ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ހަސަން ޒަރީރު އައްޔަނު ކުރައްވައިފިއެވެ.
ބޯޑު މެންބަރުންނާއި ބޯޑުގެ ޗެއާޕާސަން އައްޔަނު ކުރެއްވީ އިއްޔެ ބޭއްވި ބީއެމްއެލްގެ އޭޖީއެމްގައެވެ.ބީއެމްއެލްގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް އައްޔަނުވުމުގެ ކުރިން އޭނާ ވަނީ މީރާގެ ޑެޕިއުޓީ ކޮމިޝަނަރުކަން ކުރައްވައިފައެވެ.
މީގެ އިތުރުން އެ ބޯޑުގެ ޑިރެކްޓަރެއްގެ ގޮތުގައި އަލީ ފާރިސް މުހައްމަދު ވަނީ އައްޔަނު ކޮށްފައެވެ.
އަލަށް އައްޔަންކުރި ދެ ޑިރެކްޓަރުންނާ އެކު، މިހާރު، ބޭންކުގެ ބޯޑު ޑިރެކްޓަރުނެގެ ތެރޭގައި ހިމެނެނީ:
- ކާލް ސްޓުމްކަ (ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު)
- އައިޝަތު ނޫރައްދީން
- ހަސަން ޒަރީރު
- ޖުވައިރިޔާ ސައީދު
- އަބްދުﷲ ހަސަން
- އައިޝަތު ސަޖުނީ
- އަލީ ފާރިސް މުހައްމަދު
- އިބްރާހިމް މުހައްމަދު
- އަހްމަދު މުހައްމަދު
- އަބްދުﷲ ނަސީމް
ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ، އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބު ކުރާ ތިން ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފައިވަނީ މިދިޔަ މަހުގެ ތެރޭއެވެ.
އޭގެ ކުރިން ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ޖެނުއަރީ މަހުގެ 25ގައި ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
އެގޮތުން ބޯޑުގައި ހިމެނޭ ސަރުކާރު ތަމްސީލުކުރާ ޑިރެކްޓަރުންގެ ތެރެއިން ޗެއާޕާސަން ޔޫޝައު ސައީދާއި އިތުރު މެންބަރުން ކަމަށްވާ މުޙައްމަދު ޝަރާހުއާއި އަބްދުﷲ ހުސާމް ޝަރީފް ވަނީ ބޯޑުން ވަކިކޮށްފައެވެ.