އަރުޖުން ފިލްމީ ދާއިރާއަށް ނެރެދިނީ ސަލްމާން ޚާން: ބޮނީ ކަޕޫރު

ޕްރޮޑިއުސަރު ބޮނީ ކަޕޫރު އަދި އަރުޖުން ކަޕޫރު--ފޮޓޯ/ހެލޯ މެގަޒިން

ބޮލީވުޑްގެ ޒުވާން އެކްޓަރު އަރުޖުން ކަޕޫރު ފިލްމީ ދާއިރާއަށް ނެރުމަށް އެންމެ ބޮޑަށް މަސައްކަތް ކޮށްދިން އެކަކީ ސަލްމާން ޚާން ކަމަށް އަރުޖުންގެ ބައްޕަ ބޮނީ ކަޕޫރު ބުނެފިއެވެ.

މި މަހުގެ 10 ވަނަ ދުވަހު ރިލީޒްކުރަން ތައްޔާރަށް އޮތް ފިލްމު "މައިދާން"ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ވާހަކަ ދައްކަމުން އެ ފިލްމުގެ ޕްރޮޑިއުސަރު ބުނީ، ދަރިފުޅު އަރުޖުންގެ ކުރިއެރުމަށް ސަލްމާންގެ ފަރާތުން ވަރަށް ބޮޑު ނުފޫޒެއް ފޯރުވާފައިވާ ކަމަށެވެ.

ފިލްމީ ދާއިރާއަށް ނުކުތުމުގެ ކުރިން އަރުޖުންގެ ބަރުދަނުގައި 140 ކިލޯ ހުރިއިރު ފިލްމީ ދާއިރާއަށް ނުކުތުމުގެ ކުރިން ބަރުދަން ލުއިކުރުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ވެދީފައި ވަނީ ސަލްމާން ޚާން ކަމަށް ބޮނީ ވަނީ ބުނެފައެވެ.

މިއަދު އަރުޖުން ކަޕޫރު ރީތި ހަށިގަނޑަކާ އެކު ސްކްރީނުން ފެންނައިރު އޭގެ ތައުރީފު ސަލްމާން ޚާންއަށް ހައްޤު ކަމަށް ވެސް ބޮނީ ވަނީ ބުނެފައެވެ.

މީގެކުރިން ސަލްމާން ޚާން އާއި އަރުޖުން އަކީ ވަރަށް ގާތް މީހުން ކަމަށްވިޔަސް ދެ މީހުންގެ ގުޅުން ވެސް ވަނީ ހީނަރުވެފައި ކަމަށާއި އެކަމަކު ސަލްމާންއަށް އަދިވެސް އިހުތިރާމް ކުރާ ކަމަށާއި ބޮނީގެ ހިތުގައި ސަލްމާނަށް އޮތް ލޯތްބަށް ކުޑަވެސް ބަދަލެއް ނާންނަކަމަށް "މިސްޓަ އިންޑިއާ"ގެ ޕްރޮޑިއުސަރު ވަނީ ބުނެފައެވެ.

އަރުޖުންގެ މަންމަ މޯނާއާ ބޮނީ ވަކިވުމާ ގުޅިގެން ދަރިފުޅާ ދެމެދު އޮތް ގުޅުން ހީނަރުވުމާ އެކު އަރުޖުން ފިލްމީ ދާއިރާއަށް ނުކުތުމުގެ ވިސްނުމެއް ގެންގުޅޭކަން ކުރިން ބޮނީއަށް ނޭގޭކަމަށް ކާމިޔާބު ޕްރޮޑިއުސަރު ވަނީ ބުނެފައެވެ.

އަރުޖުން ކަޕޫރު އަދި ލޯބިވެރިޔާ މަލައިކާ އަރޯރާ--ފޮޓޯ/ފިލްމުފެއަނިއުސް

އަރުޖުން އާއި ސަލްމާންގެ އެކުވެރިކަމުގެ ގުޅުން ހީނަރުވެފައި ވަނީ ސަލްމާންގެ ކުރީގެ ފަހަރި މަލައިކާ އަރޯރާއާ އަރުޖުން ލޯބީގެ ގޮތުން ގުޅުނު ހިސާބުންނެވެ.

ބައެއް މީޑިއާ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އަރުޖުން ކުރިން ލޯބީގެ ގުޅުމެއް ބޭއްވީ ސަލްމާންގެ ކޮއްކޮ އަރުޕިތާ ޚާންއާއެވެ. އަރުޖުން އަކީ ކުރިން ސަލްމާންގެ އާއިލާއާ ވެސް ވަރަށް ގާތް ގުޅުމެއް އޮތް އެ އާއިލާގެ ފަރާތުން ބާއްވާ އެކި ހަފްލާތަކުން ވަރަށް ގިނައިން ފެނުނު މޫނެކެވެ.

އަރުޖުން ފިލްމީ ދާއިރާއަށް ނެރެދިނުމަށް މަންމަ މޯނާ ސަލްމާންގެ ގާތުން އެދުނު ކަމަށާއި ސަލްމާން އެކަން ކޮށްދިނީ އަރުޖުންގެ މަންމަގެ އެދުމުގެ މަތިން ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

އަރުޖުން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަހަރުގެ އޮގަސްޓް މަހު ފަހުކޮޅު ރިލީޒް ކުރާ ރޯހިތު ޝެޓީގެ ފިލްމު "ސިންގްހަމް އެގެއިން"އިންނެވެ.

comment ކޮމެންޓް