"ބޭކާރު ކަންތައްތަކުގައި ހަޔާތުގެ ދުވަސްތައް ގެއްލުވާލާފައިވާ އިންސާނުން ލައިލަތުލްގަދުރު ވިލޭރޭ ހާސިލުކުރަން މަސައްކަތް ކުރާށެވެ. ސަބަބަކީ އެރޭގެ އަޅުކަން އަށްޑިހަ ހަތަރު އަހަރުގެ އަޅުކަމާއި އެއްވަރުވާނެތީއެވެ."

***

" އަ...ޕައިލެޓް....." އަހެދް އަށް މުރުތަސިމް ގެ ނަން ހަނދާން ނެތި އަވަހަށް ބުނެވުނެވެ. ކައިލް އަށް ގޮވާލި އަޑު އިވިދާނެތީ އޭނަ ހާސްވިއެވެ. ނަމަވެސް މުރުތަސިމް އަކަށް އެކަންރޭކާވެސް ނުލިއެވެ. ގެއްލިފައި ހުރެވުނީ އަހެދް އަށެވެ. އެ ރީތި ކަމަށެވެ.

" ސިމް...." އަހެދް އެގޮތަށް ގޮވާލަމުން ހެވުނު ނަމަވެސް މުރުތަސިމް އަވަހަށް ތައާރަފް ވެލަން ސަލާމުގެ އަތް ދިއްކޮށްލެވުނީ ބޭއިހްތިޔާރުގައެވެ.

އަހެދް ވެސް ލަދު ރަކި ކަމާއެކު ސަލާމް ކޮށްލަމުން މުރުތަސިމް އަށް ބަލައިލިއެވެ. އެވަގުތު މުރުތަސިމް ގެ އަތަށް ފިނިވެގެންދިޔުމާއެކު ހަނދާނަށް ގެނެވުނީ އަލީޒީއެވެ.

" ބަގީޗާ ބަލާލަނީތަ؟ކިހިނެއްވީ ބޭރަށް އައީ.....ހީނާފަތް ނާޅަނީތަ؟" ވަރަށް ހާސްކަމާއެކު ހުރިހާ ސުވާލުތަކެއް ކޮށްލެވުނެވެ.

"ކޮން ސުވާލަކަށް ފުރަތަމަ ޖަވާބު ދޭންވީ؟" މުރުތަސިމް ގެ މޫނަށް ބަލައިލަމުން އަހެދް ލޯ އަޅާލިއެވެ.

މުރުތަސިމް ލަދުގަތްވަރުން ބޮލުގެ ފުށް ކިބައިގައި އަތުން ފިރުމާލެވުނީ އަމިއްލަ ނަފްސު ހަމަޔަކަށް އެޅުވޭތޯއެވެ.

"ގޭތެރެ މާ ހަލަބޮލި ވީމަ ނިކުމެލީ ކުޑަކޮށް........" އަހެދް ކުދި ފިޔަވަޅުތަކުގައި ގްރީންހައުސް ތެރޭގައި ހިނގާލީ ގަސް ތަކުގެ ތެރޭގައި އަތް ބީއްސާލަމުންނެވެ. އަހެދް ގެ އަޑުގައިވި ޗާލު ކަން މުރުތަސިމްގެ ކަންފަތަށް މާމުއި އެޅުން ފަދައެވެ.

" އައުޗް......މީ ޓޫ....." ހިނދުކޮޅަކަށް އަހެދްގެ ހަރަކާތްތަކަށް ގެއްލިފައި ހުރެ މަދިރި އެއް ހަފާލުމުން މުރުތަސިމްގެ ހޭވެރިކަންވިއެވެ. ހަގީގަތުގައިވެސް މުރުތަސިމްގެ އަތުގައި ހަފައިލި އެ މަދިރީގެ ވިހަ ކަށީން ތަދުކަން ނުފިލައިގެން އަތުގައި ފިރުމާލެވުނެވެ.

" ތި ވަރަށް ވިހަ ގަދަ މަދިރިޔަކަށް ވާނީ......މީނދީނު އަހެދް ގެ އަތުގަވެސް......އެލޮވެރާ ކޮޅެއް ހޭކީމަ ކިރިޔާވެސް ހިރުވުން ހަމަޔަކަށް އެޅުނީ....." އަތް ހާމަ އަށް ދައްކާލުމުން އެ ހޯލި އިނގިލިތަކާއި މަޑު ފިޔާތޮށިކުލައިގެ ވިދާ ނިޔަފަތީގެ ސާފުކަން ހާމަވިއެވެ. މަދިރި ހެފި ނިޝާން ވެސް އެ އަތުގެ ސާފުކަމުން އަޅައިގަންނަން ފަސޭހަ ކުރުވިއެވެ. ރަތް ކުޑަ ތިއްކެއްގެ ސިފައިގައި އެ އަތުގައިވި ކުޑަ ނިޝާން މުރުތަސިމް ގެ ހިތް ހަމްދަރުދީ އިން ފުރުވައިލިއެވެ. އެފަދަ މައުސޫމު ކަމެއް މުރުތަސިމްގެ ލޮލުގައި ދުވަހަކު އަޅައިނުގަނެއެވެ. އަތުގައި ފިރުމައިލަން އެދުނު ނަމަވެސް ސިކުންތެއްވެސް ނުވަނީސް އެ އަތްތިލަ އަހެދް ފޮރުވާލީ އަމިއްލަ ނަފްސު ކުށްވެރިކުރެވޭ ސިފައެއްގައެވެ. ޚުދު އޭނާ އަށް ވެސް މުރުތަސިމްއާއި އެފަދަ ގާތް ކަމެއް ބޭއްވުނު ސަބަބެއް ނުވިސްނުނެވެ.

މުރުތަސިމް އެއްޗެއް ނުބުނެ ހުރުމުން އަހެދް އެތާ އިން އެލޮވޭރާ ގަހުން އެތިކޮޅެއް ބިނދެލައިގެން އައިސް މުރުތަސިމް އަށް ދިއްކޮށްލިއެވެ.

" އަހެދް އަށް އެނގޭނީ ......" އަހެދް ގެ އަތުން އެ ބޭސްކޮޅު ހޭކުމަށް އަތުކުރި ރަނގަޅަށް އޮޅާލުމަށްފަހު ދައްކާލިއެވެ. އަތުގެ މުލައްދަނޑީގައިވާ ނާރުތައް ބާރުވެފައި ހުރި އިރު ފިރިހެންވަންތައެވެ. އަޅާފައިވަނީ ސްމާޓް ގަޑިއެކެވެ. އިނގިލިތަކުގެ ނިޔަފަތިތައް އެހާ ސާފެވެ. އަހެދް އަށް ހަދަން ވީ ނަހަދަންވީ އެއް ނޭނގިފައި އެ އަތަށް ބަލަހައްޓައިގެން ހިނދުކޮޅަކަށް ހުރެވުނެވެ. ނަމަވެސް މުރުތަސިމް އެއް ފިޔަވަޅު ކުރިޔަށް ޖެހިލިމުން ބޭސް އެޅުމަށް އަވަސްވެގަތެވެ. ވައިގެ ތެރޭގައި އެނބުރެމުން ދިޔައީ ވެނީލާ ވަހާއި އެއްވެގެން އައި ޗޮކްލެޓް ގެ މީރު ވަހެކެވެ. ދެ މީހުން ޖަހާފައިވާ ސެންޓުވަސް ވަނީ އެކުވެފައެވެ. އަހެދް ގެ ނޭވާ ވެސް ހީވީ ކުރުވެދާނެ ހެންނެވެ. އެފަދަ ގާތް ކަމެއް އިހުސާސްކުރެވޭ ފުރަތަމަ ފަހަރު ކަމުން ހިތް ބާރަށް ތެޅެމުން ދިޔައެވެ.

" މެޖިކް....." މުރުތަސިމްގެ އަތުގައި ބޭސް އަޅައި ނިމެންދެން އަހެދް ގެ ލޮލުގެ އެސްފިޔަތަކުގައި ވާ ރަން ކުލައިގެ ވިދުންތަކަށް ބަލަހައްޓައިގެން ހުރެވުނެވެ. ހާމަޔަށް ފެންނަން ހުރީ ހަމަ އެކަނި އެ ހިތުފަތު ބުމަޔާއި ކަޅިރަވަ ތޫނު ލޮލެވެ. ރީތިކަން އިންތިހާއެވެ.

" ދެން ތި ބުނީ މީ މެޖީޝަން އެކޭ ދޯ....އިރުކޮޅަކުން އޯކޭ ވާނެ...." އަހެދް އިސް އުފުލާ ބަލައިލުމުން އެ ލޮލުގެ ކަޅީގައިވި ޖާދޫކަން އިތުރުކުރުވިއެވެ.

" އާނ ހަމަ ވެދާނެ...." އަހެދް ގެ މޫނާއި ލޯ ވަކިކުރާން ނޭނގިފައި މުރުތަސިމްއަށް ހުރެވުނެވެ. އެ ބެލުމުން އަހެދް ގެ ހިތުގެ ވިންދުވެސް ތަފާތުވެއެވެ. މުރުތަސިމް އާއި އެހާ ގާތް ކޮށް ވާހަކަދެކެވެނީ ކީއްވެ ކަމެއްވެސް އަހެދް އަކަށް ނޭނގެއެވެ. އަހެދް އަށް މީގެ ކުރިން އެފަދަ އަސަރު ތަކެއް ކޮށްފައިނުވުމުން އަމިއްލަ ނަފްސު ހައިރާން ކުރުވައެވެ. މި ހުރިހާ ކަމެއް ހިނގައިދާ އިރު ސަކީނާ ގެ ތޫނު ދެ ލޯ ހުރީ މަންޒަރާއި ވަކި ނުވެއެވެ.

" ޔާ ރައްބީ.....ސުބުހާނައްﷲ.....މަ ހަމަ ކޮސް ވެއްޖެ....." ބޯ ގަސް ތަކުގެ ފަހަތުގައި ފާރު ގެ އަރިމަތީގައި ސަކީނާ ހުއްޓެވެ. އޭނާ ލޯ ހިމަ ކޮށްލައި މަންޒަރު ބަލަމުން ދިޔައީ ފިލްމެއް ބަލާލާފަދައިން ޝައުގުވެރިކަމާއެކުގައެވެ. ސަކީނާ ބޯ ނެރެ ކައިރި ވެލުމަށް މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި ބިންމަތީ ހިކިފައި އޮތް ގޮފި ކޮޅަކަށް އެރި ކުޑަ ކޮށް އަރިއަޅާލިއެވެ. އެއާއެކު މީހާ ވެއްޓުނެވެ.

"އެ ކޮން އަޑެއް؟ގަހެއް ވެއްޓުނު އަޑު ކަންނޭނގެ....އެކަމަކު ވައި ވެސް ނުޖެހޭ...." މުރުތަސިމް ފަރާތް ފަރާތަށް ލޯ ހިންގާލަމުން ބުނެލެވެނީ އެ ކޮން އަޑެއް ކަން ނޭނގިފައި ހުރެއެވެ. އުޑު މަތީގައި ވިލާތައް ބޯވެފައި އޮތަކަސް ވައިގެ އެއްވެސް އަސަރެއް ނެތެވެ. ވާރޭ އޮއްސާލާ ވަރަށް ބަނަ ކޮށްފައި އޮތުމުން މުޅި ހިސާބަށް ވެރިވެފައިވީ ފިނި ކަމެކެވެ. އަހެދް ގެ ގައިން ހީބިހި ނަގައިދިޔައީ މުރުތަސިމްއަށް ފުރިހަމަ އަށް ބަލާލެވުނު ހިނދެވެ. ބޮލުން ފެށިގެން ފަޔާ ހަމަޔަށް ނަޒަރު ހިންގާލެވުނެވެ. އުޑުމަތީގެ ބޯ ވިލާތަކަށް ނަޒަރު ހުއްޓާލައިގެން ހުރި މުރުތަސިމް އަށް ނޭނގުނު ނަމަވެސް އެވެ.

"ގުގުރާލީ ކަންނޭނގޭ......ވާރޭ އޮއްސާލުމުގެ ކުރީން ހިނގާ ގެޔަށް...." މުރުތަސިމް އަތުގެ އިޝާރާތުން އަހެދް ކުރީގައި ހުރެ ހިނގުމަށް ފުރުސަތު ދިނެވެ. އެފަދަ ކުދި ކުދި ކަންތަކުން މުރުތަސިމް ގެ ފިރހެންވަންތަ ކަން އިތުރުކޮށްދެއެވެ.

ބޭރުގައި މީހުން ގިނަ ކަމުން ދެމީހުން އެކީގައި ފެނުމުން މީހަކަށް ގޯސް ހިޔާލެއް ލިބިދާނެ ކަމަށްޓަކައި އަހެދް ބޭނުންވީ އަވަސް ފިޔަވަޅުތަކުގައި ގޮސް ގެޔަށް ވަނުމަށެވެ. މުރުތަސިމް އަށް ވާނުވާ ނޭނގި ހުރެވުނީ އަނެއްކާ އޭނާޔަށް ކަމެއް ގޯސްކޮށްކުރެވުނީ އޭ ހިތާއެވެ.

" އައްދިޔޯއި......މަގޭ އުނަގަނޑު އެ ދިޔައީ....." ބަރުހެލިކަމާއެކު ތެދުވެވުނު ނަމަވެސް ސަކީނާ ގެ ހެދުމުގެ ފަސްބައިން ބޮޑު ތަންގަނޑެއް ވަނީ ވީދިފައެވެ. އެކަމެއް ނޭނގި އަވަސް ފިޔަވަޅުތަކުގައި އެތެރެއަށް ވަންނަ ދިމާ ކުރީ މުރުތަސިމް އާއި އަހެދް އަށް ފެނިދާނެތީއެވެ.

"އާންޓް.....ހަނގުރާމައަކަށް ގޮއްސަތަ؟" އަލްބާން ގެ ލޮލުގައި އަޅައިގަތީ ސަކީނާ ގެ ހެދުމުގައި ތަތަލާފައި ހުރި ހިކި ފަތްތަކާއި ވީދިފައި އޮތް ފަސްބައެވެ. މަރްވާން ވެސް އޭރު އަލްބާން އެކީ ބޭރުގައި މަޑުކޮށްލައިގެން ހުރުމުން ސަކީނާގެ ހާލަތު ފެނި ދެރަވިއެވެ. ނަމަވެސް އަލްބާން މާކުރިން ބުނެލި އެއްޗަކުން ހިނި ފަޅައިގެންދާ ވަރުވިއެވެ.

"ހޫން.....މަ މަރުވާ ދުވަހަކުވެސް ތި ދަތްޕިލަ އަތަށް ނަގައިގެން ހޭން އޮންނާތި.....ހިނގާބަލަ އަވަހށް ގެޔަށް މި ހެދުން ބަދަލުކުރަން..." ސަކީނާ ރާގެއް ލާފައި ބަނދިވަރެއްހެން އަމުނާލިއެވެ. އަދި ހިނގައިގަންނަމުން އަލްބާން ގެ ކަންފަތުގައި ހިފާލިއެވެ.

***

"ޒަވީ ކޮބާ؟" އައްޒަހްރާ ކުރެން މާހްޒަބީން އަހައިލިއެވެ. ކައިރީ ހުރި މައިރާގެ ލޯ ދިއްލުނެވެ.

"ޒަވީ....މާފުށީގަ....މިއަދު ޗުއްޓީ ނަގާނެ ކަމަށް ބުނެ....އެކޮޅު ޕޭޝަންޓަކަށް ވިޒިޓް ކުރަން ގޮސްވީ...." މައިރާ ޖަވާބުދިނެވެ. މައިރާ އިށީންނަން ޚާއްސަކޮށްފައިވާ ގޮނޑީގައި އިށީނދެލައިގެން ހުންނަން އުނދަގޫ ވިއެވެ. އެންމެންގެ ލޯ އަމާޒުވެފައިވަނީ މައިރާ އަށް ކަމުން އެކަމުން އުނދަގޫކުރުވަނީއެވެ. އެފަދަ ބޮޑެތި ހަފްލާތަކަކީ މައިރާ އެހާ ގަޔާ ވާ ކަންތައް ކަމުގައި ނުވިޔަސް މިއީ އައްޒަހްރާ އާއި އޭނާގެ މަންމަ ގެ އެދުން ކަމުގައި ހަނދާންވެ ހިތްހަމަޖައްސާލެވުނެވެ.

" ޒަވީ އަށް އެހެންވީމަ އާދެވޭނީ ލަހުން ތާ....." މާހްޒަބީން ބޯ ޖަހައިލިއެވެ.

ހީނާފަތް އަޅާ އާޓިސްޓުން އައުމުން އައްޒަހްރާ އަވަސް ވެގަތީ މައިރާ ތައާރަފު ކުރުމަށެވެ. އަދި އައި މެހެމާނުން ކުރެން ހީނާފަތް އަޅަން ބޭނުންވާ މީހުންނަށް ފުރުސަތު ދިނެވެ. އަހެދް ވެސް އެވަގުތު އައި މެހެމާނުންގެ ކަންތައް ބަލައި ހަދަމުން ދިޔައެވެ. މިކަހަލަ ހަފްލާތަކަކީ އަހެދް ވަރަށް ގަޔާ ވާ ކަމެކެވެ. އަހެދްގެ އެ މެހުމާންދާރީ ކަން ފެނި އައްޒަހްރާގެ ހިތް ތަޢުރީފުން ފުރުނެވެ.

"މައި ބޭނުމީ ވަރަށް ސިންޕަލް ޑިޒައިނެއް....." ސަހަރް ގެ ގާތުގައި މައިރާ އެދުނެވެ. ސަހަރް ގެ ހިތުގައި ވަނީ އޭގެ އިދިކޮޅުކަން އެނގިހުރެވެސް މެއެވެ. ސަހަރް ލޯ އަޅާލުމުން ކަރު އެލުވާލަމުން އެއްބަސްވެލީ އޭނާގެ މަންމަ ހިތް އުފާކޮށްދިނުމަށެވެ.

މެހުމާނުންތައް އަލްވަދާއު ކިޔާފައި ދިޔުމުން އައްޒަހްރާ ވަރަށް ހިތް ހެޔޮ ކަމާއެކު އަހެދް ގެ އަތުގައި ހިފާލާފައި ގެނެސް މައިރާ ކައިރީ ހުރި ގޮނޑިއެއްގައި ބޭންދިއެވެ. އެކަމަކު ސަކީނާ ވީ ތަނެއް ނުފެނުމުން ކުޑަކޮށް ހޯދައިލިއެވެ. އެހާ ގިނަ އިރުވަންދެން ނެތީ ކީއްވެބާއޭ ހިތަށް ވެރިވިއެވެ. މިފަދަ ހަފްލާއެއްގައި ސަކީނާ ނެތުމަކީ ނާދިރު ކަމެކެވެ.

" އަހެދް ވެސް ހީނާ އަޅަންވާނެ އެއްނު...." ޑިޒައިން ފޮތް ހުޅުވާލަމުން އައްޒަހްރާ އެދުނެވެ.

"އާނ.....އަހެދް ވާނެ ރީތި ޑިޒައިން އެއް އަޅަން....." ސަހަރްވެސް ވަރަށް ގަޔާވެފައި އެ ފޮތުައި ހުރި ރިތި ޑިޒައިން ތައް ބެލުމަށް އަހެދްގެ ކައިރިޔަށް ޖެހުނެވެ. އާސީނާ އާއި މާހްޒަބީން ހީނާފަތަށް އެލާޖިކް ވާކަމަށް ބުނަމުން އެކަމުން ރެކެން މަސައްކަތްކުރިއެވެ.

" ދޮންތަ މެން ވެސް ވާނެ ހީނާ ފަތް އަޅަން....މި އެލާޖީ ފްރީ އޭ...." ވަރަށް ގާތް ކަމާއެކު މައިރާ ބޮޑާހާކަމުން ދިޔައީ އާސީނާ އާއި މާހްޒަބީންވެސް އެ އަޅަންވާނެ ކަމަށް ބުނަމުންނެވެ.

ހީނާ އާޓިސްޓް އަށް މައިރާ އާއި އަހެދް އުޅަނބޮއްޓާއި ހަމަޔަށް އަތުކުރި އޮޅާލި ގަޑީގައި އަތުގައި ވެސް ފާހަގަ ވީ ހަމަ އެއް ތަނެއްގައި އިން އުފަން ލަފެކެވެ. ހިތެއްގެ ބައްޓަމަށް އިން ކުޑަކުޑަ ލަފެކެވެ.

" ސިސްޓާސް ދޯ...." ހީނާ އާޓިސްޓަށް ބުނެވުނެވެ.

މައިރާގެ ނަޒަރުވެސް އަހެދްގެ އަތަށް ހުއްޓުމާއެކު އެ ލައް ފާހަނގަ ވިއެވެ.

"ސޭމް ބާތްމާކް.....ވަޓް އަ ކޯއިންސިޑެންސް..." އަހެދް ގެ ގާތަށް ޖެހިލުމަށްފަހު ކައިރިން ބަލާލެވުނެވެ.

"ތި ހާދަ ބޮޑު އިއްތިފާގެއް......ވިލްދާން ގެ ވެސް ހަމަ އަތު ކުރީ އިންނާނެ އެ ލައް ހަމަ އެ ގޮތަށް....." ސަހަރް ވަރަށް އުފާވެފައި ހިއްސާކުރިއެވެ.

މާހްޒަބީން ގެ ގައިން ހީބިހި ނަގައިގެން ދިޔައީ އެވަގުތެވެ. އަތް ފިނި ވެ މީހާ ގަނޑުވިއެވެ. މާހްޒަބީން ގެ ތަބީއަތަށް އައި ބަދަލު ފެނި އާސީނާ އަށް ފާހަގަވެ ސުވާލު ކުރުމުގެ ކުރީން ސަކީނާ އައި އަޑު އިވި އެ ދިމާއަށް ބެލުނެވެ.

"ދައްތާ. ކިހާއިރެއް ހޯދާތާ؟ ކޮންތަނަކުން ތި އައީ؟" އައްޒަހްރާ އަވަސް އަވަހަށް ސަކީނާގެ އަތުގައި ހިފައި ކައިރި ކޮށްލިއެވެ. ސަކީނާގެ މިޒާޖު ކޮންމެ ގޮތެއްގައި ހުއްޓަސް ސަކީނާ އަކީ އައްޒަހްރާ އަށް ވަރަށް ޚާއްސަ މީހެކެވެ.

ސަކީނާ ބޯ ޖަހަލައިމުން ލޯ ހިމަކޮށްލައި އަހެދް އާއި ދިމާއަށް ބަލަހައްޓައިގެން ހުރީ ވަރަށް ފާޑަކަށެވެ. އަހެދް ގެ މޫނަށް ފިޔާތޮށީގެ ހުރިހާ ކުލައެއް ވެރިވެގެން ދިޔައެވެ.

"ބަގިޗާ ތެރެއިން..." ސަކީނާ ބުނެލިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު