އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވި މީހުންނަށް ހަމަލާދިން ކަމަށް ނަތަންޔާހޫ އެއްބަސްވެއްޖެ

ޣައްޒާގެ އާންމުންނަށް އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރަމުންދާ ވޯލްޑް ސެންޓްރަލް ކިޗަންގެ މަސައްކަތްތެރިން ދަތުރުކުރި ކާރަށް އިސްރާއީލުން ހަމަލާދީފައި. ފޮޓޯ/އަލް ޖަޒީރާ

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ހާލުގައިޖެހިފައިތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރަމުންދާ ބައިނަލް އަގުވާމީ ޖަމިއްޔާއެއް ކަމަށްވާ ވޯލްޑް ސެންޓްރަލް ކިޗަންގެ މަސައްކަތްތެރިންގެ ތެރެއިން 7 މީހުން އިސްރާއީލުން ދިން ހަމަލާއެއްގައި މަރުވެފައިވާކަން އިސްރާއީލުގެ އަސްކަރިއްޔާއިން ކަށަވަރުކޮށްދީފިއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ އެހީތެރިންނަށް ދިން މަރުގެ ހަމަލާއަކީ ގަސްދުގައިދިން ހަމަލާއެއް ނޫން ކަމަށާއި އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ. އަދި އެކަން ހިނގި ގޮތުގެ މިނިވަން ތަހުގީގެއް ހިންގާނެ ކަމަށް ވައުދުވެވަޑައިގެންފައިވެއެވެ.

އިސްރާއިލުން ދިން އެ ހަމަލާގައި އޮސްޓްރޭލިއާ، އިނގިރޭސިވިލާތް އަދި ޕޮލެންޑްގެ ރައްޔިތުންގެ އިތުރުން ފަލަސްތީނުގެ ރައްޔިތުންނާއި އެމެރިކާ އަދި ކެނެޑާއަށް ނިސްބަތްވާ ރައްޔިތެއް ވެސް ވަނީ މަރުވެފައެވެ.

އެހީގެ ސާމާނު ހިފައިގެން ދިޔަ ޓްރަކަށް އިސްރާއީލުން ހަމަލާ އަމާޒުކުރީ، ޣައްޒާގެ ދީރް އަލް ބަލާހްގައި ހުރި ގުދަނަކަށް 100 ޓަނަށްވުރެ ގިނަ އެހީގެ ސާމާނު ގެންދިއުމަށްފަހު، އެ ސަރަހައްދުން ނުކުންނަނިކޮށެވެ.

އިސްރާއީލުގެ އެ އަނިޔާވެރި ހަމަލާ ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ކުށްވެރިކުރަމުންނެވެ.

އިސްރާއީލުން ޣައްޒާގައި ކުރިއަށްގެންދާ އަނިޔާވެރި ޖަރީމާތަކުގެ ތެރޭގައި ތާށިވެފައިތިބި އާންމުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް އިސްރާއީލުން އަންނަނީ އެކި ވަރުގެ ހުރަސްތައް އަޅަމުންނެވެ.

ޣައްޒާގެ އާންމުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށް އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން މިދިޔަ ހަފްތާ ވަނީ އިސްރާއީލަށް އަމުރުވެސް ކޮށްފައެވެ.

ރައްދުގައި އިސްރާއީލުން ބުނީ އެހީ ފޯރުކޮށްދިނުމުގައި ފެއިލްވެފައި ވަނީ އދ އާއި އެހީ ފޯރުކޮށްދިނުމުގައި މަސައްކަތްކުރާ ބައިނަލްއަގުވާމީ އެހެން ޖަމުއިއްޔާތައް ކަމަށެވެ.

comment ކޮމެންޓް