ބަނޑުހައިހޫނުކަން ފިލުވަން ދިޔަ 19 މީހަކު އިސްރާއީލުން މަރާލައިފި

ވައިގެ މަގުން ޣައްޒާއަށް އެހީ ފޯރުކޮށްދެނީ -- ފޮޓޯ/އިންގްލިޝް އަރަބިޔާ

އިސްރާއީލުން ހަނގުރާމައިގެ ސަބަބުން ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހިފައިތިބި ޣައްޒާގެ އާންމުންގެ ތެރެއިން ކާނެ އެއްޗެއް ހޯދަން ގޮސްތިބި 19 މީހަކު މަރާލައިފިއެވެ.

ޣައްޒާގެ ސިއްހީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި އިސްރާއީލުން ދިން ހަމަލާއެއްގައި އެ މީހުން މަރާލައިފައިވަނީ އެހީ ހޯދަން ކިއުގައި މަޑުކޮށްގެން ތިއްބައެވެ.

ނަމަވެސް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ އެކަން ދޮގުކޮށްފައެވެ.

"މިހާތަނަށް ހޯދި ހޯދުންތަކުން ފެންނަ ގޮތުގައި އިސްރާއީލުން އެ މީހުންނަށް އަމާޒުކޮށް ވައިގެ މަގުން ހަމަލާއެއް ނުދޭ، އަދި އެހީ ފޯރުކޮށްދޭ ޓްރަކްގައި ތިބި މީހުންނަށް އިސްރާއީލުގެ ބާރުތަކުން ހަމަލާދީފައިވާ ކަމަށްވެސް ނުބެލެވޭ،" އެކަމާ ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އެހީ ހޯދަން މަޑުކޮށްގެން ތިބި 20 މީހުން މަރާލައިފައިވާ ކަމަށް މީގެ ކުރިން ވެސް ޣައްޒާގެ ސިއްހީ ވުޒާރާއިން ވަނީ ބުނެފައެވެ. ނަމަވެސް އެ ހަމަލާދިނީ ހަތިޔާރުއެޅި ފަލަސްތީނު ބައެއް ކަމަށް އިސްރާއީލު އަސްކަރިއްޔާއިން ވަނީ ތުހުމަތުކޮށްފައެވެ.

ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ބަނޑުހައިހޫނުކަމާ ކުރިމަތިލާންޖެހިފައިވާއިރު، އަވަސް ގޮތެއްގައި އިންސާނީ އެހީތެރިކަން ފޯރުކޮށްނުދެއްވިއްޖެނަމަ، މުޅި ޣައްޒާ ބަނޑުހައިހޫނުކަމުގެ ތެރެއަށް ވެއްޓޭނެ ކަމަށް އދ އިން ބުނެއެވެ.

comment ކޮމެންޓް