ދުރުގައި ވާން ނޭދުނަސް ހިތް... 04

"ހޫމް. ބަނޑުހައިވީމަ ދޯ ބަނޑުހަޔޭ މި ބުނަނީ…" އެ ޒުވާނާގެ އަޑުން ނުރުހުންތެރިކަން ޒައިނާއަށް އިޙްސާސްކުރެވެމުން ދިޔައެވެ.

"ދެން ކީއްވެގެންތަ ތި އިންނަނީ؟ މަށަށް ކާންދޭން ހިނގާ…" އެ ޒުވާނާގެ އަޑުގައިވަނީ އަމުރުވެރިކަމެވެ.

"ހިނގާ…" މަޑުމައިތިރި އަޑަކުން އެހެން ބުނެލުމަށްފަހު, ޒައިނާ އެނދުން ތެދުވެ ހިނގައިގަތެވެ. އޭރު އޭނާގެ މޫނުމަތިން ފެންނަނީ މޮޅިވެރިކަމެކެވެ.

ކާކޮޓަރިއަށް ގޮސް ނިކަން އަވަސް އަވަހަށް ތަށިތައް މޭޒުމައްޗަށް އަރުވާ، ކާން ތައްޔާރުކޮށްލިއެވެ. އެ ޒުވާނާ މޭޒު ދޮށުގައި އިށީނުމާއެކު، ޒައިނާ ވަރަށް ފުންކޮށް އެ ޒުވާނާއަށް ބަލާލިއެވެ. އެއްޗެއް ބުނަން ނުބުނަން ހުރި ފަދަގޮތަކަށް ހުރެފައި އޭނާ ވާހަކަ ދެއްކިއެވެ.

"ނިހާދު ކޮންތާކު އުޅެފަ ތިއައީ؟ އަހަރެން ވަރަށް ގިނައިރު މަޑުކުރިން ނުނިދާ…" އަހަން ނާހަން ހުރެފައި ކަހަލަ ގޮތަކަށް ޒައިނާ ސުވާލުކޮށްލީ އޭނާގެ ފިރިމީހާ ނިހާދުއާއެވެ.

"ރައްޓެއްސަކާ އެކީ އުޅުނީ…" ތަށްޓަށް ކާ އެއްޗެހި އަޅަމުން ޒައިނާއަށް ބަލައިލުމެއްވެސް ނެތި ނިހާދު ބުނެލިއެވެ. އެ އަޑުގައި އެއްވެސް ވަރަކަށް ޒައިނާއާ މެދު ޝައުޤުވެރިކަމެއް ނެތެވެ. ކައި ނިމިގެން ނިހާދު ކޮޓަރިއަށް ދިޔުމުން ޒައިނާވެސް މޭޒުމަތި ސާފުކޮށްފައި ތަށިތައް ދޮވެފައި ގޮސް ކޮޓަރިއަށް ވަނެވެ. އޭރު ނިހާދު ވީ ފާޚާނައިގައެވެ. އެނދުގައި އިށީންގޮތަށް ޒައިނާއަށް އެތަކެއް އިރަކު އެ އިންގޮތަށް ވިސްނުމަކަށް ގެއްލިފައި އިނދެވުނެވެ. ވިސްނަނީ ކީކޭކަން ނޭނގުނެއް ކަމަކު އެ މޫނުމަތީގައިވީ އަސަރުތަކުން އޭނާ ކަމަކާ ހިތާމަ ކުރަނީކަން ދެނެގަންނާކަށް އުނދަގުލެއް ނުވެއެވެ.

ގައިގަނޑަކަށް ފަސް ވަރަކަށް މިނެޓްފަހުން ފެންވަރައިގެން ނުކުތް ނިހާދު ސޯޓެއްލަމުން އައިސް އެނދުގައި އޮށޯވެ ލޯ މަރާލިއެވެ. ނިހާދުއަށް ބަލަން އިނުމަށްފަހު ޒައިނާވެސް އޮށޯވެ އަނެއް ފަރާތަށް އެނބުރުނީއެވެ. އެއާއެކު އޭނާގެ ދެލޮލުން ހޯސްލާފައި ފޭބި ކަރުނަތައް ބާލީހަށް އޮބިގެން ދާން ފެށިއެވެ. ފިރިމީހާގެ ފަރާތުން ލޯތްބާއި އަޅާލުމާއި އޯގާތެރިކަމަށް އުންމީދު ކުރިއެއްކަމަކު، އޭނާއަށް އެއްވެސް އުފަލެއް ނެތެވެ. އެހެން އަންހެނުންނެކޭ އެއްގޮތަށް އޭނަވެސް އެދެނީ އުފާވެރި ދިރިއުޅުމަކަށެވެ. އެހެންނަމަވެސް، އޭނާގެ ނަސީބުގައި އެކަން އެގޮތަށް ލިޔުއްވާފައި ނެތްފަދައެވެ. ހިތާމަޔާއި ހިތްދަތިކަން ނޫން އެއްޗެއް އޭނާއަށް ހައްޤު ނޫނީ ބާއޭ ޒައިނާގެ ހިތަށް އަރަމުން ދިޔައެވެ.

ޒައިނާގެ މަންމައާއި ބައްޕަވަނީ ޒައިނާ ކުޑައިރު ނިޔާވެފައެވެ. އޭނާގެ މަންމަ ފަޒީލާ ނިޔާވީ ޒައިނާގެ އުމުރުން ހަތްއަހަރުގައި ކެންސަރު ބަލީގައެވެ. ބައްޕަ ހަބީބުވެސް ނިޔާވީ ކުއްލިއަކަށެވެ. އޭރު ޒައިނާގެ އުމުރުން ސޯޅަ އަހަރެވެ. "އޯލެވެލް"އަށް ތައްޔާރުވަމުން ދަނިނޮށް ބައްޕަ ނިޔާވުމާއެކު، ޒައިނާގެ ކިޔެވުމަށް ވަރަށް ބޮޑަށް ބުރޫ އެރިއެވެ. އެހެންނަމަވެސް، ﷲ ގެ އިރާދަފުޅާއެކު، އޯލެވެލް ހެދި ހުރިހާ މާއްދާއަކުންވެސް ޒައިނާ ފާސްވިއެވެ.

މަންމަ ނިޔާވުމަށްފަހު، ޒައިނާ އުޅެމުން ދިޔައީ ބައްޕަ ފަރާތު ބޮޑުދައިތައެއް ކަމުގައިވާ ނިފާޝާ ކައިރީގައެވެ. ނިފާޝާގެ ތިން ކުދިން ތިބެއެވެ. ފަޒީލާ ނިޔާވުމުން، ޒައިނާ ބެލުމުގެ ޒިންމާ ހިތާ ދެކޮޅަށް އޭނާ ނެގީ ހަބީބުގެ އެދުމަށް ދެކޮޅު ހަދަން ނުކެރިގެންނެވެ. އޭރުވެސް ނިފާޝާގެ ފަރާތުން ނުރުމުގެ ބަސްތައް ޒައިނާއަށް އަމާޒުވާލެއް މަދެއް ނޫނެވެ. އެހެންނަމަވެސް، އެ ހުރިހާކަމެއް އޭނާ ދިޔައީ ބައްޕައަށް ސިއްރުކުރަމުންނެވެ. ހަބީބު އޭނާ ދެކެ ލޯބިވާވަރު އެނގޭތީއާވެސް އެކުގައެވެ. އޭނާ އެފަދަ ވާހަކައެއް ބައްޕައާ ހިއްސާކޮށްގެން އާއިލާ ތެރޭގެ މަސްލަހަތު ގެއްލުވާލަން ބޭނުންނުވާތީއެވެ. ކޮންމެ ގޮތަކަށް ކަންތައްކޮށްފައި، ކޮންމެ އެއްޗެއް ކިޔާފައިވެސް، ނިފާޝާ ދިޔައީ އޭނާގެ ކަންތައް ކޮށްދެމުން ވިއްޔާއެވެ. ހަބީބަކީ މަސްވެރިއެއް ކަމުން ގިނައިން ރަށުން ބޭރުގައި އުޅެން ޖެހުމުގެ ސަބަބުން، ދަރިފުޅުގެ ޙާލުވެސް ހަބީބަށް ވަނީ ސިއްރުވެފައެވެ.

ޒައިނާއަށް ލިބެމުން ދިޔަ އަނިޔާތައް އިތުރުވީ ހަބީބު ނިޔާވުމާއެކުގައެވެ. އަގަކާ ނުލާ ޒައިނާ ބެލުމަކީ އޭނާއަށް ވާނެ ކަމެއް ނޫންކަމުގައި ނިފާޝާ ބުނަން ފެށިއެވެ. އޭނާގެ ފިރިމީހާގެ ކައިރީގައިވެސް އެފަދަ ވާހަކަތައް ދައްކާތީ ޒައިނާއަށް އަޑު އިވެއެވެ. ކިތަންމެ ނޫންކަމަށް ހެދުނު ނަމަވެސް، ނިފާޝާގެ އެފަދަ ބަސްތަކުން ޒައިނާގެ ހިތަށް އަސަރުކުރެއެވެ. އެ ހުރިހާ ޝަކުވާތަކަކާއި ނުރުހުމުގެ ބަސްތަކަށް ބީރުކަންފަތެއް ދޭން މަސައްކަތް ކުރި ނަމަވެސް، އެ ހުރިހާ ބަސްތަކަކުން ޒައިނާގެ ހިތަށް އެތަކެއް އަނިޔާއެއް ލިބެމުން ދިޔައެވެ. އޭނާގެ ނާޒުކު ހިތުގައި އެތަކެއް ކޫރުމެއް އެޅެމުން ދިޔައެވެ. ދުވަހެއް ދުވަހަކަށް ނިފާޝާގެ ނަފްރަތު އިތުރުވަމުން ދިޔުމުގެ ސަބަބުން އެގޭގައި ގިނަވަގުތު ހޭދަކުރުމަކީ އުނދަގޫކަމަކަށް ޒައިނާއަށް ވިއެވެ. އެންމެފަހުން އޭނާ ފިހާރައަކުން ވަޒީފާއެއް ހޯދިއެވެ. ވަޒީފާއިން ލިބޭ މުސާރައިގެ ތެރެއިން ޒަރޫރީ ބޭނުންތަކަށް ފައިސާކޮޅެއް ނެގުމަށްފަހު، ބާކީ ފައިސާ އޭނާ ނިފާޝާއަށް ދޭން ފެށިއެވެ. އަދި އޮންލައިންކޮށް ކިޔަވަން ފެށިއެވެ.

ޒައިނާއާއި ނިހާދާ ދިމާވީ ޒައިނާގެ އުމުރުން ތޭވީސް އަހަރުގައެވެ. ނިހާދަކީ އެ އަތޮޅު އެހެން ރަށެއްގެ ޒުވާނެކެވެ. އެއީ ޒައިނާގެ އަލަތު ލޯބިވެރިޔާއެވެ. ޒައިނާ ބޭނުންވީ ވީ އެންމެ އަވަހަކަށް ކައިވެނިކުރަން ނަމަވެސް، ނިހާދު ބޭނުންވީ ވަގުތުކޮޅެކެވެ. އެހެންނަމަވެސް، ޒައިނާ ތަކުރާރުކޮށް ކިޔަން ފެށުމުން އެންމެ ފަހުން ކައިވެނިކުރަން ނިހާދު އެއްބަސްވިއެވެ. ނިހާދު ކުޑައިރު، އޭނާގެ މައިންބަފައިން ވަނީ ވަކިވެފައެވެ. މަންމަ އެހެން މީހަކާއިނދެހެން ލަންކާއަށް ދިރިއުޅުން ބަދަލުކުރިއިރު، ބައްޕަ އެެހެން މީހަކާ އިނދެގެން މާލެ ބަދަލުވީ އޭނާ ތިމާގެ މީހެއްގެ ކައިރީގައި ބަހައްޓާފައެވެ.

"އަހަރެމެން އިނދެގެން އުޅޭނީ ކޮންތާކު؟" އެއް ރޭ ދެކެވުނު ވާހަކައެއްގެ ތެރެއިން ޒައިނާ ސުވާލުކޮށްލިއެވެ.

"ބައްޕަގެ ގެއެއް މި ރަށުގައި ހުރޭ. މީހަކު ނޫޅޭތާ ދުވަސްވީމަ ކުޑަކޮށް ވީރާނާވެފަ ހުރީ. އެކަމަކު އެތަން މަރާމާތުކޮށްލައިގެން އެގޭގައި އުޅެވިދާނެ." ނިހާދު ބުނެލިއެވެ.

"މަރާމާތު ކުރަން ފައިސާ ހޯދާނީ ކިހިނެއް؟" ޒައިނާއަށް ސުވާލުކޮށްލެވުނެވެ.

"ޒައި… އެހާ ބޮޑަށް ނުވިސްނާ. އަހަރެން ރިސޯޓަކުން ވަޒީފާއެއް ހޯދައިފިން. ރަނގަޅު މުސާރައެއްވެސް ލިބޭ. އެ ފައިސާ ރައްކާކޮށްގެން އަަހަރެމެންނަށް އެކަން ކުރެވިދާނެ.." ނިހާދު ބުނެލިއެވެ.

"އެހެންވީއިރު، އަހަރެން ޖެހޭނީ މަޑުކުރަން ދޯ…" ޒައިނާއަށް މަޑުމޮޅިކަމާއެކު ސުވާލުކޮށްލެވުނެވެ.

"އާނ." ނިހާދު ބުނެލިއެވެ.

"ކިހާ ދުވަހެއް ބޭނުންވަނީ؟" ޒައިނާ ބޭނުންވަނީ ވީހާވެސް އަވަހަކަށް ކައިވެނިކުރާށެވެ.

"އަހަންނަށް ދީ އަހަރެއްހާ ދުވަސް.." ނިހާދު އެދުނެވެ. ނިހާދު ދެކެ ލޯބިވާކަމުން ޒައިނާވެސް އެގޮތާ އެއްބަސްވިއެވެ.

އެގެ މަރާމާތުކޮށް ނިމުމާއެކު، ޒައިނާ ނިހާދާ އިނދެގެން އެ ރަށަށް ބަދަލުވިއެވެ. އެއާއެކު ނިހާދުގެ މުޅިން ނުފެންނަ ސިފައެއް އޭނާއަށް ފެނުނެވެ. ނިހާދު ކުއްލި ކުއްލިއަަށް އަންނަ ސިނގުރުޅި މައިތިރިކުރާނެ ގޮތެއް ޒައިނާއަކަށް ނޭނގުނެވެ. އެހެންނަމަވެސް، ފަހުން ދެރަވެފައި ކުރެވޭ ކަންތަކަށް މާފަށް އެދޭތީ އެކަން މާ ބޮޑު ކަމަކަށް ނުހަދާ ވޭތޯ ޒައިނާ މަސައްކަތްކުރިއެވެ.

އޭގެ ދެ އަހަރު ފަހުން، ނިހާދަށް އެ އަތޮޅު އެހެން ރަށަކުން ވަޒީފާއެއް ލިބުމާއެކު، އެމީހުން އަނެއްކާ އެހެން ރަށަކަށް ބަދަލުވީއެވެ. އެއީ މިހާރު ޒައިނާމެން އުޅޭ ރަށެވެ. އެ ރަށުން ގޯތި ދޫކުރި ފަހަރު ގޯއްޗަށް ލައިގެން އެމީހުންނަށް ގޯތިވެސް ލިބުނެވެ. ގޯތިލިބުމާއެކު، ނިހާދު، ގެ އަޅާ އެގެއަށް ބަދަލުވިއެވެ.

އެހާ ދުވަސްވީއިރުވެސް، ކައިވެނީގެ ފަހުން މާ ބޮޑު މައްސަލައެއް އެ ދެމެދުގައި ނުޖެހެއެވެ. ނިހާދުގެ ކޮންމެ އެދުމަކަށް ޒައިނާ ދިޔައީ އާ ބަސް ދެމުންނެވެ. ނުދަންނަ ރަށެއްގައި އެ ދެމީހުން އުޅެމުން ދިޔައެވެ. ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ނިހާދުގެ އަނިޔާތައް ޒައިނާއާ ކުރިމަތިވިއެވެ. ނިހާދު އޭނާގެ ގަޔަށް ބައެއް ފަހަރު އަތް އިސްކުރަންވެސް ފެށީއެވެ. އެހެންނަމަވެސް، ފަހުން މާފަށް އެދިފައި އެކަމާ ދެރަވެގެން ވެސް އުޅެެއެެވެ.

ޒައިނާވެސް ރަށު އޮފީހުގެ ވަޒީފާއަަކަށް ލައިގެން ވަޒީފާއަށް ނުކުންނަން ފެށީ ގެ ހަދަން ނިހާދު ނެގި ލޯނުވެސް އަވަހަށް ދެއްކުމުގެ ނިޔަތުގައެވެ. ނިހާދުގެ އަނިޔާ އިތުރަށް ތަޙައްމަލް ކުރަން އޭނާއަށް ޖެހުނީ އެހާ ހިސާބުންނެވެ. ނިހާދު މާ ބޮޑަށް ޒައިނާއަށް ޝައްކުކުރަން ފެށީއެވެެ. އޮފީހުގައި އުޅޭ މީހުންނާ ޒައިނާ ނަހަމަ ގުޅުންތަކެއް ބާއްވާކަމުގައި ނިހާދަށް ހީވާން ފެށީއެވެ. ރޭގަނޑު އޮފީސް ބައްދަލުވުމަކަށް ދާން ޖެހުނަސް ނިހާދުގެ ރުޅިގަނޑު ފަޅައިގެން ދެއެވެ. އަންހެނަކާ ދިމާލަށް ބުނަން ނުވާފަދަ ހުތުރު ބަސްތަކުން އޭނާ ޒައިނާއާ މުޚާތަބުކުރަން ފެށިއެވެ. އެ ފަދަ ހަޑި ހުތުރު ބަސްތައް ނިހާދު ޒައިނާއަށް ނިސްބަތްކުރާ ކޮންމެ ފަހަރަކު އެއީ ތެދެއް ނޫންކަމަށާއި، އޭނާއަށް އިތުބާރުކުރަން އެދި ޒައިނާ އާދޭސްކުރެއެވެ. އެހެންނަމަވެސް، ނިހާދުގެ ހިތަށް އެއްވެސް އަސަރެއް ނުކުރެއެވެ.

އޮފީސްކަމަކު މީހަކާ ގުޅާލިޔަސް، ޒައިނާ އެމީހަކާ ގުޅުން ބާއްވާކަމުގައި ނިހާދު ޝައްކުކުރަން ފެށީއެވެ. އެ ހުރިހާ ކަމެއް ބޮއްސުން ލައިގެން ދާން ފެށުމުން އެންމެ ފަހުން ހިތާ ދެކޮޅަށް ޒައިނާ ވަޒީފާއިން ވަކިވީވެސް ނިހާދު ދެކެ ލޯބިވާތީއެވެ. ނިހާދާ އެކު ކައިވެނީގެ އެ ގުޅުން ކުރިއަށް ގެންދަން ބޭނުންވާތީއެވެ. ކޮންމެ ޙާލެއްގައި ވެސް ކައިވެނި ދަމަހައްޓަން އޭނާ ބޭނުންވާތީއެވެ. ނިހާދުގެ ކައިރިން ވަރިވެގެން އޭނާ ގޮސް ވަންނާނެ ތަނެއް ވެސް ނެތެވެ. އަލުން އަނބުރާ ދާން ޖެހޭނީ ބޮޑުދައިތަ ކައިރިއަށެވެ. އެ މިނިވަންކަމެއް ނެތް ދިރިއުޅުމަށެވެ.

ވަޒީފާއިން ޒައިނާ ވަކިވުމުންވެސް ނިހާދު ޒައިނާއަށް ޝައްކުކުރުމެއް ނުހުއްޓުނެވެ. ފޯނުން މީހަކާ ވާހަކަ ދައްކާލިނަމަވެސް، ނިހާދަށް އުނދަގޫވެއެވެ. އޭނާއަށް ޝައްކު ނުކުރުމަށާއި އިތުބާރުކުރުމަށް ޒައިނާ އެތަކެއް ފަހަރަކު ނިހާދަށް އާދޭސްކުރިއެވެ. ޝައްކާ ވަހުމަކީ އިންސާނެއްގެ ހަލާކެވެ. އަދި އެއީ ދިރިއުޅުން ވީރާނާ ކޮށްލާ ހަތިޔާރެކެވެ. ދެމަފިރިންގެ ދެމެދުގައި ލޯތްބާއި، އޯގާތެރިކަމާއި، ކުލުނު ބިނާވެގެންދާނީ ދެމަފިރިން އެކަކު އަނެކަކަށް ކުރާ އިތުބާރުގެ މައްޗަށެވެ. ކައިވެނީގެ ޙަޔާތުގައި އިތުބާރު ނެތިއްޖެނަމަ، އެ ޙަޔާތުގެ ބިންގާ ބަލިކަށި ވާނެއެވެ. ދިރިއުޅުމެއް އުޅެވޭނީ އެކަކު އަނެކަކަށް އިޙްތިރާމްކޮށް އިތުބާރުކޮށްގެންނެވެ. ހަމައެއާއެކު އެ އިތުބާރު ދެމެހެއްޓުމަކީ ދެމީހުންގެ ވެސް ހައްޤެކެވެ.

އޭނާގެ ޙަޔާތާމެދު ވިސްނަމުން ދިޔަ ޒައިނާއަށް ރޮވެން ފެށުނީ އެއްވެސް އިޚްތިޔާރެއް ނެތިއެވެ. ކަރުނަތައް ކޮންޓްރޯލްކުރަން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް، އިންސާނެއް ވިއްޔާ ކެތްތެރިކަން ކޮޅުންލާނެ ނޫންހެއްޔެވެ؟ ޒައިނާއަށްވެސް ވެފައިވަނީ އެފަދަ ގޮތެކެވެ. މިވޭނީ އަނިޔާވެރި ޙަޔާތަށް އޭނާ ވަރަށް ކެތްކޮށްފިއެވެ. އަދިވެސް ކެތްކުރަން ބޭނުމެވެ. އޭނާ ނިހާދު ދެކެ ވާ ލޯބީގެ ހައްޤުގައެވެ. އޭނާ އެ ވަމުންދާ ޤުރުބާނީ ނިހާދަށް ނުވިސްނެނީ ކީއްވެހެއްޔެވެ؟ އޭނާއަށް އެހާ ބޮޑަށް ނިހާދު އިހުމާލުވަނީ ކީއްވެގެން ހެއްޔެވެ؟

ޒައިނާގެ ދެ ތުންފަތް ފޫ އަޅުވާލާފައި ނުކުތް ވޭނީ ގިސްލުމުގެ އަޑާއެކު އޭނާ އަނގަމަތީގައި އަތް އެޅިނަމަވެސް، އެ އަޑެއް ނުކެނޑުނެވެ.

"އަނެއްފަހަރު ރޯން ފެށީތަ؟" ޒައިނާގެ އެ ވޭނީ ގިސްލުމުގެ އަޑާއެކު ބޮލަށް އުނދަގޫވެފައި ހުރި ފަދަ ގޮތަކަށް، ނިހާދު ބުނެލިއެވެ. އެ އަޑުގައިވަނީ ނުރުހުމެވެ. ޒައިނާގެ އެ ވޭނީ ރުއިމަކުން، ގިސްލުމަކުން އޭނާއަށް އެއްވެސް އަސަރެއް ނުކުރެއެވެ. އެހެނެއްކަމަކު އޭނާގެ ބޮލަށް ހީވީ ބަރު އެއްޗެއް ވައްޓާލެވުނު ހެންނެވެ.

"ކިހާ ދެރަކަމެއް މީ ދެން.. އެއްޗެއް ބުނީކީވެސް ނޫނޭ. ހަމަ މަ އައިސް ވަންނައިރަށް ރޯން ޖެހޭތަ؟" ނިހާދުގެ އަޑު، އަނެއްކާވެސް ޒައިނާގެ ކަންފަތުގައި ޖެހުނެވެ. ނޭފަތް އެތެރެއަށް ދަމާލުމާއެކު، ޒައިނާ އޭނާގެ އިޙްސާސްތައް ކޮންޓްރޯލް ކުރަން މަސައްކަތް ކުރިއެވެ. އެހިތް ކިޔަމަން ކުރަން މަސައްކަތްކުރިއެވެ. އެހެންނަމަވެސް، ހިތަކީ ގިނަ ފަހަރު އިންސާނާގެ ބަސްއަހާ އެއްޗެއް ނޫނެވެ. އިންސާނާ އެހިތަށް ކުރާ އަމުރަށް ތަބައަ ނުވާން ހިތް މަސައްކަތްކުރާ ފަހަރު އާދެއެވެ. ޒައިނާގެ ޙާލަކީވެސް އެއީއެވެ. އެ ހިތަށް ކުރިމަތިވެފައިވާ ގިލަންވެރިކަމުގެ ތެރެއިން، އެ ކަރުނަތައް ހުއްޓުވުމަކީ އޭނާއަށް ކުރެވުނު ކަމަކަށް ނުވިއެވެ. އެހެނެއްކަމަކު، އޭނާގެ ކަރުނަތައް އިތުރުވެގެން ދިޔުން ނޫންކަމެއް ނުވިއެވެ.

ނިހާދަކީ މިހާރު މުޅިން އެހެން މީހެކެވެ. ޒައިނާއާ މެދު ނިހާދުގެ އަނިޔާވެރިކަން ވަނީ ހައްދުފަހަނަ އަޅާފައެވެ. އަނިޔާކުރުމުގައި ނިހާދު އެއްވެސް ރަހުމެއް ނުބަހައްޓައެވެ. ޒައިނާއަށް ދެރައެއް ދިނުމަކީ އޭނާއަށް އުފަލެއް ފަދައެވެ. ނިހާދުގެ ކުދި ކުދި އަނިޔާތަށް އެހާ ހިސާބަށް ގޮސްފާނެޔޭ ދުވަހަކު ވެސް ޒައިނާއަށް ހީކުރެވިފައި ނެތީއެވެ. ނިހާދުގެ ފަރާތުން އޯގާތެރިކަމަށް އެދެވުނު ނަމަވެސް، އެއީ އޭނާއަށް ނުލިބޭނެ އެއްޗެކޭ ޒައިނާގެ ހިތް ބުނަމުން ދަނީއެވެ. އެއިން ކޮންމެ ފަހަރަކު އޭނާގެ ހިތުގެ ރިހުން ގަދަވެލައެވެ.

ހިތްވަރުކޮށްފައި ރުއިން ހުއްޓާލަން މަސައްކަތް ކުރިނަމަވެސް، އެކަން ކުރުން ޒައިނާއަށް ވީ އުނދަގޫ ކަމަކަށެވެ. ޒައިނާގެ ހިތުގެ ޙާލާމެދު ޙަމްދަރުދީއެއް ނެތް ނިހާދަށް ދިޔައީ ޒައިނާގެ ރުއިމުން އުނދަގޫވަމުންނެވެ.

ޒައިނާގެ އެ ގިސްލުމުން ނިހާދުގެ ބޮލަށް އުނދަގޫވަމުން ދިޔައެވެ. އަނގައިން ހުތުރު ބަހެއް ބުނެލުމަށްފަހު، އޭނާ، ކުއްލިއަކަށް އެނދުން ތެދުވިއެވެ. އެ ދިޔަ ގޮތަށް ގޮސް ޒައިނާގެ އަތުގައި ހިފާ ކޮޅަށް ނެގުމަށްފަހު، ޒައިނާގެ ކޯތާފަތުގައި ހޫނު އެތިފަހަރެއް ވީއްލައިލިއެވެ. ދެންވެސް އަނގައިން ހުތުރު ބަހެއް އޭނާ ޒައިނާއަށް ރައްދުކޮށްލިއެވެ.

"ހަމަ މިހާރު ނުކުމޭ…" ޒައިނާ ދަމަމުން ނިހާދު ކޮޓަރިން ނުކުންނަން ދާން ފެށިއެވެ.

"ނޫން. ޕްލީޒް. މިރެއަކު ނޫން… ތިހެން ނަހަދާ…" ޒައިނާގެ ވޭނީ އަޑުން ނިހާދަށް އަސަރެއް ނުކުރެއެވެ. އާދޭސް ކޮށްކޮށް އޮއްވާ އޭނާ ޒައިނާ ދަމާ ކޫއްތާފައި ކަހަލަ ގޮތަކަށް ކޮޓަރިން ނެރިގެން ގެއިން ބޭރަށް މިސްރާބުޖެހިއެވެ.

***

އެނދުގައި އޮވެ އޮވެ ވެސް ނުނިދުމުން އެންމެ ފަހުން އިޝްފާން ގޮސް އޭނާގެ ދަބަސް ހުޅުވާލިއެވެ. އޭގެ ތެރެއިން އޭނާ ނެގީ ސިރިންޖަކާއި ބިއްލޫރި ފުޅިއެކެވެ. އެއީ އިންޖެކްޝަން ޖެހުމަށް ބޭނުންކުރާ ސާމާނެވެ.

އިންޖެކްޝަން އަތަށް ޖަހާލުމަށްފަހު، އެ ދިޔަ ގޮތަށް ގޮސް އޭނާ ވެއްޓިގަތީ އެނދުމައްޗަށެވެ. އިރުކޮޅެއް ނުވެ އިޝްފާންގެ ދެލޯ މެރެން ފެށިއެވެ. ނިދެމުން ދިޔަ ވަގުތު އަންހެން ކުއްޖެއްގެ ބާރު ހަޅޭކެއްގެ އަޑު އިވުނުހެން ހީވެ ކުޑަކޮށް ލޯ ހުޅުވާލި ނަމަވެސް، އޭނާ އޮތީ ތެދުވެވޭ ޙާލަތެއްގައެއް ނޫނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު