ރޭގަނޑުގެ ހަމަ ނިދި އިންސާނާއަށް ނުލިބުމަކީ ޖެހިގެން އަންނަ ދުވަސް އެއްކޮށް ޚަރާބުކޮށްލާ ކަމެކެވެ. ހާއްސަކޮށް ވަޒީފާއަށް ދާ މީހުންނަށް އެ މީހުންގެ މަސައްކަތުގެ އުފެއްދުންތެރިކަން ދަށްވާ ކަމެއްވެސްމެއެވެ. މި އަހަރުގެ ރަމަޟާން މަސް ފެށުނީއްސުރެ ސޯޝަލް މީޑިއާއިން ފެނުނު ގިނަ ޕޯސްޓުތައް ބިނާވެފައި ވަނީ ރޭގަނޑުގެ ހަމަ ނިދި ރަނގަޅަށް ނުލިބި ބައިބަޔަށް ބަހާލައިގެން ނިދި ހޯދުމަށް މަސައްކަތް ކުރަންޖެހުނު ކަމުގެ ޝަކުވާތަކުގެ މައްޗަށެވެ.
ރަމަޟާން މަހަކީ ރޭ އަޅުކަމުގެ މައްސަރަކަށް ވީއިރު މި މައްސަރުގެ ދަރުމަ އާއި ހެޔޮ ޘަވާބު ހޯދުމަށް ގަދައަޅާ މަސައްކަތްކުރި ގިނަ މީހުންނަކީ މި ދެންނެވުނު ގޮތަށް އިންސްޓޯލްމަންޓަށް ނިދާލި މީހުންނެވެ. އެހެން މަސްތަކާ ޚިލާފަށް މި މައްސަރުގެ އަރާމު ނިދި ޤުރުބާން ކުރި ސަބަބު ހިތަށް އަރުވާލުމާ އެކު ޝަކުވާއިން ފުރިފައިވާ ހިތަށް ހަމަޖެހުމެއް ލިބޭނެކަން ޔަޤީނެވެ.

ނިދާ އެނދުމަތީ ކެއުން އާދަކޮށް އިތުރު މަސައްކަތް ކުރުމުގެ އާދައާ ދުރުވާން ސަމާލުކަން ދިނުން މުހިއްމު--ފޮޓޯ/ސްލީޕްޕޮލިސް.ޮކޮމް
ދެން ވިސްނަންވީ ކަމަކީ ރަމަޟާން މަސް ނިމުމަށްފަހު ކުރީގެ ތާވަލަށް އެނބުރިދާއިރު ސަމާލުކަން ދޭންވީ މުހިއްމު ކަންތައްތަކުގެ މައްޗަށެވެ. ފުރާ ފުރިހަމަވެފައިވާ ކޮންމެ އިންސާނަކަށް ވެސް ހަތް ގަޑިއިރާއި އަށް ގަޑިއިރުގެ ނިދި ކޮންމެހެން ބޭނުންވާއިރު އަރާމު ނިންޖެއް ހޯދުމަށް ކުރެވިދާނެ ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ. އޭގެތެރޭގައި ނިދުމުގެ ކުރިން ކުރެވިދާނެ ހާއްސަ ކަންތައްތަކުގެ ލިސްޓެއް ތައްޔާރުކޮށްލާށެވެ.
• ނިދުމުގެ ކުރިން ތިމާގެ ސިކުނޑީގައި ހުރި ކަންބޮޑުވުންތައް އަމިއްލަ ޖާނަލްގައި ނުވަތަ ފޮތެއްގައި ލިޔެލާށެވެ. މިކަމުގެ ސަބަބުން ތިމާގެ ސިކުނޑީގައި ހުރި ކަންބޮޑުވުންތައް ސިކުނޑިން ބޭރުކުރެވުނު ކަމުގެ އިހުސާސްކުރެވި ސިކުނޑިއަށް ލުޔެއް ލިބި ނިދާލަން ފަސޭހަވާނެއެވެ.
• ކޮންމެ ދުވަހަކުވެސް މަދުވެގެން 30 މިނެޓަށް ކޮންމެވެސް ކަހަލަ ކަސްރަތެއް ކޮށްލަން އާދަކުރާށެވެ. މިކަމުގެ ސަބަބުން މީހާ ސްޓްރެސްވުމުން ވެސް ދުރުކޮށްދީ ސިކުނޑިއަށް ލުޔެއް ލިބޭނެއެވެ. އަދި ހަވީރުގެ ވަގުތު ނިދި އަންނަ ނަމަ އެކަމާ ދުރުވާން މަސައްކަތް ކުރާށެވެ.

ތިމާ ނިދާ މާޙައުލަކީ ހަމަ ހިމޭން އަނދިރި ނުވަތަ ފަނޑު އައްޔެއް ހުންނަ މާހައުލަން ހެދުމަކީ އަރާމު ނިންޖަކަށް މަގުފަހިކުރުވާނެ ކަމެއް--ފޮޓޯ/ޕިންޓަރެސްޓް
• ނިދާ ވަގުތަކީ ވަރަށް ހާއްސަ ވަގުތަކަށް ހެދުމަށް އާދަކުރާށެވެ. ނިދާ އެނދުމަތީގައި ކެއުމާއި އެހެނިހެން އޮފީސް މަސައްކަތް ކޮށް ޓީވީ ބެލުންފަދަ ކަންކަން ކުރުން ހުއްޓާލާށެވެ. އަބަދުވެސް ނިދަން އެނދަށް އަރާ ވަގުތަކީ އެއް ވަގުތެއްގެ ގޮތުގައި ކަނޑައަޅާ އަބަދުވެސް އެ ވަގުތަށް ނިދަން ސެޓުވާށެވެ.
• ނިދުމުގެ ކުރިން ހޫނު ފެނުން ފެންވަރާލުމަކީ ވެސް އަރާމު ނިންޖަކަށް މަގުފަހި ކުރުވާނެ ކަމެކެވެ. ނިދާ ވަގުތާ ކައިރިކޮށް ކެފެއިން ހުންނަ ބުއިންތަކާ ދުރުވެ ޓީވީ ބެލުންފަދަ ކަންކަމުން ދުރުހެލިވާށެވެ.
• ތިމާ ނިދާ ކޮޓަރި އަކީ ފަނޑު އައްޔެއް ހުންނަ ތަނަކަށް ހަދާށެވެ. އަދި އެއީ އަޑު މަޑު ހަމަހިމޭން މާހައުލަކަށް ހަދާށެވެ.