އަހަރުގެ 8 ވަނަ ކްރޫޒްލައިނާ އިޓަލީއިން، 2100އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި

އެމްއެސް އައިދިއާ ބެލާ މާލެ ކައިރީ --- ފޮޓޯ/ މާޔާ

މި އަހަރުގެ އަށް ވަނަ ކްރޫޒްލައިނާ އިޓަލީން ރާއްޖެ އަތުވެއްޖެއެވެ.

ރާއްޖެއަށް ކްރޫޒްލައިނާތައް ގެންނަ ކުންފުނިތައް ތަމުސީލުކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ)ގެ ރައީސް މުހައްމަދު ނަޝީދު "ސަން"އަށް ވިދާޅުވީ، "އެމް އެސް އައިދިއާބެލާ" 2100އަށް ވުރެ ގިނަ ފަތުރުވެރިންނާއެކު ރާއްޖެ އައިސްފައިވާ ކަމަށެވެ.

މިގޮތުން 2148 ފަތުރުވެރިންނާއި 650 ކްރޫއިން އެ ކްރޫޒްލައިނާއިން އައިސްފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މެލޭޝިއާއިން ފުރައިގެން އެ ކްރޫޒްލައިނާ މާލެ އައީ ހެނދުނު 6:30 ގައި ކަމަށް ވެސް ވިދާޅުވިއެވެ.

މީގެއިތުރުން މާލެގައި ދެ ދުވަސް މަޑުކުރާނެ ކަމަށާއި އެކި ބޭނުންތަކުގައި ކްރޫޒްލައިނާގެ ފަތުރުވެރިން މާލެ ފައިބާ އުޅުނު އޭނާ ވިދާޅުވިއެވެ.

"އެކި ބޭނުންތަކުގައި މާލެ ފައިބާ އުޅުނު. ބައެއް ފަތުރުވެރިން ކައިރި ރަށްރަަށް ވެސް ދިޔަ. ކްރޮސްރޯޑާއި މާފުށީގެ އިތުރުން ހުޅުމާލެ އަށް ފަތުރުވެރިން ގޮސްފަ ވަނީ،" ނަޝީދު ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ މި މަހުގެ ތެރޭގައި އިތުރު ތިން ކްރޫޒްލައިނާ މާލެ އައުމަށް ތާވާލްކޮށްފައިވާ ކަމަށެވެ.

"އެމް އެސް އައިދިއާ ބެލާ" ވަނީ މިދިޔަ ނޮވެންބަރު މަހުގެ ތޭރެގައި ވެސް މާލެއަށް އައިސްފައެވެ. އެފަހަރު ކްރޫޒްލައިނާއިން ޒިޔާރަތްކުރީ 2008 ފަތުރުވެރިންނާއި 600 ކްރޫއިންނެވެ.

comment ކޮމެންޓް