ސިއްހަތުގެ ހައްގަކީ ހަމައެކަނި މަރުކަޒުތަކުން ލިބެން ހުންނަ ފަރުވާގެ ޚިދުމަތެއް ނޫން: މިނިސްޓަރު

ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް: ސިއްހަތުގެ ހައްގަކީ ހަމައެކަނި މަރުކަޒުތަކުން ލިބެން ހުންނަ ފަރުވާގެ ޚިދުމަތެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ސިއްހަތަކީ ނުވަތަ ސިއްހަތުގެ ހައްގަކީ، ހަމައެކަނި ހަސްފަތާލުތަކާއި ސިއްހީ މަރުކަޒުތަކުން ލިބެން ހުންނަ ސިއްހީ ފަރުވާއާއި ޚިދުމަތްތައް ނޫން ކަމަށް ހެލްތު މިނިސްޓަރު އަބްދު ﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން ދެއްވި ހިތާބުގައި މިނިސްޓަރު ވިދާޅުވީ ދުޅަހެޔޮ ސިއްހަތެއް ލިބުމަށް ނުވަތަ ދުޅަހެޔޮ ސިއްހަތަށް އުނިކަމެއް ލިބުމަށް މަގުފަހިވާ ކަންކަމާއި ސިއްހަތު ހައްގެއްގެ ގޮތުގައި ކަށަވަރު ކުރުމުގައި އެކިފަރާތްތަކުން އަދާކުރަންޖެހޭ ދައުރަކީ ކޮބައިކަމާމެދު ގިނަފަހަރަށް އޮންނާނީ ވިސްނާނުލެވި ކަމަށެވެ.

މިއަދު ސިއްހަތު ދުވަސް ފާހަގަކުރާއިރު އެ ކަންކަމާމެދު ވާހަކަދެއްކުމަށް މިއީ މުނާސަބު ދުވަހެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މައިންނާއި ޅަދަރިންގެ ޞިއްޙަތާ ގުޅުންހުރިކަންކަން، ހެދިބޮޑުވުމާއި ދުޅަހެޔޮކަމަށް ބޭނުންވާ މިންހެޔޮ ރަނގަޅު ކާނާ، ސާފު ބޯފެނާއި ބޯހިޔާވެހި ކަން، ގޯތިގެދޮރާއި ޒާތީ ދިރިއުޅުމުގެ ސާފުތާހިރުކަން، ދިރިއުޅުމާއި މަސައްކަތުގެ، އުނގެނުމާ ތަރުބިއްޔަތުގެ، ކުޅިވަރާ މުނިފޫހިފިލުވުމުގެ މާޙައުލުތަކުގެ އަދި މަގުމަތީގެ ސާފުތާހިރުކަމާއި ރައްކާތެރިކަން، ތަޢުލީމާއި ތަމުރީނާއި ޞައްޙަ މަޢުލޫމާތު، ފަރުދުންގެ މެދުގައި އޮންނަ ގުޅުންތަކާއި އިޖްތިމާޢީ ފޭރާން، އިޖްތިމާޢީ އަދި އިޤްތިޞާދީ ޙަރަކާތްތައް ހިމެނޭ،" އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ ކަންކަމަކީ، ޞިއްޙީ ޚިދުމަތްދޭ މަރުކަޒުގެ އަދި ބައެއްފަހަރަށް ޞިއްޙީ ދާއިރާގެ ބޭރުގައި ހުރި، އެހެނަސް ޖިސްމާނީ އަދި ނަފުސާނީ ސިއްހަތާ ސީދާ ގުޅުންހުރި ކަންކަން ކަމަށެވެ.

އެއިން ކޮންމެ ކަމަކުން އެކަމެއް ހިނގާ ނުހިނގާ ގޮތެއްގެ ސަބަބުން ސިއްހަތަށް އެދެވޭ ނުވަތަ ނޭދެވޭ އަސަރު ކުރާނޭ ކަމަށާއި އެހެންކަމުން، ސިއްހަތުގެ ހައްގު ކަށަވަރުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަށް ކުރުމަށްޓަކައި، މިކަންކަންވެސް ސިއްހަތަށް މަގުފަހިވާގޮތަށް އިންތިޒާމުކުރަން ޖެހޭ ކަމަށް ޚަލީލް ވިދާޅުވިއެވެ.

"ސިއްހަތަކީ އެންމެ އަސާސީ އިންސާނީ ހައްގު. އެހެނީ، އިންސާނާ ދުޅަހެޔޮ ގޮތުގައި ދުނިޔެއަށް އުފަންވުމާއި ހެދި ބޮޑުވުމާއި ދިރިއުޅުމާ އަދި ދިރި ހުރުން އެކަމެއްގެ މައްޗަށް ބިނާވެފައިވާ އެންމެ މުހިއްމު އެއް ކަމަކީ ފުރިހަމަ ސިއްހަތެއްގައި ހުރުން." ޚަލީލް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދުނިޔޭގެތެރެއަށް ކަޅި ހިންގާލާއިރު ފެނިގެންދަނީ، އެކިއެކި ހަނގުރާމަތަކާއި، ބައެއް ޤައުމުތަކާއި ގުރޫޕްތަކުން ހިންގާ އަމަލުތަކުގެ ސަބަބުން، ކުށެއްނެތް އެތަކެއް ބައެއްގެ ސިއްހަތާއި ފުރާނައަށް ނުރައްކާ ވަމުންދާ މަންޒަރުކަމަށެވެ.

އަދި އިންސާނުންގެ ނޭދެވޭ ޢަމަލުތަކުގެ ސަބަބުން ދުނިޔޭގެ ތިމާވެއްޓަށް ވަމުންދާ ގެއްލުމާއި މޫސިމީ ބަދަލުތަކުގެ ސަބަބުން އިންސާނުންގެ ސިއްހަތަށް ކުރިމަތިވަމުންދާ ނުރައްކާ މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

"އިންސާނެއްގެ ސިއްހަތަށް ނުރައްކާވާ ކޮންމެ ޙާލަތަކީ، އޭނާގެ އިންސާނީ ހައްގަކަށް އުނިކަން ލިބޭ ޙާލަތެއް. އަދި އިންސާނީ ހައްގަކަށް އުނިކަމެއްލިބޭ ކޮންމެ ހަލަތެއްގައި އިންސާނާގެ ޖިސްމާނީ އަދި ނަފުސާނީ ސިއްހަތަށް ނޭދެވޭ އަސަރު ކުރޭ،" ޚަލީލް ވިދާޅުވިއެވެ.

"އަހަރެންގެ ސިއްހަތު-އަހަރެންގެ ހައްގު" މި ޝިޢާރުގެ ދަށުން މިއަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަ ކުރަމުންދާއިރު މި ޝިއާރާމެދު، ސިއްހަތަކީ ޙައްޤެއްގެ ގޮތުގައި ވިސްނަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ ސިއްހަތު އެއީ އަސާސީ ހައްގެއްކަމަށް ރިޢާޔަތްކޮށްގެން ކަންކަން އިންތިޒާމުކޮށް ތަރުތީބުކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އަދުގެ ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، ރައީސުލްޖުމުހުރިއްޔާގެ ސިޔާސަތުގެ ތެރެއިން ސިއްހީ ދާއިރާއަށް ހެޔޮ ބަދަލުތަކެއްގެންނަން ފަށާފައިވާ ކަމަށެވެ. އަދި ކުރިން، ތަކުރާރުކޮށް އިޙުމާލުވެފައިވާ ކަންކަމާ، ކުރީގެ ބައެއް ދެކޮޅުނުޖެހޭ ސިޔާސަތުތައް މުރާޖަޢާކޮށް ދެމެހެއްޓެނިވި ގޮތަށް ކަންކަން ބަދަލުކުރަން ފެށިފައިވާ ކަމަށެވެ.

މިގޮތުން، ރައްޔިތުންގެ ބައިވެރިވުމާއެކު ރައްޔިތުންނާ ގާތުން ރައްޔިތުންގެ ހާލަތަށް ރިޢާޔަތް ކޮށްގެން ޚިދުމަތް ދިނުމަށްޓަކައި، ރާއްޖޭގެ 10 އަތޮޅެއްގައި މިއަހަރު އަދި ދެ އަހަރު ދުވަހު ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ޕްރައިމަރީ ހެލްތު ކެއަރ ގެ އުޞޫލަށް ޚިދުމަތްތައް ބައްޓަންކުރުމާއި، ދުރާލާ ބަލިން ރައްކާތެރިވުމަށް "ޕްރިވެންޓިވް ހެލްތު ކެއާ" ޕްރޮގްރާމެއް ފެށުމާއި، މެޑިކަލް ޗެކަޕް ތަޢާރަފު ކުރުމާއި، އާސަންދައިގެ ނިޒާމަށް ގެނެވިފައިވާ ހެޔޮ ބަދަލު ހިމެނޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެމަޖެންސީ ސިއްޙީ ޚިދުމަތަށް ޚާއްސަ މުއައްސަސާއެއް އުފައްދައި، ކުއްލި ޙާލަތުގައި ބަލިމީހުންނަށް އަވަހަށް ފަރުވާ ޔަގީން ކުރުމަށް އެއާ އެމްބިއުލަންސްގެ ޚިދުމަތް ތައާރަފުކުރުމާއި، ބިދޭސީ މަސައްކަތްތެރިންގެ ޞިއްޙީ ކަންކަން ފާރަވެރިކަމާއި އިތުބާރުހުރިގޮތެއްގައި ބަލަހައްޓަން ފެށުމާއި، އައު ޚިދުމަތްތައް ތަޢާރަފު ކުރުން ހިމެނޭ ކަމަށް މިނިސްޓަރު މިއަދު ދެއްވި ހިތާބުގައި ވިދާޅުވިއެވެ.

"އަޅުގަނޑު ދޭން ބޭނުންވާ އެންމެ މުހިއްމު މެސެޖަކީ، ސިއްހަތުގެ ހައްގު ކަށަރުކޮށް ދުޅަހެޔޮ ކަމުގައި ތިބުމަށް ފަރުދީ ފެންވަރުގައި އަދާކުރަންޖެހޭ ޒިންމާ އަދާކޮށް ސަރުކާރުން ކުރާ މަސައްކަތުގައި ބައިވެރިވެ، ދުޅަހެޔޮ ރައްޔިތެއް ބިނާކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރަން ހިނގާށޭ،" މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް