ޑިޑީއާ ދެކޮޅަށް އިންސާނީ ވަގުފާރީގެ ތުހުމަތުތަކެއް

ރެޕް ލަވަކިޔުންތެރިޔާ އަދި މިއުޒިކް ޕްރޮޑިއުސަރު ޑިޑީ

އެމެރިކާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އަދި މިއުޒިކް ޕްރޮޑިއުސަރު ޝޯން ލަވް ކޯމްބްސް ނުވަތަ ސްޓޭޖް ނަމުން ނަމަ "ޑިޑީ"އާ ދެކޮޅަށް އިންސާނުންގެ ވަގުފާރި އަދި ސެކްސް ޓްރެފިކްކުރާކަމުގެ ތުހުމަތުތަކެއް ކުރިމަތިވެއްޖެއެވެ.

ޓްރެފިކް ކުރުމުގެ މައްސަލަތަކާ ގުޅޭ ބައެއް ކަހަލަ ވާހަކަތައް ސޯޝަލް މީޑިއާގައި ޑިޑީއާ ދެކޮޅަށް ދެކެވޭތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި މިހާރު ވަނީ ބަލަން ފަށާފައެވެ.

އެގޮތުން ސެކްސް ޓްރެފިކިންއާ ގުޅޭ މައްސަލަތަކެއްގެ ތަހުގީގަށް ފުލުހުން ވަނީ އިއްޔެ ޑިޑީގެ ގޯތިތައް ރެއިޑްކޮށްފައެވެ.

ނިއު ޔޯކްގެ ޑިޕާޓްމެންޓް އޮފް ހޯމް ލޭންޑް ސެކިއުރިޓީ ޓީމަށް ލިބުނު މައުލޫމާތާއެކު ޑިޑީއާއި ޑިޑީގެ ނަމުގައި އޭނާގެ އާއިލާ މެންބަރުންނަށް ވެސް ގަނެފައި ހުރި އެތައް ގެތަކެެއް ރެއިޑްކޮށް ބަލައި ފާސްކޮށްފައިވާކަން ވަނީ ހާމަކޮށްފައެވެ. ނަމަވެސް ފުލުހުންނާއި ސެކިއުރިޓީން މިކަމާ ގުޅޭ އިތުރު މައުލޫމާތުތަކެއް ހާމަކޮށްފައެއް ނުވެއެވެ.

ކުޑަކުދިންގެ ވަގުފާރިކުރާ ކަމަށް ބުނެ ޑިޑީއާ ދެކޮޅަށް ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތައް ވަނީ ދެކެވިފައެވެ. އެކި ތަންތަނުން ކުދިން ހޯދައިގެން އެ ކުދީން ވިއްކައި އުޅުމުގެ މަސައްކަތްކުރާކަމުގެ ތުހުމަތުތައް ފެންމަތިވަމުން ދާއިރު އޭނާގެ ބައެއް އަވަށްޓެރިން ވެސް ވަނީ މިކަމަށް ބާރުދޭ ވާހަކަތައް ދައްކާފައެވެ.

އެގޮތުން ގެތަކަށް އެކި ކަހަލަ އުޅަނދުތަކުގައި ގިނަ އަދަދަކަށް ކުޑަކުދީންތައް ގެންނަ ވާހަކަތައް ވެސް ބައެއް އަވަށްޓެރީން ވަނީ ހިއްސާކޮށްފައެވެ. މިއިން އެއްވެސް ވާހަކައަކާ ގުޅޭގޮތުން ޑިޑީ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް