"އެންމެ ގާތް އެކުވެރިޔަކަށް ހަދަން އެންމެ ރަގަޅީ ކީރިތި ގުރުއާނެވެ. ދުނިޔެމަތީގައިވެސް ކަށްވަޅުގައިވެސް އަދި ގިޔާމަތް ދުވަހުގައިވެސް ތިބާގެ ގާތުގައިވާނެއެވެ. ގިނަގިނައިން ގުރުއާން ކިޔަވާ ގުރުއާނުގެ އިލްމު އުނގެނި ތަފްސީރު ކިޔާ އަންގަވާފައިވާ ގޮތަށް އުޅެން މަސައްކަތް ކުރާށެވެ."

***

" ސޯ ރޫޑް..." އުރުޖުވާން ހިތާ ހިތުން ކުދި ކިޔާލިއެވެ. އުރުޖުވާން ހީކުރީ މާޒިމް އޭނަޔަށް އެނދު ދިނުމަށް އިތުުރަށް ބޭނުންވެ އެކަމަށް ނުރުހޭނޭ ކަމަށެވެ. ނަމަވެސް ވީ އެހެނެއްނޫނެވެ. އުރުޖުވާން އަނގަޔަށް ގޮތެއް ހަދައިލާފާ ފޮށި ތައް ހުޅުވާލަން މަސައްކަތް ކުރިއެވެ. ނަމަވެސް ފޮށި ބަރުވީމަ މާޒިްމ ގެ އެހީ އަށް އެދެން މަޖުބޫރުވިއެވެ.

" ވަޓް......" ފޮށި ހުޅުވާލުމުން އުރުޖުވާންގެ ހިތް ހުއްޓުނު ފަދައެވެ.

"ކިހިނެއް ވީ؟ނުބައި ފޮށްޓެއްތަ ގެނެވުނީ؟" ފޮށީގަ އަޅުވާފައި އިން ޓެގް ބަލާލުމަށް ކައިރި ވެލަމުން މާޒިމް ބުނެލީ ބުމަ ހިއްލައިލަމުންނެވެ. ނަމަވެސް އުރުޖުވާން އަވަސް އަވަހަށް ފޮށީގެ މަތިޖެހިއެވެ.

"ނޫން....އަ .....ކަމެއް ނުވޭ....." އުރުޖުވާން އާގަނެފައި ކަހަލަގޮތަކަށް ވާހަކަ ދެއްކީ ކަމެއް ފޮރުވަން އުޅޭ ފަދައަކުންނެވެ. މާޒިމް އަށް ވާނުވާ ނޭނގި ހުރެވުމުން ދެ އަތް މައްޗަށް ހިއްލާ އަމާން ދޭ ކަމުގެ އިޝާރާތެއް ކޮށްލީ މަޖާ ގޮތަކަށެވެ.

"އެންމެ ޓޮއިލެޓެއް ހުރީ...އެހެންވީމަ އައި ވިލް ގޯ ފަސްޓް......" މާޒިމް އަމިއްލަ ފޮށީން އެއްޗިހި ނެގުމަށްފަހު ތާޒާ ވެލުމަށް ފާޚާނާއަށް ދާން އަވަސް ވެގަތެވެ. އެ ކަމުގައި އުޅުނު ވަގުތުވެސް އުރުޖުވާން އަވަސް އަވަހަށް ފޯނު ނަގައި ބުމަ ކައިރިކޮށްލައިގެން އިނދެ މެސެޖް ކުރާތަން ފާހަގަ ވިއެވެ. އަދި ފޮށީގެ އެތެރޭގައި ހުރީ ކޯޗެއްތޯ ބަލަންވެސް ހިތް އެދުނެވެ. މާޒިމް ފާޚާނާ އަށް ވަދެލުމުން އުރުޖުވާން އަވަސްވެގަތީ މަދީނާ އަށް ގުޅުމަށެވެ. ފޯނު ކޮންމެ ފަހަރަކުވެސް އެކޮޅުން ކަނޑައިލަނީއެވެ. އަދި އުރުޖުވާން މެސެޖު ކުރުމުުންވެސް މަދީނާ ފޮނުވަނީ ހަމަ އެކަނި ހޭން އިންނަ އިމޯޖީ އެކެވެ.

"ދިސް ގާލް......އައި ސްވެއަ....." އުރުޖުވާން ޗުސް ކަނޑާލައި ގޮތް ހުސްވެފައި ހުރެ ދެކޮޅަށް ދެކޮޅަށް ހިނގަމުން ދިޔައެވެ. އުރުޖުވާން ފޮށްޓަށް އަޅާފައި ހުރި ހެދުން ތައް ނަގާފައި މަދީނާ ވަނީ ތަންކޮޅެއް ކުރު ހެދުންތަކެއް އެއަށް ލާފައެވެ. ލައިގެން ހުރި އަބާޔާ ފިޔަވައި އެހެން އަބާޔާ އެއް ނެތަސް އެޅި ހުރިހާ ޝޯލްތަކެއް ހަމަޔަށް ހުއްޓެވެ. ކުރު ސޯޓާއި ޓީޝާޓު އަދި ނިދަން ލާ ކަހަލަ ލޭސް ހެދުމެވެ. އުރުޖުވާން ފޮށި ތެރެ ހާވާ ބަލައިލާ ކޮންމެ ފަހަރަކު ލަދުން މަރުވާވަރު ވެއެވެ. އޭގެއިން ހެދުމެއް ލައިގެން މާޒިމް އަށް ފެނުމަށް ވުރެ މަރުވުން ވެސް މާ ރަނގަޅުވާނެ އޭ ހިތް ބުނަމުން ދިޔައެވެ.

ފާޚާނާ ދޮރުމަތީ ކުރުކާލިކަނޑަމުން ދިޔައީ ދެ އަތް ދެތް ދެއަތާ މޮޑެމުން ހަދަން ވީ ނަހަދަން ވި އެއް ނޭނގިފައެވެ.

ކުޑަ ތުވާލިކޮޅަކުން މޫނު ފޮހެމުން ނިކުތް މާޒިމްގެ މޫނު މަތީން ފެންނަމުން ދިޔައީ ތާޒާ ކަމެވެ.

"ވަޓް ހެޕެންޑް؟ފޮށީގަ ބޮމެއް އޮތީތަ؟" މާޒިމް ދެތިން ފިޔަވަޅު އެޅިއިރު ހުރެވުނީ ފޮށި ކައިރީގައެވެ. އެހާ ހަލުވިކޮށް ހަރަކާތްކުރީ އެކަމަށް ހުރަސް އެޅުވުމަށް އުރުޖުވާން އަށް ކުރި ނުހޯދޭނެކަން ޔަގީންވާތީއެވެ.

"ނޯ ނޯ ނޯ......ދެން.........." އުރުޖުވާން އާދޭހުގެ ރާގުގައި ބުނަމުން ދިޔައީ މުޅި މޫނު ފޮރުވާލައިގެން ހުރެއެވެ.

މާޒިމް ފަހަރަކު ހެދުމެއް ނަގައި ނިއުޅާލައި ބަލައިލާ އިރު، މޫނުގެ ކުލަވަރު ދިޔައީ އިތުރަށް ރަތް ވަމުންނެވެ. ބުނާނީ ދެން ކީކޭ ބާއޭ ވެސް ނޭނގިފައި ހުރެވުނީ އުރުޖުވާން އާއި ދެން ހަތަރު ކަޅި ހަމަ ކުރާނީ ވެސް ކިހިނެއް ކަމެއް ނޭނގިހުރެއެވެ. ދެ އަތްތިލައިގެ އެހީގައި މޫނު ފޮރުވާލައިގެން ހުރި އުރުޖުވާން ދެ އިނގިލި ދޭތެރެއިން ސިއްރުން ބަލައިލި އިރު މާޒިމް ގެ މޫނަށް ވެރިވެފައި ހުރި ކުލަވަރު ފެނި ލޯ ފިތައި ބާރު ކޮށްލެވުނެވެ.

މާޒިްމ ވެސް ނޫން ކަމަށް ހަދައި އަވަަހަށް ފަސް އެނބުރުނީ ބޮލުގައި ފެން ފޮހޭ ކަމަށް ހަދައެވެ. އަދި ފޮށީން ބޮޑު ޓީޝާޓަކާއި ކާޓޫންގެ ކުރެހުންތަކެއް ހުރި ހަރުވާޅެއް ނެގިއެވެ. އުރުޖުވާން ގެ ގާތަށް ޖެހިލައި ކަރު ކަހާލިއެވެ.

" ޔޫ ކޭން ވެއަ ދިސް....." އުރުޖުވާން ލޯ ނުހުޅުވާ ދެ އަތުން މޫނު ފޮރުވާލައިގެން ހުރުމުން ހެދުން އުރުޖުވާން ގެ ކޮނޑުމަތީގައި ބާއްވާލަދިނެވެ.

މާޒިމް ގެ ފިޔަވަޅުތައް ދުރަށް ދާ އަޑު އިވެން ދެން ލޯ ނުހުޅުވާ ހުރި އުރޖުވާން އަވަސް އަވަހަށް ފާޚާނާއަށް ވަނީ ކޮނޑުގައި އަޅުވާފައި އޮތް ހެދުމަށް ވެސް ސަމާލުކަމެއް ނުދީއެވެ. ފާހާނާގައި ހަރުކޮށްފައި އިން ބޮޑު ލޯ ގަނޑުން އޭނަގެ ސޫރަ މުޅިން ފެންނަން ހުރި އިރު ތުން ފަތުގައި ވި ރަތް ކަން އިންތިހާއެވެ. އަދި ކޯތާފަތަށް ވެރިވެފައިވި ހޫނު އިހުސާސް ވިއެވެ. އަވަސް އަވަހަށް ހެދުން ނިއުޅާ ބަލާލާފައި ހެވެން ފެށުނީ ހަރުވާޅު ފެނިއެވެ.

"ހަހަހަ ....މި ހަރުވާޅު ލައިގެން ހުއްޓާ އުނގަނޑުން ދޫ ވެގެން ފައިބައިފިއްޔާ ކިހާ މަޖަލެއް ވާނެ....." އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ހެވުނެއް ކަމަކު އެފަދަ ކަމެއް އަސްލު ދިމާ ވެއްޖިއްޔާ ވާނެ ވަރު ވިސްނި ހުނުން ހުއްޓުނެވެ. ހެދުން ބަދަލުކޮށް ނިމުނު އިރު ކަކުލާ ހަމަޔަށް ޓީޝާޓުގެ ދިގު މިން އޮތް އިރު ގަޔަށް ދޫކަމުން ހީވަނީ ދަނޑިޔެއްގެ ކޮޅުގަ އެލުވާފައި އިން ފޮތިގަނޑެއް ހެންނެވެ. ލޯގަނޑު ކުރިމަތީން އަމިއްލަ މީހާ ސިފަ ވާގޮތް ފެނި ހުނުން ކޮންޓްރޯލް ކުރަން މަސައްކަތް ކުރި ނަމަވެސް މާޒިމް ގެ ކުރިމައްޗަށް އެފަދަ ގޮތެއްގައި ހުރެ ދާން ޖެހިލުންވިއެވެ.

" ހުރިހާ ކަމެއް އޯކޭތަ؟" ފާޚާނާގައި ގިނަ އިރުވުމުން މާޒިމް ދޮރު ކައިރީ ހުރެ ގޮވާލި އަޑަށް އަވަހަށް ކުރީން އަޅައިގެން ހުރި ބުރުގާ ބޮލުގައި އޮޅާލައިފިއެވެ. އޭރު އޭނާގެ ދިގު އިސްތަށިގަނޑުގެ ބޮޑުބައި ފަހަތުން ފެންނާން އޮތެވެ. ނިތްކުރީން ވެސް ކުދި ކުދި އިސްތަށިކޮޅުތަށް ފައިބައިފާ ވިއެވެ. އަވަސް ވެފައި ހުރުމުން ދޮރު ހުޅުވުނީ އެގޮތަށް ހުރެއެވެ.

އުރުޖުވާން ދޮރު ހުޅުވައިލުމުން މާޒިމް އަށް ހީވީ ދުނިޔޭގެ ހަތް އަޖައިބުގެ ތެރެއިން އެއް އަޖާއިބު ފެނުނު ހެންނެވެ. ގަޔަށް ދޫ ޓީޝާޓާއި ހަރުވާޅު ދިގު ކަމުން ބިމުގަ ހޭކިފައި އޮތް އިރު ވެސް އުރުޖުވާން ދައްކަނީ އެހާމެ ފުރިހަމަކޮށެވެ.

"ހްމްމްމް ދެން އޯކޭ އޭ. މާޒް ބޭނުމިއްޔާ ހޭންވީ. އުރޫޖް ހީވަނީ ފަގީރު ކޮއި ހެން ވިއްޔާ....." ތުން އޫކޮށްލާފައި އުރުޖުވާން އަވަސް ހިނގުމުގައި ގޮސް އިށީނީ އެނދުގައެވެ. މާޒިމް ބަލަހައްޓައިގެން ހުރީ ހޭން ނުކެރިފައި ކަމަށް ހީކޮށެވެ.

" ކޮން ކަމަކާ ހޭންވީ؟ފަގީރު ކޮއެ ރިތި ވީމަތަ؟" ފާރަށް ލެނގިލައިގެން ހުރެ އަތް މަހާލަމުން މާޒިމް ބުނެލީ ލާނެތް ހިނިތުންވުމެއްގައެވެ.

އުރުޖުވާން ރަކި ހިނިތުންވުމެއް ވެރިވި ނަމަވެސް އަވަހަށް މައުޟޫ ބަދަލުކޮށްލިއެވެ. ދަތުރު ވަރުބަލި ވެފައި ވުމުން މިރޭ ރޫމް އޯޑަރު ކުރަން މާޒިމް ގަސްތުކުރިއެވެ. އެނދުގެ ލޭސް ކަހާލަމުން އަނެއް ފަޅީގައި މާޒިމް އިށީނީ ޓީވީ ރިމޯޓާއެކީއެވެ.

"ހިނގާ ބިރުވެރި ފިލްމެއް ބަލަން....ހަގީގީ އެއްޗެއް..." އުރުޖުވާން ޚިޔާލުދިނެވެ. މާޒިމް ގެ މޫނު މަތީންވެސް ފެންނަމުން ދިޔައީ ޝައުގުވެރިކަމެވެ. ކާއެއްޗެހި ވެސް އައި ވަގުތު ކަމުން މާޒިމް ދޮރު ހުޅުވާލަން ދިޔަ ވަގުތު އުރުޖުވާން އަވަހަށް ހަށިގަނޑު ފޮރުވާލީ ބްލޭންކެޓް ދަށުގައެވެ. މީހަކަށް ފެނިދާނެ ކަމުގެ ބިރައްޓަކައެވެ. ނަމަވެސް އުރުޖުވާން އެ ހާލަތުގައި ހުރެ އެއްވެސް މިހަކަށް ފެނުމަށް މާޒިމް ނޭދޭ ކަމުން އަމިއްލަ އަށް ކާއެއްޗިހި ވައްދާ މޭޒުގައި އަތުރާލިއެވެ.

" އުރޫޖް......އުރުޖުވާން....." މުޅި ކޮޓަރި ހޯދަމުން މާޒިމް ގޮވަމުން ދިޔައީ ހާސްވެ ކަންބޮޑުވެފައި ހުރެއެވެ.

"ބޫ..." އުރުޖުވާން ހެމުން ފޮތިގަނޑު ދަށުން ނިކުތް އިރު ބޮލުގައި އަޅާފައި އޮތް ޝޯލް ވެސް އޮތީ ވެއްޓިފައެވެ. އިސްތަށިގަނޑު ހޭވިފައި ވި ނަމަވެސް އެ މޫނުގެ މައުސޫމުކަން ނުގެއްލެއެވެ. މާޒިމް ކުޑަކޮށް ސިހިގެން ދިޔަ ނަމަވެސް ލޯ އަޅާލީ އުރުޖުވާން އެކަމަށް މަލާމާތް ކުރާތީއެވެ.

"ތިހެން އުޅެނިކޮށް އަސްލު ހަންޑިޔެއް އަތުވެދާނެ...." މާޒިމް ރާގުގައި އިންޒާރާއި ސަމާސާކަން އެކުލެވުނެވެ. އުރުޖުވާން ސިހޭގޮތްވިއެވެ. މާޒިމް ހޭންފެށިއެވެ.

" ކޮބާ....މިހާރު އެނގިއްޖެ ނު......" މާޒިމް ލާނެތް ރާގުގައި ބުނެލިއެވެ.

" ކޯޗެއް؟" އުރުޖުވާން ދެފައި ވަށް ކޮށްލމުން ނޭގޭކަމަށް ހެދިފައި ޖަވާބު ދިނެވެ.

"ސައިޒް..." އެހެން ބުނެލުމަށް ފަހު މާޒިމް އަށް ހުނުން ކޮންޓްރޯލް ކުރަން ވެސް އުދަގޫ ވިއެވެ. އުރުޖުވާން އަށް ރުޅި އަންނަންވެސް ނޭގިފައި އިނދެވުނީ މާޒިމް ގެ މޫނުން އެ ފެންނަ އުފާވެރިކަން ފެނިއެވެ. ޗާލު ކަމުންނެވެ.

"ހޫން ދެން ވަރަށް ފޫހި...." އުރުޖުވާން އެނދުން ފޭބިއެވެ. އަދި އަވަސް ހިނގުމުގައި ފައި ޖަހަމުން ކަހަލަ ގޮތަކަށް ކެއުމާ ދިމާއަށް ހިނގައިގަތީ ބޮލުގައި އޮތް ބުރުގާ ބޭލުނު ކަން ނޭނގި ހުރެއެވެ. އެކަން ރޭކާ ލީ ގޮނޑީގައި ކާން އިށީން ފަހުންނެވެ. އެ ހުރިހާ ހަރަކާތެއް ފަރުވާތެރިކަމާއެކު ބަލަމުން ދިޔަ މާޒިމް ގެ ހިތަށް ހެރިގެން ދިޔައީ ލޯބީގެ ތީރުތަކެވެ.

"ހިނގާ އަވަހަށް ފަށަމާ......" މާޒިމް އަވަހަށް ކާން އިށީނީ އުރުޖުވާން ތެދުވެގެން ދާން ފުރުސަތު ނުދިނުމަށެވެ. ދެމީހުންވެސް ހަމަޖެހިލައި ކައި ނިންމާލައިގެން ބިރުވެރި ފިލްމް ބަލަން ތައްޔާރުވިއެވެ. ދެމީހުންގެ ދެމެދުގައި އޮތް ބިރައްޓެހިކަމާއި ނުތަނަވަސްކަން ފިލިއެވެ. ފިލްމު ފެށުނުތާ ފަނަރަ މިނިޓް ވެސް ނުވަނީސް އުރުޖުވާން ގެ ލޮލަށް ނިދި ސަވާރުވިއެވެ. ބިރުވެރި ފިލްމެއް ކަމުން ގިނަ ފަހަރު އިނީވެސް ލޯ މަރާލައިގެންނެވެ. އަދި ބައެއް ފަހަރު މާޒިމް ގެ އަތުގައި ވެސް ހިފާލެވެއެވެ. އުރުޖުވާން އަށް ނިދުނު އިރު މާޒިމް ގެ އަތުގައި ހިފައިގެން ނިދުމުން ހަރަކާތެއްކޮށްލަން ވެސް ނުކެރިފައި މާޒިމް އިނީ ހޭލެވިދާނެ ކަމަށްޓަކައެވެ. އެހާ ވެސް އުރުޖުވާން އާއި މެދު ފަރުވާތެރިވެވެއެވެ. އުރުޖުވާން ގެ ކަރުގައި އަޅާފައި އޮތް ފަށް ހާމަޔަށް ފެންނަން އޮތް އިރު އެ ފަށަކީ ކުރީން ވެސް މާޒިމް އަށް ފެނިފައިވާ ފަށަކާއި ވައްތަރުވިއެވެ. ހަނދާނަށް ގެނެވުނީ ނާވިޔާއެވެ.

***

މާޒްވިލާގައި މަދީނާއަށް ހާއްސަ ކޮށްފައިވާ ކޮޓަރިއަކީ ތަނަވަސް ބޮޑު ކޮޓަރިއެކެވެ. ބޮޑު އެނދެއް ހުރި އިރު މުޅި ކޮޓަރިވަނީ މަޑު ފިޔާތޮށިކުލައިން ޒީނަތްތެރިކޮށްފައެވެ. އެނދާއި ކުރިމައްޗަށް ވާ ގޮތަށް ބޮޑު ލޯގަނޑެއް ހުރި އިރު އޭނަ ލައިގެން ހުރި ހެދުން ރީތިތޯ ބަލަން އެކިގޮތްގޮތަށް ހުއްޓިލައިގެން ހުރެ ފަރި ބެލުނެވެ. އުވެއިސް ގެ ހިލަމެއްވޭތީ ކައިރި ތަން ތަން ހޯދާ ބެލިޔަސް މިރޭ އެކަހަލަ އިހުސާސެއް ނުކުރެވެއެވެ. ގެންގުޅޭ ޓެޑީ ބެއަ ނުފެނިގެން ވެސް މަދީނާ އެތައް ތަނެއް ހޯދާ ބަލައިފިއެވެ. އެއީ އުވެއިސް އަބަދުވެސް އޭނައަށް އުނދަގޫ ކުރުމަށް ބޭނުންކުރާ އެއް އުކުޅެވެ. ނަމަވެސް މިރޭ އެ ލޮލަށް ނުފެންނާތީ މަދީނާ އަށް އުނދަގޫކުރުވިއެވެ. ގަޑިޔަށް ނަޒަރު ހިންގާލަ ހިންގާލާ ހުރި މަދީނާ ގެ ކެތްތެރިކަން ކޮޅުން ލައިފިއެވެ. ބެލްކަނީ އަށް ނިކުމެލީ ގަޑީން ބާރަ ޖަހަން ފަސް މިނިޓަށް ވެފައި ވަނިކޮށެވެ. މާޒްވިލާގެ ބަގިޗާ ދިއްލިފައި އޮތެއް ކަމަކު ނާމާން ކަން ޖައްވުގައި ހަރުލާފައިވިއެވެ. މަދީނާ ގެ ގައިން ހީބިހި ނަގައިގެން ދިޔައީ ޖެހުނު ވައިރޯޅީންނެވެ. އެވައިރޯޅީގައި ހަރުލާފައިވީ މިއަދު ބަގީޗާ ތެރެއިން ފެނުނު މަލުގައި ދުވި މީރު ވަހެވެ.

އެސްފިޔަ ޖަހައިލާ ހާ އަވަސް މިނުގައި ލޮލަށް ފެނިގެން ދިޔައީ ބަގީޗާ ތެރޭގައި ކަޅު ގަމީހަކާއި ނޫ ޖީންސެއްގައި ހުރި އުވެއިސް އެވެ. އިސްކޮޅުން އެހާ ދިގެވެ. އިސްތަށިގަނޑުގައި ވީ ވިދާ ރިހި ކުލައެކެވެ. މޫނަށް އެޅިފައިވީ ކުދި އިސްތަށިކޮޅުތަށް ވަޔާ ވިހުރެމުން ފާޅުކޮށްދެނީ އެ ފިނި ސިއްރުވެރި ދެލޮލެވެ. ކަޅީގައިވީ ކަނޑު ނޫ ކުލަކަން ގަދައެވެ. އެ ލޮލުގައި ވީ ބެލުން ކަނޑެއްހެން ފުން އިހުސާސްތަކެއް ވެރިކުރުވައެވެ. މަދީނާގެ ގަޔަށް ވަން ހީ ފިލުވަން އުނދަގޫވިއެވެ. އުވެއިސް ގެ ބެލުމުން ދައުވަތުދިނީ ބަގީޗާ އަށް އައުމަށެވެ. ގަޑީގެ އެލާމް ވެސް އެ ވަގުތު ރިންގު ވުމުން މަދީނާ ސިހުނެވެ. އަދި ހިތް ބާރަށް ތެޅިގަތެވެ. ކެނާން ގެ ހިލަމެއް ވޭތޯ ބަލަމުން ސިއްރުވެރި ފިޔަވަޅުތަކުގައި ބޭރަށް ނިކުތެވެ.

" ކީއްވެ ބަގީޗާ އަށް ނައީ؟" އުވެއިސް ވަގުތުން ވެސް ކުރީ ޝަކުވާއެވެ.

މަދީނާ އަށް ވާހަކަ ދައްކަން އުނދަގޫ ވެފައި ހުރެވުނީ ބިރުންނެވެ. އެތަނަށް އާދެވުނު ކަމުގެ މޮޔަވެސް ހިތަތް ވެރިވިއެވެ.

" ތިހާ ބިރުނުގަނޭ....މިރޭ މިއައީ އެއްވެސް އުނދަގުލެއް ކުރާކަށެއް ނޫން....." އުވެއިސް ގެ އަޑުގައިވި އޯގާތެރިކަމެވެ. އެވަގުތު ގަސް ތަކުތެރެއިން އެއޗެއް ހެލިލާ އަޑު އިވުމުން އުވެއިސް ވަރަށް ބާރަށް މަދީނާގެ އަތުގައި ހިފިއެވެ.

" އަހަރެން ބުނަންދެން ލޯ ނުހުޅުވާތި....." މަދީނާ ގެ ކަންފަތް ކައިރީ އުވެއިސް ގެ އަޑު ގުގުމާލިއެވެ. ގަތް ބިރުން މަދީނާ އަށް ނޭނގި ނަމަވެސް ހުރެވުނީ ލޯ ފިތައި ބާރުކޮށްލައިގެންނެވެ.

އުވެއިސް ބުނުމުން ލޯ ހުޅުވައިލިއިރު ހުރެވުނީ މުޅިން އެހެން ތަނެއްގައެވެ. "މި ކޮން ތަނެއް.......ޕްލީޒް އަހަރެން....."މަދީނާ ހާސްވެ ކަންބޮޑުވެފައި ރޮއިގަނެވުނެވެ.

"މި ބުނީނު އުނދަގުލެއް ކުރާކަށެއް ނޫނޭ.....ކަންފަތަށް އަޑުނީވެނީތަ؟ މަދީނާގެ ރައްކަލަކަށް އަހަރެން މިތަނަށް ގެނައީވެސް....." އުވެއިސް ހަރުކަށި އަޑުން ބުނެލިއެވެ. ނަމަވެސް އަމިއްލަ ނަފުސް ކުށްވެރި ކުރެވުނީ މަދީނާގެ ރުއިިމުންނެވެ. ގިސްލެވެމުން ދިޔަ މަދީނާ އަށް ތަން ތަން ހޯދާބަލައިލެވުނެވެ. ދެކެ ފަރިތަ ތަނެއް ނޫނެވެ. މީހެއްގެ ހިލަމެއްވެސް ނެތެވެ. ޔަގީންވީ ބޯ ޖަންގަޔެއްކަން އެކަންޏެވެ. ނަމަވެސް އުޑުމަތީގައި ވިދާ އެތައް ހާސް ތަރިތަކުގެ އަލީގައެވެ. އުވެއިސް ގެ އަތު ތެރޭގައެވެ.

"މާކަ ގިނަ ވަގުތެއް ނެތް...." އުވެއިސް ކަންބޮޑުވަނީ އޭނާ ފަހަތުގައި ފާރަޔަށް ބަހައްޓާފައި ތިބޭ ޖިންނީންނަށެވެ. މަދީނާ އާއި އުވައިސްގެ ކޮންމެ އަމަަލަކަށް އެމީހުން ފާރަވެރިވާން މުޝްރިކާ ވަނީ އަންގާފައެވެ. އުވެއިސް ކެތްތެރިވާން މަސައްކަތްކުރަމުން ދިޔައީ މަދީނާ ގެ ރުއިން ހުއްޓޭތޯއެވެ.

"ތި ބުނީ......މަރާލަންތަ؟އަހަރެންގެ ކުށަކީ ކޮބައިތަ؟" މަދީނާ އަށް ގިސްލެވުނެވެ.

އުވެއިސް އަށް އެވަގުތު ވެސް މަދީނާގެ މައުސޫމު ކަމާއިމެދު ހެވުނެވެ.

"މަރާލަން ބޭނުން ނަމަ ދުނިޔޭގަ މިހާ ދުވަހަކަށް މަދީނާ އެއް ނުހުންނާނެ...އަހަރެން މަދީނާ ގާތަށް މިއައީ ކުރީން ކުރެވުނު ކަންތަކަށް މާފު އެދެން. އެ ކަންތައްތައް އެގޮތުގައި ވުމުގެ ސަބަބު ވެސް ވޭ....އެކަމަކު މިހާރު އަހަންނަށް މަދީނާ އަށް އިތުރަށް އެފަދަ ވޭނެއްގައި ވުމަށް ނޭދެވޭ....ތި ލޮލުން ވޭނުގެ ކަރުނައެއް ފާއްދާލަން ވެސް ނޭދޭ...." އުވެއިސް ގެ ހިތުގައި ވި ހުރިހާ އެއްޗެއް ބަންޑުންކޮށްލިއެވެ.

މަދީނާގެ ރުއިން ހުއްޓި އުވެއިސް ގެ ވާހަކަ އަށް ސަމާލުކަން ދެވުނެވެ. އެކަމަކު އުވެއިސް ކޮންމެ ފަހަރަކު އަޑެއް އިވިލާ އިރަށް އެކި ތަންތަނަށް މަދީނާ އާއި އެކީ ދަތުރު ކުރެއެވެ. ކޮންމެ ފަހަރަކުވެސް ލޯމަރާލަން އެދުމުން މަދީނާ ބަސް ގަބޫލުކޮށް އެގޮތަށް އެކަން ކުރެއެވެ. ތަން ބަދަލުވާ ވަގުތު މަދީނާއަށް އެ ދެވޭ ބާރު މިނެއްވެސް ދަތުރު ކުރެވޭ ގޮތެއްވެސް ނޭނގެއެވެ. ހަމަ އެކަނި އުވެއިސް ގެ އަތު ތެރޭގައި ފޮރުވިފައިވާކަމެވެ.

" ހުރިހައި ސަބަބެއް ކިޔައި ދޭނަން. އަހަރެން މިއީ މަދީނާ އަށް ހެޔޮ އެދޭ މީހެއް.....އެކަން ހަނދާނުގަ ބަހައްޓާތި...." އެންމެ ފަހު ޖުމްލަ އުވެއިސް ބުނެލީ މާޒްވިލާގެ ކޮޓަރީގެ އެނދުގައި މަދީނާ ބާއްވާލަދެމުންނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު