ރަމަޟާން މަހު ބަރުދަނަށް އެއްވެސް ބަދަލެއް އައިތަ؟

ރަމަޟާން މަހު ބަރުދަން ލުއިކުރަން މަސައްކަތް ކުރުމަކީ ވަރަށް ގިނަ ބަޔަކު ހިތްވަރާއެކު ކުރާ މަސައްކަތެއް--ފޮޓޯ/ޕިންޓްރެސްޓް

މި ރަމަޟާން މަސް ނިމެން ގާތްގަނޑަކަށް ދޭއް ނުވަތަ ތިން ދުވަހަށް ވެފައިވާއިރު ކެއުމުގެ ވަށްޓަފާޅިއަށް ގެނައި ބަދަލުތަކާ އެކު ހަށިގަނޑުގެ ބަރުދަނަށް އެއްވެސް ލުއިކަމެއް ލިބުނުހެން ހީވޭހެއްޔެވެ؟

ބަރުދަން ލުއިކުރުމުގެ އަޒުމް ކަނޑައެޅި މީހުންނަށް ނަތީޖާ ފެންނަން މާގިނަ ދުވަހެއް ދެން ނެތެވެ. ކިރާ އެއްޗަކަށް އެރުމުގެ ކުރިން ނަތީޖާ ކޮންމެ ގޮތަކަށް އައި ނަމަވެސް އަޒުމް ކަނޑައަޅަންވީ ކުރިޔަށް އޮތްތަނުގައި ވެސް ސިއްހަތަށް ފައިދާ ހުރި ގޮތަކަށް ކެއުމުގެ އާދަތައް ބެހެއްޓުމަށެވެ.

ރަމަޟާން މަސް ނިމި ފިޠުރު ޢީދު ދުވަހަށް ތައްޔާރުވާއިރު މިއީ ރަމަޟާން މަހަށް ފަހު ޢާއިލާއާއި ރަހްމަތްތެރިން އެކީގައި ބޮޑު ކޭންތައް ތައްޔާރުކޮށް ތިން އިރަށް ވެސް ވަރަށް ރަހަމީރު ފުރިހަމަ ކެއުންތަކަށް އިންސާފުކުރާ އުފާވެރި ދުވަހެކެވެ. އެހެންނަމަވެސް ސަމާލުކަންދޭންވީ ކަމަކީ އެއް މަސް ދުވަސް ވަންދެން ހަށިގަނޑު ދުޅަހެޔޮކަން މަތީ ބެހެއްޓުމަށް ކުރި މަސައްކަތް އެންމެ ދުވަހެއްގެތެރޭ ބޭކާރުކޮށްނުލުމަށެވެ. ހަމައެއާއެކު ކުރިޔަށް އޮތްތަނުގައި ވެސް ބަރުދަން ލުއިކުރުމުގެ ގޮތުން ކެއުމުގެ ކަންކަން ރާވާއިރު ހާއްސަ ސަމާލުކަމެއް އެކަމަށް ދިނުމަށެވެ.

ފުރިހަމަ ސިއްހަތެއްގައި ދެމިހުރުމަށް ކޮންމެ ދުވަހަކު ވެސް ކަސްރަތުކުރުން މުހިއްމު--ފޮޓޯ/ޕިންޓްރެސްޓް
އެގޮތުން ކުރެވިދާނެ ކަންތައްތަކުގެތެރޭ:

• އެއްފަހަރާ މާގިނައިން ނުކެއުން: ރަމަޟާން މަހު ގިނަ ވަގުތު ކެއުމާ ދުރުވެފައި ހުރުމަށްފަހު ކުއްލިއަކަށް އެއްފަހަރާ ކެއުންތަކާ ބުއިންތައް ބޭނުންކުރަން ފެށުމުން ގޭސްޓްރިކް މައްސަލަ ދިމާވެ ބަނޑުހަރުވުން ފަދަ މައްސަލަތައް ކުރިމަތިވުން ގާތެވެ.

• ކެއުމުގައި އެކުލެވޭ ކެލޮރީސްގެ މިންވަރު ބެލުން: ޢީދު ދުވަހުގެ ކެއުން ފަށާއިރު ވެސް ލުއި ކެއުމަކުން ދުވަސް ފަށާ އޭގަ ފަހުންވެސް ސިއްހަތަށް ލުއި ކެއުންތައް ކެއުމަށް ސަމާލުކަން ދެވިދާނެއެވެ. އެގޮތުން ކެއުމުގައި އެކުލެވޭ ކެލޮރީސްގެ މިންވަރު ބަލާ މަޑުމަޑުން ކެލޮރީސް އިތުރުކުރަން ބޭނުންވާނަމަ ސިއްހަތު ތަންދޭ މިންވަރަކުން އެކަން ކުރެވިދާނެއެވެ.

• އިންޓަމިޓެންޓް ފާސްޓިންގް: އިންޓަމިޓެންޓް ފާސްޓިންގް އަކީ ވަރަށް ގިނަ ބައެއްގެ މެދުގައި މަގުބޫލު އާދައެކެވެ. ރަމަޟާން މަހަށް ފަހު ވެސް އިންޓަމިޓެންޓް ފާސްޓިންގް މަތީގައި ދެމިހުރެއްޖެނަމަ މިއީ ދުޅަހެޔޮ ސިއްހަތެއް ހޯދުމަށް ކުރެވިދާނެ މުހިއްމު ކަމެކެވެ.

މީގެއިތުރުން ރަގަޅު ކާނާ ކެއުމަށް އިސްކަންދީ، ކެއުމުގެ ކަންކަން ބަހައްޓާނެ ވަކި ހާއްސަ ތާވަލެއް ތައްޔާރުކޮށް، ހަށިގަނޑު ހައިޑްރޭޓްކޮށް ބަހައްޓަން އާދަކުރުމުގެ އިތުރުން ގަވައިދުން ކަސްރަތު ކުރުމަކީ ރަމަޟާން މަހަށް ފަހުވެސް ހަށިގަނޑު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް ކުރެވިދާނެ މުހިއްމު ކަންތައްތަކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު