އިހަވަންދިއްޕޮޅު ބަންކަރިން ފެސިލިޓީގެ މަސައްކަތް ޖޫން މަހު ފެށޭނެ: ސައީދު

އިހަވަންދިއްޕޮޅުގައި އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީއެއް އެޅުމަށް އެސްޓީއޯއިން 'ވިޓޯލް'އާއެކު އެއްބަސްވުމެއްގައި ސޮއިކުރުން: އެ ފެސިލިޓީން، ބޭރުން ދާ ބޮޑެތި ބޯޓުތަކަށް ރާއްޖެ އައިސް ތެޔޮ އެޅޭނެ ނިޒާމު ހަމަޖެހޭނެ -- ސަން ފޮޓޯ/ މުޙައްމަދު މާވީ

އިހަވަންދިއްޕޮޅު ނުވަތަ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި މި ސަރުކާރުން ގާއިމްކުރާ، އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީގެ މަސައްކަތް ޖޫން މަހު ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިފަދައިން ވިދާޅުވީ، ތުރުކީގެ ޓީއާރުޓީ ވޯލްޑް ނޫހަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ 'ވިޓޯލް' އިން މި މަސައްކަތް ކުރިއަށް ގެންދާނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ.

އެގޮތުން މި މަޝްރޫއުގެ ފުރަތަމަ ފިޔަވައްސަކީ އޮފް ޕޯޓް ބަންކަރިންއެވެ. ރާއްޖެއަކީ ކަނޑު އޮންނަ ގައުމަކަށް ވުމުން މި ފިޔަވަހީގައި ޕޯޓުގެ އެއްވެސް އިންފްރާންސްޓްރަކްޗާ މަސައްކަތެއް ކުރަން ނުޖެހޭނެ ކަމަށް ސައީދު ވިދާޅުވިއެވެ. ދެވަނަ ފިޔަވައްސަކީ ޕޯޓުގެ ކޮންސްޓްރަކްޝަން މަަސައްކަތްތަކެވެ.

ސައީދު ވިދާޅުވީ، ރާއްޖޭގައި މި ގާއިމްކުރާ ފަދަ ޕޯޓެއް ސިންގަޕޫރު އަދި ސްރީލަންކާ ފަދަ އަވައްޓެރި ގައުމުތަކުގައި އެބަ ހުރި ކަމަށެވެ. އަދި މި ޕޯޓުތަކުން ދެނީ ވެސް އެއް ޚިދުމަތެއް ކަމަށާއި ނަމަވެސް، ރާއްޖޭގައި ގާއިމް ކުރާ ޕޯޓު ތަފާތު ވަނީ ރާއްޖެ އޮތް ސަރަހައްދުގެ ގޮތުން ކަމަށް ސައީދު ވިދާޅުވިއެވެ.

"ރަނގަޅު ބަޔަކާއެކު ޕާޓްނާ ވެވިއްޖެ ނަމަ އަޅުގަނޑުމެން ގަބޫލު ކުރަނީ ބަންކަރިންއަށް ރަނގަޅު މާކެޓްތަކެއް ލިބޭނެ ކަމަށް. މީކީ މިފަދަ އެހެން ގައުމުތަކާ ވާދަ ކުރުމުގެ ނިޔަތުގައި ކުރާ ކަމެއް ނޫން. މިއީ ރާއްޖޭގެ އިގްތިޞާދަށްޓަކާ ކުރާ ކަމެއް،" ސައީދު ވިދާޅުވިއެވެ.

އިހަވަންދިއްޕޮޅުގައި ޕޯޓު ގާއިމުކުރުމަށް ނެދަލޭންޑްސްގެ 'ވިޓޯލް'އާ ހަވާލުކުރީ މިދިޔަ މަހުގެ 13ވަނަ ދުވަހުއެވެ.

ބަންކަރިންގެ ޚިދުމަތުގެ އިތުރުން، މި ސަރުކާރުން އިހަވަންދިއްޕޮޅު ތަރައްގީކުރަން ނިންމާފައި ވަނީ މެރިޓައިމް ޚިދުމަތްތަކާއި އިކޮނޮމިކް ސެކިއުރިޓީއަށް ޚާއްޞަ ސަމާލުކަމެއް ދީގެންނެވެ. އަދި ރިއަލް އެސްޓޭޓް ޓޫރިޒަމާއި އެހެނިހެން ވިޔަފާރިތައް މި މަޝްރޫއުގެ ދަށުން އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ރާއްޖޭގައި ގާއިމުކުރާ އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީން، ބޭރުން ދާ ބޮޑެތި ބޯޓުތަކަށް ރާއްޖެ އައިސް ތެޔޮ އެޅޭނެ ނިޒާމު ހަމަޖެހޭނެއެވެ.

އިހަވަންދިއްޕޮޅަކީ ބޭރުގެ ގިނަ އަދަދެއްގެ އުޅަނދުތައް ދަތުރުކުރާ ސަރަހައްދެކެވެ. އެ ސަރަހައްދުގައި ކަނޑުއުޅަނދުފަހަރާ ގުޅުންހުރި ވިޔަފާރިތައް ހިންގޭ ގޮތަށް، ޒަމާނީ ބަނދަރެއް އަޅަން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ ސަރުކާރުން އިއުލާންކުރި ނަމަވެސް، އެ މަޝްރޫއު ހިންގިފައިނުވެއެވެ.

ރައީސް ޔާމީންގެ ސަރުކާރުން "އައިހެވަން"ގެެ ނަމުގައި އިހަވަންދިއްޕޮޅުގައި އިންޓަގްރޭޓޭޑް ޕްރޮޖެކްޓެއް ހިންގަން އިއުލާނުކޮށްފައި ވަނީ ބަނދަރަކާއި އެއާޕޯޓަކާއި ބަންކަރިންގެ ޚިދުމަތާއި ޝޮޕިން މޯލްތަކުގެ އިތުރުން ރިއަލް އެސްޓޭޓާއި ޓޫރިސްޓު ރިސޯޓު ތަރައްގީކުރާ ގޮތަށެވެ.

ނިމިދިޔަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ވެސް އެ ޕްރޮޖެކްޓް ކުރިއަށް ގެންދާނެ ކަމަށް އެކިއެކި ތާރީޚުތައް ދިން ނަމަވެސް އެ ޕްރޮޖެކްޓްގެ އަމަލީ އެއްވެސް މަސައްކަތެއް ފަށައިފައެއް ނުވެއެވެ.

comment ކޮމެންޓް