މަރުގެ ހަމަލަތަކުގެ އަމާޒު މުސްކުޅިންނަށް

ބައެއް މީހުން ސިފަކުރާ ގޮތުގައި ރާއްޖޭގައި ބާރުގަދައީ ކުށްކުރާ މީހުންނެވެ. ގޭންގުތަކުގެ އާ ސްޓްރެޓެޖީކް ހަރަކާތްތަކުގެ ތެރެއިން ނުކުންނަ ބޮޑެތި ކުށްތައް އިތުރުވެ ގަސްދުގައި މީހުން މެރުމުގެ މާހައުލަކަށް ރާއްޖެ ވަނީ އެނބުރެން ފަށާފަ އެވެ. ނުވަތަ ބަދަލުވެފަ އެވެ. ފަހަކަށް އައިސް މީހުން މަރާފައިވާ ގޮތަށް ބަލާއިރު ފައިސާގެ ދަހިވެތި ކަމުގައި ނުވަތަ ބަދަލު ހިފުމުގެ ރޫހުގައި މުސްކުޅިން މަރާ ކަމަށް ބުނެވިދާނެ އެވެ. ހާއްސަކޮށް މިހާރު ފާހަގަ ކުރެވެނީ އުމުރުން ދުވަސްވީ މީހުން މަރަމުންދާ ދިއުމެވެ.

ދ. ކުޑަހުވަދޫ ސަމަންދަރު، އަލީ ހަސަން (އައްޔުބޭ) 70، ރަހުމް ކުޑަގޮތަކަށް ޒަހަމްކޮށް މަރާލުމުގެ ކުށުގައި ހައްޔަރު ކުރީ އޭނާއަށް ދޮން ކާފަ ކިޔާ ކުއްޖަކާއި އޭނާގެ ބައިވެރިންނެވެ. އެ މަރުގެ މާޔޫސްކަން ފިލައި ނުދަނީސް އަނެއްކާވެސް މުސްކުޅިޔަކު މަރާލި އެވެ. ނ. މާފަރު ހިތްފަސޭހަގޭ، ހަސަން އަބޫބަކުރު، 65، ގެ މަރާ ގުޅިގެން ބައެއް މީހުން ތުހުމަތުކޮށްފައި ވަނީ އުމުރު ދުވަސްވީ މީހުންނަށް ލިބޭ ފައިސާއިން އޭނާއަށް ގަނޑުކޮށް ލިބުނު ފައިސާގެ ދަހިވެތި ކަމުގައި ބަޔަކު އޭނާ މަރާލީ ކަމަށެވެ. ސަންއަށް ކަށަވަރުވެފައިވާ ގޮތުގައި މާފަރު އަބޫބަކުރު މައްސަލައިގެ ވެސް ހައްޔަރުކޮށްފައި ހުރީ އަބޫބަކުރާ ތިމާގެ ކުއްޖެކެވެ.

މީގެ އިތުރުން ހދ. ނޭކުރަންދޫގައި 65 އަހަރުގެ އަންހެނަކު މަރާލި މައްސަލައެއް ވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. މި މައްސަލައިގެ ހަގީގަތެއް އަދި ތިލަފަށަކަށް ނާދެ އެވެ.

ފުލުސް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓްގެ ވެރިޔާ އަބްދުﷲ ނަވާޒު ވިދާޅުވި ގޮތުގައި އުމުރުން ދުވަސްވީ މީހުންނަށް ގިނައިން "އެޓޭކް" ކުރަނީ ފައިސާ ބޭނުން ވެގެނެވެ. މިހާތަނަށް ދީފައިވާ އެފަދަ ގިނަ ހަމަލާ ތަކުން އެކަން އެނގެ އެވެ. އޭގެތެރެއިން ވެސް އަނިޔާވެރިންގެ ޝިކާރައަކަށް ގިނައިން ވެގެންދަނީ އެކަނި ދިރިއުޅޭ މުސްކުޅިން ކަމަށް ތަޖުރިބާކާރު ކްރިމިނަލް އިންވެސްޓިގޭޓަރު، ނަވާޒު ފާހަގަ ކުރައްވަ އެވެ.

"މިހާރު ކޮންމެވެސް ވަރަކަށް ދުވަސްވީ މީހުންނަށް ވެސް ފައިސާ ލިބެމުންދޭ، އޭގެއިތުރުން ވަކިން ދިރިއުޅެމުންދާތީ ބައެއް ފަހަރަށް އެމީހުންގެ ޓާގެޓްތަކަށް މިވަނީ. މައިގަނޑު ސަބަބެއް ކަމަށް މިހާތަނަށް ބެލިބެލުމުން މި އެނގެނީ ހަމަ ފައިސާ،" ނަވާޒް ވިދާޅުވި އެވެ.

ދެހާސް ދިހަ ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ތެރޭ މަރާލައި ފަޅުގެއެއްގެ ތެރެއަށް އެއްލާލާފައި އޮއްވައި ފެނުނު ހއ. ހޯރަފުށީ ވިޔަފާރިވެރިއާ އެ ރަށު ސީވިއު، ހުސައިން މުހައްމަދު މަނިކު (ހުސޭނުބޭ) އަށް ހަމަލަދީ މަރާލާފައި ވަނީ ވެސް ފައިސާގެ ދަހިވެތި ކަމުގަ އެވެ. ހަމަ އެހެންމެ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެތެރޭ ގއ. ކޮލަމާފުށީ ފަޅުގޯއްޗެއްގެ ތެރެއަށް އެއްލައިލާފައި އޮއްވާ ފެނުނު އެރަށު ވިޔަފާރިވެރިޔެއް ކަމަށްވާ ސިލްނާމަންޒިލް، އަބްދުލް މުހުސިން، 52، އަކަށް ވެސް ހަމަލަދީ ބޮޑެތި އަނިޔާތަކެއް ކޮށްފައިވަނީ ފައިސާ ހޯދާށެވެ.

އުމުރުން ދުވަސްވެ ގައިގެ ވަރުދެރަވެފައި ތިބޭ ދުވަސްވަރު މުސްކުޅި މައިން ބަފައިންނަށް ޚާއްސަ ރައްކާތެރިކަމަކާ ސަމާލުކަމެއް ދިނުމުގައި އިތުރު މަސައްކަތްތަކެއް ކުރަންޖެހެ އެވެ. ހާއްސަކޮށް ސަރުކާރުން މުސްކުޅިންނަށް ފައިސާގެ އިނާޔަތް ދޭން ފެށުމުން އެ ފައިސާގެ ދަހިވެތި ކަމުގައި އަންނަ މަރުގެ ހަމަލާތަކުން މުސްކުޅިން ރައްކާތެރިކޮށް ދިނުމަށް ކުރަންޖެހޭ މަސައްކަތް ރާއްޖެއަށް މިހާރު މުހިންމެވެ. މިދިއަ ދޮޅު އަހަރެއްހާ ދުވަހު މުސްކުޅިން މަރާފައިވާ ގޮތާއި ދީފައިވާ ހަމަލާތަކަށް ބަލާއިރު މިފަދަ ފިޔަވަޅުތަކެއް ނާޅައިފި ނަމަ މަރާ އެއްލާލާފައި އޮއްވާ ފެންނަ މުސްކުޅިން އަދިވެސް ފެނުމަކީ އިތުރުވުމަކީ ވަރަށް ކައިރި ކަމެކެވެ.

ކުރިއަށް އޮތް ތަނުގައި މި ނުރައްކާ ރާއްޖޭގައި ގޯސް "ޓްރެންޑަ" ކަށް ވެދާނެ ކަމަށް ފޯކަސް ކުރަން އަދި އަވަހެވެ. ނަމަވެސް މިއީ ވަރަށް ފުންކޮށް ދިވެހިން ވިސްނަން ޖެހިފައިވާ މައްސަލައެކެވެ. މިހާރަށް ބަލާއިރު ވެސް ކަމުގެ ބިރު ވަރަށް ބޮޑަށް އެބައޮތެވެ. އަދި ކުށްވެރިން ކުށަށް އަރައިގަތުމަށް ޖެހިލުން ނުވާ ހާލަތަށް ރާއްޖެ ބަދަލުވަމުންދާއިރު މިކަމުގައި އާ ވިސްނުންތަކެއް ނުހޯދައިފިނަމަ ނުކުންނާނެ ނަތީޖާ އަކީ ކޮންމެ ދުވަހަކު ވެސް އެ އުމުރުގެ މީހަކު މަރާލުމެވެ.

"ކުރިން ދިމާވެފައި ހުރި ހާދިސާތަކަށް އަޅާބަލާއިރު މި ކަޒން އިތުރުރަށް ފުޅާވެގެން ހިނގައިދާނެއޭ ބުނަން އަދި ދަތި. އެހެންނަމަވެސް ކުރިން ނުފެންނަ އެތައް އާ ކަންތައްތަކެއް ފެންނަމުން މިދަނީ. އެހެންވީމަ އަޅުގަނޑުމެން އެބަޖެހޭ މިކަންތައްތަށް ވިސްނުންތެރިކަމާއެކު މަސައްކަތެއް ކުރަން،" ނަވާޒް ވިދާޅުވި އެވެ.

ރާއްޖެ ރީތި، އެކަމަކު ބިރުވެރި، ނާމާން ތަނަކަށް ބަދަލުވަމުންދާއިރު އެއް ބަޔަކު ބުނަނީ މައްސަލަތައް ހައްލު ކުރަން އެކަށީގެންވާ ގިޔަރުގައި ފުލުހުން މަސައްކަތް ނުކުރަނީ ކަމަށެވެ. ރާއްޖޭގެ އާންމު ހާލަތު ގޯހުން ގޯހަށް ބަދަލުވަމުން ދާއިރު ކަންކަމުގައި ފިޔަވަޅު އަޅައި ގޮތް ކިޔާ އެންމެން ސިޔާސީވެފައިވާ ކަމަށެވެ. އެހެން އެއްވެސް ކަމަކަށް ސަމާލުކަން ނުދެވޭވަރަށް ސިޔާސީ މީހުންގެ ޑްރާމާގައި ފުލުހުން ޖެހިފައިވާ ކަމަށެވެ.
ސްޕެޝަލިސްޓް ކޮމާންޑްގެ ޑެޕިއުޓީ ހެޑް، މުހައްމަދު ރިޔާޒް ވިދާޅުވި ގޮތުގައި އެއްވެސް މީހަކު މަރައިފިނަމަ ފުލުހުން އެންމެ ސީރިއަސްލެވެލްގައި އެންމެ މަތީ ރިސޯސްއެއް ބޭނުންކުރާނެ އެވެ. އަދި އެކަމެއް ބަލައި އިންސާފުގެ ކުރިމައްޗަށް ގާތިލު ގެންގޮސްދޭން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ އެވެ. އެންމެން ވެސް އެދެނީ އެގޮތެވެ. އެކަމަކު ސުވާލު ކުރެވެނީ އެހެން ނުވާތީ އެވެ. މާޒީ އޮތް ގޮތުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް