ދިރާގުން ވޮކޭޝަނަލް ޓުރެއިނިންގް ޕުރޮގްރާމަށް އެހީ ދީފި

ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޓުރެއިނިންގް ޕުރޮގްރާމް--- ފޮޓޯ: ދިރާގު

ކެއާ ސޮސައިޓީގެ މި އަހަރުގެ ވޮކޭޝަނަލް ޓްރެއިނިންގް ޕްރޮގްރާމަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޓުރެއިނިންގް ޕުރޮގްރާމް ފެށީއްސުރެ ދިރާގުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ދިރާގުން އެ ކުންފުނީގެ ޕާޓްނާޝިޕް މެދުވެރިކޮށް މި ޕުރޮގްރާމްއަށް ބޭނުންވާ މުހިއްމު ތައުލީމީ ވަސީލަތްތައް ފޯރުކޮށްދެއެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ އެކި ހުނަރުތައް ތަރައްގީކޮށް ތަފާތު ނުކުޅެދުންތެރިކަން ހުންނަ ޒުވާނުން ބާރުވެރިކުރުވާ، މުޖުތަމަޢު ޝާމިލް ކުރުމެވެ.

އެގޮތުން މި އަހަރުގެ ޕްރޮގްރާމް ޚާއްސަކުރެވިފައިވަނީ ކޮމްޕިއުޓަރު ބޭނުންކުރުމުގެ ހުނަރާއި ކެއްކުމާއި އާޓްސް އެންޑް ކްރާފްޓް ހުނަރުތައް ތަރައްގީ ކުރުމަށް ކަމަށް ދިރާގުން މައުލޫމާތު ދިނެވެ. މި ފުރޮގްރާމްގައި 27 ދަރިވަރަކު ބައިވެރިވެ ކިޔަވަމުންދާ ކަމަށް ދިރާގުން ބުންޏެވެ.

އެ ދަރިވަރުންނަށް ކިޔަވައިދިނުމަށް ޙާއްސަ މުދައްރިސުން ކެއާ ސޮސައިޓީއިން ވަނީ ހަމަޖައްސާފައެވެ.

ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޓުރެއިނިންގް ޕުރޮގްރާމްގެ ތެރެއިން--- ފޮޓޯ: ދިރާގު

ކެއާ ސޮސައިޓީއިން ބުނީ، މިދިޔަ އަހަރު ވެސް ވޮކޭޝަނަލް ޓްރެއިންގް ޕްރޮގްރާމް މެދުވެރިކޮށް 81 އިންސައްތަ ދަރިވަރުން ވަނީ ޕްރޮގްރެސް ރޭޓް ހާސިލްކޮށްފައި ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކުދިންގެ އަމިއްލަ މިނިވަންކަމާއި، މުވާސަލާތީ އަދި އިޖުތިމާޢީ ހުނަރުތަކަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށް ކެއާ ސޮސައިޓީއިން ބުންޏެވެ.

ޒުވާނުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުވުމަކީ ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމްގެ މައިގަނޑު އަމާޒެއް ކަމަށް ދިރާގުން ބުންޏެވެ. ފެށުނީއްސުރެ ދިރާގު ފާހަގަކުރެވެނީ އަބަދުވެސް މިފަދަ ޕުރޮގްރާމްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކުންފުންޏެއްގެ ގޮތުގައެވެ.

comment ކޮމެންޓް