ބޮކްސް އޮފީހުގައި މިހާރު ވިދަނީ ގޯސްޓްބަސްޓާސް

މަޝްހޫރު ފިލްމު ފްރެންޗައިޒް ކަމަށްވާ "ގޯސްބަސްޓާސް"ގެ އާ ފިލްމު ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަން ފަށައިފިއެވެ.

އެކުވެރިންގެ ގްރޫޕެއް އެކީގައި އެކި ކަހަލަ ބިރުވެރި ރޫހާއި ޖިންނިތައް ހުއްޓުވުމަށް މަސައްކަތް ކުރާތަން ދައްކުވައިދޭ ގޯސްބަސްޓާސް ފްރެންޗައިޒް އަކީ 80ގެ އަހަރުތަކުގެ ތެރޭގައި ނެރުނު އެންމެ މަގުބޫލު ފިލްމު ފްރެންޗައިޒްއެވެ. އެއަށްފަހު ފިލްމަށް އާ ދިރުމެއް ގެނެސް ފިލްމު ސީކުއެލް އެއް އެންމެ ފަހުން ނެރެފައިވަނީ 2021 ވަނަ އަހަރުގައެވެ.

އެއަށްފަހު ފްރެންޗައިޒްގެ އާ ފިލްމު "ފްރޯޒެން އެމްޕަޔާ" ސިނަމާތަކުގައި ދައްކަން ފަށާފައިވަނީ މިދިޔަ ހަފުތާ ބަންދުގައެވެ. މި ހަފުތާގެ ކުރީން ބޮކްސް އޮފީސް އޮތީ ފަޅުކޮށެވެ. އަދި، ގޯސްޓްބަސްޓާސް އެޅުވުމާއެކު ބޮކްސް އޮފީހުގެ ފަޅުކަން ވަނީ ފިލައިގެން ގޮސްފައެވެ.

ހަފުތާ ބަންދުގައި އެކަނި ވެސް މި ފިލްމު ވަނީ އެމެރިކާއިން 41 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ހޯދާފައެވެ. އަދި ލަފާ ކުރެވޭ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އާމްދަނީ އެއްކޮށްލައިގެން 100 މިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް ފިލްމަށް އާމްދަނީއެއް ލިބޭނެއެވެ.

އަލަށް ނެރުނު ގޯސްޓްބަސްޓާސް ފިލްމު މި ވާދަކުރަނީ ބޮކްސް އޮފީހުގެ އެންމެ ކުރިއަށެވެ. މި ލިސްޓުގެ ކުރީގައި މީގެ ކުރީން އޮތީ ސައިފައި ފިލްމު "ޑޫން"ގެ ދެވަނަ ބައެވެ. އަދި ބެލެވޭ ގޮތުގައި ޑޫން ދެވަނައަށް ވައްޓާލާނެއެވެ.

ކްރިޓީކުންނާއި އޯޑިއަންސްގެ ތެރޭގައި ފިލްމަށް ލިބެމުން އަންނަނީ ތަފާތު ހިޔާލުތަކެއްގެ ރިވިއުތަކެވެ. އެގޮތުން ސިނަމާ ސްކޯއަށް ބަލާއިރު މި ފިލްމަށް ވަނީ "ބީ ޕްލަސް" އެއް ލިބިފައެވެ. މިއީ 2021 ވަނަ އަހަރުގެ "އޭ މައިނަސް"އަށް ވުރެ ދަށް ރޭޓިން އަކަށް ވި ނަމަވެސް ގޯސް ރޭޓިން އެއް ނޫނެވެ.

މި ފިލްމުގެ ލީޑު ރޯލުތަކުން ފެންނާނީ މަޝްހޫރު ތަރި ޕޯލް ރަޑް އާއި ކެރީ ކޫން އާއި ފިން ވުލްފްހާޑް އަދި މެކެނާ ގްރޭސް ގެ އިތުރުން ލޯގަން ކިމް އާއި ބިލް މަރީއެވެ.

comment ކޮމެންޓް