ސްޕާސްއިން ފޮރެސްޓް ބަލިކޮށް ތާވަލްގެ ހަތަރު ވަނައަށް ކުރިއަށް ޖެހިލައިފި

ސްޕާސްގެ ފަހު ލަނޑު ޖަހައިދިން ޕެޑްރޯ ޕޯރޯ / ފޮޓޯ: ޔޫރޯ ސްޕޯޓް

އިންގްލިޝް ޕްރިމިއާ ލީގުގައި ލީގުގައި ޓޮޓްނަމް ހޮޓްސްޕާ އާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު ސްޕާސްއިން ކާމިޔާބު ކޮށް ތާވަލްގެ ހަތަރުވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ސްޕާސްގެ ފަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ 3 ލަނޑު އެއް ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސްޕާސްއިންނެވެ.

އަދި މި މެޗުގެ ފެށުން ރަނގަޅުވީ ވެސް ސްޕާސްގެއެވެ. މިގޮތުން އެ ޓީމުންވަނީ މެޗުގެ 15ވަނަ މިނެޓުގައި ލަނޑެއް ޖަހައި މެޗުގެ ލީޑު ވެސް ނަގައިފައެވެ.

ނަމަވެސް މި ލަނޑަކީ ސްޕާސްގެ ޓީމޯ ވާނާ ފޮރެސްޓްގެ ގޯލް ކުރިމައްޗަށް ހުރަސްކުރި ބޯޅައެއް ފޮރެސްޓްގެ ޑިފެންޑާ މުރީލޯ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ.

މި ހާފުގައި ދެން ފެނިގެންދިޔައީ ފޮރެސްޓްގެ މޮޅު ކުޅުމެވެ. މިގޮތުން ފޮރެސްޓްއިން ވަނީ މެޗުގެ 27ވަނަ މިނެޓުގައި ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކްރިސް ވުޑްއެވެ. މި ލަނޑު ޖެހިތާ މާ ގިނައިރު ތަކެއް ނުވެ ފޮރެސްޓަށް މެޗުގެ ލީޑު ނަގައިދޭނެ ރަނގަޅު ފުރުސަތެއް ވުޑްއަށް ލިބިގެން ގޮސްފައިވެއެވެ.

ނަމަވެސް އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މީގެ އިތުރުން ވެސް ލަނޑު ޖަހާނެ ރަނގަޅު ދެތިން ފުރުސަތު ފޮރެސްޓަށް މި ހާފުގައި ލިބުނެވެ.

މި މެޗުގެ ދެވަނަ ހާފުގައި ސްޕާސްއިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް މެޗު ކާމިޔާބު ކުރުމަށް ކުރަމުންދިޔަ މަސައްކަތް އިތުރު ކޮށްފައެވެ. މި މެޗުގައި ސްޕާސްގެ ދެވަނަ ލަނޑު ޖަހައި ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ 52 ވަނަ މިނެޓުގައި މިކީ ވެން ޑެ ވެން ޖަހާދިން ލަނޑުންނެވެ. އަދި މިލަނޑު ޖެހިތާ ހަ މިނެޓު ފަހުން ޕެޑްރޯ ޕޯރޯވަނީ ލަނޑެއް ޖަހާ މެޗުގައި ސްޕާސްގެ ލީޑު ފުޅާކޮށްދީފައެވެ.

މި ކާމިޔާބީއާއެކު ސްޕާސް މިހާރު އުޅެނީ ކުޅުނު 31 މެޗުން ލިބިފައިވާ 60 ޕޮއިންޓާއެކު ތާވަލްގެ ހަތަރުވަނައިގައެވެ. ނަމަވެސް އެއީ ކުރިން ހަތަރު ވަނައިގައި އޮތް އެސްޓަން ވިލާ އާއި އެއްވަރަށް ޕޮއިންޓް ލިބި ނަމަވެސް ފައިދާ ގޯލަށް ބަލާއިރު ކުރި ލިބޭތީއެވެ.

މީގެ އިތުރުން އެ ޓީމު ނުކުޅެ އަދި އެއް މެޗު އޮތުމާއެކު ވިލާއަށް ވުރެ ކުރިއަށް ޕޮއިންޓްގެ ގޮތުން ޖެހުމުގެ ފުރުސަތު ސްޕާސްއަށް އެބައޮތެވެ. އަދި މި މެޗުން ބަލިވުމުން ފޮރެސްޓް މިހާރު އުޅެނީ 32 މެޗުން ލިބިފައިވާ 25 ޕޮއިންޓާއެކު ތާވަލްގެ 17 ވަނައިގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު