ރަފަހްއަށް އަރައިގަތުމުގައި ދެވަނަ ވިސްނުމަކަށްދާން އިސްރާއީލުން އެއްބަސްވެއްޖެ: އެމެރިކާ

ރަފަހް ސިޓީގައި ހުންނަ ރެފިއުޖީ ކޭމްޕަކަށް އިސްރާއީލުން ހަމަލާދީފައި. ފޮޓޯ/އަލްޖަޒީރާ

ޣައްޒާގެ ދެކުނުގައި އޮންނަ ރަފަހް ސިޓީއަށް އެއްގަމު މަގުން އަރައިގަތުމުގައި ދެވަނަ ވިސްނުމަކަށްދާން އިސްރާއީލުން އެއްބަސްވެއްޖެ ކަމަށް އެމެރިކާއިން ބުނެފިއެވެ.

އިސްރާއީލުން އެގޮތަށް ނިންމީ ދެ ގައުމުގެ ދެމެދުގައި އިއްޔެ ބޭއްވި ބައްދަލުވުމަކަށްފަހުއެވެ.

ނަމަވެސް އެ ބައްދަލުވުމުން ނިންމީ ރަފަހްއަށް އަރައިގަތުން ލަސްކުރުމަށް ނުވަތަ ކެންސަލް ކުރުމަށް ކަމެއް ސާފެއްނުވެއެވެ. ރަފަހް ސިޓީއަކީ އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ ޣައްޒާގެ 1.5 މިލިއަނަށްވުރެ ގިނަ މީހުން ހިޔާވަހިކަން ހޯދައިގެން ދިރިއުޅެމުން އަންނަ ސިޓީއެވެ.

ބައްދަލުވުމާ ގުޅިގެން ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނީ ރަފަހް އާ ގުޅިގެން ބޭއްވި ބައްދަލުވުން ވަރަށް ހަރުދަނާ ކަމަށެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް ދީފައެއްނުވެއެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން ހިމެނޭހެން ސަރުކާރުގެ ތަޖުރިބާކާރުންނާއި އިސް މަންދޫބުން ވަނީ އެ ބައްދަލުވުމުގައި ބައިވެރިވެޑައިގެންފައެވެ.

އިސްރާއީލުގެ ގާތް އެކުވެރި އެމެރިކާއާއި އިސްރާއީލާ ދެމެދު ހިޔާލު ތަފާތުވުން އެންމެ ބޮޑުވި އެއް މައްސަލައަކީ އިސްރާއީލުން ރަފަހްއަށް އަރައިގަތުމަށް ނިންމި ނިންމުމެވެ. ރަފަހްއަށް އަރައިގަތުމަށް އެމެރިކާއިން ދެކޮޅު ހެދި ނަމަވެސް އެމެރިކާއަކީ އިސްރާއީލަށް އަސްކަރީ އަދި މާލީ ގޮތުންވެސް އެންމެ ބޮޑަށް ވާގިވެރިވާ ގައުމެވެ.

އެއްގަމު މަގުން ރަފަހްއަށް އަރައިގަތުމަކީ ގޯހެއް ކަމަށް އެމެރިކާއިން މީގެކުރިން ވަނީ ބުނެފައެވެ. އަދި ރަފަހްއަށް އަރައިގެންފިނަމަ، ޣައްޒާގެ މިހާރުވެސް އޮތް އިންސާނީ ކާރިސާ އިތުރަށް ގޯސްވެގެންދާނެ ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.

ނަމަވެސް ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތް ބަލިކުރުމަށް ރަފަހްއަށް އަރައިގަތުން މުހިންމު ކަމަށް އިސްރާއީލުން އަންނަނީ ބުނަމުންނެވެ.

comment ކޮމެންޓް