ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރި މެޗު އެއްވަރުވެއްޖެ

އެންމެ ފަހު ވަގުތު ލިވަޕޫލު ސަލާމަތްކޮށްދިން ޕެނަލްޓީ ކާމިޔާބު ކޮށްދިން ސަލާހު / ފޮޓޯ: ޔޫރޯ ސްޕޯޓް

އިންގްލިޝް ޕްރިމިއާ ލީގުގައި ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރި މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މިމެޗު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރު ވެގެންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލުންނެވެ.

މިގޮތުން ފުރަތަމަ ހާފުގައި ލިވަޕޫލުންވަނީ ޔުނައިޓެޑްގެ ގޯލަށް ގިނަ ހަމަލާ ތަކެއް ފޮނުވާލައިފައެވެ. ނަމަވެސް މީގެތެރެއިން އެ ޓީމަށް ކާމިޔާބު ކުރެވޭގޮތްވީ އެންމެ ހަމަލާއެކެވެ.

މެޗުގެ 23 ވަނަ މިނެޓުގައި ލިވަޕޫލުން އުފެއްދި ހަމަލާއެއްގައި އެ ޓީމުންވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ލުއިސް ޑިއާޒްއެވެ.

އަދި މި ހާފުގައި އެ ޓީމުން އުފައްދަމުންދިޔަ ހަމަލާތަކުގެ ސަބަބުން އިތުރު ލަނޑެއް ފެނިގެން ހިނގައިދާނެކަމަށް ހީވި ނަމަވެސް އެ ކަން އެގޮތަށް ވާގޮތެއް ނުވިއެވެ.

ފުރަތަމަ ހާފާއި ހިލާފަށް މި މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑުން އެ ޓީމުގެ ކުޅުން ރަނގަޅު ކުރިތަން ފެނިގެންދިޔައެވެ. ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 50 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރުމެވެ.

ނަމަވެސް މިއީ ލިވަޕޫލްގެ ޑިފެންޑާ ޖަރެލް ކުއާންސާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ފެނާންޑޭޒް ކާމިޔާބު ކުރި ލަނޑެކެވެ.

އަދި ޔުނައިޓެޑުންވަނީ މެޗުގެ 67 ވަނަ މިނެޓުގައި ލަނޑެއް ޖަހައި މެޗުގެ ލީޑު ވެސް ނަގާފައެވެ. މިލަނޑު އެ ޓީމަށް ޖަހައިދިނީ ކޮބީ މައިނޫއެވެ. މިއީ އޭނާ ޔުނައިޓެޑްގެ ދަނޑުގައި ކާމިޔާބު ކުރި ފުރަތަމަ ލަނޑެވެ. މިއާއެކު ލިވަޕޫލުން ލަނޑެއް ޖެހޭތޯ ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް ލިބިގެންދިޔަ ޕެނަލްޓީ އަކުންނެވެ.

މިޕެނަލްޓީ ކާމިޔާބު ކޮށްދީ މެޗުގެ ނަތީޖާ ލިވަޕޫލަށް ހަމަހަމަ ކޮށްދިނީ މުހައްމަދު ސަލާހެވެ. މި މެޗުން މޮޅުވެވޭތޯ ލިވަޕޫލުން ފަހު ވަގުތު ވަރަށް މަސައްކަތްކުރި ނަމަވެސް ޔުނައިޓެޑުންވަނީ ލިވަޕޫލަށް އިތުރު ލަނޑެއް ޖެހުނަނުދީ ހިފަހައްޓައިލައިފައެވެ.

މި މެޗު އެއްވަރުވުމާއެކު ތާވަލްގެ އެއްވަނައަށް އެރުމަށް ލިވަޕޫލަށް ލިބިގެންދިޔަ ފުރުސަތު މި ވަނީ ގެއްލިފައެވެ. ލިވަޕޫލް މިހާރު އުޅެނީ ކުޅުނު 31 މެޗުން ލިބިފައިވާ 71 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ.

މި ދެ ޓީމުގެ ދެމެދުގައި ނުވަ ގޯލުގެ ތާފަތު އެބަހުއްޓެވެ. މި މެޗު އެއްވަރުވުމުން ލިވަޕޫލަށް މިހާތަނަށް އޮތް އަމިއްލަ ބާރު މިހާރު މި ވަނީ ގެއްލިގެން ގޮސްފައެވެ.

އަދި އެއް ޕޮއިންޓް ފަހަތުން ތިންވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއެވެ. މި ފަހަރުގެ ޕްރިމިއާ ލީގަށް މި ތިން ޓީމު ވެސް އަންނަނީ ވާދަކުރަމުންނެވެ. މި މެޗުން ލިބުނު ޕޮއިންޓާއެކު ޔުނައިޓެޑް އުޅެނީ 49 ޕޮއިންޓާއެކު ތާވަލްގެ ހަވަނައިގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު