އެންޑްރިކް: ބްރެޒިލްގެ ޒުވާން އާދަޔާ ހިލާފު މިހުނަރުވެރިޔާއަކީ ކާކު؟

ބްރެޒިލްގެ ޒުވާން ހުނަރުވެރިޔާ އެންޑްރިކް / ފޮޓޯ: ކެޕިޓަލް ނިއުސް

ބްރެޒިލް ޤައުމީ ޓީމުގެ އެންޑްރިކް އޭ ބުނެލުމުން ގިނަ ބަޔަކަށް އެއީ ކާކުކަން އަދި ނޭނގިދާނެއެވެ.

ނަމަވެސް އެންޑްރިކް މިއީ ރޮނާލްޑޯ، ރޮމާރިއޯ، ރޮނާލްޑީނިއޯ، ނޭމާ ފަދަ ކުޅުންތެރިންހެން ބްރެޒިލްގެ ނަން ކިޔާލާ ކޮންމެ ފަހަރަކު ދުލުކުރިއަށް އެންމެ ފުރަތަމަ އަންނަ އެއް ނަމަށް ކުރިއަށް އޮތްތާނގާ ވެގެންދިއުން ވަރަށް ގާތް ނަމެކެވެ.

މިކަމުގެ މަލަމަތި މިހާރު ވެސް މިވަނީ ފެންނަން ފަށާފައެވެ.

މިދިޔަ ހޮނިހިރު ދުވަހުގެރޭ ދަންވަރު އިންގްލަންޑާއި ބްރެޒިލް ބައްދަލުކުރި ބައިނަލްއަޤްވާމީ ރަހްމަތްތެރިކަމުގެ މެޗުގެ 71 މިނެޓްގައި ކުޅެން އެރި އުމުރުން 17 އަހަރުގެ މިޒުވާނާ މެޗުގެ 80 ވަނަ މިނެޓުގައި އިންގްލަންޑްގެ ގޯލަށް ވައްދާލި ލަނޑާއެކު ޖެހިގެން އައި ދުވަހު ބްރެޒިލްގެ އިތުރުން ޔޫރަޕްގެ މީޑިއާތަކުން ވެސް އަންނަނީ އެންޑްރިކްގެ ވާހަކަ ވަރަށް ކުލަގަދަކޮށް ފާހަގަ ކުރަމުންނެވެ.

އިންގްލަންޑް ކޮޅަށް އެންޑްރިކް ކާމިޔާބު ކުރި ލަނޑު ވެގެންދިޔައީ އޭނާ ބްރެޒިލް ސީނިއާ ޓީމަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑަށެވެ. އަދި އޭގެ އިތުރުން އޭނާ ވެފައިވަނީ ވެމްބްލީ ސްޓޭޑިއަމްގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށްވެސް ވެގެން ގޮސްފައެވެ.

އެންޑްރިކްގެ އުމުރަކީ 17 އަހަރާއި 246 ދުވަހެވެ. މި ލަނޑާއެކު އެންޑްރިކްވަނީ އޭނާގެ އުމުރުން 19 އަހަރު ފުރުމުގެ ކުރިން ބްރެޒިލްގެ ޤައުމީ ޓީމަށް ލަނޑު ޖަހައިދިން ފާހަގަ ކޮށްލެވޭ ތަރިންކަމުގައިވާ ޕެލޭ، ރޮނާލްޑޯ، ރޮނާލްޑީނިއޯ އަދި ނޭމާގެ ލިސްޓަށްވެސް އަރާފައެވެ.

ފުޓްބޯޅަ ހަބަރު ގަވައިދުން ބަލަމުންދާ ފަރަތްތަކަށް އެންޑްރިކްގެ އަޑު ކުރިން އިވިފައިވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެންޑްރިކްގެ ނަން އެންމެ ފުރަތަމަ ފާހަގަ ވެގެންދިޔައީ މީގެ ދެ އަހަރެއްވަރު ކުރިންނެވެ.

އެއީ ހުނަރުވެރި މޮޅެތި ކުޅުންތެރިން ގެންދިއުމުގައި ފާހަގަ ކޮށްލެވޭ ޓީމެއް ކަމުގައިވާ ސްޕެނިޝް ލަލީގާގެ ރެއާލް މެޑްރިޑް އިން ބްރެޒިލްގެ ޒުވާން އާދަޔާ ހިލާފު ހުނަރުވެރި ކުޅުންތެރިޔަކު ސޮއިކުރި ޚަބަރެވެ.

ރެއާލް އާއި އެންޑްރިކް ކްލަބް ފުޓްބޯޅަ ކުޅެމުންދާ ބްރެޒިލްގެ ޕަލްމެއިރާސްގެ މެދުގައި މިވިޔަފާރި ކުރިއަށް ގެންދިޔައިރު އެންޑްރިކްގެ އުމުރުން އެންމެ 16 އަހަރެވެ.

ރެއާލްއިން ޕަލްމެއިރާސްއަށް ފީގެ ގޮތުގައި ދެއްކި މުޅި އަދަދު ހާމަކޮށްފައިނުވި ނަމަވެސް 35 މިލިއަން ޔޫރޯވަނީ ޕަލްމެއިރާސްއަށް މިހާރު ދީފައެވެ. އަދި އެންޑްރިކް ދައްކާ ކުޅުމަށް ބަލާ އިތުރު 25 މިލިއަން ޔޫރޯ އިތުރު ކުރެވިގެންދާނެ ކަމަށް ވެސް އެއްބަސްވެވިފައިވެއެވެ.

އެހެން ވެއްޖެނަމަ މިވިޔަފާރީގެ އަދަދު 60 މިލިއަން ޔޫރޯއަށް އަރައިގެންދާނެއެވެ.

ނަމަވެސް ޓްރާންސްފާ ގަވައިދު ބުނާގޮތުން ބައިނަލްއަޤްވާމީ ކުޅުންތެރިޔެއް ޔޫރަޕްގެ ކްލަބަކަށް ގެންދެވޭނީ އެ ކުޅުންތެރިޔާގެ އުމުރުން 18 އަހަރު ވުމުންނެވެ.

އެހެންކަމުން މިއަންނަ ސީޒަން މިއީ އެންޑްރިކް ރެއާލް މެޑްރިޑްގެ ޖާޒީގައި ފެނިގެންދާނެ ސީޒަނެވެ. ބުނެވޭ ގޮތުގައި އެންޑްރިކް ހޯދުމަށް ޔޫރަޕްގެ އެހެން ބޮޑެތި ކްލަބްތަކުން ވެސް މަސައްކަތް ކުރިއެވެ.

2006 ވަނަ އަހަރު އުފަންވި އެންޑްރިކް ފެލިޕޭ މޮރެއިރާ ޑި ސޮއުސާ އޭނާގެ ކުޑައިރުގެ ދުވަސްތައް ހޭދަކޮށްފައިވަނީ ވަރަށް އުނދަގުލާއި ދަތިހާލުގައެވެ. އެންޑްރިކްގެ މަންމަ އުޅޭނެ ތަނެއް ނެތިގެން އުޅުނު ފަހަރު ފަހަރާވެސް ދިމާވެފައިވާ ކަމުގައިވެއެވެ.

އެއާއެކު އެޑްރިކް ބައެއް ދުވަސްވަރު ޔަތީމްޚާނާގައި ވެސް ދުވަސް ހޭދަކުރަން ޖެހިފައިވެއެވެ. މިއާއެކު ވެސް އޭނާގެ ކިބައިގައިހުރި ފުޓްބޯޅަ ހުނަރު އެންމެ ކުޑައިރުއްސުރެ އެންޑްރިކްގެ ބައްޕައަށް ފާހަގަވެ ބްރެޒިލްގެ ކްލަބެއްގެ ސަމާލުކަން ލިބޭތޯ އޭނާގެ ވީޑިއޯ ޔޫޓިއުބްއަށް އަޕްލޯޑްކޮށް ހަދާފައިވެއެވެ.

މި މަސައްކަތުގެ ނަތީޖާ ފެނިގެންދިޔައީ އެންޑްރިކްގެ އުމުރުން 11 އަހަރުގައެވެ. ޕަލްމެއިރާސްއިން އެންޑްރިކް އެކްލަބަށް ގެންދިމަށް ބޭނުންވެފައިވިލެއް ބޮޑުކަމުން އޭނާގެ އާއިލާއަށް ފްލެޓެއްދީ އަދި ބައްޕައަށް ވަޒީފާއެއް ވެސް ހުށަހެޅިއެވެ. ޕަލްމެއިރާސްގެ ޒުވާން ޓީމްތަކަށް އެންޑްރިކް ކުޅުނު 169 މެޗުގައި ވަނީ 165 ލަނދު ޖަހައިދީފައެވެ. ޕަލްމެއިރާސްގެ ސީނިއާ ޓީމަށް އޭނާ ކުޅެން ފެށި އުމުރުން 16 އަހަރުގައެވެ. އަދި ޕަލްމެއިރާސްއަށް ކުޅެން ފެށިތާ ދެމަސް ފަހުން އިވިގެންދިޔައީ ރެއާލް މެޑްރިޑުން އޭނާގެ ސޮއި ހޯދިވާހަކައެވެ.

ފުޓްބޯޅައިގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން އަންނަނީ އެންޑްރިކް އާއި ބްރެޒިލްގެ ބައެއް ތަރިންނާއި އަޅާ ކިޔަމުންނެވެ. މިގޮތުން އޭނާގެ ކުޅުން ކޮންމެވެސް ވަރަކަށް ރޮމާރިއޯގެ ކުޅުމާއި ވައްތަރުވާކަމަށް ބުނެވޭއިރު އެންޑްރިކް ވެގެންދާނީ ނިއު ޕެލޭ އަށް ކަމަށް ބުނާ މީހުން ވެސް އުޅެއެވެ.

ނަމަވެސް އެންޑްރިކް ހާމަކުރިގޮތުގައި އެގޮތަށް ކުރީގެ ކުޅުންތެރިންނާއި އޭނާ އަޅާކިޔުންއެއީ އޭނާ ބުނެގެން ކުރާ ކަންތަން ނޫން ކަމަށެވެ.

އަދި ޕެލޭ އާއި އެއްފެންވަރެއްގައ ކުޅެވޭނެ އެއްވެސް ކުޅުންތެރިއެއް ނުހުންނާނެ ކަމަށާއި އެއީ ފުޓްބޯޅައިގެ ރަސްގެފާނު ކަމަށް ވެސް އެންޑްރިކް ސިފަކުރެއެވެ.

ބްރެޒިލް ޤައުމީ ޓީމުގެ މިހާރުގެ ކޯޗު ޑޮރީވާލް ޖޫނިއާ ހާމަކުރިގޮތުގައި އެންޑްރިކް މިހާރު ކުޅެމުންދާ ފެންވަރުގައި ކުޅެމުންދާނަމަ އޭނާގެ ނަން ވެގެންދާނީ ބްރެޒިލްގެ ފުޓްބޯޅައިގާ ވަރަށް މުހިންމު ނަމަކަށެވެ.

ބްރެޒިލް ޤައުމީ ޓީމަށް ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދެވުމުގެ އިތުރުން ދުނިޔޭގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ޓީމްކަމަށްވާ ރެއާލް މެޑްރިޑަށް މިއަންނަ ސީޒަނުން ފެށިގެން ކުޅެން ފެށުމުގެ ފުރުސަތު ލިބިފައިވުމާއެކު، ޔަގީންވާ އެއްކަމަކީ އެންޑްރިކް މަސައްކަތް ކޮށް އޭނާގެ ހުނަރު ދައްކާލައިފިނަމަ މުސްތަގްބަލްގައި ދުނިޔޭގެ އެކިކަންކޮޅުތަކުގައި އެންމެ ވިދާލައިގެންދާ އެއް ނަމަކަށް އެންޑްރިކް މިނަން ވެގެންދިއުމަކީ ވަރަށް ގާތްކަމެއްކަމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު