ރަޝްމިކާ އުފަންދުވަހާ ދިމާކޮށް ދައްކާލީ 'ޕުޝްޕާ2'ގެ އާ ޕޯސްޓަރެއް

ބަތަލާ ރަޝްމިކާ--ފޮޓޯ/ޓެލެގްރާފްއިންޑިއާ

މިދިޔަ ހުކުރު ދުވަހު 28 އަހަރު ފުރުނު އިންޑިއާގެ މަގުބޫލު ބަތަލާ ރަޝްމިކާ މަންދަންނާގެ އުފަންދުވަހާ ގުޅުވައިގެން ފިލްމު "ޕުޝްޕާ2"ގައި ބަތަލާ ފެންނާނެ ގޮތުގެ ޕޯސްޓަރު އާއްމުންނަށް ދައްކާލައިފިއެވެ.

ރަޝްމިކާގެ ސަޕޯޓަރުންނަށް ހަދިޔާއެއްގެ ގޮތުގައި ދޫކޮށްލި މި ޕޯސްޓަރުގައި ރަޝްމިކާ ފެންނަނީ ފެހި ކުލައިގެ ސިލްކް ސާރީއަކާ އެކު ބަރު ގަހަނާތަކެއް އަޅައިގެން ހުއްޓައެވެ.

ރަޝްމިކާ ލީޑް ރޯލް ކުޅޭ ފިލްމު "ޕުޝްޕާ2"ގެ ޕޯސްޓަރެއް ބެލުންތެރިންނަށް ދޫކޮށްލާފައިވާއިރު ފިލްމުގެ ޓީޒާއެއް ވަރަށް އަވަހަށް އާއްމުންނާ ހިއްސާކުރާނެކަން ފިލްމު ގެނެސްދޭ މިތުރީ މޫވީސްއިން ވަނީ ބުނެފައެވެ.

ސުކުމާރު ޑައިރެކްޓް ކުރާ މި ފިލްމަކީ، 2021 ވަނަ އަހަރު ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ޕުޝްޕާ: ދަ ރައިޒް"ގެ ސީކުއަލްއެކެވެ. ފުރަތަމަ ބަޔަށް ބެލުންތެރިންގެ ފަރާތުން ލިބުނު ތަރުހީބާ އެކު ފިލްމުގެ ދެވަނަ ބައި ގެނެސްދޭނީ ވަރަށް ވަރުގަދަ ކަމްބެކް އަކާ އެކު ކަމަށް މިތުރީ މޫވީސްއިން ވަނީ ބުނެފައެވެ.

ފިލްމު "ޕުޝްޕާ2"ގެ ލީޑިންގް ތަރި އައްލޫ އަރުޖުން--ފޮޓޯ/ބޮލީވުޑްހަންގާމާ
ވަރަށް ވަރުގަދަ ކާސްޓަކާއެކު މި ފަހަރުގެ ފިލްމުން ވެސް ލީޑް ރޯލްއިން ފެންނާނީ ތެލުގޫ އެކްޓަރު އައްލޫ އަރުޖުންއެވެ. އައްލޫ އަރުޖުންއަށް މި ފިލްމުން މިދިޔަ އަހަރު ވަނީ ޤައުމީ އެވޯޑްވެސް ކާމިޔާބުވެފައެވެ.

މި ފިލްމަކީ ޤަވައިދާ ޚިލާފަށް ކުރާ ރަތް ކުލައިގެ އަގުބޮޑު ކެލާ ގަހުގެ ވިޔަފާރިއާ ގުޅުންހުރި ހާދިސާތައް ދައްކުވައިދޭ ފިލްމެކެވެ. މި ފިލްމުގެ ސީކުއަލް މި އަހަރުގެ އޮގަސްޓް މަހުގެ 15ގައި ރިލީޒްކުރަން ތާވަލުވެފައި އޮތްއިރު ފިލްމުގެ ތިންވަނަ ބައެއް ވެސް އުފައްދަން ވަނީ ނިންމާފައެވެ.

comment ކޮމެންޓް