ޑްރޯން ބޭނުންކޮށްގެން ކަނޑު މޮނިޓާކުރަން ކަސްޓަމްސްގައި ޚާއްޞަ ސެކްޝަނެއް

މާލެކައިރިން ދުއްވާފަ ދާ ޑައިވިން ދޯންޏެއް---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މަސްތުވާތަކެއްޗާއި ރާއްޖެއަށް އެތެރެކުރުން މަނާ ތަކެތި އެތެރެވިޔަ ނުދިނުމަށާއި، ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަހައްދުތަކާއި އުޅަނދުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް "މެރިޓައިމް ސާވެއިލެންސް އެންޑް ބޯޑާ ޕްރޮޓެކްޝަން ސެކްޝަން"ގެ ނަމުގައި ޚާއްޞަ ސެކްޝަނެއް ކަސްޓަމްސްގައި އުފައްދައިފިއެވެ.

މި ކަމާ ގުޅިގެން ކަސްޓަމްސްއިން ބުނީ މި ސެކްޝަން ހިނގަމުންދާނީ ޑައިރެކްޓަރޭޓް އޮފް އެންފޯސްމެންޓް އެންޑް ބޯޑާ ސެކިއުރިޓީގެ ދަށުން ކަމަށެވެ.

މި ސެކްޝަނުގެ މަސައްކަތްތައް ފުޅާ ދާއިރާއެއްގައި ކުރުމަށްޓަކައި ވަކި ޚާއްޞަ ލޯގޯއެއް ފަރުމާކޮށް، ޔުނިފޯމަކާއި މި ސެކްޝަނުގެ މަސައްކަތްތަކަށް ބޭނުންވާ އުޅަނދުފަހަރާއި އެހެނިހެން އާލާތްތައް ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަން ހަރުދަނާކުރުމަށް ކަސްޓަމްސްއިން އަލަށް އުފެއްދި ސެކްޝަންގެ މެންޑޭޓުގައި ހިމެނެނީ:

  • މަސްތުވާތަކެއްޗާއި އެ ނޫން ވެސް ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކުން މަނާކޮށްފައިވާ ތަކެތި ރާއްޖެއަށް އެތެރެކުރުމާއި ބޭރުކުރުން ހުއްޓުވުމަށް ކަނޑުމަގުން އޮޕަރޭޝަންތައް ހިންގުން
  • ސާވައިލެންސް ޑްރޯން ފަދަ އާލާތްތައް ބޭނުންކޮށްގެން ކަސްޓަމްސްގެ ސަރަހައްދުތަކާއި ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައިވާ ކަނޑު އުޅަނދުފަހަރުގެ ހަރާކާތްތައް މޮނީޓާކޮށް ބެލެހެއްޓުން
  • ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަސްޓަމްސްއިން ތަންފީޒުކުރަންޖެހޭ ކަންކަން ތަންފީރުކުރުމުގެ ގޮތުން ގައުމީ ދިފާއީބާރުގެ ކޯސްޓްގާޑާ ގުޅިގެން އޮޕަރޭޝަންތައް ހިންގުން

ކަސްޓަމްސްގެ "މެރިޓައިމް ސާވެއިލެންސް އެންޑް ބޯޑާ ޕްރޮޓެކްޝަން ސެކްޝަން"ގެ މަސައްކަތްތައް ހިންގުމަަށްވަނީ، އުޅަނދުތަކެއް ހޯދައި، ތަމްރީނުތަކެއް ވެސް ކުރިޔަށް ގެންގޮސްފައެވެ.

  • ކަސްޓަމްސްގެ ސަރަހައްދުތައް ޕެޓްރޯލްކުރުމަށް އުޅަނދެއް މީގެ ދެ އަހަރު ކުރިން ގަތް އުޅަނދު
  • ޖަޕާނު ސަރުކާރުން ކަސްޓަމްސްއަށް ފޯރުކޮށްދޭ 30 ފޫޓުގެ ދެ ޕެޓްރޯލް ވެސެލް (މި އުޅަނދުތައް ރާއްޖެ ގެންނަނީ އަންނަ މެއި މަހުގައި)
  • ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުnq ފޯރުކޮށްދޭ 85 ފޫޓުގެ ޕެޓްރޯލް ވެސެލް (މި އުޅަނދު ރާއްޖެ ގެންނަނީ 2025ގެ ފުރަތަމަ ކުއާޓަރުގައި) -ޖަޕާނުގެ ކަމާބެހޭ މާހިރުންގެ އިރުޝާދާއެކު، މި އުޅަނދު ބޭނުންކޮށްގެން ޕެޓްރޯލްކުރުމާބެހޭ ތަމްރީނު ޕްރޮގްރާމެއް މި މަހުގެ ކުރީކޮޅު ރާއްޖޭގައި ބާއްވާފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

މީގެ އިތުރުން ވެސް 85 ފޫޓުގެ އުޅަނދެއް ބޭނުންކޮށްގެން ޕެޓްރޯލްކުރާނެ ގޮތާއި، މެރިޓައިމް އޮޕަރޭޝަންތައް ހިންގާނެ ގޮތުގެ އިތުރު ޕްރޮގްރާމެއް މެއިމަހުގެ ތެރޭގައި ޖަޕާނުގައި އޮންނާނެ ކަމަށާ، އެ ޕްރޮގްރާމްގައި ކަސްޓަމްސްގެ އަށް އޮފިސަރަކު ބައިވެރިވާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

ކަސްޓަމްސްގައި އަލަށް އުފެއްދި ސެކްޝަންގެ މަސައްކަތަށް ބޭނުންވާ އުޅަނދާއި އެހެނިހެން ވަސީލަތްތައް ހޯދުމަށް ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީއާއި އެމެރިކާގެ "އެކްސްޕީޓް ކޮންޓްރީލް އެންޑް ރިލޭޓެޑް ބޯޑާ ސެކިއުރިޓީ" (އީއެކްސްބީއެސް)އާ އެކު މަޝްވަރާ ކުރެވި، އެ ފަރާތުން މި ކަމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ކަސްޓަމްސްއިން އިތުރަށް ބުނީ އަލަށް އުފެއްދި ސެކްޝަންގައި މަސައްކަތް ކުރުމަށް ޚާއްސަ ފޯސްއެއް އުފެއްދުމަށް ނިންމާފައިވާއިރު، މި ފޯސްގައި ހިމެނޭ އޮފިސަރުންނަކީ މެރިޓައިމް އެންފޯސްމެންޓާގުޅޭ ތަމްރީނުތައް ފުރިހަމަކޮށްފައިވާ، ޒަމާނީ އާލާތްތަކާއި ވަސީލަތްތައް ބޭނުންކޮށްގެން މަސައްކަތްކުރާ ބަޔަަކަށް ހެދުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.

އެގޮތުން އެމްއެންޑީއެފްއާ ގުޅިގެން މެރިޓައިމް އެންފޯސްމެންޓާ ގުޅޭ ފޯސްގެ މެމްބަރުން ތަމްރީނުކުރުމަށް ވެސް މަޝްވަރާ ކުރެވިފައިވާކަމަށް ބުނެފައިވެއެވެ.

ގާނޫނާއި ގަވާއިދުތަކުން މަނާކޮށްފައިވާ ތަކެތި ރާއްޖެއަށް އެތެރެކުރުމާއި ބޭރުކުރުން ހުއްޓުވުމަކީ ކަސްޓަމްސްގެ އެއް މަސްއޫލިއްޔަތެވެ. އެ އިދާރާއިން ބުނީ އެ ކަމަށްޓަކައި ކަނޑުގެ އޮޕަރޭޝަންތައް ހިންގައި، އެކަން ތަންފީޒު ކުރުމަށް ބޭނުންވާނެ އުޅަނދުފަހަރާއި ވަސީލަތްތައް ހޯދުމުގެ މަސައްކަތް ކެނޑިނޭޅި ކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް