ވާނަން އެކުގައި... 19

"އަހަރެން އެމަންޖެއާ ވާހަކަވެސް ދައްކައިފިން... ނައީމު ކައިރީ އަވަހަށް އަންނަން ބުނީ އެހެންވެއޭ...." މަދީހާ އިތުރު ތަފްސީލް ދިނެވެ. "އެންމެ އަވަހަށް ފުރާ ފުލައިޓަކުން އެކުދިން ރަށަށް އަންނާނެ... ނައީމު، އަހަރެން ބޭނުން މާލެދާން.... ލިޝާ އަންނައިރު ކައިރީގަ ހުންނަން އަހަރެން ވަރަށް ބޭނުން.... އަހަރެން މާލެ ފޮނުވާނަންތަ؟..."

"ތީ އަހާ ކަހަލަ ސުވާލެއްވެސް ނޫނެއްނު... އަހަރެންވެސް މަދީއާ އެކީ މާލެ ދާނަން..." ނައީމު ބުންޏެވެ.

********

ކޮޓަރީގެ ދޮރު ހުޅުވާލުމާއިއެކު، އިވުނީ ކުރަކި އަޑެކެވެ. ގިނަ ދުވަހު ނުހުޅުވާ ހުރުމުގެ ސަބަބުން، ގޮވާ ޒާތުގެ އަޑެކެވެ. އާރިޒް އެތެރެއަށް ވަދެ ބޮކިތައް ދިއްލައިލިއެވެ. މުޅި ކޮޓަރިތެރެ އަލިވެގެން ދިޔައެވެ. ކޮޓަރީގައި އެއްވެސް ފަރުނީޗަރެއް ނުވެއެވެ. ފާރުތަކުގައި ހަރުކޮށްފައިވާ ގުދުރަތީ ރީތި ކުރެހުންތަކުން، ކޮޓަރިއަށް ދިރުން ގެނެސްދީފައި ވިއެވެ. ފްރޭމްތައް ހަދާފައިވާ ލަކުޑީގެ މަޑު ވަހެއް ކޮޓަރިތެރޭގައި ހިފާލާފައި ހުއްޓެވެ. ކޮޓަރިއަށް ވަންނަ ކޮންމެ ދުވަހަކު އެއިން ކޮންމެ ތަސްވީރަކަށް ބަލަން އާރިޒް ވަގުތު ހޭދަކުރެއެވެ. ތަސްވީރުތަކުގައިވާ ހިރަފުސްތައް ފޮޅާ ހަދައެވެ. އެކަމުން އަމިއްލަ ނަފުސަށް ހިތްހަމަޖެހުން ލިބި، ނުތަނަވަސްކަމުން ދުރުވާތީއެވެ. އެއީ އާރިޒްގެ މަންމަގެ ހާއްސަ ކޮޓަރިއެވެ. ތަސްވީރުތަކަކީ އޭނާގެ މަންމަގެ ކުރެހުންތަކެވެ.

ތަސްވީރުތަކުން އޭގެ ކުރިން ފާހަގަނުވާ ކަމެއް އާރިޒަށް ފާހަގަވިއެވެ. އޭނާގެ މަންމަގެ އެންމެފަހުގެ ކުރެހުމުގެ ތެރެއިން އާރިޒްގެ ނަން ސިފަވިހެން އޭނާއަށް ހީވިއެވެ. ބަލާބެލުމަށް ޖަންގައްޔެއްގެ ހިތްގައިމު މަންޒަރެއްހެން ފެނުނަސް، އެ ކުރެހުން ރަނގަޅަށް ބެލުމުން، އެއިން ނަމެއް ސިފަވެއެވެ. އެ ތަސްވީރު ލާފައިވާ ފްރޭމްވެސް އެހެން ތަސްވީރުތަކާއި ތަފާތެވެ.

އާރިޒް ތަސްވީރު ނެގިއެވެ. ވަށައިގެން ބެލިއެވެ. ފްރޭމްގަނޑު ދަމައިގަތް ވަގުތު އެއިން ވެއްޓުނީ ހުދުކުލައިގެ ސިޓީއުރައެކެވެ. އާރިޒްގެ ލޮލުގައި އެ ސިޓީއުރަ އަޅައިނުގަތީ އެވަގުތު ސަޗިން ގުޅުމުންނެވެ. ސަޗިން ދިން ހަބަރަކުން އޭނާގެ ތަބީއަތު އިތުރަށް ހަރާބުވިއެވެ. ފޯނު ކަނޑާލާފައި ސަޗިން ފޮނުވި ވީޑިޔޯ ބެލުމަށް އަވަސްވެގަތެވެ.

ވީޑިޔޯއިން ފެންނަމުންދިޔައީ ގްރީން ގާޑެން ހޮޓެލްގެ ސީސީޓީވީ ފްޓޭޖަށް އަރާފައިވާ މަންޒަރެކެވެ. މިޖާއާއި އެކުގައި ލިޝާ ގޮސް ލިފްޓަށް ވަދެއެވެ. ދެމީހުން އެކުގައި ލިފްޓުން ނުކުންނަ ތަނާއި، މިޖާ ކޮޓަރިއަށް ވަނުމުން، އެ ކޮޓަރި ދޮރުމަތީގައި ލިޝާ ހުންނަ ތަން ފެނެއެވެ. އޭގެ ފަހުގައި ކަންހިނގައިދިޔަގޮތް ފެނުމުން، އާރިޒްގެ ދެފައިން ވަރުދޫވިއެވެ. ނޭވާ އަވަސްވެ، އަތް މުށްކެވޭގޮތްވިއެވެ. ރަހުމެއްނެތި ލިޝާއަށް ކުރި އަނިޔާ ފެނުމުން، އޭނާގެ ރުޅި ގަދަވިއެވެ. ދެން ސަޗިން ފޮނުވާފައި އޮތީ، ޕިންކްވިލާއަށް ސުމާ ވަން ވީޑިޔޯއެވެ. އޭގައި ސުމާ ބައްދަލުކޮށް ވާހަކަދެއްކީ ގޭގައި މަސައްކަތްކުރަން ގެންގުޅޭ ސަންތޯޝް ނަމަކަށް ކިޔާ މީހަކާއެވެ. ސުމާމެންނަށް ލިޝާ ފެނުނީ ކިހިނެއްކަން އެނގުމުން އާރިޒްގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ.

"މިޖާ!..." އާރިޒްގެ ދަތްތަކަށް ބާރުވެގެން ދިޔައެވެ.

ގޭގައި ގެންގުޅޭ މީހުންނަށް އާރިޒް އަބަދުވެސް ހެޔޮކޮށް ހިތައެވެ. އެމީހުންގެ ހައްގަކަށް އުނިކަމެއް އަތުވެދާނެކަމެއް ނުކުރެއެވެ. ބާރަށް އެއްޗެއް ނުބުނެއެވެ. އެކަމަކު، އެމީހުންގެ ފަރާތުން އާރިޒަށް ދެރައެއް ލިބުމުން، އާރިޒް އެކަމާއި، ދެރަވިއެވެ. ރުޅި އިސްކުރެވުނެވެ.

"ސަންތޯޝް!..." އާރިޒްގެ ބަރު އަޑު މުޅި ގޭގައި ގުގުމައިލިއެވެ.

ގޭތެރެއަށް ވަދެވަދެހުރި ސަޗިންގެ ފިޔަވަޅުތައްވެސް މަޑުޖެހުނެވެ. ފަހަކަށް އައިސް އަބަދު އުފާވެރިކަން ފެންނަމުންދިޔަ އާރިޒްގެ މޫނުން ފެންނަމުންދިޔައީ ނުތަނަވަސްކަމެވެ. އެ ސިފަދެކެ ސަޗިންވެސް ބިރުގަނެއެވެ.

ދުވެފައި ކަހަލަ ގޮތަކަށް ބަދިގެއިން ނުކުތް ސަންތޯޝްއަށް އާރިޒް ފެނުމުން އިސްޖަހައިލެވުނެވެ. ކުށްވެރިވެފައިވާކަމުގެ އަސަރުތައް މޫނުން ފެންނަން ހުއްޓެވެ. ތަންތަން ފޮހެން ގެންގުޅުނު ތުވާލިކޮޅު ސަންތޯޝްގެ ކޮނޑުމަތީގައި އޮތްއިރު، މުސްކުޅިވުމުގެ ސަބަބުން އޭނާއަށް ކޮޅަށް ހުރެވެނީ ކުޑަކޮށް ގުދުވެގެންނެވެ. ޒުވާން އުމުރުގައި ޕިންކްވިލާއަށް ހިދުމަތްކުރަންފެށި ސަންތޯޝް މުސްކުޅިވެ، ގައިބާރު ދޫވިއިރުވެސް ދެގޮތެއް ނުވެ ވަޒީފާގައި ދެމިހުރިއެވެ. ސަންތޯޝްއަކީ ވަޒީފާއަށް ވަފާތެރި މީހެކެވެ. ވެރިންގެ ވާހަކަ އެހެން މީހުންގެ ކައިރީގައި ދައްކާ މީހެއް ނޫނެވެ. އެކަހަލަ މީހަކު ކުއްލިއަކަށް އެފަދަ ކަމެއް ކުރުމުން އާރިޒަށް ގަބޫލުކުރަންވެސް ދަތިވިއެވެ.

"އަހަންނަށް މި އަޑު އިވެނީ ރަނގަޅު ވާހަކައެއްތަ؟..." އާރިޒް ހިތްހަމަނުޖެހިފައި ސުވާލުކުރިއެވެ. އޭނާ ވާހަކަ ދެއްކީ ދުރުދުރުންނެވެ.

"ލައްބަ..." ސަންތޯޝް އެއްބަސްވިއެވެ.

ކުރިމަތީގައި ހުރި މޭޒުގައި ގޮށްމުށުން ޖެހިއިރު، އާރިޒްގެ ދެބުމަ ވަނީ ގޮށްޖެހިފައެވެ. ނޭވާ އަވަސްވިއެވެ. ލިޝާގެ ވާހަކަ ސުމާމެންގެ ކައިރީގައި ދައްކައިގެން ސަންތޯޝްއަށް ލިބޭނެ މޮޅެއް ނޯންނާނެކަން އާރިޒަށް އެނގެއެވެ. އަދި ހަމަ އެއާއިއެކު، ލިޝާގެ ޕާސްޕޯޓާއި، ވޮލެޓް ސަންތޯޝްއަށް ލިބޭނީ އޭގެ ހަގީގަތް އެނގޭ މީހަކު އެތަކެތި ދިނުމުންނެވެ. ވީއިރު، އެކަމުގެ ފަހަތުގައި ހުރީ ކާކުކަން އޭނާއަށް ސިއްރެއް ނުވެއެވެ.

"ކާކު އަންގައިގެން ކުރި ކަމެއް އެއީ؟..." އާރިޒް ބޭނުންވީ ސަންތޯޝްގެ ހެކިބަހެވެ.

ސަންތޯޝް ކަހަލަ ވަފާތެރިއަކު ކިޔަމަންވާނީ ވެރިއަކަށް ކަން އާރިޒަށް އެނގެއެވެ. އެކަމަށް އަމުރުކުރާނީ އޭނާގެ ބައްޕައެވެ. ބައްޕައަށް ހިތްވަރު ދޭން ހުންނާނީ ކާކު ކަންވެސް އާރިޒަށް އެނގެއެވެ.

"ސޮރީ ސަރ..." ސަންތޯޝް މާފަށް އެދުނެވެ.

"މީގެފަހުން ސަންތޯޝް ހަނދާންކުރަންވާނެ ސަންތޯޝްގެ ވެރިއަކީ އަހަރެން ކަން... ސަންތޯޝްއަށް މުސާރަ ދެނީ އަހަރެން... މިގެއަކީ އަހަރެންގެ މަންމަގެ ގެއެއް... މިހާރު މިގޭގެ ވެރިއަކީވެސް އަހަރެން..." އާރިޒް ހަނދާންކޮށްދިނެވެ.

އާރިޒް ހަލުވި ފިޔަވަޅުތަކެއްގައި ގެއިން ނުކުތުމުން، ފަހަތުން ސަޗިންވެސް ނުކުތެވެ. މިޖާގެ ނަންބަރަށް ގުޅަމުން ކާރާއި ދިމާއަށް ދިޔަ އާރިޒްގެ ފިޔަވަޅުތައް ހުއްޓުނީ، މިޖާ ފޯނު ނެގުމުންނެވެ.

"ތި ގުޅީ އަހަރެން ހީކުރި ވަރަށްވުރެ އަވަހަށް..." މިޖާ ތުއިވެލިއެވެ. "މިރޭ ޑިނަރ ނައިޓަކަށް ދާ ވާހަކަ އަންކަލް ބުނީމަ ހީކުރީ މިރޭ ކަމަށް ގުޅާނީ..."

މިޖާ ކަމެއް ވީކަން އެނގޭކަމަށްވެސް ހަދައިނުލައެވެ. އާރިޒް އިތުރަށް ހިތްހަމަނުޖެހުނެވެ.

"މީހެއްގެ ފުރާނަ ދުއްވާލަން އުޅެވުނީތީ ވަރަށް އުފަލުންތަ ތިހުރީ؟..." އާރިޒް ފެށީ ސީދާ މައުޟޫޢު އިންނެވެ.

"އޭނ؟..." މިޖާ ސިހުނެވެ. "ކީކޭ ތި ބުނީ؟..."

"އަހަރެން ހިއެއް ނުކުރަން މިޖާ ތީ އެހާ ގޮތެއް ނެތް މީހެއް ކަމަކަށް..." ކުރިއަށްވުރެ ހިތްހަމަނުޖެހިފައި އާރިޒް ބުންޏެވެ.

"އާރީ!... މިޖާއަށްތަ ތި ގުޅީ؟...." މިޖާ ޔަގީންނުވެފައި އަހައިލިއެވެ.

"އިތުރަށް ކަންކަން ފޮރުވަން މަސައްކަތް ނުކުރޭ... ހަގީގަތް އެނގޭތީއޭ މި ބުނަނީ..." އާރިޒްގެ އަޑު ބާރުވިއެވެ.

"މިޖާ ކުރިކަމެއް ނޫން އެއީ..." ލިޝާއަށް ދިމާވި ކަންތައް އެނގުނު ފަދައިން މިޖާ ބުނެލިއެވެ. "މިޖާއަކީ އެހާ ގޯސްމީހެއް ނޫން..."

"މީހެއްގެ ފުރާނަ ދުއްވާލަން ފަސްނުޖެހޭ މީހަކު ނުކުރާނެ ނުބައިކަމެއް ނޯންނާނެ... އެކަމަކު ބުނަން، މީގެ ފަހުން ލިޝާއަށް ދެރައެއް ދޭން އުޅެފިއްޔާ، އަހަންނަށްވެސް ކަންކަން ކުރެވޭނެކަން އަންގާނަން..." އާރިޒް އިންޒާރުދީފައި ފޯނު ކަނޑާލިއެވެ.

ރުޅިއާއި ހިތާމަ އެކުވެގެން މިޖާގެ ދެލޮލުން އައި ކަރުނަތަކުން ކޯތާފަތް ތެންމައިލިއެވެ. އާރިޒް އޭނާއަށް ކުޑަވެސް އިތުބާރެއް ނުކުރަނީ ކީއްވެ ހެއްޔެވެ؟ އޭނާ ބުނާ އެއްޗެއް ގަބޫލު ނުކުރާ ތަނުގައި ދައްކާ ވާހަކައެއް އަޑު އަހާކަށްވެސް އާރިޒް ބޭނުމެއް ނުވެއެވެ. މިޖާ ހުރިހާ ރުޅިއެއް އައީ ލިޝާ ދެކެއެވެ. ބާރަށް ހަޅޭއްލަވައިގަންނަމުން އަތުގައި އޮތް ފޯނު ހޫރައިލިއެވެ.

********

ލިޝާ ހުރީ ގޭގެ ދޮރުމަތީގައި ދެކޮޅަށް ހިނގާލަހިނގާލައެވެ. އޭނާ އިންތިޒާރު ކުރަމުންދިޔައީ ކައުސަރަށް ނަމަވެސް، ދެލޯ ހޯދަމުންދިޔައީ އާރިޒެވެ. ސުމާމެން އޭނާ އެހެން ތަނަކަށް ގެންދަން އުޅޭއިރު، އާރިޒަށް ނުފެނި ދާން ލިޝާގެ ހިތް ނޭދެނީއެވެ. ކޮންމެވެސް އެއްޗެކޭ ކިޔައިގެން ލިޝާ ބެލީ ގޭގައި މަޑުކުރެވޭތޯއެވެ. ކައުސަރު އައި އިރުވެސް ލިޝާ ހުރީ ފުންވިސްނުމެއްގައެވެ.

"ދެންމެ ގުޅާފަ، ކޮންތާކަށް ދަނީއޭ ބުނީ؟..." ކައުސަރު ކަންބޮޑުވެފައި އަހައިލިއެވެ.

"އަހަރެންގެ ގައުމަށް...." ލިޝާ ހިނިތުންވެލީ ގަދަކަމުންނެވެ.

އެ ހިނިތުންވުމުގައި އުފާވެރިކަމެއް ނުވާކަން ކައުސަރަށް އެނގުނެވެ. ކައުސަރުގެ ދެލޮލަށް ކަރުނަ ޖަމާވާން ފެށުމުން ލިޝާގެ ގައިގައި ބައްދާލިއެވެ. އެމަންޒަރު ބަލަން ދޮރުމަތީގައި ތިބެފައި ސުމާ އާއި ޝަފާޒް އެތެރެއަށް ވަނެވެ.

"އަހަންނަށް އެނގޭ މިހެން ވިސްނައިގެން ނުވާނެކަން... އެކަމަކު، ލިޝް ބޭނުމެއް ނުވޭ ކަންނޭނގެ މިގޭން ދާކަށް...." ސުމާ ދެރަވިއެވެ.

"އެއީ ބޭނުން ނުވާތީކީ ނޫނޭ... މިހާ ދުވަސްވާއިރު، މިތާ ލިޝްގެ އެކުވެރިންވެސް ތިބޭނެއެއްނު... އެހެންވެ ކުޑަކޮށް އުނދަގޫވަނީ... އެއީ ފަހަރެއްގަވެސް މި ގޭގަ ހުންނަ ހިތަކުން ނޫން..." ޝަފާޒް އަވަސް އަވަހަށް ބުނެލިއެވެ. އެކަމަކު ހަގީގަތަކީ ހުދު ޝަފާޒަށްވެސް އެކަން ފާހަގަވެފައި އޮތްކަމެވެ. އޭނާގެ ހިތް އެކަން ގަބޫލުކުރަން ބޭނުން ނުވަނީއެވެ.

"ޝަފްއަށް ހީވޭތަ އެ އާރިއަކީ ހަމަ ލިޝް ބުނިހާ ރަނގަޅު މީހެއް ހެން.... އަހަންނަށް ހީވަނީ އޭނަ ވަރަށް ސިއްރުވެރިހެން..." ސުމާ އިނީ ފުން ވިސްނުމެއްގެ ތެރޭގައެވެ.

ސުމާ ބުނީ ޝަފާޒުގެ ހިތުގައިވެސް އޮތް ނުތަނަވަސްކަމެއްގެ ވާހަކައެވެ. އާރިޒްގެ ގައިގައި ސިއްރުވެރި ގޮތެއް ހުރިކަން އޭނާއަށްވެސް ފާހަގަވިއެވެ. ފެންނަ ފެނުމަށް އެހާ އާދައިގެ ދިރިއުޅުމެއް އުޅޭ މީހެއް ފާޑު ނުޖަހައެވެ.

އިރު އޮއްސުނުއިރުވެސް އާރިޒެއް ނައެވެ. ސުމާމެން ރާވާފައި އޮތްގޮތަށް ލިޝާ އެމީހުން ތިބި ކޮޓަރިއަށް ގެންދިޔުމުގެ މަސައްކަތް ފެށިއެވެ. ލިޝާގެ އެއްޗެހިތައް ކޮތަޅަކަށް އެޅިއެވެ. ލިޝާ އެއްވެސް ކަމެއްގައި ބައިވެރިއެއް ނުވެއެވެ. ހިޔާލަކަށް ގެއްލިފައި އިނީއެވެ.

"ބަލާބަލަ އެކުއްޖާއަށް ހަދާފަ އިން ގޮތް..." ސުމާ ދެރަވެގެން ޝަފާޒުގެ ކައިރީގައި ސިއްރުން ބުނެލިއެވެ. "އަހަރެންގެ އަތު ޖެހިއްޖެއްޔާ އެ އަކުރަމެއްގެ ދުވަސް ދުއްވާލާނަން..."

ކާރު ނައްޓައިލިއެވެ. ލިޝާ އިނީ ފަހަތު ޝީޓުގައެވެ. މާޔޫސްވެފައެވެ. އާރިޒް ނައީ ކީއްވެ ހެއްޔެވެ؟ އެހާ ލޯބިން އުޅެފައި ދެމީހުން ވަކިވަނީ އެފަދަ ހިތްދަތި ގޮތަކަށް ހެއްޔެވެ؟ ދެން ދުވަހަކުވެސް އާރިޒެއް ނުފެންނާނެ ހެއްޔެވެ؟ ލިޝާގެ ދެފަރާތުގައި ސުމާ އާއި ޝަފާޒު ތިއްބެވެ. ލިޝާގެ ދުރުކަން ޝަފާޒްގެ ހިތް ފޮތިފޮތި ކުރަމުން ދިޔައެވެ. އެކަމަކު ލިޝާއަށް ދިމާވި ހިތްދަތިކަމަށްފަހު، މިޒާޖަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަން ޝަފާޒަށް ގަބޫލުކުރެވެއެވެ.

"ސޮރީ..." ލިޝާގެ އަތްތިލައިގައި ހިފައިލަމުން ޝަފާޒް ބުންޏެވެ.

އެ މަންޒަރު ސުމާއަށް ފެނުމުން، ހިތަށް އުނދަގޫގޮތެއް ވިއެވެ. އެއީ ކީއްވެ ވީ ގޮތެއްކަމެއް އޭނާއަކަށް ނޭނގުނެވެ. ލިޝާއަށް އަތް ދުރުކޮށްލެވުނީ އިހުތިޔާރަކު ނޫނެވެ. ޝަފާޒުގެ ގާތްކަމުން އޭނާއަށް އުނދަގޫވިއެވެ. ޝަފާޒަށް ހިންދިރުވައިލެވުނެވެ. ލިޝާ ހަމަ ރަނގަޅަށްވެސް އޭނާ އާއި ދުރުވެއްޖެއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު