ގާނޫނީ އިމުގެ ތެރެއިން ކެމްޕޭން ކުރުމަށް އިލްތިމާސްކޮށްފި

ރިޔާސީ އިންތިޚާބު 2023އަށް އެމްޑީޕީން ބޭއްވި ކެމްޕޭން ހަރަކާތެއްގެ ތެރެއިން -- ފޮޓޯ/ އެމްޑީޕީ

އެއްވެސް ފަރުދެއްގެ ވޯޓުދިނުމުގެ ހައްގަށް އުނިކަން އަތުވެދާނެ އެންމެހާ އަމަލުތަކުން ދުރުހެލިވެ، ގާނޫނީ އިމުގެ ތެރެއިން ކެމްޕޭން ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)އިން މިއަދު އިލްތިމާސްކޮށްފިއެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން ވަޒީފާ ދިނުމާއި، ވަޒީފާގެ ބިރު ދެއްކުމުގެ ފަދަ ކަންކަން ހިނގަމުންދާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ. އަދި މި އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކަށް ގެއްލުން ދިނުމުގެ ގޮތުން ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ފެތުރުމާއި، ވޯޓު ގަނެ ވިއްކުމުގެ އިތުރުން، ބިރު ދައްކައި، ކެމްޕޭން ޕޯސްޓަރުތަކަށް ގެއްލުން ދިނުން ފަދަ ކަންކަން ހިނގަމުންދާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ.

މިކަމާ ގުޅިގެން އެޗްއާރްސީއެމްއިން ވަނީ ކެމްޕޭނާ ދިމާކޮށް ގާނޫނީ އިމުން ބޭރުން ހިނގަމުންދާ ކަންކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި އެ ފަދަ ކަންކަން ހިންގާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް އެ ކޮމިޝަނުން ވަނީ ކަމާގުޅުންހުރި މުއައްސަސާތަކަށް ގޮވާލާފައެވެ.

"...ކެންޑިޑޭޓެއްގެ އިންތިޚާބީ ހައްގަށް ނުވަތަ އެއްވެސް ފަރުދެއްގެ ވޯޓުދިނުމުގެ ހައްގަށް އުނިކަން އަތުވެދާނެ އަމަލުތަކުން އެންމެހާ ފަރާތްތަކުން ދުރުހެލިވުމަށް ގޮވާލަމެވެ. އަދި މި ފަދަ އަމަލުތައް ކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތަކަށް ގޮވާލަމެވެ." އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ވަނީ އެއް ކެންޑިޑޭޓަކު އަނެއް ކެންޑިޑޭޓަކަށް އިހްތިރާމް ކުރުމަށާއި ރިވެތި އަހުލާގާއި ސުލޫކު އިސްކުރުމަށް ހަނދާންކޮށްދީފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހެދުމަށްޓަކައި ހުުރިހާ ކެންޑިޑޭޓުންނާއި ޕާޓީތަކާއި ދައުލަތުގެ މުއައްސަސާތަކާއި އަދި ވަކިވަކި ފަރުދުން ވެސް މަސައްކަތް ކުރުމުގައި ގާނޫނީ އިމުގެ ތެރޭގައި ވާދަވެރި ރޫހެއްގައި ކެމްޕޭން ކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި އޮތީ އޭޕްރީލް 21ގައެވެ. މި އިންތިޚާބުގައި 93 ދާއިރާއަށް 386 ކެންޑިޑޭޓުން ވާދަކުރެއެވެ.

އެއްވެސް ޕާޓީއަކުން ހުރިހާ ދާއިރާއަކަށް ކެންޑިޑޭޓުން ނުނެރޭއިރު އެންމެ ގިނަ ކެންޑިޑޭޓުން ނެރުނީ އިދިކޮޅު އެމްޑީޕީންނެވެ. އެ ޕާޓީން 90 ދާއިރާއަކަށް ވާދަކުރާއިރު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޓިކެޓުގައި ކެންޑިޑޭޓުން ނުކުންނަނީ 89 ދާއިރާއަކަށެވެ.

comment ކޮމެންޓް