އިސްރާއީލުން ހުޅަނގު އައްސޭރީގެ 800 ހެކްޓަރު ބިން ފޭރިގެންފި

އިސްރާއީލުގެ މާލީ ވަޒީރު ބެޒާލެލް ސްމޮޓްރިޗް. ފޮޓޯ/އަލް ޖަޒީރާ

އިސްރާއީލުން ހިފައިފައިވާ ހުޅަނގު އައްސޭރީގެ 800 ހެކްޓަރުގެ ބިން އިސްރާއީލުގެ ބިމެއްގެ ގޮތުގައި ކަޑައަޅައިފައިވާ ކަމަށް އެ ގައުމުގެ މާލީ ވަޒީރު ބެޒާލެލް ސްމޮޓްރިޗް ވިދާޅުވެއްޖެއެވެ.

އިސްރާއީލުން އެކަން އިއުލާނުކޮށްފައި ވަނީ އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން އިސްރާއީލަށް ވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ.

ބައިނަލްއަގްވާމީ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވި ނަމަވެސް ހުޅަނގު އައްސޭރީގެ އާބާދީ ބިނާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން އަޒުމް ކަނޑައަޅާފައިވާ ކަމަށް ސްމޮޓްރިޗް ފާހަގަކުރެއްވިއެވެ.

އިސްރާއީލުގެ ސެޓްލްމަންޓް ވޮޗްޑޮގް ޕީސް ނައު އިން ބުނިގޮތުގައި އިސްރާއީލުގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ސަރަހައްދުގެ ސައިޒަކީ 1993 ވަނަ އަހަރު އޮސްލޯ މުއާހަދާއަށް ފަހު އިސްރާއީލުން ހިފި އެންމެ ބޮޑު ސަރަހައްދެވެ.

އިސްރާއީލުން ވަނީ 1967 ވަނަ އަހަރު އަރަބި އިސްރާއީލުގެ ހަނގުރާމައިގައި ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސް އަދި ޣައްޒާ ހިފާފައެވެ.

ފަލަސްތީނުގެ ސަރަހައްދުތަކުގައި މީހުން އާބާދުވުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު ކަމެކެވެ. ހުޅަނގު އައްސޭރީގައި އިސްރާއީލުންގެ އާބާދީ ފުޅާކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށް އިސްރާއީލުގެ އެންމެ ގާތް އެކުވެރި އެމެރިކާއިންވެސް ވަނީ ބުނެފައެވެ.

ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެއް ނަމަވެސް، ފާއިތުވި 10 ވަރަކަށް އަހަރު ތެރޭގައި އިސްރާއީލުން އަންނަނީ ހުޅަނގު އައްސޭރީގެ އެކި ހިސާބުތަކުގައި މީހުން އާބަދުކުރަމުންނެވެ.

ތިން މިލިއަން ފަލަސްތީނު މީހުންނާއެކު އިސްރާއީލުގެ 490،000 އަށްވުރެ ގިނަ މީހުން ހުޅަނގު އައްސޭރީގައި ދިރިއުޅެއެވެ.

comment ކޮމެންޓް