެ. އޭގެ އިރުކޮޅެއްފަހުން ނުކުތްއިރު، ނިހާދެއް ގެއަކު ނެތެވެ. ނިހާދު ބޭރަށް ދިޔަކަން ޔަޤީންވުމާއެކު ޒައިނާ ގޮސް އެނދުގައި ޖައްސާލިއެވެ. މިއަދު ދެން ނިހާދު މެންދުރުގެ ކުރިން ގެއަށް ނުވަންނާނެކަން އެނގޭތީ ހެނދުނު ސައި ހެދުުމުގެ ޚިޔާލެއް އޭނާގެ ނެތެވެ.

ޒައިނާ ގަސްތުކުރީ ކުޑަކޮށް ނިދާލާފައި ތެދުވެ މެންދުރަށް ކެއްކުމަށެވެ. ނިދި ގޮތަށް ދެން އޭނާއަށް ހޭލެވުނީ ބާރަޖަހާ ބޮޑުވެފައި ހުއްޓައެވެ. އަވަސް އަވަހަށް ތެދުވެ ފާޚާނާއަށް ވަދެ ތާޒާވެލިއެވެ. އޭނާ ކައްކަން ނުކުތީ މެންދުރު ނަމާދުވެސް ކޮށްލައިގެންނެވެ. ބަދިގެއަށް ގޮސް ރޮށި ފިހެ، ބަތްކައްކާ ރިހަވެސް ކެއްކިއެވެ. އެއަށްފަހު ވަރުބަލި ފިލުވާލަންވެގެން ގޮސް ގޭ ގޯތިތެރޭގައި ހުރި ބަނބުކެޔޮ ގަސް ދޮށުގައި ހުރިޖޯލީގައި ޒައިނާ އޮށޯވެލިއެވެ. އެ ގަހުގެ ބިޔަކަމާއެކު މުޅި ސަރަހައްދަށް ވަނީ ހިޔާ ފެތުރިފައެވެ. އޭގެ އިތުރުންވެސް އެގޭގެ ގޯތިތެރޭގައި ތަފާތު ވައްތަރުގ މޭވާ ގަސްތައް ހައްދާފައި ހުއްޓެވެ. އެހެންކަމުން މެންދުރުގެ އެވަގުތުވެސް އަރާމު ވާފަދަ ލުއިލުއި ވައިރޯޅިތަކެއް ޖެހެމުން ދިޔައެވެ.

ޒައިނާ ސިއްސައިގެން ދިޔައީ ނިހާދު އޭނާއަށް ގޮވާލުމާއެކުގައެވެ. އެއަށްފަހު، އޭނާގެ އެއްޗެހި އިސްތިރިނުކުރަނީތޯ ނިހާދު ސުވާލުކޮށްލިއެވެ.

"އިސްތިރިކޮށްފަ ހުރި ގަމީހެއް ހުރީމަ އެހެން އެއްޗެއް މިއަދު ނުކުރަން." ޒައިނާ ބުނެލިއެވެ.

"އެ ނުލާނެތީ ދޯ އިއްޔެވެސް އަހަރެން އެހެން އެއްޗެއް ލީ. އެހެން ގަމީހެއް އިސްތިރިކުރޭ." ނިހާދުގެ އަޑުގައި ވަނީ އަމުރުވެރިކަމެވެ.

"އެ ގަމީސް ކިހިނެއްވީ؟ އަހަރެން ވަރަށް…" ޒައިނާއަށް އޭނާގެ ޖުމްލަ ފުރިހަމަ ކުރުމުގެ ފުރުސަތެއް ނިހާދެއް ނުދިނެވެ.

"އަހަރެން ބުނީމަ ކުރިމަތީގައި ޖަދަލު ނުކުރާކަށް ނުބުނެވޭތަ؟ އަހަރެން އެހެން އެއްޗެއް އިސްތިރިކުރާށޭ ބުނީމަ އޭގެ މާނައަކީ އިތުރު ސުވާލެއް ނުކޮށް އެކަން ކުރާށޭ… އަޑު އިވިއްޖެ!" ނިހާދު ދެބުމަ ގޮށް ޖަހާލިއެވެ.

"ނިހާދު ކީއްވެތަ ތިގޮތަށް އަހަންނާ ދޭތެރޭ ކަންތައް ތިކުރަނީ؟ އަހަރެންގެ ކުށަކީ ކޮބާތަ؟ އަހަރެން ނިހާދު ދެކެ ލޯބިވާތީ ކައިވެނިކުރީ... އެކީގައި އުޅެން ބޭނުންވާތީ! އަހަންނަށް ތިބާ ބޮޑަށް އަނިޔާވެރިވާން ނިހާދަށް ކެރުނީ ކީއްވެގެންތަ؟" ހިތުގައި އުފެދުނު ޝަކުވާތައް ޒައިނާ ނިހާދުގެ ކުރިމަތީގައި ހާމަކުރިއެވެ. ޖޯލިން ތެދުވެގެން އޭނާ ނިހާދާ ކުރިމަތިލިއެވެ. ހަމަ ހަޤީގަތުގައިވެސް އޭނާ ވަރުބަލި ވެއްޖެއެވެ. މިއަދު، ނިހާދުގެ ފަރާތުން އޭނާ ޖަވާބެއް ބޭނުމެވެ. އޭނާއަކީވެސް އިންސާނެކެވެ. ކެތްކުރެވޭނީ ވަކި ވަރަކަށެވެ. އަދި އޭނާ އަކީ ނިހާދުގެ އަނބިމީހާ ވެސް މެއެވެ. ޢިއްޒަތާއި، އިޙްތިރާމް އޭނާއަށް ވެސް ލިބިގެން ވެއެވެ.

"ﷲ ބިރުވެރިވެބަލަ! އަނބިމީހާއާ ދޭތެރޭ ތިގޮތަށް ކަންތައް ކުރުމަކީ ކިހާ ބޮޑު ފާފައެއްކަން ނިހާދަށް ނޭނގޭތަ؟ އަހަރެން މީ ނިހާދުގެ އަންހެނުންނޭ. އަހަނަށްވެސް ހައްޤުތަކެއް ލިބިގެންވެޔޭ…" ޒައިނާގެ އަޑުގައިވަނީ އާދޭހެވެ. ނިހާދަށް ވިސްނައިދޭން އޭނާ ބޭނުންވާ ފަދައެވެ.

"އަހަރެން ދުވަހަކުވެސް އެހެން ފިރިހެނަކާ ގުޅުމެއް ބާއްވާފައެއް ނޯންނާނެ. ނިހާދު ކީއްވެ އަހަންނަށް ޝައްކު ކުރަނީ؟ ކީއްވެ އަހަންނަށް އިތުބާރު ނުކުރަނީ؟ ނިހާދު އަހަންނަށް ޝައްކުކުރަން ޖެހޭ ވަރުގެ ކަމަކަށް އަހަންނަށް ކީއްކުރެވުނީ؟ ކީއްވެތަ ތިހާ ބޮޑަށް ބަދަލުތިވީ؟ އެއްފަހަރުވެސް ބުނެލަދީބަަލަ އަހަރެންގެ ކުށަކީ ކޮބާކަން؟ ނިހާދު ދެކެ ލޯބިވުންތަ އަހަންނަށް ކުރެވުނު ކުށަކީ؟ އެކީަގއި ދިރިއުޅެން ބޭނުންވުންތަ؟ ނިހާދަށް އިތުބާރުކޮށްފަ ނިހާދާއެކު ދިރިއުޅުން މިރަަށަށް ބަދަލުކުރުންތަ އަހަންނަށް ހެނދުނު ގޯހަކީ؟" ޒައިނާ އެ ހިތުގެ ޙާލު ނިހާދުގެ ކުރިމަތީގައި ހާމަކުރަމުން ދިޔައީ ރޮމުން ގިސްލަމުންނެވެ. ޒައިނާގެ އެ ވާހަކަތައް ކިތަންމެ އަސަރު ގަދަ ނަމަވެސް، ނިހާދުގެ ކައިރިއަށް އައީ ރުޅިއެވެ. އެ ރުޅީގައި އޭނާ އަތް އިސްކުރިއެވެ. ޒައިނާގެ ކޯތާފަތަށް ވީއްލާލި ހޫނު އެތިފަހަރާއެކު، ޒައިނާގެ ދޮން ކޯތާފަތް ރަތްވެގެން ދިޔައެވެ. އެއާއެކު ޒައިނާއަށް އޭނާގެ ވައަތުން ކޯތާފަތުގައި އަތް ޖައްސާލެވުނެވެ. ކުއްލިއަކަށް ނިހާދު ޒައިނާ އޭނާއާ ގާތަށް ދަމާލަމުން ޒައިނާގެ ކޯތާފަތަށް ފިތާލިއެވެ.

"އަހަރެންގެ ކުރިމަތީގައި ޖަދަލުނުކުރާށޭ ބުނީމަ އަޑެއް ނީވޭތަ؟" ހުރެވުނީ ކޮންތާކުކަންވެސް ނިހާދަށް އިޙްސާސް ނުކުރެވޭ ފަދައެވެ.

"މީހަކަށް ފެނިދާނެތީވެސް ޖެހިލުމެއް ނުވޭތަ؟" ޒައިނާ އުނދަގުލުން ބުނެލުމާއެކު، ނިހާދު އޭނާގެ އަތަށް ބާރުލަމުން ވާހަކަ ނުދެއްކުމަށް ޒައިނާއަށް އިންޒާރު ދިނެވެ.

"ތަދުވެޔޭ…. ދޫކޮށްލާ…" ޒައިނާ އާދޭސްކުރިއެވެ.

"ދެންމެ ގަދަވެފަ ބަސް ބުނެވުނެއްނު. މިހާރު ކީއް ތިވަނީ؟" ޒައިނާގެ ކަރުނަތަކުން ނިހާދަށް ހީވަނީ އުފަލެއް ލިބޭ ހެންނެވެ.

ޒައިނާގެ ކޯތާފަތަށް ދެވަނަ ހަމަލާއެއް އަމާޒުކޮށްލުމާއެކު، ޒައިނާއަށް އޭނާގެ ދެލޯ މަރާ ތަގުޅިކޮށްލެވުނެވެ. އެ މަންޒަރު ފެނި ނިހާދަށް ހީނގަނެވުނެވެ. ލޯ ހުޅުވާލި ޒައިނާ ބިރުވެރިކަން އެކުލެވިގެންވީ ބެލުމަކުން ނިހާދަށް ބަލަން ހުރީ ފެންނަމުން ދިޔަ މަންޒަރު ގަބޫލުނުކުރެވިފައި ހުރި ފަދަ ގޮތަކަށެވެ. ނިހާދަށް އެހުރީ ކިހިނެއް ވެފައި ހެއްޔެވެ؟ އެހާ ރަޙުމެއް ނެތް މީހަކަށް ނިހާދު ވީ ކޮން އިރަކު، ކިހިނެއް ހެއްޔެވެ؟

ހުއްޓުން އަރާފައި ޒައިނާއަށް ނިހާދަށް ބަލަހައްޓައިގެން ހުރެވުނީ އެހެންވެއެވެ.

ސިއްސައިގެން ގޮސް އޭނާއަށް ހަޅޭއްލަވައިގަނެވުނީ މީހަކު އައި ގޮތަށް އައިސް ނިހާދުގެ ގަމީހުގެ ގިރުވާނުގައި ފަހަތުން ހިފާ ދުރަށް ހޫރާލުމާއެކުގައެވެ. އެއާއެކު، ނިހާދު ގޮސް ވެއްޓުނީ ބަނޑުވަތަށެވެ. ނިހާދު ތެދުވެ ގައިން ވެލި ފޮޅައިލަމުން ބަލައިލިއިރު، ކުރިމަތީގައި ހުރީ ނުވެސް ދަންނަ ޒުވާނެކެވެ.

"ކަލޭއަށް ކޮން ހައްޤެއް އޮވެގެން ތި ނިކަމެތި އަންހެން ކުއްޖަކަށް އަނިޔާކުރަނީ؟" އެ ޒުވާނާގެ ފިރިހެންވަންތަ ބަރު އަޑު އިވުމާއެކު، ޒައިނާއަށް ބަލާލެވުނެވެ. ކޮންމެވެސް ތަނަކުން އިވުނު އަޑަކާ ވައްތަރުވިނަމަވެސް، އޭނާއަށް އެކަމާ މާބޮޑަށް ވިސްނޭގޮތެއް ނުވިއެވެ.

"ކަލޭ ތީ ކާކު މި ދޭތެރެއަށް ވަންނަން؟" ތެދުވަމުން ނިހާދު ބުނެލިއެވެ.

"މަށަކީ ކޮންމެ މީހަކަސް ވަރިހަމައެއްނު. އަނިޔާކުރުމަކީ މާ މޮޅުކަމެއް ނޫން. އޭނަ…" ނިހާދަށް ބަލާލާފައި ޒައިނާއަށް ބަލައިލުމާއެކު، އިޝްފާން ހުއްޓުން އަރާގޮތްވިއެވެ. އެއީ އޭނާއަށް ފިހާރަ ކައިރިން ފެނުނު އަންހެން ކުއްޖާއެވެ. އެ އަންހެން ކުއްޖާއާ ހަތަރު ކަޅި ބައްދަލުވީ ހިނދުކޮޅަކަށެވެ. ޒައިނާ އަވަސް އަވަހަށް އޭނާއާ ނަޒަރު ވަކިކޮށްލި ނަމަވެސް، އިޝްފާންއަށް އެ ކަޅުކަން ގަދަ ކަޅީގެ ތެރެއިން އެތަކެއް ވާހަކައެއް ބުނެދިނެވެ.

އިޝްފާން، ކޮފީއެއް ގިރައިގެން ނުކުތީ ފަހަރެއްގައިވެސް، އެފަދަ މަންޒަރެއް ފެނިދާނެކަމަކަށް ނޫނެވެ. އެހެންނަމަވެސް، އެ މަންޒަރު ފެނުމާއެކު އޭނާގެ ލޭ ކެކިގަތީއެވެ. އެ ދެމެދަށް ނުވަންނަން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް، އެންމެ ފަހުން އޭނާއަށް ކެތްނުކުރެވުނީއެވެ. އޭރު ނިހާދު ހުރީ އޭނާއަށް ފުރަގަސްދީގެންކަމުން ނިހާދަށްވެސް މީހަކު އައިކަން ނޭނގުނީއެވެ.

"އޭނަ ކަލެއަށް އަނިޔާކުރާތާ ކިތައް ދުވަސް ވެއްޖެ؟" ޒައިނާއަށް ބަލައިލަމުން އިޝްފާން ސުވާލުކޮށްލިއެވެ. އޭނާގެ ހަނދާނަށް އައީ އެންމެ ފުރަތަމަ އެ ރަށަށް އައި ރޭ އެ ގޯތިތެރޭގައި އިނދެގެން ރޮމުންދިޔަ އަންހެން ކުއްޖާއެވެ. ހަމައެއާއެކު ރޭގައިވެސް އޭނާއަށް އިވުނީ ޒައިނާގެ އަޑުކަން އިޝްފާންއަށް ޔަޤީންވިއެވެ.

"މަ ބުނެފިން ދޯ ކަލެއާ ބެހޭކަމެއް ނޫނޭ. ކާކުތަ ތީ؟" ނިހާދު ބުނެލިއެވެ. އިޝްފާންއަކީ އެ ރަށު މީހެއް ނޫންކަން އޭނާއަށް ޔަޤީނެވެ.

"މަށާ ނުބެހުނަސް ހެވޭ… ލަދެއް ނުގަނޭތަ؟ ކަލޭ ތީ ފިރިހެނެއްތަ؟" އިޝްފާންގެ އަޑުގައި ބަރުކަން ވެއެވެ.

"ކަލޭމެން އަންހެނުންވެސް މި މީހުން ހެދިހާ ގޮތެއް ހެދިގެން ހުންނާތީ އޭ އަނިޔާ ކުރެވެނީ؟ އަންހެނަކަަށް ވުމަކީ އަނިޔާއާ ގޯނާ ކުރަން ދެވޭ ލައިސެންސެއް ނޫނޭ." އިޝްފާން ޒައިނާއަށް ބަލާލިއެވެ.

"ކަލޭމެން ދެމީހުން ކޮން ގުޅުމެއް އޮންނަނީ؟" ނިހާދު އައިސް އިޝްފާންގެ ގައިގައި ޖަހަންވެގެން އަތް މަޅައިލި ނަމަވެސް، އިޝްފާން ހުޝިއާރު ކަމާއެކު، އެ އަތުގައި ހިފެއްޓިއެވެ. އޭރުވެސް ޒައިނާ ހުރި ގޮތަށް ހުއްޓެވެ. އިޝްފާން ނިހާދުގެ އަތް ފޮޅުވާލަމުން، ޒައިނާއަށް ބަލާލާފައި ވާހަކަ ދެއްކިއެވެ.

"އޭނަ އަނިޔާކުރަންޏާ ބަލަން ނުހުރެ އޭނަ ގައިގަވެސް ޖަހާބަލަ. އެމީހެއްގެ ސަލާމަތްކަން ހޯދާނީ އެމީހަކު. އިތުރު މީހަކު ސަލާމަތް ކޮށްދޭކަށް ނާންނާނެ. އަނިޔާކުރާކަން އެނގުނީމަވެސް، މަސްލަހަތަށް ބަލާފަ ސިއްރުކުރާނީ. އެމީހަކު އަމިއްލައަށް ޖެހޭނީ އެމީހެއްގެ ހައްޤުގަ ތެދުވަން." ޒައިނާއަށް ބަލާލާފައި، އިޝްފާން އެހެން ބުނެލާފައި ނިހާދަށް ވެސް ރުޅިވެރި ނަޒަރަކުން ބަލާލިއެވެ. އެއަށްފަހު އޭނާ އެ ދިޔަ ގޮތަށް ގޮސް ގެއަށް ވަދެ ދޮރު ލައްޕާލިއެވެ.

ދޮރުގައި ލެނގިލުމާއެކު، ދެންމެ ކުރެވުނު ކަންތަކާ މެދު އިޝްފާންއަށް ވިސްނާލެވުނެވެ. ލޯ މަރާލުމާއެކު ބޮލުގައި ހިފައްޓާލާ ފުންނޭވާތަކެއް އޭނާ ލާން ފެށިއެވެ. މުޅި މޫޑު ސަކަރާތްވެ ދެބުމަ ގޮށް ޖެހުނެވެ. އެހެންނަމަވެސް، ދެވަނަ ސިކުންތުގައި އޭނާގެ ހިތަށް ތަފާތު އިޙްސާސްއެއް ވެރިކުރުވިއެވެ. ޒައިނާގެ އެ ދެލޮލުން އޭނާއަށް ފެނުނު ވިދުމާމެދު ވިސްނާލެވުނެވެ. އެއީ މީހެއްގެ އެހީއެއް ނުލިބި އެތައް ދުވަހެއް ވެފައި ހުއްޓާ އެހީއެއް ލިބުމުން އެ ދެލޮލުން ފެނުނު ކުލަވަރެއްހެއްޔެވެ؟ އެ ދެލޮލުގެ ތޫނުކަމުގެ ތެރޭގައި ހީވަނީ އެތަކެއް އިޙްސާސްތަކެއް ގައިދުކޮށްފައި ވާހެންނެވެ. ހަތަރުކަޅި ހަމަވީ ކިތަންމެ ކުޑަ ވަގުތު ކޮޅަކަށްނަމަވެސް، އެ ދެލޮލުގެ ތެރޭގައި ފޮރުވަމުން ދިޔަ ހިތާމަޔާއި ހިއްދަތިކަން އޭނާއަށް ފެންނަމުން ދިޔަ ފަދައެވެ. އެހެންނަމަވެސް، އޭނާއަށް އެ ކުރެވުނީ ކީއް ހެއްޔެވެ؟

"ކަލޭމެން ދެމީހުން ކޮން ގުޅުމެއް އޮންނަނީ؟" އެ ފިރިހެންމީހާގެ އެ ޖުމްލަ ކަންފަތުގައި ގުގުމައިލުމާއެކު އިޝްފާން އިތުރަށް ކަންބޮޑުވިއެވެ. އޭނާގެ އެ އަމަލުގެ ސަބަބުން ޒައިނާއަށް އިތުރު ތަކުލީފެއް އުފަލަން ޖެހިދާނެތީ އިޝްފާން ކަންބޮޑުވާގޮތްވިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު