ސައިކަލް ތަޅުދަނޑި ބޭއްވުނު ތަން ހަނދާން ނެތޭތަ؟

ގެންގުޅޭ ތަޅުދަނޑިފަތި ގެއްލިގެން އުޅުމަކީ އާއްމު ދިރިއުޅުމުގައި ގިނަބަޔަކަށް ކުރިމަތިވާ ކަމެއް--ފޮޓޯ/ޕިންޓްރެސްޓް

އަޅުގަޑުމެންގެ ތެރެއިން ބައެއް މީހުންގެ ދިރިއުޅުން ހުންނަގޮތުން ގިނަ ބަޔަކީ ވަރަށް ގިނަ ކަންކަން ހަނދާނުގައި ބަހައްޓައިގެން މަސައްކަތް ކުރާ ބައެކެވެ. މިހެން އުޅޭއިރު ގެންގުޅޭ ބައެއް ތަކެތި ބޭއްވުނު ތަން ހަނދާން ނެތި ގެއްލިގެން ހޯދުމަކީ އާއްމުކަމެކެވެ. މީގެތެރެއިން ވެސް ހާއްސަކޮށް ސައިކަލު ތަޅުދަނޑި އަކީ ނުވަތަ ގެންގުޅޭ ތަޅުދަނޑި ފައްޗަކީ އަބަދުވެސް ހޯދަން ޖެހިފައި އޮންނަ އެއްޗެކެވެ.

ސައިކަލް އަލަށް ގަންނައިރު އާއްމު ގޮތެއްގައި ދެ ތަޅުދަނޑި އޭގެ ވެރި ފަރާތަށް ލިބެއެވެ. ފުރަތަމަ ތަޅުދަނޑި ބޭއްވުނު ތަނެއް ނޭނގި އެ ގެއްލުނީ ކަމަށް ނިންމާ ދެވަނަ ތަޅުދަނޑި ބޭނުންކުރަން ފަށާ ތަނުން އެ ވެސް ގެއްލި އަލުން އާ ތަޅުދަނޑި ހައްދާ މީހުންވެސް މަދެއް ނޫނެވެ. ދިވެހިންގެ ތެރެއިން ގިނަ މީހުންނަކީ ފައިމަގުގައި އުޅުމުގެ ބަދަލުގައި ސައިކަލު ނުވަތަ ކާރުގައި ދަތުރު ކުރުމަށް އާދަވެފައިވާ ބައެއް ކަމުން މިއިން އުޅަނދެއްގެ ތަޅުދަނޑި ގެއްލިއްޖެނަމަ އެއީ އެ ބައެއްގެ ދެ ފައި ބިނދުން ކަހަލަ ކަމެކެވެ.

ގެއްލިގެން ހޯދާ ތަޅުދަނޑި އާއްމުކޮށް ބޭއްވިފައި އޮންނަނީ އެންމެ ހީނުކުރާ ކޮންމެވެސް ތަނެއްގައި--ފޮޓޯ/ޕިންޓްރެސްޓް
"ސައިކަލް ތަޅުދަނޑި ގެއްލުމަކީ ވަރަށް ގިނައިން ދިމާވާ ކަމެއް. ހާއްސަކޮށް މުހިއްމު ތަނަކަށް ދާން ލަސްވެގެން އުޅޭ ނަމަ ތަޅުދަނޑި ބޭއްވުނު ތަނެއް ހަނދާން ނެތި އެ ހޯދަން އެތައް ވަގުތެއް ދޭ،" ސައިކަލުގައި ދަތުރުކުރާ ޒުވާނަކު ބުންޏެވެ.

"ހެހެހެ، އާނ ތިއީ ހަމަ ވަރަށް ގިނައިން ދިމާވާ ކަމެއް. ވަރުގަދަ ތަޅުދަނޑިލާ އެއްޗަކާ އެކު އޮންނައިރު ވެސް ގެއްލިގެން އުޅެން ޖެހޭ" ރަހްމަތްތެރިޔަކު އޭނާގެ ތަޖުރިބާ ހިއްސާކޮށްލިއެވެ.

މިކަމަށް ހައްލެއް ބޭނުންވާ ނަމަ ކުރެވިދާނެ ކަންތައްތަކުގެ ތެރޭ، ތަޅުދަނޑިފަތި އަޅުވަން އެކަމަށް ހާއްސަ ހުކްއެއް ގޭތެރޭގައި އެންމެ އަވަހަށް ލޮލުގައި އަޅައިގަންނަ ދިމާލެއްގައި ހަރުކުރެވިދާނެއެވެ. މީގެއިތުރުން ގެއަށް ވަނުމަށް ފަހު ތަޅުދަނޑި ބާއްވަން ހާއްސަ ތަނެއް ނުވަތަ އެއްޗެއް ކަނޑައެޅިދާނެއެވެ.

ސައިކަލް އަދި ކާރު ތަޅުދަނޑި ހޯދަން ފަސޭހަ ކުރުމަށް ކުލަ ގަދަ ތަޅުދަނޑިލާ އެއްޗެއް ބޭނުންކުރެވިދާނެ--ފޮޓޯ/އިންޓަނެޓް
ލޮލުގައި އަޅައިގަންނަ ފަދަ ކުލަ އަލި، ސައިޒުން ބޮޑު ތަޅުދަނޑިލާ އެއްޗެއް ބޭނުންކުރުމަކީ ވެސް ތަޅުދަނޑި ގެއްލިގެން އުޅޭއިރު ހޯދަން ފަސޭހަވާނެ ކަމެކެވެ. މީގެއިތުރުން ތަޅުދަނޑިފަތީގައި އިލެކްޓްރޯނިކް ޓްރެކާއެއް ހަރުކުރުމަކީ ވެސް ޒަމާނަށް އައިސްފައިވާ ޓެކްނޮލޮޖީގެ އެހީގައި މިކަމަށް ހޯދިދާނެ ހައްލެކެވެ.

ތަޅުދަނޑި ގެންގުޅޭ އަތް ދަބަސް ނުވަތަ އަޅައިގެން ހުންނަ ބެލްޓުގެ ހުކްއަކާ އެކު ބޭއްވުމުން ވެސް ފަހުން ހޯދަން ބުރަ މަސައްކަތް ކުރަން ނުޖެހިދާނެއެވެ. ސަބަބަކީ އާއްމުކޮށް ގެއިން ބޭރަށް ދިއުމުގެ ކުރިން އެންމެ ފުރަތަމަ ވެސް ހޯދާނީ އަތް ދަބަސް ކަމަށްވާތީއެވެ.

ގެންގުޅޭ ތަޅުދަނޑިތައް ކަރުގައި އަޅާ ފަށުގެ ފުލުގެ ގޮތުގައި ބޭނުން ކުރުމަކީ ވެސް ބައެއް މީހުން ކޮށްއުޅޭ ކަމެކެވެ. މީގެއިތުރުން ވެސް ތަޅުދަނޑި ފަތި ރައްކާތެރިކޮށް ގެންގުޅެވޭނެ ގިނަ އުކުޅުތައް މި ނޫނަސް ހުރުމަކީ އެކަށީގެންވާ ކަމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު