އީމާންކަން އިތުރުވީވަރަކުން ހިތްހަމަޖެހުމާއި އުފާވެރިކަން ލިބޭނެއެވެ. ހިތްހަމަޖެހުމަކީ ﷲ ދެއްވާ ނިއުމަތެކެވެ. ﷲއަށް އުރެދިގެން އެ ނިއުމަތެއް ނުލިބޭނެއެވެ."

***

"ކިހިނެއްވީ....އަހްމަދުބެ...." ހުޝަލް ވަރަށް ފަރުވާތެރިކަމާއެކު އަހުމަދުގެ މޫނަށް އެރި ކުލަވަރު ސްކޭން ކުރިއެވެ.

އަވަސްވެގެންފައި ހުރެ އަހްމަދު އަވަހަށް ނިކުމެގެން ދިޔައީ ލިބުނު ހަބަރު ގަބޫލު ނުކުރެވި ހުރެއެވެ.

ހުޝަލް އަވަސްވެގަތީ މެހެކް އާއި މީކާއިލް އިންނަ ގްރޫޕް ޗެޓުގައި އެވާހަކަތައް ހިއްސާކުރުމަށެވެ. މެހެކް ގެ ސިކުނޑީގެ ކޮންމެވެސް ދިމާލެއްގައި "އުރުޖުވާން" އެނަން ޓަކި ޖެހިއެވެ.

***

އާދަމް ކައިރީ ތިބި އެންމެން ނުބައި ވަސް ދުވާތީ އަނގަ ހަދާލައިގެން ތިބުމުން ލައިގެން ހުރި ގަމީހުގައި އޭނާ ވަސްބަލައިލީ ފުން ނޭވާ އެއް އެތެރެއަށް ދަމާލަމުންނެވެ. އަދި ނުލަފާ ހިންޏެއްގައި ކައިރީ ތިބި އެންމެނަށް ނަޒަރު ހިންގައިލީ ބޭނުންވާ ކަން ހާސިލްވި ފަދައަކުންނެވެ. އޭނާގެ ފަރާތުން މީހުންނަށް އުނދަގޫ ކުރިމަތިވާކަން އެނގުމަކީ އޭނާގެ ހިތަށް އެންމެ ހިތްހަމަޖެހުން ލިއްބައިދޭ ކަމެވެ. މުޅި ގޭތެރެއަށް އެ ވަސް ފެތުރިފައި ވުމުން ކެނާން ވެސް ނޭވާ ހިފަހައްޓަލައިގެން ހުރީ ވަރަށް ކެތްތެރިކަމާއެކުއެވެ. މަދީނާ އަވަހަށް އެތަނުން ކޮޓަރިޔަށް ދާން ހިނގައިގަތުމުން އާދަމް ގެ ނަޒަރު އެ ދިމާލަށް ހުއްޓި ދުރު ބަލައިލަން ނޭގިފައި ހުރެވުނެވެ. މަދީނާ އަށް ކެތްނުކުރެވިގެން ބަގީޗާ ތެރެއަށް ނިކުމެލީ ދެނެވެ. ފްރޭމްތައް ބަހައްޓަން ޖެހޭ ސްޓޯރޫމް ވެސް ހުރީ ގެއިން ބޭރުގައި ކަމުން މަސައްކަތު މީހުންނަށް އެ ތަން ދެއްކުމަށް ކެނާން ކުރީގައި ހުރެ ހިނގައިގަތެވެ.

މަދީނާ އަށް ލިބިފައި އޮންނަނީ ބުޅި އިސްތަށިގަނޑެއް ކަމުގައި ވިޔަސް ގެންގުޅެން ފަސޭހައަކަށް އޭނާ ބައެއް ފަހަރު ބޯ ފަން ކޮށްލައެވެ. މިއަދަކީ ވެސް ހަމަ އެފަދަ ދުވަހެއް ކަމުން ބުޅި އިސްތަށިގަނޑު ފަން ކޮށްލުމުން އުނަގަނޑާއި ހަމަޔަށް ފޯރާ ވަރަށް ދިގެވެ. ނިއުޅާލެވިފައި އޮތް އިސްތަށިގަނޑު ވަޔާ ވިހުރެމުންދިޔަ އިރު ދޮން ކޯތާފަތަށް ކުދި ގޯނާތައް ކުރަމުން ދިޔަ އިސްތަށިކޮޅުތަކަށް އެއްފަރާތް ކޮށްލުމުގެ ވިސްނުމެއް ވެސް ނެތެވެ. އެ ތާޒާ ފިނި ވައިރޯޅީގެ ހިތްގައިމުކަން އިހުސާސް ކޮށްލަމުން ދިޔައީ ލޯ މަރާލައިގެން ހުރެއެވެ. ލައިގެން ހުރީ ގަޔަށް ދޫ ބޮޑު ޓީޝާޓަކާއި ދޫ ޖީންސް އެއް ކަމުގައި ޓީޝާޓު ގަޔަށް މަހާލެވިފައިވަނީ ވައި އެޅެމުންދިޔަ ގޮތުންނެވެ. ލޫޅާފަތި ހަށިގަނޑުގެ ވަނާތައް ހާމަވާ ވަރަށެވެ.

ބަގީޗާ ތެރޭގައި މަދީނާ ހިނގަމުން ދިޔައީ އުވެއިސް ގެ ހިލަމެއް ވޭތޯއެވެ، ކުރީންވެސް ދިމާވި ގަސް ކައިރީ ހުރެ ވަށައިގެން ނަޒަރު ހިންގީ ބޭގަރާރުވެފައެވެ. ކެތް މަދުވެފައި ޚިޔާލުތައް އެނބުރެމުން ދިޔައެވެ. އުވެއިސް ބުނަން ބޭނުންވަނީ ކީކޭ ބާއެވެ. އަދި އެތައް ދުވަހެއްވާންދެން އެހާވަރަށް އުނދަގުލާއި ގޯނާކޮށް ކޮށްފައި މިއަދު އުވެއިސް ގެ މިޒާޖުގައި ހުރި ބަދަލު ގެ ހަގީގަތް ދެނެގަންނަން ބޭނުންވިއެވެ. މަދީނާ ގެ ހިތް އުފާ ކުރަމުން ދިޔައީ އަނެއްކާ އުވެއިސް މާފަށް އެދި އުނދަގޫ ކުރަން ހުއްޓާލަން ބުނަން އުޅެނީހެން ހީވެގެން ބާއެވެ. ޚިޔާލުތަކަށް ގެއްލިފައި ހުރި މަދީނާ އަށް ފަސް އެނބުރި ބަލައިލެވުނީ ސީދާ އާދަމް ގެ ވިހަ ގަދަ ދެލޮލަށެވެ.

"އެ ކޯޗެއް ބަލަނީ ބޭބެ.....ތި ސަކަރާތް ވައްތަރު....މެޑަމް އަށް ތިގޮތަށް ނުބަލަނީ...." އާދަމް ގެ ކައިރީ ހުރި ބިދޭސީ މީހާ ނަސޭހަތްތެރިވިއެވެ. އޭނާ އަށް ވެސް އާދަމް ގެ ބެލުމުގައި ވި ވިހަ ކަން އިހުސާސްވީއެވެ.

"ހޫން.....މާ މާތް މީހަކަށް ވާން އުޅޭނެ ކަމެއް ނެތް.....ދޭ ބަލަ މިތަނުން ފެއްސިގެން...." އާދަމް ރައްދު ދިނީ ބިދޭސީ މީހާގެ ގިރުވާނުގައި ހިފާލަމުންނެވެ. އާދަމްގެ މޫނުމަތީގައި ވި ނުބައިކަން ފެނި އެ މީހާ އަވަސް އަވަހަށް ނިކުމެގެން ދާން ހިނގައިގަތެވެ. ކެނާން ތަންކޮޅެއް ދުރުގާ ހުއްޓާ އެ މަންޒަރު ފެނުމުން އަވަހަށް އައިސް އާދަމް އާއި ސުވާލުކުރިއެވެ.

"މައްސަލައެއް ދިމާވީތަ؟" ކެނާން ވަރަށް ކަންބޮޑުވެފައި އަހައިލިއެވެ.

"އާނ.....ވަރަށް ނުލަފާ މީހެއް......މިގޭ މަންޖެއަށް ކަޅި ނުޖަހާ ބަލަން ހުރުމުން މަ އެކަމާ ސުވާލުކުރީމަ ރުޅި އައިސްގެން.....މި ބަންގާޅުން ތިބެނީ ހަމަ އަންހެނެއް ނުފެނިފަ....." އާދަމް އޭނާގެ ދޮގުފަތި އަމުނާލިއެވެ.

ކެނާން ގެ އަތ މުށްކަވާލެވި ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ގޭޓުުން ނިކުންނަމުުން ދިޔަ އެމީހާ އަތުޖެހޭތޯ އަވަސް ފިޔަވަޅުތަކެއް އަޅަމުން ހިނގައިގަތުމުން އާދަމް އޭނާ ހުއްޓުވިއެވެ.

" ކަލޯ. އަހަރެން މިހާރު އޭނައަށް ވަރަށް އިންޒާރު ދީފިން. ދުނިޔޭގަ އުޅޭނެ އެކަހަލަ އިންސާނުންވެސް....އަތް މުއްކަވާ ޖަހަން ވެއްޖިއްޔާ ކޮންމެ ދުވަހަކު އެތައް ހާސް ބައެއްގެ ކަންފަތް ދުއްވާލަންޖެހޭނެ...." އާދަމް ވަރަށް ހެޔޮ ކަމަށް ހެދި ކެނާން އަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.

ނަފްސު ހަމަޔަކަށް އެޅޭތޯ ކެނާން މަސައްކަތްކުރިއެވެ. ރުޅި އައިސް ހުރެވުނު ތަންވެސް ރޭކާ ނުލިއެވެ. އަދި އާދަމް ގެ އަތް ފޮޅާލިއެވެ.

" އަހަންނަށް އެނގޭ....ރުޅި އަންނާނެ ކަން...އެކަމު އަތް އިސްކޮށްގެން ވާނެ ފައިދާއެއް ނޯންނާނެ...." އާދަމް ހަމްދަރުދީ ރާގެއްގައި ބުނެލީ ހިތުގެ އަޑިގައި އޭނާގެ މަކަރުވެރިކަން ފޮރުވަމުންވެ.

ކެނާން އަށް އެވަގުތު އާދަމް ކީ އެއްޗެއްވެސް ރަގަޅަށް ކަންފަތަކަށް ނުވަނެވެ. އޭނަ ވަގުތުން މަދީނާ އަތުގައި ހިފައި ގެޔަށް ވަނުމަށް އަމުރުކުރިއެވެ. މަދީނާ އަށް ވާނުވާ ނޭނގިފައި ހުރެވުނީ ކެނާން އެފަދަ ހަރުކަށި ގޮތެއްގައި އަމަލު ކުރުމުންނެވެ.

"ކުޑަބެ......މަދީނާ އަތަށް ވެސް ތަދު ވެއްޖެޔޭ..." ފެން ކަލި ވެފައި މަދީނާ އަށް އަމިއްލަ އަތުގައި ފިރުމާލެވުނެވެ.

" ސޮރީ....ކުޑަބެ ގަސްތަކު ނޫން....އެކަމު...." ހަގީގަތް ކިޔައިދޭން ކެނާން ފަސްޖެހުނެވެ. މަދީނާ އަށް އެފަދަ ނަޒަރަކުން މީހަކު ބަލައިލި ކަން އެނގިއްޖެއްޔާ ބިރުގެންފާނެ ކަމަށްޓަކައެވެ.

"ޕިސް....އެޔޮއް ފަދަ ގަދަ އަވީގަ ހުރީމަ އެއްނު...." ކެނާން ވާހަކަ އޮޅުވާލުމަށް ސައްކަތް ކުރި ނަމަވެސް އެއީ ކެނާންގެ ރުުޅީގެ އަސްލު ނޫންކަން އޭނަ ދެނެގަތެވެ. ނަމަވެސް އެގަޑީގައި ހުޝަލް ގެ ފޯނެއް އައުމުން އަވަސް ވެގަތީ ހުޝަލް އާއި ވާހަކަ ދެއްކުމަށެވެ.

މާޒްވިލާ ގެ ކުރިމައްޗަށް ވާގޮތަށް އިންނަ އިމާރާތުގެ ޓެރެސް މަތީގައި އުވެއިސް އަށް ހުރެވުނީ ހިނގައިދިޔަ މަންޒަރު ބަލަންށެވެ. ހިތި ގޮތަކަށް އާދަމް ގެ ވަސް މި ދުނިޔެއިން ފިލުވައިލުމަށް އޭނަގެ ހިތަށް އަރަމުން ދިޔައެވެ.

" ވަޓް މޭޑް ޔޯ އައިސް ޓާން ރެޑް؟ބްލޫ އައިޑް ބޯއި....." އިވޯން ގެ އަޑު ކަންފަތުގައި ޖެހުމުން އުވެއިސް ގެ ލޯ އިތުރަށް ރަތް ވިއެވެ. އެންމެ ދެކެން ބޭނުން ނުވާ މީހާ އެތަނަށް އައުމުން އިތުރަށް އުވެއިސް ގެ ރުޅި ކޮންޓްރޯލުން ނެއްޓޭހެން ހީވިއެވެ. އެއްޗެއް ނުބުނެ ދާން ހެދުމުން އިވޮން ބުނެލި އެއްޗަކުން އުވެއިސް މަޑުޖެހެލިއެވެ.

" މާޒްވިލާ ގާލް ދޯ........އިންސާނުންގެ ތެރެއިންވެސް އެހާ ދަށު ދަރަޖައިގެ.....ނިކަމެތި....ހަޑި...މޮޔަ..." އިވޯން ބޭނުންވީ އުވެއިސް ގެ ހިތުގައި މަދިނާ އަށް ލޯތްބެއް ވާކަން ޔަގީންކޮށްލުމަށެވެ.

"އާނ....މާޒްވިލާ އެންމެންވެސް ހަމަ އެފަދަ....." އުވެއިސް އަށް އީވޯން ގެ މަގްސަދު އެނގި ހުރެ ޖަވާބު ދިނީ ވަރަށް ވިސްނުންތެރިކަމާއެކުއެވެ. އަދި އުދުއްސައިގަތީ އިތުރު ވާހަކައެއް އީވޯން އާއި ދެއްކުަމށް ބޭނުން ނެތުމުންނެވެ. ނުވަތަ މަދީނާ އަށް ބުނެލާނެ ބަދު ބަހަކުން އުވެއިސް ގެ ކެތެތެރިކަން ކޮޅުންލައިދާނެތީއެވެ.

***

"އެންޖޯއި ޔޯ ހަނީމޫން....." ހޮޓެލްގެ ޚިދުމަތުގައި ހުރި މުވައްޒަފަކު މާޒިމް އާއި އުރުޖުވާން ތިބެންވާ ކޮޓަރި ހުޅުވާލަދިނެވެ.

އެ ހޮޓެލުގައި ހުރި އެންމެ ފެންވަރުގައި ތައްޔާރުކޮށްފައިވާ އެ ކޮޓާރައަކީ ހަނީމޫންއަށް އަންނަ ފަރާތަތަކަށް ހާއްސަކުރެވިފައިވާ ކޮޓަރިއެވެ.

"ލޭޑީސް ފަސްޓް...." އުރުޖުވާން ފުރަތަމަ ވަނުމަށް އިޝާރާތް ކުރިއެވެ. ލަދުގެންފައި ހުރެވެސް އުރުޖުވާން އެ ފިޔަވަޅު އެޅިއިރު ހިތުގެ ތެޅުން ބާރުވިއެވެ. ދޫ ކޮށްލެވޭ ނޭވާ އިތުރަށް ހޫނެވެ. ކޮޓަރީގެ ތަނަވަސްކަން އިންތިހާއެވެ. ފަރުމާކޮށްފައިވަނީ ވިންޓޭޖް ސްޓައިލް އަށް ކަމުން މަޑު ރަން އަލިން ވަނީ ކޮޓަރި ދިއްލިފައެވެ. ކޮޓަރީގެ މެދުގައި ބޮޑު އެންމެ އެނދެއް ހުރިއިރު އެ އެނދުގެ ވަށައިގެން ވަނީ މަޑު ލޭސް ދަމާލެވިފައެވެ. ލޭސް އެލުވާފައިވަނީ ސީލިންގް އިން ފެށިގެންނެވެ. އެނދުގެ އެއްވެސް ހެޑް ބޯޑެއް ނެތް އިރު ފާރުތަކުގައިވަނީ ލަކުޑި ބޭނުންކޮށްފައެވެ. ކުދި ކުދި މާތަށް ކަނޑާނެގިފައިވީއިރު އަތްތެރި މަސައްކަތުގެ ކުދި ކުދި ތަފްސީލުތައް، އެ ފާރުގައި އަތް ބީއްސާލުމުން ހާމަވެއެވެ. ފާރުގައި ހަރުކޮށްފައިވަނީ އުއްބަތި ފަދަ ބޮކި ތަކެކެވެ. އެނދުގެ ކުރިމަތީގައި ވީ ފަޔާޕްލޭސްއެކެވެ. ރަތުގެ ކުލަޔަކަށް ދާ މުށި ކުލައިގެ ހިރިގަލުން ބިނާކުރެވިފައިވަނީ އެހާ ފުރިހަމަކޮށެވެ. އަނދަމުން ދިޔަ ލަކުޑިތައް ފަޅައިގެންދާ އަޑާއި، އަލިފާން ކަނި ތައް މައްޗަށް އުދުހެމުން ދިޔަ ހިތްގައިމު ނެށުމުގެ ހިޔަނި ކޮޓަރިޔަށް އެޅެމުންދިޔައެވެ. ކޮޓަރިޔަށް ވަންނަ އިންސާނުންގެ ހީފިލުވަމުންދިޔައީ އެ ހޫނު ކަމެވެ. އުރުޖުވާން ގެ ލޯ ހޯދައިލީ އިތުރު އެނދެއް ނުވަތަ ސޯފާ އެއް ވިޔަސް އެ ކޮޓަރީގައި ވޭތޯއެވެ. ނަމަވެސް އެ ހާސް ކަން އެކީ ފިލައިދިޔައީ ކުރިމަތީން ފެންނަ މުން ދިޔަ މަންޒަރެވެ. ކޮޓަރީގެ ބިމުން ފެށިގެން ސީލިންގާއި ހަމަޔަށް މުޅި އެ ކޮޓަރީގެ ފުޅާމިނަށް ފެންނަން ހުރީ ބޭރުގެ ހިތްގައިމު މަންޒަރެވެ. ލަކުޑި ބީމްތަކުން ފްރޭމްކޮށް، ނާޒުކު ލޭސް ފަރުދާތަކުން ޒީނަތްތެރިކޮށްފައިވާ މި ބިއްލޫރިގަނޑުން މީހާ ދަތުރުކޮށްދެނީ ޖާދުވީ ދުނިޔެއަކަށެވެ. ހަނދުގެ މަޑު އަލިކަމާއި މަތީގައިވާ ތަރިތަކުގެ މަޑު އަލިކަމުގެ ދަށުގައި އުޖާލާވެފައިވާ ރީތި ސްނޯގެ ދޫލައެކެވެ.

ބޭރުގައި ރިހި ކުލައިގެ އަލިކަމެއްގެ ތެރެއިން ދުނިޔެ ފެންވަރައިގެން ގޮސް، ފިނިވެފައިވާ ބިމުގައި ނަށާ ދިގު ހިޔަނިތައް އުކާލައެވެ. ގަސްތައް ހައިބަތާއެކު ވިލާގައި ބީހޭހާ ދިގުވެފައި ހަރަކާތަކާއި ނުލާ ހިމޭނުން ހުއްޓަސް އެގަސްތަކުގެ ގޮފިތައް ސްނޯއިން ފުރިފައިވާއިރު، ވެހެމުންދާ ކުދި ފުށްތަކުގެ މަޑު މަޑު ތުރުތުރުލުން އެ މަންޒަރަށް ދިރުން ގެނެސްދެއެވެ. ފަރުބަދަތަކުގެ މެދުން ކަހަލަ ގޮތަކަށް ފެންނާން ހުރި ލެމްޕްލައިޓްގެ އެހީގައި އަލިގަދަ ކުދި ގެތައް ފެންނަން ހުއްޓެވެ. އެ ކޮޓެޖްތަކުގެ ޗިމްނީތަކުން ދުން އަރަމުން ދިޔައެވެ.

" ނިމުނީމަ ބުނެލަދިނުން އެދެން...." މާޒިމް ގެ އަޑު އުރުޖުވާންގެ ކަނފަތުގައި ޖެހުނީ ވަރަށް ކައިރީންނެވެ.

ސިހިފައި ދުރަށް ޖެހެވުނީ އެ ކޮޓަރީގައި މާޒިމް ވެސް އެބަ ހުރިކަން ރޭކާލުމުނެވެ. ގެއްލިފައި ހުރެވުނި އިރެއްވެސް އުރުޖުވާން އަކަށް ނޭނގުމުން ލަދުވެސް ގަތީއެވެ. އަދި ހަނދާނަށް އައީ އިތުރު ސޯފާއެއް ހާ މިންވެސް އެ ކޮޓަރީގައި ނެތްކަމެވެ.

މާޒިމް ލައިގެން ހުރި ކޯޓު ބޭލުމަށް ފަހު އޭނަގެ ސްވެޓަރުން ކަޅު އިސްތަށިގަނޑު އައްސާލިއެވެ. މޫނަށް އެޅިފައިވާ ކުދި އިސްތަށިކޮޅުން މޫނުމަތީގެ ރީތިކަން އިތުރުކޮށްދެއެވެ. އަދި ފިނިކަމުން ހަމުގެ ކުލައަށް ވެރިވެފައިވީ ފިޔާތޮށި ކުލައެކެވެ. ލޯ ހުއްޓިފައިވީ ބޭރުގެ މަންޒަރަށް ކަމުގައި ވިޔަސް ހިތް ވަނީ އުރުޖުވާން ގެ މޫނަށް ބެލޭނެ ފުރުސަތަކަށް އެދިއެދިއެވެ. އުރުޖުވާންގެ ހިތްވެސް މާޒިމްގެ ރީތިކަމަށް ތައުރީފް ކުރިއެވެ.

"ޑޯންޓް ވޮރީ. މިތާ އެތެރޭގަ އެބައިން ކުޑަ ސްޓަޑީ އެއް ވެސް. އެތާ ސޯފާ ގަ އަހަރެން ނިދާލާނަން....." މޫނަށް ވެއްޓިފައިވީ ކުދި އިސްތަށިކޮޅާއެކީ ބޮލުގައި އަތުން ފުނާ އަޅާލަމުން ބުނެލީ އުރުޖުވާން ގެ ހިތުގައިވީ ސިއްރު އެނގުނު ފަދައިންނެވެ.

"ނޫނޭ...އުރޫޖް....ސޯފާގަ.....އޮވެދާނަން....ޔޫ ކޭން ޓޭކް ދަ ބެޑް...." އުރުޖުވާން އަށް އެ ބުނާ ސޯފާ އެއް ކޮޓަރިއަކުން ނުފެނުނެވެ. ނަމަވެސް އެތާ އިން ހަނި ދޮރެއް ފެނުމުން އެއީ އެތަން ކަން އެނގުނެވެ.

"އާނ....މައްސަލައެއް ނެތް.....އެނދު މާ ފަސޭހަ ވާނެ....އުރޫޖް ނަގާ ސޯފާ....ތި ހަމަ އެނެމެ ބެސްޓް ގޮތް....." ލާނެތް ހިނިތުންވުމެއްގައި މާޒިމް ބުނެލިއެވެ.

" ސޯ ރޫޑް..." އުރުޖުވާން ހިތާ ހިތުން ކުދި ކިޔާލިއެވެ. އުރުޖުވާން ހީކުރީ މާޒިމް އޭނަޔަށް އެނދު ދިނުމަށް އިތުުރަށް ބޭނުންވެ އެކަމަށް ނުރުހޭނޭ ކަމަށެވެ. ނަމަވެސް ވީ އެހެނެއްނޫނެވެ. އުރުޖުވާން އަނގަޔަށް ގޮތެއް ހަދައިލާފާ ފޮށި ތައް ހުޅުވާލަން މަސައްކަތް ކުރިއެވެ. ނަމަވެސް ފޮށި ބަރުވީމަ މާޒިްމ ގެ އެހީ އަށް އެދެން މަޖުބޫރުވިއެވެ.

" ވަޓް......" ފޮށި ހުޅުވާލުމުން އުރުޖުވާންގެ ހިތް ހުއްޓުނު ފަދައެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު