"ކޮންމެ ކަމެއް ލަސްވުމުގައި ތިބާއަށް ނޭގޭ ހެޔޮކަމެއްވެސް އޮވެދާނެއެވެ. މާޔޫސްނުވާށެވެ. ކެތްތެރިވާށެވެ."

***

"ފީ އަމާނިއްﷲ...." އުރުޖުވާންގެ ލޯބި އަޑުން ބުނެލީ ﷲ ގެ ރައްކާތެރިކަމުގައި ވުމަށް އެދޭކަމެވެ. މާޒިމްވެސް އެ ލަފުޒުގެ މާނަ އެނގެއެވެ. އޭނަވެސް އެހެން ކިޔައިލީ ހިނިތުންްވަމުންނެވެ.

ދަތުރަށް ތައްޔާރުވާން އަވަދިނެތި އުޅުމުން ރޭގަނޑުގެ ނިދިން މަހުރޫމްވެފައި ތިބުމުން ލޮލަށް ނިދި ސަވާރުވުމަށް މާކަ ގިނަ އިރެއް ނުނެގިއެވެ. ފްލައިޓް ޖައްސަން ކައިރިވުމުން އުރުޖުވާނަށް ސިހިފައި ހޭލެވުނެވެ.

ފްލައިޓުގެ ކުޑަދޮރުން ފެންނަމުންދިޔަ ސްނޯ އިން އުރުޖުވާންގެ ބިރާއި ސިހުން މުޅިން ފިލައިދިޔައެވެ. އެފަދަ އަޖާއިބެއް ފެނުނު ފުރަތަމަ ފަހަރު ކަމުން ގެއްލިފައި އިނދެވުނީ އެސްފިޔަވެސް ޖަހައިނުލައެވެ. މޯޅި އަކަށް ދެމިލަމުން ހޭލެވުނު މާޒިމް އަށް އެފަދަ އަރާމު ނިންޖަކުން ހޭލެވުނު ދުވަހެއްގެ ހަނދާނެއްވެސް ނެތެވެ. ބޭރަށް ބަލަހައްޓައިގެން އާޝޯޚުވެފައި އިން އުރުޖުވާން ނޫނީ އެހެން މަންޒަރެއް ދެކޭން ޝައުގެއްނެތެވެ.

" ހާދަ އަޖާއިބު ކުރުވަނި އެއްޗެކޭ ސްނޯ އަކީ....ހާދަ ފިންޏެއް ވާނެއޭ...." ލައިގެން ހުރި ބޯ ކޯޓާއެކު ގައިގައި ބާރަށް ބައްދާލަމުން އުރުޖުވާން އަށް ބުނެވުނީ ބޭރަށް ބަލަހައްޓައިގެން ހުރެއެވެ. ދޫކޮށްލި ފުން ނޭވާ އިން ފިނި ދުން އަރައި ބިއްލޫރި ފުސްވިއެވެ. އަދި ލައިގެން ހުރި ޖެކެޓުގެ އަތުކުރީން ފޮހެލަން އަތް ނެގެމުގެ ކުރީން ފަހަތުން މާޒިމް ގެ އަތް ކޮނޑުގައި ވަށާލަމުން ފިނި ހިފާފައި ހުރި ބިއްލޫރީގައި ކުރަހާލީ ހިތެކެވެ. މާޒިމް އާ ދިމާއަށް އެނބުރުނު ވަގުތު ދެމީހުންގެ ބޯވެސް އެކަކު އަނެކެއްގެ ޖެހުނީ މަޖާ ގޮތަކަށެވެ. އަވަސްވެފައި ވެސް ފިރުމާލެވުނީ އެކަކު އަނެކެއްގެ ނިތުގައި ކަމުން ހެވެން ފެށުނެވެ. އުރުޖުވާންގެ ހުނުމުގައިވި ލަދުވެތިކަން ނަމަވެސް ދެމީހުންގެ ދޭތެރޭގައިވި ބީރައްޓެހިކަން ފިލައިގޮސް ގާތް ވިއެވެ. ދެމީހުންގެ އެ ހިނދުކޮޅު މެދު ކަނޑައިލީ ފްލައިޓްގެ ކްރޫ އެއް ކަރުކަހައިލުމުންނެވެ. ފަސްޓް ކްލާސް ދަތުރުކުރި މާޒިމް އާއި އުރުޖުވާން ނޫނީ އެހެން އެންމެން ބޯޓުން ފައިބައިފިއެވެ.

" ހިނގާ ދޯ އަވަހަށް ދަމާ....އެހެންނޫނީ އަނބުރާ ރާއްޖެ އަށް ދެވޭ އިރުވެސް ނޭނގޭނެ..." ކްރޫއިން ވެސް މަޖާ ގޮތެއްގައި ބުނެލި އެއްޗެއް މާޒިމްވެސް ތަކުރާރުކޮށްލިއެވެ. އުރުުޖުވާން ވެސް އަވަހަށް ސީޓުން ފުންމައިގެން ކަހަލަ ގޮތަކަށް ތެދުވެވުނީ ބޭރު ބަލައިލަން ކެތްމަދުވެފައިހުރެއެވެ.

ފްލައިޓުގެ ސިޑިން ފައިބަމުން ދިޔަ އުރުޖުވާންގެ ހިތް އުފާވެރިކަމާއި އުއްމީދުން ތެޅެމުން ދިޔައެވެ. ނަގާ ކޮން ފިޔަވަޅެއްގައިވެސް ޖެހިލުންވުމެވެ. ވެހެމުންދިޔަ ސްނޯ ތެރޭގައި މަޑުކޮށްލާފައި އަތްތިލަ ދިއްކޮށްލިއެވެ. އަތައް އެޅެމުން ދިޔަ ސްނޯފްލޭކްތަކުގެ ގުދުރަތީ ޑިޒައިނާއި މެދު އުރުޖުވާން އާޝޯޚުވިއެވެ. ކޮންމެ ސްނޯފްލޭކެއްވެސް އެހާމެ ތަފާތެވެ. އުރުޖުވާންގެ މޫނުން ފެނުނީ ފުރަތަމަ ފަހަރަށް ޖާދުވީ ކަމެއް އިހުސާސްކުރެވެމުން ފެންނާނެފަދަ ހިނިތުންވުމެކެވެ. ސްނޯއިން ފޮރުވިފައިވާ ބިންގަނޑުގެ ރީތިކަމުން ވަށާލެވިފައިވާ އެ ހިނދުކޮޅު ތަފާތެވެ. އުރުޖުވާންއަށް ދިރިހުރުމުގެ އިހުސާސް ކުރެވުނީ މީގެ ކުރިން ދުވަހަކުވެސް ނުކުރެވޭ ފަދަ ގޮތަކަށެވެ. ސްނޯގެ އަޖައިބުގައި ހިނދުކޮޅަކު ހުރެވުނު ނަމަވެސް ދުރުން ފެންނަމުން ދިޔަ ބިޔަ ފަރުބަދަތައް ހިތަށް ވެރިކުރުވީ މާތް ﷲ ގެ މަތިވެރިކަމެވެ. ސޫރަތުލް ޙަޝްރުގެ 21 ވަނަ އާޔަތް ހިތާހިތުން ކިޔާލެވުނެވެ. { لَوْ أَنزَلْنَا هَٰذَا الْقُرْآنَ عَلَىٰ جَبَلٍ لَّرَأَيْتَهُ خَاشِعًا مُّتَصَدِّعًا مِّنْ خَشْيَةِ اللَّهِ ۚ وَتِلْكَ الْأَمْثَالُ نَضْرِبُهَا لِلنَّاسِ لَعَلَّهُمْ يَتَفَكَّرُونَ }

"ތިމަންރަސްކަލާނގެ ފަރުބަދައެއްގެ މައްޗަށް މި ޤުރްއާން ބާވައިލެއްވިނަމަ، ހަމަކަށަވަރުން، އެ ފަރުބަދައެއް ﷲއަށް ބިރުވެތިވުމުގެ ސަބަބުން ކުނޑިކުނޑިވެގެން ތިރިވާތީ ތިބާއަށް ފެނުނީހެވެ. އަދި އެ މިސާލުތައް މީސްތަކުންނަށް ތިމަންރަސްކަލާނގެ ޖައްސަވަނީ، އެއުރެން ފިކުރު ކުރުމަށްޓަކައެވެ."

އުރުޖުވާން ގެ މުޅި ހަށިގަނޑު ހީބިހި ނަގައި ފިނީގައި ހީކަރުވާލާހެން ހީވީ އެ އާޔަތުގެ ފުން އަސަރުންނެވެ. އެހާ ދުރުނޫން ހިސާބުގައި ހުރެ އުރުޖުވާންގެ ތަސްވީރުތައް ފޯނުގައި ރައްކާކުރަމުން ދިޔައެވެ. އޭނަ އުރުޖުވާނާއި ދިމާއަށް ދުއްވައިގަނެވުނީ އެ ހަރަކާތް ފެނިފައެވެ. އަދި އުރުޖުވާން ގެ ކަންފަތުގައި އަތް އަޅާލައި ފިތާލިއެވެ.

"މޫވް ލޭޑީ....މޫވް..."

ރަންވޭއިގައި ސްނޯ ކަހަމުންދިޔަ ޕްލޯވަރ އިން އަޅާލި ބަރުގޮނުން އުރުޖުވާންގެ ކަންފަތް ސަލާމަތްކުރަން މާޒިމް އައި ކަމުގައިވިޔަސް އެ އަޑު އިވުމުން ބިރުގަނެ ހަޅޭއްލަވައިލެވުނެވެ. އެ މީހާއާ ދިމާއަށް ރުޅީން އެއްޗެއް ބުނަން މާޒިްމ ބޭނުންވިޔަސް މައްސަލައެއް މިވަގުތު ފެންމަތި ކުރުމަށް ވުރެ އަވަހަށް އެތަނުން އެއްޕޯޓު ތެރެއަށް ވަނުން މާ ރަނގަޅުވާނެ ކަމަށް ވިސްނުނެވެ. އުރުޖުވާން ގަޔާ ލައްކޮށްލަމުން ބާރު ހިނގުމުގައި އެއަޕޯޓުގެ ހިމާޔަތަށް ވަދެވުނެވެ. ގަދަ ފިނީގެ ތެރޭގައި ހޫނުކަން އިހުސާސްވިގޮތުން އުރުޖުވާންގެ ހިތުގެ ވިންދު އަވަސްކުރުވިއެވެ.

"ބިރުގަތީ ތަ؟އެ ހާދަ މޮޔަ މީހެކޭ....ބަރުގޮނު ނޭޅިއެއް ކަމަކު ރީތިކޮށް ބުނެލިޔަސް އަޑުއިވޭނެ ދޯ..." އުރުޖުވާންގެ ހިތް ބާރަށް ތެޅެމުން ދިޔައީ އެ ބަރުގޮނުންކަމުގައި ހީވެ އެއަޕޯޓު ތެރެއަށް ވަދެ މާޒިމް ކުދި ކިޔައިލީ ވަރަށް ހިތްހަމަނުޖެހިފައި ހުރި ރާގެއްގައެވެ.

" ނޫނޭ....ނަސީބެއް ނު ބަރުގޮނު އެޅިކަން އެހެން ނޫންނަމަ އުރޫޖް ވެސް ސްނޯ އާއި އެކީ ކަންނޭނގެ އެ ނަގައިގެންދާނީ....." ލާނެތް ގޮތެއްގައި އުރުޖުވާން ބުނެލީ ބޯހިއްލައިލާ މާޒިމް އަށް ބަލާލުމަށްފަހުއެވެ. މާޒިމްގެ މޫނުމަތީގައި ވި ހުރިހާ ނުތަނަވަސްކަމެއް އެވަގުތު ފިލިއެވެ. އިމިގްރޭޝަނުން އަވަދިވެގެން ނިކުތްއިރު މާހައުލުގައިވި ލުއި ކޮފީވަހާއި ސްވިސް ޗޮކެލެޓްގެ މީރުވަސް އެއްވެފައިވުމުން ސިކުނޑި ތާޒާވިއެވެ. ފުން ނޭވާ އެތެރެއަށް ދަމާލައި ދޫކޮށްލެވޭ ކޮންމެ ފަހަރަކު އުރުޖުވާންއަށް ހެވެއެވެ.

" މީހުން އަސްލު ސްމޯކް ކުރާ ސަބަބު މިހާރު އުރޫޖް އަށް އެނގޭ.....މިގޮތައް ދުން ބޭރުވާތީ...." އަތުން ފިނި ދުމާއި ކުޅެލަމުން ބުނެލީ ވަރަށް މައުސޫމުކޮށެވެ.

އުރުޖުވާން ދައްކާލާ މައުސޫމް ވާހަކަ ތަކުން މާޒިމްގެ ހިތް ފުރެމުންދިޔައެވެ. ކޮންފަރެންސަށް ނުގޮސް ސްވިޒަލޭންޑް ދަތުރު މުޅިން އުރުޖުވާން އާއި އެކީ ހޭދަކުރުމަށް ހިތް އެދުނެވެ. ފޮށިތަކާއި ހަވާލުވުމަށް ފަހު ކެފޭއަކަށް ވަދެލީ އުރުޖުވާން ހޮޓް ޗޮކްލެޓް ގެ މީރު ވަހެއް ދުވާ ވާހަކަ ހިއްސާކުރުމުންނެވެ.

" ވަން އެސްޕްރެސޯ......އެންޑް އަ ހޮޓް ޗޮކްލެޓް ފޯ ދަ މިސިސް....." ފަހު ޖުމްލަ މާޒިމް ބުނެލީ އުރުޖުވާން ލަދު ގަންނަވާލައި ނަޒަރަކުން ބަލައިލަމުންނެވެ. އަދި އޯޑަރު ނަގަމުން ދިޔަ ބޭރު މީހާއަށް ވެސް ތަޢާރަފްވެލައި ހަނީމޫން އަށް ރާއްޖެއިން އައި ބައެއް ކަމުގައި ބުނެލިއެވެ. ބައެއް ފަހަރު މާޒިމް ވާހަކަ ދައްކަނީ ޖަރުމަނު ބަހުން ކަމުން ކިޔާ ނުކިޔާއެއް އުރުޖުވާން އަށް ދޭހަ ނުވި ކަމުގައި ވިޔަސް އެކަމާ ވަރަށް ގަޔާ ވެފައި ހުރެވުނެވެ.

"މާޒް ތި ދެއްކީ ފްރެންޗް ތަ؟ވަރަށް ރީތި ދޯ އެ ބަހުރުވަ...." އެގެން ބޭނުންވެފައި ހުރެ އުރުޖުވާން އަހައިލިއެވެ.

" އެއީ ސްވިސް ޖަރުމަން ބަސް.....ޒިއުރިކް ގައި މީހުން ގިނައިން ދައްކައި އުޅޭނީ މި ބަސް.....ފްރެންޗް ވެސް ދައްކައި އުޅޭނެ....އުރޫޖް އަށް ދަސްކޮށްދެންތަ؟ " ލާނެތް ހިނިތުންވުމަކުން މޫނު އުޖާލާވެފައިހުރި މާޒިމް ބޭނުންވީ އެންމެ ބަހެއް އުރުޖުވާން އަށް ދަސްކޮށްދޭށެވެ. ލޯ ދިއްލިފައި ހުރެ އުރުޖުވާން ވެސް އެނގެން ބޭނުންވާކަމަށް ބޯޖަހައިލީ ނުހަނު އަވަހަށެވެ.

"އިޝް ލީބެ ޑިޝް........." މާޒިމް ޖަރުމަނު ބަހުން ލޯބިވާކަން ފާޅުކުރިއެވެ.

" ތި ބުނީ ކީކޭ....." ހޮޓް ޗޮކްލެޓުގައި ޖަހާފައިއިން މާޝްމެލޯއެއް އަގަޔަށް ލަމުން އޭނަ އަހައިލިއެވެ.

" އެއީ މާޒް ގެ ނަން......" ހުނުން ކޮންޓްރޯލް ކުރަމުން މާޒިމް ބުނެލިއެވެ. ހޮޓް ޗޮކެލެޓްގެ މީރުކަން އިހުސާސްކުރަމުން ދިޔަ އުރުޖުވާން އަށް މާޒިމްގެ މޫނުމަތީގައި ވި ލާނެތް ކަން ނަގައެއް ނުގަނެވުނެވެ.

" "އިޝް ލީބެ ޑިޝް....ނަން ވެސް ބަދަލުވޭތަ އެގޮތަށް...... އެކަމަކު ހާދަ ދިގު ނަމެކޭ....." އުރުޖުވާން އެހާ ފިކުރެއް ނެތި ހިތުގައިވި ވާހަކަ ބޭރުކޮށްލިއެވެ.

" އާނ....އުރޫޖް އަށް ކިޔަނީ ގެލިބްތެ، މެއިނެ ގެލިބްތެ.. އެހެންވީމަ މި ދަތުރުގަ އުރޫޖް ގެ ނަން ބަދަލުވީ މި...." އޭގެ އަސްލު މާނަ އަކީ ލޯބިވެރިޔާއެވެ އަދި އަހަރެންގެ ލޯބިވެރިޔާ އެވެ. އޭރު އުރުޖުވާންއަކަށް އެކަމެއް ނޭނގެއެވެ. އާކަމަކަށް ވެފައި ހުރެ މާޒިމް ކިޔައިދޭ އެއްޗިހި ތަކުރާރުކުރަމުން ދިޔައެވެ. މާޒިމް ގެ ތުންފަތުގައިވި ހިނިތުންވުމުގެ ފަހަތުގައި ވި އެއްވެސް ކަމެއްގެ ހަގީގަތެއް އުރުޖުވާން އަކަށް ނޭނގެއެވެ. އުފާ ކުރެވެމުން ދިޔައީ ހޭދަވަމުންދާ ލޯބި ވަގުތުތަކަށެވެ.

***

"ޑޭޑް......ހަމަ މިއަދު ފުރަން ބޭނުން.....ފްލައިޓެއް ނެތިއްޔާ ޗާޓަރުކޮށްގެން ވެސް...." ފަރަހް ބޮޑާހާކަމުން ދިޔައީ އޭނާގެ ބައްޕަ އަށް ގުޅައިގެން ހުރެއެވެ. ޖައިލަމް ދިން ޖަވާބުން ފަރަހް އުފަލުން ފުމުނެވެ. އަދި ކައިރީ ހުރި ފަހަދް ގެ ގައިގާ ބައްދައިގަތެވެ.

ފޯނު ކަނޑާލީ އޭނާގެ ބައްޕަ ދެކެ ވާ ލޯބީގެ ބޮޑުކަން ބަޔާންކޮށްދީފައެވެ. އެކަމަކު އެއީ ހަމަ އެކަނި ފަރަހް ގެ އަމިއްލަ އެދުންތައް ފުރިހަމަ ވާ ފަހަރު އެކަނި ކުރާކަމެކެވެ.

" މިހާރު އުފާވެއްޖެ؟" އެނދު ކޮޅުގައި އިށީނދެލައިގެން އިން ފަހަދް ފުން ނޭވާ އެއް ދޫކޮށްލިއެވެ. އޭނަގެ ހިތަށް ތަދުވެވާވަރު ބަޔާންކުރަން ފަސޭހައެއް ނޫނެވެ.

"ޔެސް....ވަރަށް ވަރަށް ބޮޑަށް......ޔަގީން ދޯ ކޮންފަރެންސް އަށް ލައްވާލާނެކަން....." އަލަމާރީ ދޮރުފަތް ހުޅުވާލަމުން ފަރަހް ކަތި ނަޒަރަކުން ބަލައިލިއެވެ.

" ކޮށްލަން ސުވާލެއްް؟" ވަރަށް ޖެހިލުންވެފައި ހުރެ ނަމަވެސް ފަހަދް އަށް އަހާލެވުނެވެ.

"ޔެސް އެނީތިންގ...." އަލަމާރީ ތެރެއިން ނެގި ހެދުންތައް ފަހަރަކު އެއްޗެއް ގައިގައި ޖައްސާލަމުން އޭނަ ބުނެލިއެވެ. ފަރަހް ހުރީ ކޮށްލާ ކޮންމެ ސުވާލަކަށްވެސް ޖަވާބުދޭނޭ ފަދަ މޫޑެއްގައެވެ.

"ކީއްވެ މާޒް ދެކެ ލޯބިވާއިރު...އަދި މާޒް ބޭނުންވާ އިރުވެސް ފަރަހް އަށް އަހަރެން ދޫކޮށްނުލެވެނީ؟" ހިތަށް ބަރުވެފައި ހުރި ފަހަދް އަހައިލީއެވެ، އުނދަގޫ ވި ނަމަވެސް އެ ސުވާލުގެ ޖަވާބު ބޭނުންވިއެވެ.

" އިޓްސް ވެރީ ސިންޕަލް.....އަހްނަނަށް އިނގޭ މާޒް ދުވަހަކުވެސް އަހަރެންދެކެ ހަގިގީ ލޯތްބެއް ނުވާނެކަން. އަހަރެން މާޒް ބޭނުންވަނީ އަހަރެންގެ އުފަލަށް. އަދި އަހަންނަށް އިނގޭ ފަހަދް އަހަރެންދެކެ ވަނީ ހަގީގީ ލޯބި ކަން. .އެހެންވީމަ ދެކޮޅުންވެސް ވިން ވިން ފޯ މީ....." ފަރަހް ގެ އަމިއްލަ އެދުން ބޮޑުކަން ހާމަކޮށްލީ އެހާ ފަސޭހަ ކޮށެވެ.

ލޯ ކަރުނުން ބަރުވެފައި ހުރި ފަހަދް އަށް މޫނު އަނބުރާލެވުނީ ހިތުގައި އަޅަމުން ދިޔަ ވޭނުގެ ބޮޑުކަމުންނެވެ. ފަރަހް ގެ ވާހަކަތައް އެގޮތުގައި ހުރިއެއް ކަމަކު ފަހަދް ގެ ހިތުން އޭނާ އަށް ދެވިފައި ލޯބި އެއްވެސް ވަރަކަށް ފަނޑެއްނުވެއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު