"ގުރުއާނަކީ ﷲގެ ބަސްފުޅެވެ. ހިތްތަކުގެ ޝިފާއެވެ. ގިނަގިނައިން ގުރުއާން ކިޔަވަން ފެށުމުން ކަރާމާތައް ފެނި ހެއްދެވި ފަރާތާއި އޮތް ގުޅުން ރަގަޅުވާނެއެވެ."

***

މާހްޒަބީން ގެ ގައިން ހީބިހި ނަގައިގެން ދިޔައީ އެވަގުތެވެ. އަތް ފިނި ވެ މީހާ ގަނޑުވިއެވެ. މާހްޒަބީން ގެ ތަބީއަތަށް އައި ބަދަލު ފެނި އާސީނާ އަށް ފާހަގަވެ ސުވާލު ކުރުމުގެ ކުރީން ސަކީނާ އައި އަޑު އިވި އެ ދިމާއަށް ބެލުނެވެ.

"ދައްތާ. ކިހާއިރެއް ހޯދާތާ؟ ކޮންތަނަކުން ތި އައީ؟" އައްޒަހްރާ އަވަސް އަވަހަށް ސަކީނާގެ އަތުގައި ހިފައި ކައިރި ކޮށްލިއެވެ. ސަކީނާގެ މިޒާޖު ކޮންމެ ގޮތެއްގައި ހުއްޓަސް ސަކީނާ އަކީ އައްޒަހްރާ އަށް ވަރަށް ޚާއްސަ މީހެކެވެ.

ސަކީނާ ބޯ ޖަހަލައިމުން ލޯ ހިމަކޮށްލައި އަހެދް އާއި ދިމާއަށް ބަލަހައްޓައިގެން ހުރީ ވަރަށް ފާޑަކަށެވެ. އަހެދް ގެ މޫނަށް ފިޔާތޮށީގެ ހުރިހާ ކުލައެއް ވެރިވެގެން ދިޔައެވެ.

"ބަގިޗާ ތެރެއިން..." ސަކީނާ ބުނެލިއެވެ.

އަހެދް ގެ މޫނު މުޅިން ރަތްވިއެވެ. ހާސްވެ ނިތްކުރީގައި ދަލުގެ މުތީތައް ވިދާ ބަބުޅަން ފަށައިފިއެވެ. ސަކީނާ އެފަދަ ރާގެއްގައި އަހެދް ގެ މޫނަށް ބަލަހައްޓައިގެން ހުރެ ބުނާނީ ކޮން ސަބަބެއްގައި ކަން އޭނާޔަށް ރަނގަޅަށް އެނގުނެވެ. އައްޒަަހްރާ އަށް ވެސް ސަކީނާ ގެ ބެލުމުގައި ފާޑެއްގެ ގޮތެއް ހުރި ކަން ފާހނގަ ވެ އަވަހަށް ސަކީނާ އަށް ދޭން ހާއްސަ ގޮނޑިއެއް ގެނެސް ބޭންދިއެވެ. ނަމަވެސް ސަކީނާ ބޭނުންވީ އަހެދް ގެ ކުރިމަތީގައި އެ ގޮނޑި އަޅައިގެން އިށީނުމަށެވެ. ސަހަރް އާއި މައިރާ އެތަނުގައި ތިބުމުން އައްޒަހްރާ އަށް ވެސް އެކަމާ ދެކޮޅެއް ހެދޭކަށް ނެތެވެ.

"މީ ހާދަ ފަސޭހަ ގޮނޑިއެކޭ.....އަދި ކިރިޔާ ނު އަހަރެން ކަހަލަ ސިއްޙަތު ސަލާމަތުން ހުރި މީހަކަށް ހާއްސަ ކޮށްފައި ގޮނޑިއެއް މި ލިބުނީ....."ސަކީނާ ގޮނޑީގައި ހަމަޖެހިލިއެވެ. އެ ގޮނޑިޔާމެދު އޭނާ ވަރަށް ހިތްހަމަޖެހުނެވެ.

"އާނ...ތި އަލްބާން ގެނެސްދިން ގޮނޑިއެއް.....ކަސްޓަމް މޭޑް ފޯ އާންޓް އޯ ބުނީ...." އާސީނާ ސަކީނާ ގެ ގާތަށް ޖެހިލަމުން ބުނެލީ ސަކީނާގެ ކޮނޑުގައި ފިރުމާލަދެމުންނެވެ. ސަކީނާ ވަގުތުން ކޮނޑު މަސާޖު ކޮށްދިނުމަށް އާސީނާ ގާތު އެދުނެވެ.

" ދިވެހި ބޭސްކަންނޭނގެ ކުރަން ވީ.....މޮޅު ފަތްޕިލާވެލި އަކުން ދެން މި ގައިގެ ރިހުން ފިލާނީ..." ސަކީނާ ރާގެއްލާފައި ބުނެލީ އަހެދް އާއި ދިމާލަށް ކަން އަހެދް އަށް ދެނެގަނެވުނެވެ. މައިރާ އަށް ވެސް އަހެދް ކުޑަކޮށް ހާސްވެފައި ހުރިކަން އެނގުމުން ކޮށްޓާލަމުުން އަހައިލީ ހުރިހާ ކަމެއް ރަނގަޅުތޯއެވެ. އަހެދް ބޯ ޖަހާލުމަށްފަހު ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލީ ހުރިހާ ކަމެއް ރަނގަޅުކަމަށް އިޝާރާތްކުރާ ކަހަލަ ގޮތަކަށެވެ.

މާހްޒަބީން ޚިޔާލަށް ގެއްލި ހާސްވެފައި އިނދެވުނެވެ. މާހްޒަބީން ފިކުރު ބޮޑުވެފައި އިނީ ކީއްވެކަން ނޭނގި އައްޒަހްރާ އެކަން އޮޅުން ފިލުވަން ސުވާލުކޮށްލިއެވެ. ނަމަވެސް ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލަމުން މާހްޒަބީން ވާހަކަ އޮޅުވާލިއެވެ. އޭނަބުނީ ދަނީން ބަލިކޮށް އުޅޭ ހަބަރު ހުޝަމް ދިނީ ކަމުގައެވެ. ދަނީން ގެ ޗުއްޓީ ކަމުން ހުޝާމް ވީ ސިންގަޕޫރަށް ދަނީން ބަލާ ގޮސްފައެވެ.

"އަޅޭ...އެފަކީރު އެކަނި ބަހައްޓަން މަންމަ ވަރަށް ހިތް ނޭދޭ.....ނޭނގެއެއްނު ކިހާ ދުވަހެއް ކަމެއް ބަލިވެ އުޅެނީވެސް....ނަސީބެއްތާ ހުޝާމް އަށް ދެވުނު ކަންވެސް..." އައްޒަހްރާ ވަރަށް ކަންބޮޑުވިއެވެ. ދަނީން އަކީ ފުރަތަމަ މާމަ ދަރިކަމުން އެހިތުގައި ދަނީން އަށް ވަނީ ހާއްސަ ލޯތްބެއް ދެވިފައެވެ.

ސަކީނާ އަތުގައި ހީނާފަތް އެޅުމަށް އަތް ދީގެން ހުރި ވަގުތު އަހެދް އަށް އެކަނި އަޑު އިވޭނޭ ހެން ސުވާލެއްކޮށްލިއެވެ.

"މުރުތަސިމް ހާސިލް ކުރަން ދޯ މިގެޔަށް އައިސް ތިހިރީ؟" ސަކީނާ ކޮށްލި ސުވާލުން އަހެދް ގެ ގައިން ހީބިހި ނަގައި ދިޔައެވެ. ގަނޑުވެފައި އިނދެވުނު ނަމަވެސް އަހެދް ބޭނުުންވީ އެތަނުން އަވަހަށް ސަލާމަތްވުމަށެވެ. ސަކީނާ ދައްކަފާނެ ވާހަކައަކަށް އަހެދް ބިރުވެސް ގަތެވެ. އަދި އެެންމެން ކުރިމަތީގައި ލަދުގަންންވާލާކަށް ވެސް ފަސް ނުޖެހޭނޭކަން ވިސްނުނެވެ.

ައަހެދް ތެދުވެގެން ހިނގައިގަތްތަން ސަހަރްއަށް ފެނުމުން ހިތުގައި ކުޑަކޮށް ސުވާލުތަކެއް އުފެދުނެވެ. އަހެދް ގެ މޫނު މަތީްނ ފެންނަމުން ދިޔައީ ދެރަވެފައި ވާ މަންޒަރުކަމުން ސަހަރް ބޭނުުންވި އަހެދް އާއި ވާހަކަ ދައްކާލުމަށެވެ. ނަމަވެސް އަހެދް ވިދުވަރެއްފަދައިން ގޮސް ލޯމަތިން ގެއްލުނުލެއް އަވަސްކަުން އަޅާނުލީއެވެ.

"އައުޗް....." އަހެދް އަތުގައި ހީނާފަތް އަޅާފައި ހުރުމުން އަތް މައްޗަށް ނަގައިގެން ދިޔައީ ތަނަކު އަތް ޖެހިދާނެ ކަމަށްޓަކަެވެ. ހަލުވި ފިޔަވަޅު ތަކުގައި ދިޔައިރު ކުރިމަތީން މީހެއް އަންނަކަމަކަށް ރޭކާނުލައެވެ. އަހެދް ގޮސް މުޑިއެރީ މުރުތަސިމް އާއެވެ. މޫނު ފޮތި ކޮލުވެސް ނާޅާ އެވަގުތު ހުރުމުން މޫނަށް އެރީ ލަދުވެތިކަމުގެ ރީތި ކުލަވަރެވެ. އަދި ސަކީނާ އެ ދެއްކި ވާހަކައަކުން ލޮލުގައި ފުނި ޖެހިފައި ވާ ކަރުނަތައް ވެސް ކޯތާފަތަށް އެޅެމުން ދިޔައެވެ.މުރުތަސިމް ގެ އަތްތިލަ އުފުލައިލެވުނީ އެކުއްޖާގެ ކޯތާފަތަށް ފޮހެލަދިނުމަށެވެ. ނަަމަވެސް އޭގެ ކުރިން ދުވަމުން ގޮސް ކޮޓަރިއަށް ވަނެވެ. އެ ދިޔަ ވަގުތު ފައިގައި އަޅާފައި އޮތް ކެވެލި ކޮޅުވެސް އޮތީ ބިންމަތީގައެވެ. އަހެދް ހުއްޓުވަން ފަސް ޖެހުނު މުރުތަސިމް އަވަހަށް ކެވެލި ކޮޅުނަގައި ޖިބަށްލިއެވެ. އަދި އަހެދް ރުއި ސަބަބު ދެނެގަންނަން ބޭނުންވިއެވެ. އަހެދް އައީ ކޮން ދިމާލަކުން ކަން ބަލއި އެ ދީމާއަށް އަވަސް ހިނގުމުގައި މުރުތަސިމް އަށް ދެވުނެވެ.

ހުރިހާ އަންހެނުން އެއްތަން ވެފައި ތިބުމުން އެތަނާ ކައިރި ނުވެ މުރުތަސިމް އޭނަގެ މަންމަ އައްޒަހްރާ އަށް ހަނާ އެޅިއެވެ. އައްޒަަހްރާ އަވަހަށް މުރުތަސިމް އާއި ދިމާ އަށް ހިނގައިގަތެވެ. ސަކީނާ އަށް އެ މަންޒަރު އެގޮތުގައި ފެނިގެން ދާން އުޅުނު ކަމުގައި ވިޔަސް އަތުގައި ހީނާފަތް އަޅަން ހުރުމުން ނުދެވުނެވެ.

"މަންމާ.....އަހެދް އަށް ކަމެއްވީތަ؟" މުރުތަސިމް ސުވާލުކުރިއެވެ.

"ތިބުނީ....ކޮން ކަމެއް....އަހެދް އެ އިނދީ ނު....." އައްޒަހްރާ ގެ ލޯ ހިންގައިލީ ހީނާފަތް އަޅަން އަހެދް އިން ތަނަށެވެ. އެކަމަކު އަހެދް އެތާ ނެތުމުން ކަންބޮޑުވިއެވެ.

"ސިމް ކީއްވެ ތިހެން ތިބުނީ.....އަހެދް އެއްޗެއް ބުނީތަ...." އައްޒަހްރާ ހާސްވިއެވެ.

"ދެންމެ....އަހެދް ދުވެފައި ކަހަލަ ގޮތަކަށް ކޮޓަރިޔަށް ދިޔަ ވަގުތު މުޑިއެރި....ރޮއެފަ ހުރި ގޮތަކަށް ހުރީ އެހެންވެ..." މުރުތަސިމް ޖަވާބުދިނެވެ.

މުރުތަސިމް އަންހެންކުުއްޖެއްގެ ވާހަކަ ދައްކާ ފުރަތަމަ ފަހަރުކަން ފާހަނގަ ވިއެވެ. އަދި އެ ވެސް ކަންބޮޑުވާ ފަދަގޮތެއްގައި ބުނުމުން އައްޒަހްރާ އަށް ހިނިތުންވެވުނެވެ.

"މަންމަ އަންނާނަން ބަލާފަ....ދަރިފުޅު އެހާ ހާސް ނުވޭ...." އައްޒަހްރާ ހިތަތް ވެރިވީ އެއީ އަނެއްކާ އަހެދް އޭނާގެ މާމަ ހަނަދާނވީކަމުގައެވެ. އަދި ފަހު ޖުމްލަ މުރުތަސިމް އަށް ބުނެލީ ހިނތުންވުމާއެކުއެވެ.

މުރުތަސިމް އަށް އޭނާގެ މަންމަގެ އެ ވާހކަ ދެއްކިގޮތުން ރަކި ކުރުވިއެވެ. އަދި މަންމަ އަށް އަނެއްކާ މުރުތަސިމް ގެ ހިތުގައި އަހެދް އަށް ވާ އިހުސާސް ދަނެގަނެވުނީ ބާއޭ ވެރިވަމުން ދިޔައެވެ.

***

ލޯކަން ވަރަށް ފަރުވާތެރިކަމާއެކު ދެކޮޅު ބަލަމުން ގެއިން ނިކުންނަން ދަނިކޮށް އަލްބާން އޭނަ އަތުގައި ހިފިއެވެ.

"ތީ ކާކު؟" ވަރަށް ހަރުކަށިކަމާއެކު އަލބާން ސުވާލުކުރީ ލޯ ހަނިކޮށްލަމުންނެވެ. ލޯކަން ގެ ހެދުން އެޅުމުގައި ހުރި ފަރުވާކުޑަކަމާއި ހޭވިފައި އޮތް އިސްތަށިގަނޑުން އަލްބާން އަށް ޝައްކުވީ އެއީ ވަގެއް ކަމަށެވެ.

" އެއީ ބާބް ގެ ހަސްބެންޑް....ސޮރީ....އެއްޗެއް ބަލާ އައީ..." ލޯކަން ގެ ފަހަތުން އައި ބާބިލް ހުރީ މާނޭވާ ލެވިފައެވެ. އަށް ލޯކަން ގެ އަތުްނ ދުކޮށްލަން ހިނދުކޮޅެއް ނެގި ނަމަވެސް ބާބިލް ފެނުމުން އަތުުން ދޫކުރެވުނެވެ. ލޯކަން ވެސް އަވަހަށް އެއޗެއް ނުބުނެ ހިނގައިގަތެވެ.

"އިޓްސް އޯކޭ....ބާބް ގެ އަތަށް ކިހިނެއްވެފަ...." ބާބިލް ގެ އަތުން އޮހެމުން ދިޔަ ލޭފެނިފައި އަލްބާން ކަންބޮޑުވިއެވެ. އެ ވަގުތަކީ އިރުއޮއްސިފައިވާ ވަގުތު ކަމުން އުޑުމަތީގައި ވި މަޑު ދަނބު ކުލަޔާއި ރަން ކުލައެވެ. އަދި ހަނދުވަރު ދޭ ރެޔެއްގެ ފެށުން ކަމުން ތަރިތަކުގައި ވި އުޖާލާކަން ވެސް ވަނީ މާހައުލަށް އެޅިފައެވެ. އެ އަލިކަމުގެ ތެރެއިންވެސް ބާބިލް ގެ މޫނުމަތީން ފެންނަމުން ދިޔަ ނިކަމެތިކަން ފާހަނގަ ވިއެވެ. އެ ވަގުތަކީ ވެލެވެޓް މޭންޝަންގެ ބޮކިތަށް ވެސް ދިއްލުނު ގަޑިއެވެ. އަލިކަމުގެ ތެރެއިން ބާބިލް ގެ ހާލަތު ހިނދުކޮޅަކަށް ފެނުނު އަލްބާން ގެ ލޯ ބޮޑުވިއެވެ. ނަމަވެސް ބާބިލް ދުއްވައިގަތެވެ.

އަލްބާން އަށް ވާނުވާ ނޭނގިފައި ހުރެވުނެވެ. އެހެން ހުއްޓާ ފަހަތުން ކައިލް އާއި މަރްވާން އައިސް ނަމާދަށް މަސްޖިދަށް ދާން ބުނަމުން ދިޔައެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު