އެސްޓަން ވިލާއިން ލީލް ބަލިކޮށްފި

ލީލް ކޮޅަށް ލަނޑު ޖެހުމަށްފަހު މެކްގިން އުފާފާޅު ކުރަނީ / ފޮޓޯ: ޓީއެންޓީ ސްޕޯޓްސް

ޔުއޭފާ ޔޫރޮޕާ ކޮންފަރެންސް ލީގު ކުއާޓާ ފައިނަލްގައި އެސްޓަން ވިލާ އާއި ލީލް ބައްދަލުކުރި ފުރަތަމަ ލެގު އެސްޓަން ވިލާއިން ކާމިޔާބު ކޮށްފިއެވެ.

ވިލާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމު ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު އެއް ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ލީލްއިން ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ވިލާއިންނެވެ.

މި މެޗު ވިލާއިން ފަށާފައިވަނީ ވަރަށް ފޯރީގައެވެ. މިގޮތުން މެޗުގެ 13 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ވިލާއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ފޯވަޑް އޮލީ ވޮޓްކިންސްއެވެ.

މި މެޗުގައި ވިލާގެ ދެވަނަ ލަނޑު ވެސް ކާމިޔާބު ކޮށްފައިވަނީ ކޯނަރަކުންނެވެ. މެޗުގެ 56 ވަނަ މިނެޓުގައި ވިލާގެ ދެވަނަ ލަނޑު ޖަހައިދިނީ ކެޕްޓަން ޖޯން މެކްގިންއެވެ. މި ދެ ލަނޑާއެކު ވިލާއިން ހަމަޖެހިލި ނަމަވެސް ލީލްއިން ހިތްވަރު އެލުވާނުލާ ލަނޑެއް ޖެހޭތޯ ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 84 ވަނަ މިނެޓުގައި ބޮފޯޑޭ ޑިއަކީޓޭ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައި ފަރަގު ކުޑަކޮށްފައެވެ.

މިއާއެކު މެޗުގެ ފަހު ވަގުތުކޮޅު ދިޔައީ ވިލާއަށް ވަރަށް ބާރު ބޮޑުވެގެންނެވެ. ލީލްއިން ވަނީ ނުރައްކާތެރި ދެތިން ހަމަލާ ފޮނުވާލައިފައެވެ. މި މެޗުގައި ވިލާގެ ކީޕާ އެމިލިއާނޯ މާޓިނޭޒްވަނީ ނުރައްކާތެރި ދެތިން ހަމަލާ ދިފާއުކޮށްފައެވެ.

މި ކާމިޔާބީއާއެކު މި އަންނަ ހަފްތާގައި ކުޅޭ ދެވަނަ ލެގަށް ނިކުންނައިރު ވިލާއަށް ކުޑަ އެޑްވާންޓޭޖެއް ވަނީ ލިބިފައެވެ.

ނަމަވެސް ދެވަނަ ލެގު ކުޅެވޭނީ ލީލްގެ ދަނޑުގައި ކަމުން ވިލާއަށް ބާރުބޮޑު ދެވަނަ ލެގަކަށް ވެގެންދާނެކަމަށް މިހާރު ވެސް ވަނީ ބެލެވިފައެވެ.

މި މުބާރާތުގައި ކުޅުނު އެހެން ކުއާޓާ ފައިނަލް މެޗުތަކަށް ބަލާލާއިރު އޮލިމްޕިއާކޯސް އާއި ފެނެބާޗޭ ބައްދަލުކުރި މެޗު ތިން ލަނޑު ދެ ލަނޑުން އަމިއްލަ ދަނޑުގައި ކާމިޔާބު ކޮށްފައިވަނީ އޮލިމްޕިއާކޯސްއެވެ.

ވިކްޓޯރިއާ ޕްލްޒެން އާއި ފިއޮރެންޓީނާ ބައްދަލުކުރި ފުރަތަމަ ލެގު ޕްލެޒެންގެ ދަނޑުގައި ކުޅެ ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރުވެގެންނެވެ.

އަދި ފަހު ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ކްލަބް ބްރީޖް އާއި ޕައޮކް ސަލޯނިކާ ބައްދަލުކުރި މެޗު އަމިއްލަ ދަނޑުގައި އެއް ލަނޑު ސުންލަނޑުން ކާމިޔާބު ކުރީ ބްރޫޖްއެވެ.

މި ހުރިހާ ކުއާޓާ ފައިނަލެއްގެ ދެވަނަ ލެގު ވެސް ކުޅެވިގެން ދާނީ މި އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު