ދަރުމާގެ ފިލްމު 'ކިލް'ގެ ޓީޒާ ވަރަށް ވެސް ކިލިންގް

ޕްރޮޑިއުސަރު/ޑައިރެކްޓަރު ކަރަން ޖޯހަރުގެ ދަރުމާ ކުންފުނިން ފިލްމީ ދާއިރާއަށް ނެރޭ ޒުވާނާ ލަކްޝްޔާގެ ފިލްމު "ކިލް"ގެ ފުރަތަމަ ޓީޒާ އާއްމުންނަށް ދައްކާލައިފިއެވެ.

މި ފިލްމަކީ ދަރުމާ ކުންފުންޏާއި އޮސްކާ އެވޯޑު ކާމިޔާބުކޮށްފައިވާ ޕްރޮޑިއުސަރު ގުނީތު މޮންގާގެ ފިލްމު ކުންފުނި ސިކްޔަ އެންޓަޓެއިންމަންޓާ ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

މި ފިލްމަކީ ވަރަށް ވަރުގަދަ ތަޅާފޮޅުންތައް ހިމެނޭ ފިލްމެއް ކަމުން ފިލްމުގެ ޓީޒާ ނެރެފައި ވަނީ ހާއްސަ އިންޒާރުގެ މެސެޖަކާއެކުއެވެ. ނިކިލް ނާގޭޝް ބަޓް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ މައިގަނޑު ވާހަކަ ބިނާވެފައި ވަނީ އެންމެ ރެއަކު ހިނގާ ހާދިސާއެއްގެ މައްޗަށެވެ.

ފިލްމުގައި ހިނގާ ވަރުގަދަ ތަޅާ ފޮޅުންތަކުގެ ފަހަތުގައި ފޮރުވިފައި ވަނީ ވަކިވެފައިވާ ލޯބިވެރިޔާއާ ބައްދަލު ކުރުމަށް ކުރާ މަސައްކަތްތަކެވެ. މި ފިލްމު ސިނަމާތަކަށް ގެނައުމުގެ ކުރިން ބައިނަލް އަޤްވާމީ ސަމާލުކަން ފިލްމަށް ލިބިފައިވާއިރު ނޯތު އެމެރިކާ އަދި އިނގިރޭސި ވިލާތަށް ނިސްބަތްވާ ކުންފުންޏަކުން ފިލްމު ޑިސްޓްރިބިއުޓް ކުރުމުގެ ހުއްދަ ވެސް ވަނީ ގަނެފައެވެ.

ފިލްމު "ކިލް"އާ ގުޅޭގޮތުން ޕްރޮޑިއުސަރު ގުނީތު މޮންގާ ބުނެފައި ވަނީ ފިލްމުގެ ދިގުމިން 105 މިނެޓަށް އަރާއިރު އޭގެ 95 މިނެޓު ބިނާކޮށްފައިވަނީ ރޭލެއްގެތެރޭ ހިނގާ ހަމަނުޖެހުންތަކާ ގުޅިގެން ހިންގާ ތަޅާފޮޅުންތަކެއްގެ މައްޗަށް ކަމަށެވެ. އެހެންވެ ބެލުންތެރިންގެ ފުރިހަމަ ސަމާލުކަން ފިލްމު ނިމެންދެން ހުއްޓިފައި ހުންނާނީ ސިނަމާގެ ސްކްރީނަށްކަން ކަށަވަރުކުރެވޭ ކަމަށް ގުނީތު ވަނީ ބުނެފައެވެ.

ޕްރޮޑިއުސަރު ކަރަން ޖޯހަރު ފިލްމު "ކިލް"ގެ ދެ ތަރިންނާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

މި ފިލްމުން ބޮލީވުޑަށް ތައާރަފްވާ އެކްޓަރު ލަކްޝް ލަލްވާނީ ދަރުމާއާ ގުޅުނީ 2019ވަނަ އަހަރު އެ ކުންފުނިން އުފައްދަން ނިންމި ފިލްމު "ދޯސްތާނާ2" ކުޅުމަށެވެ. އޭގެ ފަހުން ކުރީގެ ފިލްމީ ތަރި ސަންޖޭ ކަޕޫރުގެ ދަރިފުޅު ޝަނާޔާ ކަޕޫރާ އެކު ލަކްޝް ފިލްމީ ދާއިރާއަށް ނެރޭނެކަން ވެސް ދަރުމާއިން އިއުލާނުކުރިއެވެ. އެހެންނަމަވެސް މި ދެ ފިލްމުގެ މަސައްކަތް ވެސް ވަނީ ހުއްޓިފައެވެ.

ލަކްޝްއާ އެކު ފިލްމުން ދެން ފެންނާނެ ތަރިންނަކީ މަޝްހޫރު ނެށުންތެރިޔާ ރާގަވް ޖުޔަލް އަދި ތާނިއާ މަނިކްޓަލާއެވެ.

comment ކޮމެންޓް