ބޮޑު ބަންދަކަށް ފަހު ވަޒީފާއަށް، ރެޑީ ވާނީ ކިހިނެއް؟

މިއަހަރުގެ ރޯދަ މަހުގެ ފަހު 10 އަކާ ގުޅިގެން ގިނަ ބަޔަކަށް ވަނީ ބޮޑު ބަންދެއް ލިބިފައެވެ. އީދު ބަންދާ ގުޅުވައިގެން ލިބުނު މި ބަންދަށް ފަހު އާދިއްތަ ދުވަހު އެންމެން ވަޒީފާއަށް ނުކުންނަން ފަށާނެއެވެ. ނަމަވެސް ބޮޑު ބަންދަކަށް ފަހު ވަޒީފާއަކަށް ނުކުތުމަކީ ވަރަށް އުނދަގޫ ކަމެކެވެ.

ބޮޑު ބަންދެއް ނުވަތަ ބޮޑު ޗުއްޓީއަކަށް ފަހު މަސައްކަތަށް ނުކުތުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އާންމުކޮށް ވަޒީފާއަށް ނުކުންނަ ފަހުން ވެސް މަަސަައްކަތްތަކަށް ޝައުގުވެރިކަން ނުދެވޭ ކަހަލަ ގޮތްތައް ވެއެވެ. ނަތީޖާއެއްގެ ގޮތުން އެންމެ އެދެވޭ ގޮތުގައި މަސައްކަތް ކުރެވޭ ގޮތް ނުވެއެވެ. އަދި މަސައްކަތްތައް މަތީން ފޫހިވެއެވެ.

އެހެންވީމާ ޗުއްޓީއަކަށް ފަހު މަސައްކަތަށް ނުކުންނަ އިރު ތައްޔާރުވާނީ ކިހިނެއް ހެއްޔެވެ؟

މަސައްކަތަށް ރެޑީ ވުމުގެ ގޮތުން އެންމެ ފުރަތަމަ ކުރަން ވީ ކަންތައްތަކަކީ އޮފީހަށް ދިޔުމުގެ ކުރީން ވެސް ކުރެވިދާނެ ކަންތަކެވެ. އެގޮތުން އެންމެ ފުރަތަމަ އޮފީހާ ގުޅޭ ހުރިހާ ގްރޫޕްތަކާއި މެއިލްތައް ބަލައި ޗެކު ކޮށްލާށެވެ. މިއީ އޮފީހަށް ދިޔުމުގެ ކުރީން ކުރަން ޖެހޭނެ މަސައްކަތްތައް އެނގި އެކަމަށް ތައްޔާރު ވުމަށް ލިބޭނެ ވަރަށް ބޮޑު އެހީއެކެވެ.

ހަމަ އެއާއެކު އޮފީހަށް ނުކުތުމަށް ފަހު ކުރަން ޖެހޭނެ މަސައްކަތްތައް ހަނދާން ވާނެ ގޮތަށް ކުޑަ ލިސްޓެއް ތައްޔާރު ކޮށްލުން ވެސް ވަރަށް ރަނގަޅެވެ. ލިސްޓެއް އޮތިއްޔާ އެއަށް ބަލައިގެން މަސައްކަތްތައް ރާވާލެވޭނެއެވެ. އެހެންނޫނީ ކުރަން ހުންނަ މަސައްކަތްތައް އިތުރު ކަމަށް ފާހަގަކުރެވި މަސައްކަތްތައް މަތީން ފޫހިވާ ކަހަލަ ގޮތްތަކެއް ވެދާނެއެވެ.

ޗުއްޓީއަކަށް ފަހު މަސައްކަތަށް ނުކުންނަން ޖެހުމުން މަސައްކަތަށް ސީދާ ނުވަދެވޭނެ ގޮތް ވެދާނެއެވެ. އެއީ ސަމާލުކަން އަދިވެސް ޗުއްޓީގައި އޮތީމައި ކަމަށް ވެދާނެއެވެ. މިކަމަށްޓަކައި މަސައްކަތް ކުރާއިރު ދޭތެރެދޭތެރެއިން ކުދި ބްރޭކްތައް ނެގޭ ނަމަ ނަގާލާށެވެ. މިއީ ކުޑަކޮށް މީހާ އަންވައިންޑު ކޮށްލައި މަސައްކަތަށް އަލުން ސަމާލުކަން އަނބުރާލުމަށް ލިބިގެންދާނެ އެހީއެކެވެ.

އޮފީހުގައި މަސައްކަތް ކުރާ ކޮލީގުންނާ ބައްދަލުކޮށް އެމީހުންގެ ހާލު ބަލައިލުން ވެސް ވަރަށް ރަނގަޅެވެ. މިއީ ވެސް މަސައްކަތް މަތީން ފޫހިވުމުގެ ފުރުސަތު ކުޑަ ކޮށްލެވޭނެ ކަމެކެވެ. ކުދި ބްރޭކްތައް ނަގާ ވަގުތު އޮފީހުގެ ރަށްޓެހިންނާ ވާހަކަ ދައްކާލައި ބަންދުގައި އެމީހުން ކުރި ކަންތައްތަކާ ގުޅޭގޮތުން ވާހަކަ ދައްކާލާށެވެ.

މިއިން ކޮންމެ ކަމަކީ ވެސް މަސައްކަތާއި އަމިއްލަ ދިރިއުޅުމާ ގުޅުންހުރި ބެލެންސެއް ގެނައުމަށް ކުރެވޭ ކަންތައްތަކެވެ. އެއީ ހަމައެކަނި މަސައްކަތަށް ކުއްލިއަކަށް ވަނުމުން އެކަން މަތީން ފޫހިވުން ކުޑަކުރުމަށް މަސައްކަތް ކުރުމެވެ. މިއާއެކު މަސައްކަތް ކުރަން ވެސް އިތުރަށް ހިތްވަރު ލިބޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު