ވާނަން އެކުގައި... 26

"ކާކުގެ ސަބަބުންތަ ގޯސްވީ؟..." މިޖާ ތަންކޮޅެއް ބާރަށް ބުނުމުން ޝަފާޒް އަވަހަށް މިޖާގެ އަނގަމަތީގައި އަތް އެޅިއެވެ.

"ކާކު؟..." ޝަފާޒް ދޮރުކައިރީގައި ގިނައިރުވުމުން، ލިޝާ އަހައިލިއެވެ.

********

ލިޝާ ދޮރާއި ދިމާއަށް އަންނަން ފެށުމުން ޝަފާޒް އުޅުނީ މިޖާ ގޮވައިގެން ބޭރަށް ނުކުންނާށެވެ. އޭގެ ކުރިން މިޖާ ގޭތެރެއަށް ދެމިގަތެވެ. ދަންނަ މީހަކު ފެނުމުން ބަލާހެން މިޖާއަށް ބަލަން ލިޝާ ހުއްޓެވެ. އޭނާއަށް ޔަގީންނުވީ މިޖާއާއި ބައްދަލުވީ ތަނެކެވެ. ކާކުކަން ނޭނގިފައި ލިޝާ ހުއްޓާ، މިޖާ އޭނާ ފަސްދީފައި ގޮސް އާރިޒްގެ ކައިރިއަށް ހުއްޓުނެވެ. ސުމާއާއި ވާހަކަ ދައްކަން އިން އާރިޒަށް މިޖާ ފެނުނީ ދާދި ކައިރިއަށް އައި ފަހުންނެވެ. އާރިޒަށް ސޯފާއިން ތެދުވެވުނެވެ.

"ހެޕީ ބާތްޑޭ ޑާލިންގް..." އާރިޒްގެ އަތުގެ މުލައްދަނޑީގައި ހިފާލާފައި ކައިރިވެލަމުން، މިޖާ ބުނެލިއެވެ.

އާރިޒް މިޖާ ދުރުކުރަން އުޅުނެވެ. މިޖާ ހީވަނީ އާރިޒްގެ ގައިގައި ތަތްލާފައި ހުރިހެންނެވެ. ސުމާވެސް ދެލޯ ބޮޑުކޮށްގެން ބަލަން ހުއްޓެވެ. ޝަފާޒަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. ކަންތައް ވީ އޭނާ ބޭނުންވި ގޮތަކަށް ނޫނެވެ. އެކަމުން ހުރިހާ ހިތާމައެއް ލިބޭނީ ލިޝާއަށެވެ. އޭނާ މިޖާއަށް ގޭގެ މައުލޫމާތު ދިނީ އެފަދަ ކަމެއް ނުކުރާނެކަމުގެ ޔަގީންކަން ދިނީމައެވެ. އެކަމަކު، ކަންތައްވީ އޭގެ އިދިކޮޅަށެވެ. މިޖާގެ މަގުސަދަކީ ލިޝާ ދެރަކޮށްލުމެވެ. އާރިޒްގެ ދިރިއުޅުމުން، ބޭރުކޮށްލުމެވެ.

"ކޭންވީ ޓޯކް؟..." ގަދަކަމުން މިޖާގެ އަތް ނައްޓުވައިލަމުން އާރިޒް ބުންޏެވެ.

ލިޝާ ގަބުވެފައި ހުއްޓާ، އާރިޒް މިޖާ ގޮވައިގެން އޭނާ ފަސްދީފައި ގޮސް ގެއިން ބޭރަށް ނުކުތެވެ. އާރިޒް އެންމެ ފަހަރަކުވެސް ލިޝާއަށް ބަލައިނުލައެވެ. ކަންތައްވީގޮތުން ލިޝާއާއި ހަތަރުކަޅި ހަމަކުރާނެ ހިތްވަރު އޭނާއަށް ނުލިބުނީއެވެ. އެކަމަކު ނުކުތުމުގެ ކުރިން ދޮރުމަތީގައި ހުރި ޝަފާޒަށް އޭނާ ބަލައިލީ ނުރުހުމުގެ ނަޒަރަކުންނެވެ. އެކަމުގެ ފަހަތުގައި ޝަފާޒުގެ އަތެއް ވާނެކަން އޭނާއަށް އެނގެއެވެ.

"ލިޝް..." ޝަފާޒް އުޅުނީ ލިޝާގެ ކައިރިއަށް ދާށެވެ.

އިސްޖެހިފައި ހުރި، ލިޝާއަށް ހިންދިރުވައިލެވުނީ އުނދަގޫގޮތަކަށެވެ. ދެލޮލަށް ކަރުނަ ޖަމާވާން އުޅުނަސް އޭނާ އަމިއްލަ ނަފުސަށް ވިސްނައިދިނެވެ. މިޖާއަކީ އާރިޒްގެ ކާކުބާއޭ އޭނާގެ ހިތަށް އެރިއެވެ. އާރިޒް މިޖާގެ އަތުގައި ހިފައިގެން ގެއިން ނުކުތްގޮތުން ދެމީހުންގެ މެދުގައި ގާތް ގުޅުމެއް އޮތްކަން ލިޝާ ދެނެގަތެވެ.

"އެބަ އަންނަން ކޭކު އަޅަން ތަށިތައް ހިފައިގެން..." ޝަފާޒް ކައިރިއަށް އައުމުން، ލިޝާ ބަހަނާއެއް ދައްކާފައި ކޮޓަރިއާއި ދިމާއަށް ދިޔައެވެ.

ލިޝާ ގޮސް ކޮޓަރިއަށް ވަން މަންޒަރު ބަލަން ހުރި ސުމާ ދޫކޮށްލީ ފުން ނޭވާއެކެވެ. އޭނާ ދެބުމަ ކައިރިކޮށްލަމުން ޝަފާޒަށް ބަލައިލިއެވެ.

"އެއީ ކޮން ކަމެއް؟..." ސުމާ ހުރީ ހިތްހަމަނުޖެހިފައެވެ. އަޑުންވެސް އެކަން ސިއްރެއް ނުވެއެވެ.

"ތީ ކޮން ކަމެއްހޭ މިއަހަނީ؟..." ބޭރަށް ނުކުތްގޮތަށް އާރިޒް މިޖާއާއި ދުރަށްޖެހުނެވެ. އޭނާ ދެފަހަރަކު ސުވާލުކުރުމުންވެސް މިޖާ ޖަވާބެއް ނުދީ އިސްޖަހާލައިގެން ހުރީއެވެ.

"މިޖާ ތީ ކުރިން ތިހެން އުޅުނު ކުއްޖެއް ނޫނެއްނު... ދެން ކީއްވެ އުޅޭގޮތެއް ތީ؟..." އާރިޒް ރުޅި ފިނިކޮށް، މިޖާއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.

"އާރީއަށް މިހާރު އެނގެންވާނެ އަހަރެން އާރީދެކެ ލޯބިވާކަން..." މިޖާ އާރިޒާއި ގާތްވާން އުޅުނެވެ.

"އަހަރެން ލޯތްބެއް ނުވެޔޭ..." އާރިޒް ދުރަށްޖެހުނެވެ.

"އެއީ މައްސަލައެއް ނޫނޭ..." ވިސްނައިދޭ ރާގަކަށް މިޖާ ބުނެލިއެވެ. "މެރީކުރީމަ ފަހުން ލޯބިވެސް ވާނެ..."

"އަހަރެންގެ ޖަވާބު ވަރަށް ސާފުކޮށް މިޖާ ކައިރީ ބުނެފީމެއްނު..." އާރިޒް ރުޅިގަދަވިއެވެ.

"އަހަރެންވެސް މީ އަންހެނެކޭ... އެއީވެސް އަންހެނެއް... އަހަރެން ގައިގަ ނެތް ވަކި ކޮން ސިފައެއް އޭނަގެ ގައިގަ ހުރީ؟... އާރީ ކީއްވެތަ އަހަންނަށް ފުރުސަތު ނުދޭން ތިއުޅެނީ؟..." ޝަކުވާގެ ރާގަކަށް މިޖާ އަހައިލިއެވެ. އޭރު އޭނާއަށް ކޮންމެވެސް ވަރަކަށް ރޮވިއްޖެއެވެ.

"މިޖާ ތިއުޅޭހެން އޭނައެއް ނޫޅޭނެ..." އާރިޒް ޔަގީންކަމާއި އެކުގައި ބުންޏެވެ.

އާރިޒް ހުރީ ގޭގެ ދޮރަށް ފުރަގަސްދީގެންނެވެ. ލިޝާ ނުކުތީ ބޭރުގައި ތަންކޮޅެއް އަޑުގަދަވާހެން ހީވާން ފެށުމުންނެވެ. މިޖާއަށް ލިޝާ ފެނުމުން، ކުރިން ނުލިބޭ ހިތްވަރެއް ލިބިގެން ދިޔައެވެ.

"އެހެންވެތަ އާރީ އޭނައަށް ތީ ކާކުކަން އޮޅުވާލައިގެން ތިއުޅެނީ؟..." މިޖާ މައުޟޫއު ބަދަލުކޮށްލިއެވެ. އޭނާ ހިންދީބަހުން ވާހަކަ ދައްކަން ހުރެފައި ކުއްލިއަކަށް އިނގިރޭސިން ވާހަކަ ދައްކަން ފެށިއެވެ. އާރިޒް ޖަވާބުދޭނީ އިނގިރޭސި ބަހުންކަން އޭނާއަށް ޔަގީންވާތީއެވެ.

ލިޝާގެ ފިޔަވަޅުތައް ހުއްޓުނެވެ. ހިތް ތެޅިގަތެވެ. އާރިޒް އޭނާއަށް ކޮންކަމެއް އޮޅުވާލީ ހެއްޔެވެ؟

"އެއީ އަހަރެންގެ އަމިއްލަ ކަމެއް... އެކަމުގެ ތެރެއަށް މިޖާ ވަންނާކަށް ނުޖެހޭނެ..." މިޖާ ދެއްކި ވާހަކައާއި ދެބަސްވާކަށް އާރިޒް ނޫޅުނެވެ. "އަހަރެން ލިޝްއަށް ހުރިހާ ވާހަކައެއް ކިޔާދޭނަން..."

މިޖާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އޭނާ އުއްމީދުކުރިގޮތަށް އާރިޒް ވާހަކަ ދެއްކީ އިނގިރޭސި ބަހުންނެވެ.

އާރިޒްގެ ވާހަކައިން ނޭވާލާންވެސް ހަނދާންނެތިފައި ހުރި ލިޝާގެ ހިތަށް ހީވީ ތޫނު ކަށިތަކެއް ހަރާލިހެންނެވެ. އާރިޒް އޭނާއަށް އޮޅުވާލަފާނެކަމަށް ލިޝާ ކުޑަކޮށްވެސް އުއްމީދެއް ނުކުރެއެވެ. އެކަމަކު، މިޖާ ދެއްކި ވާހަކައަށް އާރިޒް ޖަވާބުދިން ގޮތުން ލިޝާއަށް އެކަން ޔަގީންވިއެވެ.

"ތީ ގްރީން ގާޑެން ހޮޓެލްގެ ވެރިޔާކަން އޭނައަށް އެނގޭތަ؟... އޭނަ އެތަނަށް ޖޮބަށް ދިޔައިރު، އެނގޭނެތަ އެއީ އާރީގެ އަމިއްލަ ތަނެއްކަން؟..." މިޖާ ބެލީ ލިޝާގެ ހިތުގައި އުފެދެމުންދާ އަލިފާންގަނޑަށް ދަރުއަޅާ ރަނގަޅަށް އަންދާލެވޭތޯއެވެ. "ޑްރައިވަރުގެ ގެއަށް ގޮސް، އަމިއްލަ ގެ ކަމުގަ ބުނެގެން އުޅުން އެއީ ކުޑަކަމެއް ނޫނޭ އާރީ... އާރީ ތިއުޅެނީ އަމިއްލަ ނަންވެސް އޭނައަށް ސިއްރުކޮށްގެން... ބުނެބަލަ މީ ދޮގެކޭ... އަހަންނަށް ޔަގީން އޭނައަށް ނޭނގޭކަން އާރީގެ ނަމެއް... ލޯބިވާ މީހަކު އެވަރުގެ ބޮޑު އޮޅުވާލުމެއް އަންހެންކުއްޖަކަށް އޮޅުވައެއް ނުލާނެ..."

"ސްޓޮޕް އިޓް..." އާރިޒް ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ.

"އޭނައަށް އެނގޭތަ އޭނަގެ ޕާސްޕޯޓާ އެއްޗެހި ނެގީ އާރީކަން؟..." މިޖާ ހުއްޓާކަށް ނޫޅުނެވެ.

އަނގަމަތީގައި އަތް އަޅައިގެން ހުރި ލިޝާގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ. އޭނާގެ މޭގައި ގަދަޔަށް ރިއްސަން ފެށިއެވެ. އާރިޒް އޭނާއަށް އެހާ ބޮޑު އޮޅުވާލުމެއް އޮޅުވާލީ ކީއްވެ ހެއްޔެވެ؟ އެ ދިރިއުޅުމުން، ލިޝާއަށް ކުޑަވެސް ތެދުވެރިކަމެއް ފެނުނު ހެއްޔެވެ؟ ލޯބިވެރިއެއްގެ ލަގަބު ހިތުން ދެވުނުއިރު، އާރިޒް އެވީ، ކެހިވެރިއަކަށެވެ. ދޮގަކުން ފެށުނު ގުޅުމެއް ތެދަކަށްވާނީ ކިހިނެއް ހެއްޔެވެ؟ ލިޝާ ފަހަތަށް ޖެހެމުން ދަނިކޮށް ގަސްޕޮޓެއްގައި އަޅައިގަތެވެ. ޕޮޓު ވެއްޓުނު އަޑު އިވުމުން، އާރިޒް ފަސްއެނބުރި ބަލައިލިއެވެ.

"ލިޝް...." ލަސްލަހުން އާރިޒަށް ކިޔައިލެވުނެވެ.

ކަރުނުން ފުރިފައިވާ ލިޝާގެ ދެލޯ ފެނި އާރިޒް ހުއްޓުން އެރިއެވެ. ހިތަށް ތަދުވިއެވެ. އޭނާ ބިރުން އުޅުނު ހަގީގަތް ލިޝާއަށް އެނގުނީއެވެ. އިތުރަށް ފޮރުވުމުގެ ބޭނުމެއް ނެތެވެ. އާރިޒް ލިޝާގެ ކައިރިއަށް ދިޔައެވެ. ކޯތާފަތުގައިވި ކަރުނަތައް ފޮހެލަދޭން އަތް އުފުލައިލިއެވެ. ލިޝާ ޖެހުނީ ދުރަށެވެ. އާރިޒް އަތް މުށްކަވައިލުމަށްފަހު މަޑުމަޑުން ތިރިކޮށްލިއެވެ.

ލިޝާ ދެލޯ ބޮޑުކޮށްގެން އާރިޒަށް ބަލަމުން ދިޔައެވެ. ހުއްޓުމެއްނެތި ދެލޮލުން އޮހެމުންދިޔަ ކަރުނަތަކަށް ނިމުމެއް ނެތެވެ. ހުރިހާ ވާހަކައެއް ލިޝާއަށް ކިޔައިދޭން އާރިޒް ބޭނުންވިއެވެ. ދޫ ހަރަކާތްކުރިވެސްމެއެވެ. އެކަމަކު، ލިޝާގެ ހާލު ފެނި، ހިތްވަރު ނުލިބިފައި އޭނާއަށް ހުރެވުނީއެވެ.

"ބުނޭ އެއީ ދޮގެކޭ..." ކުރެހިފައިވާ އަޑަކުން ލިޝާ ބުންޏެވެ.

"ލިޝް..." އާރިޒަށް އެއްޗެއް ބުނަން އުނދަގޫވީ އަމިއްލަ ނަފުސު ކުށްވެރި ކުރެވެމުން ދިޔަލެއް ބޮޑުކަމުންނެވެ.

"ބުނޭ ދޮގެކޭ..." އާރިޒްގެ މޭގައި ދެއަތުން ހިފަހައްޓައިލަމުން ލިޝާ އާދޭހާއިއެކު އެދުނެވެ.

"އައި އޭމް ސޮރީ ލިޝް..." އާރިޒް އިސްޖަހައިލިއެވެ.

އާރިޒް ދުރުކޮށްލުމަށްފަހު، ލިޝާ ގިސްލާފައި ރޯންފެށިއެވެ. ހިތް ނޭދުނަސް، ހަގީގަތް އެއޮތީ ހާމަވެފައެވެ. ބަދަލެއް ނުކުރެވޭނެއެވެ. ލިޝާ އޭނާގެ މޭގައި އަތުން ހިފަހައްޓައިގެން ހުރެ ރޮމުން ދިޔައިރު، މަޑުމަޑުން ފަހަތަށް ޖެހެމުން ދިޔައެވެ. ލިޝާ ދުވަހަކުވެސް މީހެއްގެ ކުރިމަތީގައި އެފަދަ ހިތްދަތި ގޮތަކަށް ނުރޮއެވެ. އާރިޒްގެ ސަބަބުން އޭނާގެ ހިތް ހަލާކުވެއްޖެއެވެ. ދުވަހަކު ނުރިއްސާ ވަރަށް އޭނާގެ މޭގައި ރިއްސަމުން ދިޔައެވެ. ލިޝާ ހިތުގައި ޖެހިފައިވާވަރު އެނގުމުން، އާރިޒްގެ މުޅި ގައިން ބާރު ދޫވިހެން ހީވިއެވެ. އަމިއްލަ ނަފުސު ކުށްވެރި ކުރެވުނެވެ. ލިޝާގެ މައާފު އޭނާއަށް ދުވަހަކުވެސް ހައްގެއް ނޫނެވެ.

"ލިޝް..." އާރިޒް ލިޝާގެ ކައިރިއަށް ދާން އުޅުނެވެ.

ލިޝާ އަތުން އެކަން މަނާކުރިއެވެ. ކަރުނުން ފުރިފައިވާ ދެލޮލުން އޭނާ އާރިޒަށް ބަލައިލީ ދުވަހަކުވެސް ނުބަލާހާ ހިތްދަތި ގޮތަކަށެވެ. ހިތާމައާއި އެތައް ޝަކުވާއެއް އެ ނަޒަރުގައި ވިއެވެ. އާރިޒް ބަލަން ހުއްޓާ ލިޝާ ގޭތެރެއަށް ވަދެ ދޮރު ލެއްޕިއެވެ. ދޮރުކައިރީގައި އާރިޒް އެތައް އިރަކު ހުއްޓެވެ. ލިޝާ ނުހުޅުވާނެކަން އެނގޭއިރުވެސްމެއެވެ.

ލިޝާ ރޮމުން ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ. ޝަފާޒް ފަހަތުން ދާން އުޅުމުން ސުމާ އެކަން ހުއްޓުވިއެވެ. އެތައް އިރެއްކޮށްފައި ލިޝާ ނުކުތްއިރުވެސް ސުމާއާއި ޝަފާޒް ސިޓިންގްރޫމުގައި ތިއްބެވެ. ލިޝާ އައިސްފައި ފެށީ، ސިޓިންގްރޫމް ސާފުކުރާށެވެ. ފުއްޕާހަންތައް ފަޅާލާފައި ހުރިހާ އެއްޗެއް ނަގާ ޑަސްޕިނަށް އެޅިއެވެ. ކޭކުވެސް އިންގޮތަށް ނަގާ ޑަސްޕިނަށް ލިއެވެ. ސުމާ ތެދުވެގެން އައިސް ލިޝާއަށް އެހީތެރިވެދިނެވެ. އެކުވެރިޔާގެ ކޮންމެ ހިތާމައަކާއި އުފަލެއްގައި ސުމާ ބައިވެރިވަނީ ސުވާލު ކުރުމެއްނެތިއެވެ.

(ހަ މަސް ފަސް)

އޮއްސެމުންދިޔަ އިރުގެ ދޯދިތަކުން ފަޒާއަށް ވެރިވީ އޮރެންޖު އަލިކަމެކެވެ. ރަށުގެ އަތިރިމަތީގެ ހިތްގައިމު މާހައުލުގައި ލިޝާ އިށީނދެލައިގެން އިންއިރު، ނަޒަރު ހުއްޓިފައިވީ އަތިރިމަތީގައި ކުޅެންތިބި ފަސްވަރަކަށް އަހަރުގެ ކުޑަކުދިންތަކަށެވެ. އިރު އޮއްސި އަނދިރިކަން ފެތުރިގަތުމުގެ ކުރިން ލިޝާ ތެދުވިއެވެ. ކުޅެން ތިބި ކުދިންގެ ކައިރިއަށް ދިޔައެވެ.

"ހުރިހާ ކުދިން... ކޮބާ އަވަހަށް ތެދުވެ ވެލި ފޮޅާލާ..." ލިޝާ ވާހަކަ ދެއްކީ ވަރަށް ލޯބިންނެވެ. "މިސް ތްރީއާ ހަމައަށް ގުނަންވާއިރަށް ރެޑީވައްޗޭ... ވަން، ޓޫ، ތްރީ..."

ހުރިހާ ކުދިން ތެދުވެ ސަފު ހަދައިލިއެވެ. ލިޝާއަށް ހިނިތުންވެލެވުނެވެ. މިއަދު އެކުދިންނަކީ އޭނާގެ ހިތުގެ ފިނިކަމެވެ. އިންޑިޔާ ދަތުރަށްފަހު، ކުރިމަތިވި ހިތާމަތަކުން އަރައިގަންނަން ލިޝާއަށް ފަސޭހަވީ ރަށު ސްކޫލުގެ ޓީޗަރެއްގެ ވަޒީފާ އަދާކުރަންފެށީމައެވެ. ކުޑަކުދިންދެކެ ލިޝާ ނުހަނު ލޯބިވެއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު