ޗެލްސީ ވިމެންއިން ވެސްޓް ހޭމް ވިމެން ބަލިކޮށް އަނެއްކާ ވެސް ތާވަލްގެ އެއްވަނައަށް އަރައިފި

ޗެލްސީއިން މިމެޗު ކާމިޔާބު ކޮށްފައިވަނީ ހިކުރިވަރަށް ވުރެ ބޮޑަށް މަސައްކަތް ކޮށްގެން / ފޮޓޯ: ސްކައި ސްޕޯޓްސް

ވިމެންސް ސުޕާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ ވިމެން އާއި ވެސްޓް ހޭމް ޔުނައިޓެޑް ވިމެން ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޗެލްސީއިން އަނެއްކާވެސް ތާވަލްގެ އެއްވަނައަށް އަރައިފިއެވެ.

ވެސްޓް ހޭމްގެ ދަނޑުގައި ކުޅުނު މިމެޗު ޗެލްސީއިން ކާމިޔާބު ކޮށްފައިވަނީ 2 ލަނޑު ސުން ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީއިންނެވެ. ވަރަށް ފޯރިއާއެކު ދެ ޓީމުން ވެސް ފެށި މި މެޗުގައި ލަނޑު ޖެހުމުގެ ފުރުސަތު އެންމެ ފުރަތަމަ ލިބިގެންދިޔައީ ވެސްޓް ހޭމްއަށެވެ.

ނަމަވެސް މެޗު ފެށިތާ 20 ވަނަ ސިކުންތުގައި ވިވިއަން އަސޭޔީއަށް ލިބިގެން ދިޔަ މި ފުރުސަތު ބޭނުން ނުހިފި ދިޔައިރު ޗެލްސީއިން އުފެއްދި ފުރަތަމަ ހަމަލާގައި މެޗުގެ ދެވަނަ މިނެޓުގައި ވަނީ ލަނޑު ޖަހައި މެޗުގެ ލީޑު ނަގައިފައެވެ.

މިލަނޑު އެ ޓީމަށް ޖަހައިދިނީ އެޖީ ބީވާ ޖޯންސްއެވެ. މި މެޗުގައި ވެސްޓް ހޭމްގެ ހޮނޯކާ ހަޔާޝީ ލަނޑެއް ކާމިޔާބުކުރި ނަމަވެސް އެ ލަނޑުވަނީ އޮފް ސައިޑް ކަމަށް ދައްކާފައެވެ.

ނަމަވެސް ރިޕްލޭ ބެލުމުން ހަޔާޝީ ސައިޑް ނުވާކަން ފާހަގަވި ނަމަވެސް ވިމެންސް ސުޕާ ލީގުގެ މެޗުތަކުގައި ވީއޭއާރު އަދި ބޭނުން ކުރެވެމުންނުދާތީ އެކަން ބަދަލުކޮށްފައެއް ނުވެއެވެ.

މި މެޗުގައި ޗެލްސީއިން ކާމިޔާބު ކުރި ދެވަނަ ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި ޖަހައިދިނީ އެރިން ކާތުބާޓްއެވެ. މި މެޗުގައި ވެސްޓް ހޭމްއަށް ލަނޑެއް ނުޖެހުނު ނަމަވެސް އެ ޓީމުންވަނީ ހިތްވަރު ގަދަ މޮޅު ކުޅުމެއް ޗެލްސީ ކައިރީ ދައްކާ ޗެލްސީ ހާސްކަމުގެ ތެރެއަށް ވައްޓާލާފައެވެ.

ހަމައެއާއެކު މި މެޗުގައި ޗެލްސީގެ ފަރާތުން އެ ޓީމުގެ އެންމެ މޮޅު ކުޅުން ފެނިގެން ނުދާކަން ވެސް ފާހަގަވެގެން ދިޔައެވެ.

މި ކާމިޔާބީއާއެކު ޗެލްސި ވިމެން މިހާރު އުޅެނީ ކުޅުނު 17 މެޗުން ލިބިފައިވާ 43 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ.

އެއީ ދެވަނައިގާ އުޅޭ މެންޗެސްޓާ ސިޓީ ވިމެން އާއި އެއްވަރަށް ޕޮއިންޓް ލިބި ނަމަވެސް ފައިދާ ގޯލަށް ބަލާއިރު ކުރި ލިބޭތީއެވެ. މި މެޗުން ބަލިވުމުން ވެސްޓް ހޭމް ވިމެން އުޅެނީ 12 ޕޮއިންޓާއެކު 12 ޓީމު ހިމެނޭ މިލީގުގެ 11 ވަނައިގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު